ވާހަކަ

ހައްޤަކަށް ތީމަގޭ ވުން (ފުރަތަމަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ޙައްޤަކަށް ތީމަގޭ ވުން... (ޓްރައިލާ) ހައްޤަކަށް ތީމަގޭ ވުން (ފުރަތަމަ ބައި) ޙައްޤަކަށް ތީމަގޭ ވުން.. (ދެވަނަބައި) ޙައްޤަކަށް ތީމަގޭ ވުން..(ހަތަރުވަނަ ބައި) ޙައްޤަކަށް ތީމަގޭ ވުން...(ފަސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ހަތްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ނުވަވަނަ ބައި) ހައްޤަކަށް ތީމަގޭވުން (ދިހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(އެގާރަ ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...( ބާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން ..... (ތޭރަވަނަ ބައި) (ހައްޤަކަށް ތީމަގޭވުން....( ސޯޅަވަނަ ބައި ހައްޤަކަށް ތީމަގޭވުން..(ސަތާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ނަވާރަވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ވިހިވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާވިސް ވަނަބައި) ހައްޤަކަށް ތީމަގޭ ވުން..(ބާވިސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. (ތޭވީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ސައްވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(ފަންސަވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސައްބީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ހަތާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...( އަށާވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. ( ނަވާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...(އެއްތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ބައްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތެއްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސައުރަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން... (ފަންސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތު ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އަށުތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(އޮނަސާޅިސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސާޅިސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ބަޔާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ފަހުބައި)

ފަތިހުގެ ފިނިވައިރޯޅި ހަށިގަނޑުގައި ބީހިލުމާ އެކު ޝަހާއަށް ހަށިފުރާ ނޭވައެއް ލެވުނެވެ. ތުންފަތް ދެ ފަރާތަށް ދެމިގެން ދިޔައީ ނަފްސަށް ލިބުނު ހަމަޖެހުމަކުންނެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއިރު ފަތިހު ފަސްގަޑި ބައިވާން ކައިރިވަނީއެވެ. އަޅައިގެން ހުރި ކަޅުކުލައިގެ ކަންބުރުގާގެ ދަށުން އަތް ލައްވައިލުމަށް ފަހު ދެކަންފަތަށް ޖަހައިފައިވާ އިއަރޕޮޑް ރަނގަޅުކޮށްލިއެވެ. އެއަށް ފަހު އަތުގައި އޮތް ފޯނުން ރީތި މަދަހައެއް އަޅުވައިލިއެވެ. މަދަހައާ އެއްވަރަށް ތުންފަތް ހަރަކާތްކުރަމުން ގުދުވެލުމަށް ފަހު އަރައިގެން ހުރި ބޫޓުގެ ނާޑުވާ ބާރުކޮށްލިއެވެ. އެއަށް ފަހު ތެދުވެ ހިންދެމިލަމުން ލައިގެން ހުރި ކަޅުކުލައިގެ ދިގު ހެދުމަށް ދަމައިލިއެވެ. އަނެއްކާ ވެސް ގަޑިއަށް ބަލައިލުމަށް ފަހު މާގިނައިރު ހުންނަން ނުހަދައި ކުރިއަށް ހިނގައިގަތެވެ. މަޑުމަޑުން ހިނގުން ބާރުކުރަމުން ގޮސް އާދައިގެ ދުވެއްޔަކަށް ބަދަލުކޮށްލިއެވެ. ޝަހާއަށް ގުދުރަތީ ގޮތުން ރީތި ލޫޅާފަތި ހަށިގަނޑެއް ލިބިފައިވީ ނަމަވެސް ކަސްރަތުކުރުމަކީ އާދަވެގެން ކޮންމެ ދުވަހަކު ވެސް އޭނާ ކުރާ ކަމެކެވެ. އެކަމުން ހައްޓަށް ލިބޭ ލުޔެއްގެ ބޮޑުކަމުންނެވެ. އަދި ދުވަހުގެ ކުރިއަށް އޮތް ބައިގައި ކުރަން ޖެހޭ ބުރަ މަސައްކަތަކަށް ހަށިގަނޑު ތައްޔާރުކުރުމުގެ ގޮތުން ވެސް މެއެވެ.

Ads by Hajj Corporation

ބަރާބަރު ސާޅީސްފަސް މިނިޓް ހަމަވިއިރު މުޅި ރަށް ވަށައި ބުރެއް ޖަހައިލެވުނެވެ. ގެއަށް ދިއުމުގެ ކުރިން ޝަހާ މަޑުކޮށްލީ ގެއާ ދިމާލުގައި އޮންނަ ހިތްގައިމު ތުނޑީގައެވެ. އެހެން ދުވަސްތަކާ ޚިލާފަށް މިއަދު މޫދުގައި ހަރަކާތްތެރި ވަމުން ދިޔައީ ދެތިން މީހެކެވެ. ކޮންމެ ދުވަހެއްގެ ވެސް އެ ގަޑިއަކީ ގިނަ ބައެއް މޫދު ކަސްރަތުކުރުމަށް މޫދަށް އެރޭ ވަގުތެކެވެ. މިއަދަކީ ދެމަސް ދުވަހުގެ ޗުއްޓީއަކަށް ފަހު ސްކޫލްތައް ހުޅުވޭ ދުވަސް ކަމަށްވުމާ އެކު މީހުން ފެންނަލެއް މަދީއެވެ.

އިރުއަރައިގެން އަންނަ ހިތްގައިމު މަންޒަރަށް ޝަހާ ބަލަހައްޓައިގެން ހުރިއިރު ތުންފަތްމަތީގައި ވަނީ ލުއި ހިނިތުންވުމެކެވެ. ވިސްނާ ފިކުރު ކުރެވެމުން ދިޔައީ އެއްކައުވަންތަ އިލާހުގެ ކުޅަދުންވަންތަކަމާ މެދުގައެވެ. ފައިދަށުގައިވާ ހިތްގައިމު ދޮންވެލިގަނޑަށް މޫދުން ނަގަމުން ދިޔަ ކުދިކުދި ރާޅުތައް ބީއްސާ އަޑުއިވުމުން ހިތަށް ލިބެމުން ދިޔައީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. އަރަމުން ދިޔަ އިރުގެ ދޯދިތައް މޫދުގެ ލޮނުގަނޑަށް އެޅޭ ހިތްގައިމު މަންޒަރު ފެނުމުން ބޭނުންވީ އެ މޫދުގައި ފަތައިލުމަށެވެ. ހަށިގަނޑަށް ލިބިފައިވާ ހޫނުކަމާއި ވަރުބަލިކަން ފިލުވައިލުމުގެ ގޮތުންނެވެ. އެހެން ނަމަވެސް ކަންފަތުގައިވާ އިއަރޕޮޑާއި އަތުގައި އޮތް ފޯނާ މެދު ވިސްނައިލެވުމުން އެ ޚިޔާލު ދޫކޮށްލިއެވެ. އަނެއްކޮޅުން މަލާކް ސްކޫލަށް ދާންވާއިރަށް ހެނދުނުގެ ސައި ވެސް ތައްޔާރު ކުރަން ޖެހޭނެއެވެ. އެއަށް ފަހު ތައްޔާރުވެގެން ޝަހާ ވެސް އޮފީހަށް ދާން ޖެހޭނެއެވެ.

ގްރޭޑް ބާރައިގައި ކިޔަވަމުންދާ މަލާކްއަކީ ޝަހާގެ ހުރި ހަމައެކަނި ކޮއްކޮއެވެ. އާއިލާގައި ހުރި ހަމައެކަނި މެމްބަރެވެ. ޝަހާގެ މުޅި އާއިލާއެވެ. ހިތާއި ފުރާނަ ފަދައިން މަލާކް ދެކެ ޝަހާ ލޯބިވެއެވެ. މީގެ ނުވައަހަރު ކުރިން މަންމަ ، އިސްރާ ނިޔާވުމާ އެކު ނުވަ އަހަރުގެ މަލާކްގެ ހުރިހާ ޒިންމާއެއް ނެގީ ޝަހާއެވެ. އިސްރާ ނިޔާވުމުގެ އެއްއަހަރު ކުރިން ބައްޕަ، ފާހިރް އިސްރާ ވަރިކުރުމަށް ފަހު އެހެން މީހަކާ އިނދެގެން އެމީހާގެ ރަށަށް ބަދަލުވިއެވެ. ފާހިރް، އިސްރާ ވަރިކުރުމުގެ އެންމެ ބޮޑު ސަބަބަކަށް ވީ އިސްރާގެ ބަލި ހާލަތެވެ. ކެންސަރު ބަލީގައި ވޭނުގައި އެތައް ދުވަހަކު އުޅުމަށް ފަހު އިސްރާ ނިޔާވިއިރު ޝަހާގެ އުމުރުން ސަތާރަ އަހަރެވެ. އިސްރާއަށް އެންމެ ބޭނުންވި ވަގުތުގައި ފާހިރް އެގޮތަށް ކަންތައް ކުރުމުން ޝަހާގެ ހިތުގައި ފާހިރަށް ޓަކައި ފޫހިކަމެއް އުފެދުނެވެ. އެހެން ނަމަވެސް ބައްޕައަށް ވީތީ އެއްޗެއް ނުބުނެ ޝަހާ ކެތްތެރިވިއެވެ. އެރަށަށް ދިޔަ ފަހުން ފާހިރް މަދުމަދުން ޝަހާއާއި މަލާކްގެ ހާލު ބަލަން ގުޅި ނަމަވެސް އެނބުރި ރަށަކަށް ނާދެއެވެ. އޭގެފަހުން ހައެއްކަ އަހަރު ފާއިތުވެ ދިޔަފަހުން ކުއްލިއަކަށް އިވުނީ ވަރުގަދަ ހުމެއްގައި އުޅުމަށް ފަހު ފާހިރް ނިޔާވި ޚަބަރެވެ.

ޝަހާ އޭލެވެލް ނިމެންދެން ފައިސާގެ ގޮތުން ކިރިޔާ ވެސް އެހީތެރިކަމެއް އަތެއް ދިއްކޮށްލީ މަންމަ ފަރާތު ބޮޑުދައިތަ، އަސްމާއެވެ. އެކަމަކު ބައެއް ފަހަރު އަސްމާގެ ފަރާތުން އިވޭ އިހާނެތި ބަސްތައް އިވޭ ކޮންމެ ފަހަރަކު ޝަހާގެ ހިތް ކުދިކުދި ވެއެވެ. އެތައް ފަހަރަކު ބޮޑުދައިތައަށް ޖަވާބުދޭން ވެސް ހިތަށް އަރައެވެ. ނަމަވެސް ބޮޑުދައިތައާ ދެކޮޅަށް އެއްޗެއް ނުބުނަނީ ، ބުނެފި ނަމަ ލިބެމުން އައި އެހީ ވެސް ނުލިބިދާނެތީއެވެ. ޝަހާ އޭލެވެލް ނިމުނުތާ މާގިނަ ދުވަހެއް ނުވަނީސް އަސްމާ ވެސް އޭރު އިނދެގެން އުޅުނު މީހާ ކައިރިން ވަރިވެގެން މާލޭ މީހަކާ އިނދެގެން ބަދަލުވީ މާލެއަށެވެ. ޝަހާއާއި މަލާކް މުޅިން އެކަނިވެރިވިއެވެ. މަލާކް ގޮވައިގެން އެކަނި އުޅެން ޖެހުމުން ޝަހާ ކަންބޮޑު ވެސް ވިއެވެ. ނަމަވެސް ޝަހާ ހިތްވަރު އެލުވައެއް ނުލައެވެ. ﷲގެ އިރާދަފުޅާއެކު ކަންކަން ފަސޭހަ ވެގެން ދިޔައީ ހީވެސް ނުކުރާހާ ގޮތަކަށެވެ. ޝަހާއަށް އެތަކެއް އުނދަގޫތަކާ ކުރިމަތިވި ނަމަވެސް އެކަންކަމަށް ކެތްކޮށް ކަންކަން ހިންމަވައި ދެއްވުމަށް އެދި ﷲ ހަޝްރަތުގައި ދުޢާ ދަންނަވަމުން ދިޔައެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން މިއަދު ޝަހާއަކީ ޒުވާން އުމުރުގައި އެތައް ކާމިޔާބެއް ހޯދާފައިވާ ކުޅަދާނަ ވިޔަފާރިވެރިއެކެވެ. ބުރަ އެތައް މަސައްކަތެއް ކޮށްގެން މިއަދު ޝަހާ އަކީ މަޝްހޫރު ކުންފުންޏެއްގެ ވެރިއެކެވެ. އެކި ކަހަލަ ހަފްލާތައް އޮގަނައިޒް ކޮށްދޭ އެކުންފުނީގެ ބައިތައް އަތޮޅުގެ ހަ ރަށެއްގައި ހުރެއެވެ. އެކި ޙަފްލާތައް ޑެކަރޭޓް ކުރުމަށް ބޭނުންވާ ސާމާނު ވިއްކާ ފިހާރަތައް އަތޮޅުގެ ކޮންމެ ރަށެއްގައި ހުރެއެވެ. އޭގެ އިތުރުން ޝަހާއަކީ އެކި ވައްތަރުގެ ހެދުންތައް ފަހައިދޭ ކުޅަދާނަ ފެހުންތެރިއެކެވެ. ޙާއްސަކޮށް ނިޤާބް އަޅާ މީހުންގެ ކައިވެނި ހެދުން ފެހުމުގައި ޝަހާއަކީ މުޅި އަތޮޅުން ވެސް އެއްވަނައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެއްވެސް ކޯހެއް ހެދުމެއް ނެތި ޝަހާ އެމަސައްކަތް ކުރަމުން ދިޔައީ މަންމަ އިސްރާގެ ފަރާތުން ވާރުތަވި ހުނަރުވެރިކަމެއްގެ ސަބަބުންނެވެ. އިސްރާއަކީ ވެސް އޭރުގައި ރަށުގައި ހުރި އެންމެ މޮޅު ފެހުންތެރިޔާއެވެ.

*****

' އޯޝަން ވިލާ 'ގެއާ އަރާ ހަމަވުމަށް ފަހު ޝަހާ ފާރުގައި ހަރުކޮށްފައި ހުރި ސެކިއުރިޓީ ސިސްޓަމްގައި ކޯޑު ޖަހައިލިއެވެ. އެއާއެކު ދޮރު ހުޅުވިގެން ދިޔަ އަޑު އިވުނެވެ. ގޭގެ ސެކިއުރިޓީ ވަރުގަދަ ކުރުމަކީ ޝަހާ އެންމެ ބޮޑަށް އިސްކަންދޭ އެއްކަމެވެ. ގޭގައި އުޅެނީ ޒުވާން ދެ އަންހެން ކުދިން އެކަނި ކަމަށްވެފައި ޝަހާ ގޭގައި ނޫޅޭ ވަގުތުތަކުގައި މަލާކްގެ ރައްކާތެރި ކަމަށް ޓަކައެވެ. ބައެއް ފަހަރު ވިޔަފާރި ދަތުރުތަކުގައި އަތޮޅު ތެރެއަށް ދާން ޖެހެނީ މަލާކް އެކަނި ބަހައްޓައިފައި ކަމަށްވާތީއެވެ.

ދޮރުން އެތެރެއަށް ވަނުމާ އެކު އަމިއްލައަށް ދޮރު ލެއްޕި ތަޅުލެވިގެން ދިޔައެވެ. އެންމެ ފުރަތަމަ ވެސް ޝަހާ ނަޒަރު ހިންގައިލީ ބަދިގެއާ ދިމާއަށެވެ. ބަދިގޭގެ ކޮންމެ ދިމާލަކުން ފެންނަމުން ދިޔައީ ތަރުތީބު ކަމާއި ސާފުޠާހިރުކަމެވެ. ބަދިގޭގެ ފާރުގައި ހަރުކޮށްފައި ހުރި ހުދު ކުލައިގެ ކަބަޑުތަކުގައި އެންމެ ލައްކޮޅެއް ވެސް ފެންނާކަށް ނެތެވެ. ތިރީ ކަބަޑުތައް ވެސް ހަމަ އެފަދައެވެ. ބަދިގޭގައި ހުރި ހުދުކުލައިގެ އައިލެންޑް ކައިރީގައި ހަމަ އެކުލައިގެ ތިން ސްޓޫލް ވެސް ހުއްޓެވެ. އައިލެންޑް މަތީގައި ހުރީ ޓިޝޫ ބޮކްސްއެއް އެކަންޏެވެ.

އުދުން ކައިރިއަށް ހުއްޓެމުން ޝަހާ ފުން ނޭވައެއް ދޫކޮށްލިއެވެ. ބަދިގެއަށް އެ ވަދެވުނީ އެތައް ދުވަހެއް ފަހުންނެވެ. އެބަދިގެއިން ފެންނަ އޮފްކަމާއި ތަރުތީބުކަމަކީ ކޮންމެ ދުވަހަކުވެސް އެގެއަށް މަސައްކަތް ކޮށްދޭން އަންނަ ނީމާގެ ބުރަ މަސައްކަތެވެ. ކޮންމެ ދުވަހަކު ވެސް ފަތިސް ނަމާދުކޮށްގެން އެ ގެއަށް އަންނަ ގޮތަށް ނީމާ އެނބުރި ގެއަށް ދަނީ އަސުރު ފަހުންނެވެ. ނީމާގެ ހަތްއަހަރުގެ ދަރިފުޅު ވެސް ސްކޫލަށް ދާތީވެ ނީމާ ދެން އަންނާނީ ކޮންމެ ދުވަހަކު ވެސް އަށެއްގެ ފަހުންނެވެ.

ނީމާ އަކީ ހަތް އަހަރު ކުރިން އެރަށު މީހަކާ އިނދެގެން އަތޮޅުގެ އެހެން ރަށަކުން އައިސް ހުރި މީހެކެވެ. މަހަށް ގޮސް އުޅެނިކޮށް ދިމާވި ހިތާމަވެރި ހާދިޘާއެއްގައި ނީމާގެ ފިރިމީހާ ނިޔާވިއިރު ނީމާގެ ބަނޑަށް އަށްމަހެވެ. ފިރިމީހާގެ އާއިލާގައި މާގިނަ މީހެއް ނެތެވެ. ހުރީ މުސްކުޅި މަންމައެކެވެ. ހުރި ހަމައެކަނި ދަރިފުޅުގެ ކުއްލި ވަކިވުމަށް ކެތްކުރަން ދަތިވެ އެމީހާ ވެސް މަރުވީއެވެ. ނީމާ މުޅިން އެކަނިވިއެވެ. އެނބުރި ރަށައް ދާން ބޭނުންވެގެން ބަލައި އައުމަށް ރަށުގައި ތިބި އާއިލާ މީހުން ކައިރިން އެދުނެވެ. ކައިވެނި ކުރެވުނީ ނީމާގެ އާއިލާގެ ނުޤަބޫލުގައި ކަމަށްވުމާ އެކު އަލުން ނީމާ ބަލައިގަންނަން އެ އާއިލާއިން ދެކޮޅު ހެދިއެވެ. އެހެންކަމުން އެރަށުގައި ހުންނަން ނީމާއަށް މަޖުބޫރުވީއެވެ. ނިކަމެތި ހާލުގައި ދަރިފުޅު ގޮވައިގެން ނީމާ އުޅެމުން ދިޔައީ ގޭގެއަށް ގޮސް މީހުންނަށް އެކިއެކި މަސައްކަތްކޮށްދީގެންނެވެ. މާ ރަނގަޅަށް ކިޔެވިފައި ނެތުމުން އެހެން ވަޒީފާއެއް ލިބޭ ގޮތެއް ނުވީއެވެ. ނީމާ އުޅެމުން ދިޔައީ އެއް އިރު ކައިފިއްޔާ އަނެއް އިރު ނުކައެވެ. ގޭގައި މަސައްކަތް ކޮށްދޭނެ މީހެއް ހޯދަމުން ދަނިކޮށް ޝަހާއަށް ނީމާގެ ގޮތް އެނގުނީ އެންމެ ގާތް އެކުވެރިޔާ މައިރާގެ ފަރާތުންނެވެ. ނީމާ އުޅެނީ މައިރާގެ ބޮޑުދައިތަގެ ގޭގެ ކުރިމަތީގައި ހުންނަ ގޭގައެވެ. ނީމާގެ ވާހަކަ އެނގުމުން ޝަހާ އިންތިހާއަށް ދެރަވިއެވެ. އެކަނިވެރިކަމަކީ ކޮބައިކަން އޭނާއަށް ރަނގަޅަށް އިހުސާސް ކުރެވެއެވެ.

ޝަހާ ނީމާއަށް ވަޒީފާ ދިނެވެ. މުސާރައެއްގެ ގޮތުގައި މަހަކު ހަތްހާސް ރުފިޔާ ނީމާއަށް ދެއެވެ. ނީމާ އުޅެމުން އައި ބައުވެފައިވާ ގެ ވެސް ހަދައިދިނީ ޝަހާގެ ޚަރަދުގައެވެ. އޭގެ އިތުރުން ވެސް ނީމާއަށް ކޮށްދެވެން އޮންނަ ކޮންމެ ކަމެއް ކޮށްދެނީ އެއީ ޝަހާއަށް ލިބޭ އުފަލެއް ފަދައިންނެވެ. ނީމާގެ ހިތް ޝަހާއަށް ޓަކައި ވަނީ ޝުކުރުން ފުރިފައެވެ. ޝަހާ ކޮށްދިން ކަންތައްތަކުގެ އަގު އަދާ ކޮށްދޭނެ ގޮތެއް ވެސް ނީމާއަކަށް ނޭނގެއެވެ. ނީމާ ދެކޭ ގޮތުގައި ޝަހާއަކީ މާތްﷲ ނީމާއާއި އޭނާގެ ދަރިފުޅަށް ލެއްވި ރަޙުމަތެކެވެ. ނީމާ ދެކެނީ ޝަހާ އެއީ އަމިއްލަ ކޮއްކޮއެއް ފަދައިންނެވެ. ޝަހާ ވެސް ނީމާއާ މެދުގައި ދެކެނީ ހަމަ އެ ފަދައިންނެވެ.

*****

ބަދިގޭގައި ހަރަކާތްތެރިވަމުން ދިޔަ ކައުސަރުގެ އަތްމަތި އަވަހެވެ. އަތުގައި އޮތް ކެރެޓް ގާނައިލައައި ކޮށާފައި ހުރި ކެބެޖްތަކާއި އެއްކޮށްލިއެވެ. ފްރިޖުން ނެގި ސަލަޑް ކްރީމް ފުޅިން ދެތިން ސަމްސާ ނެގުމަށް ފަހު އެއްކޮށްފައި ހުރި ތަރުކާރީ ތަށިތެރެއަށް އަޅައިލިއެވެ. ކުޑަ އަސޭމިރުސް ކޮޅެއް އަޅައިލުމަށް ފަހު ލުނބޯ ހުތްކޮޅެއް ވެސް ޖަހައިލިއެވެ. އެއަށްފަހު ސަމްސަލުން ރަނގަޅަށް އެއްކޮށްލިއެވެ. ތަށީގެ މަތި ޖަހައިލުމަށް ފަހު ދެން އަވަސްވެ ގަތީ ފޮނި އެއްޗެއް ހަދައިލުމަށެވެ. އެހުރިހާ ކަމެއް ކުރަމުން ދިޔައިރު ވެސް އިރުއިރުކޮޅާ ކައުސަރުގެ ނަޒަރު ހުއްޓެމުން ދިޔައީ ގޭގެ މައިދޮރަށެވެ. އެ ދެ ލޯ ކެތްތެރި ކަމެއް ނެތި އިންތިޒާރު ކުރަމުން ދިޔައީ އޭނާގެ ދެލޮލުގެ ކޮއި ފަދަ ދަރިފުޅަށެވެ. ހަތް އަހަރަށް ފަހު އަދީމް މިއަދު ގެއަށް އެ އަންނަނީ ބޭރު ޤައުމަކުން މަތީ ތައުލީމް ހާސިލް ކުރުމަށް ފަހުގައެވެ.

ސޯފާގައި ނޫހެއް ހިފައިގެން އިން ރާފިގުގެ ނަޒަރު ހުއްޓިފައި ހުރީ ބަދިގޭގައި ހަރަކާތްތެރި ވަމުން ދިޔަ އޭނާގެ އަނބިމީހާ ކައުސަރަށެވެ. މިވަގުތު ކައުސަރުގެ އިހުސާސްތައް ހުންނާނެ ގޮތް ރާފިގަށް ރަނގަޅަށް އިހުސާސް ކުރެވެއެވެ. ޚުދު އޭނާ ވެސް ކެތްތެރި ކަމެއް ނެތި އިންތިޒާރު ކުރަމުން އެދަނީ އަދީމް އަންނާނެ އިރަކަށެވެ. ކައުސަރަށް ލިބިފައިވާ ތިން ދަރީންނަކީ އޭނާގެ ލޭ ކަމުގައި ނުވިޔަސް ރާފިގު އެތިން ކުދިން ދެކެ ވެސް ލޯބި ވަނީ އަމިއްލަ ދަރިން ފަދައިންނެވެ.

" ތިއްތި ނާދޭތަ އަދިވެސް؟..." ކޮޓަރިން ނިކުތް ގޮތަށް ކަމީލާ އަހައިލިއެވެ. އަދިވެސް އެމޫނުމަތިން ފެންނަމުން ދިޔައީ ނިދި ބަރުކަމެވެ. ތެތްވެފައިވާ އިސްތަށިގަނޑު އަތުގައި އޮތް ވޫލުކޮޅުން އައްސައިލުމަށް ފަހު ކަމީލާ މިސްރާބުޖެހީ ބަދިގެއަށް ދިއުމަށެވެ.

" ސާބަސް ކައްމިއަށް.. މިހާރު އެ އޮއް އެގާރަ ޖަހަނީ.. އަދި ކިރިޔާ އެނދުން ތި ހިއްލައިލީ.. ތީ އަންހެން ކުދިން އުޅެންވާ ގޮތެއް ނޫން.. ކައްމިއަށް މިހާރު އަށާރަ އަހަރުވީ.. ތަންކޮޅެއް ޒިންމާދާރު ވެސް ވާން ވެއްޖެއްނު... ދޮންބެ ވެސް އެކަނިމާއެކަނީ ބޮޑު ވިޔަފާރިއެއް އެހިންގަނީ.. ތިއްތި އެއަންނަނީ ކިޔެވެން ހުރި އެންމެ މައްޗަކަށް ކިޔަވައިގެން..." ކަމީލާ ފެނުމާ އެކު ކައުސަރު ފައްޗަކަށް އަމުނައިލިއެވެ. ކަމީލާ ތުންކޮޅު އޫކޮށްލަމުން ބަލައިލީ ސޯފާގައި އިން ރާފިގަށެވެ.

" ކައުސަރު ދެން މިއަދު އެމަންޖެއާ ދިމާލަށް ފަތިވަރު ނުގޮވަބަލަ.. މިއަދަކީ ކިހާ ޚާއްސަ ދުވަހެއް... " ރާފިގު ބުންޏެވެ. އެއީ ރާފިގުގެ އާދައެވެ. ކައުސަރުގެ ރުޅިން ކޮންމެ ފަހަރަކު ވެސް ކަމީލާ ސަލާމަތް ކޮށްދެނީ ރާފިގެވެ.

" ރާފިގު ވެސް އަދި ހުންނާނީ ކައްމިގެ ކޮޅަށް... ތަންކޮޅެއް ހަރުކަށި ވިޔަސް ލޯބިނުވާކަމަކަށް ނުވާނެ.." ރާފިގާ ދިމާލަށް ބަލައިލަމުން ކައުސަރު ބުންޏެވެ.

" ދެން ވެސް ތިތާ ނުހުރެ އައިސް އަތްގާތް ކޮށްލަ ދީބަލަ..." ކަމީލާއާ ދިމާލަށް ބަލައިލަމުން ކައުސަރު ބުންޏެވެ.

" މަންމަ ދޭބަލަ ބައްޕަ ކައިރީގައި އިށީނނަން... ކައްމި ޕިރިނީ ހަދައިފާނަމޭ..." ކަމީލާ އުނދުން ކައިރީގައި ހުއްޓެމުން ބުންޏެވެ.

" ކޮންމެހެން މި ޕިރިނީ އެތި ހަލާކުކޮށްލަން އުޅޭނެކަމެއް ނެތް... ކުރިން ދުވަހަކު ވެސް ފާޑެއްގެ ޔޫކޭ ޕުޑިންއެކޭ ކިޔައިފައި ހާވާފައި ހުރި ހަޑި އެންމެ ފަހުން ޖެހުނީ އުކައިލާން..." ކައުސަރު ބުންޏެވެ.

" ރަނގަޅު އެއްގޮތެއް ވެސް ނެތެއްނު.. ކައްމި މަސައްކަތް ކުރީމަ ވެސް ކަމަކު ނުދޭ.. ނުކުރީމަ ވެސް ކަމަކު ނުދޭ... ދެން ކައްމި ކިހިނެއް ހަދަންވީ..." ކަމީލާ ޝަކުވާ ކޮށްލިއެވެ. އެ އަޑު އިވުނު ރާފިގު ކައިރިއަށް ހިނިއައެވެ.

" މިތާ މަސައްކަތް ކުރާތަން ބަލަން ހުއްޓަސް އެއީ ބޮޑު ވަރެއް..." ކައުސަރު ބުންޏެވެ.

" ކައްމި އަންނާނަން ކޮފީއެއް ބޮއެގެން.. އެހެން ނޫނީ ގައިގައި ވަރެއް ނުޖެހޭނެ.." ކޮފީ މެޝީން ކައިރިއަށް ދަމުން ކަމީލާ ބުންޏެވެ.

" މިއަދު ކޮފީ ނުބުޔަކަސް ހެޔޮ.. މިހާރަކަށް އައިސް ކޮފީ ބުއިން ގިނަވެއްޖެ.. އެއީ އެހާ ރަނގަޅު އެއްޗެއް ނޫން.. ނިކަން ކިރުތައްޓެއް ގިރައިގެން ބޯލަބަލަ.." ޕިރިނީ އެތި އުނދުން މަތިން ބާލައި ޓްރޭ ތެރެއަށް އަޅައިލަމުން ކައުސަރު ބުންޏެވެ.

" ދެން މަންމާ ކައްމިއަކަށް މީރެއް ނޫނޭ އެޔެއް..." ކަމީލާ ޝަކުވާ ކޮށްލިއެވެ. އެވަގުތު ކާރުގެ ބަރުގޮނު އަޅައިލި އަޑުއިވުމާ އެކު ކަމީލާގެ ނިތަށް ގިނަވެފައިވާ ރޫތައް ފިލައި ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ކައުސަރަށް ވެސް ދޮރާ ދިމާލަށް ހިނގައިގަނެވުނެވެ. ރާފިގު ވެސް ނޫސް ޕޭޕަރު މޭޒުމަތީގައި ބޭއްވުމަށް ފަހު އިންތަނުން ތެދުވިއެވެ. ކައުސަރަށް ރަނގަޅަށް ދޮރާ ހަމައަށް ނުދެވެނީސް ފާތިކް ފޮށިތައް ހިފައިގެން އައިސް އެތެރެއަށް ވަނެވެ. ފާތިކްގެ ފަހަތުން ކަހަލަ ގޮތަކަށް އައިސް ވަން އަދީމް ފެނިފައި ކައުސަރުގެ ފިޔަވަޅުތައް މަޑުޖެހުނެވެ. ގިނަ ދުވަސްތަކަކަށް ފަހު ލޯބިވާ ދަރިފުޅު ހަމަ ލޮލަށް ފެނުމުން ކައުސަރުގެ ދެލޯ ފުރިގެން އައެވެ. އަދީމަށް ވެސް ކައުސަރު ފެނުމާ އެކު ދުރުގައި ނުހުރެވުނެވެ. މަންމައޭ ކިޔާ އައިސް ބައްދައިލެވުނެވެ. އެހާ ދުވަހަށް ފަހު މައިމީހާ ގައިގައި ބައްދައިލެވުމުން އަދީމަށް ކުރެވެމުން ދިޔައީ ތަފާތު އިހުސާސެކެވެ.

" މަންމަގެ އަދީމް... މަންމަ ވަރަށް އުފާވެއްޖެ.. ދަރިފުޅާ މެދު މަންމަ ފަޚުރުވެރިވަން.... " އަދީމް ދުރުކޮށްލައި މޫނުގައި ފިރުމައިލަމުން ކައުސަރު ބުންޏެވެ. އެއަށް ފަހު އަދީމްގެ ނިތުގައި ބޮސްދިނެވެ.

" ބޭބޭ.... " ކައުސަރު ކައިރީގައި ހުރި ރާފިގުގެ ގައިގައި ބައްދައިލަމުން އަދީމް ބުންޏެވެ. ރާފިގު ވެސް އަދީމް ގައިގައި ބައްދައިލަމުން ބުރަކަށީގައި ފިރުމައިލިއެވެ.

" ތިއްތީ..." ކަމީލާއަށް މާގިނައިރަކު ނުހުރެވުނެވެ. ކުއްލި ހަރަކާތަކާ އެކު އަދީމް ގައިގައި ބައްދައިގަތް ގޮތުން އަދީމް ފަހަތަށް ނުވެއްޓުނީ ކިރިޔާއެވެ.

" ކައްމި އަދިވެސް ބޮޑެއް ނުވޭ ދޯ... މިހާރު އަށާރަ އަހަރު ވެސް ވެއްޖެއްނު..." އަދީމް ބުންޏެވެ.

" ކިތަންމެ ބޮޑުވިޔަސް މީ ދޮންބެ އަދި ތިއްތިގެ ހުރި ހަމައެކަނި ކޮއްކޮއަށް ވާނީ.. " އަދީމާ ދުރުވެލަމުން ކަމީލާ ބުންޏެވެ. ފާތިކާއި އަދީމް އެކަކު އަނެކަކަށް ބަލައިލައިފައި ހިނިތުންވެލިއެވެ. ކައުސަރު ވެސް ދެފަރާތަކަށް ބޯހޫރާލިއިރު ތުންފަތްމަތީގައި ވަނީ ހިނިތުންވުމެކެވެ.

" ދެން އެންމެން މިތާ ތިބޭނީތަ؟ އަހަރެން މިހާރު ފައި ވަރުބަލިވެއްޖެ.. އަދީމް ނިކުންނަންދެން ވެސް އެއަރޕޯޓުގައި އެހާއިރު ހުންނަން ޖެހުނު..." ސޯފާއާ ދިމާލަށް ހިނގައިގަންނަމުން ފާތިކް ބުންޏެވެ. ފާތިކްގެ ފަހަތުން އެހެންމީހުން ވެސް ގޮސް ސޯފާގައި އިށީނެވެ.

" ވާއު ތިއްތީ.. ޑޮކްޓަރަކަށް ވިމަ ކައްމި ހީކުރީ ތިއްތި ހުންނާނީ ތުނބުޅި މަތިމަސް ކޮށާފަ އައިނު އަޅައިފައި ކަމަށް.. އެކަމަކު ތިއްތި ކިހާ ސްމާޓް.. އައި ޖަސް ލަވް ޔޯ ބިއަރޑް.. ފީމޭލް ޕޭޝަންޓުންނަށް ތިއްތި ފެނިއްޖިއްޔާ ފެއިންޓް ވާނެ ރީތިކަމުން ގޮސް.. ކައްމި ނުކިޔާނަން ދެން ތިއްތިއެއް.. ކައްމި ކިޔާނީ ޑޮކްޓަރ ސްމާޓް... " ކަމީލާގެ ވާހަކަތަކުން އެންމެންނަށް ތިބެވުނީ ހީލަހީލައެވެ.

" ތީ ކައްމި ބަލާ ސީރީސް ތަކުން ވާގޮތް ދޯ... ހަހަ.." އަދީމް ބުންޏެވެ.

" އާނ އެއީ ވާކަމެއް.. ރޭގަނޑު ހަތަރުދަމު ނުނިދާ އެ އޮންނަނީ އެ ވިޔާނުދާ އެއްޗެހި ބަލަން.. ފަތިސް ނަމާދު ގާތްވި ގާތްވިހެން ފޯރި އަރާނެ.. އެކަމަކު ހަމަ ފަތިސް ނަމާދު ބަންގި ގޮވަން ދެތިން މިނެޓަށް ވާއިރަށް ނިދާނެ.. ސަހައްޓި ފަހަރު ގޮވީމާ ތެދުވާނެ އިރުއަރާން ދިހަ މިނެޓަށް ވެފަ ހުއްޓަ... ބާރަ ނިންމާފަ ކޯހެއް ހަދަން އުޅޭށޭ ބުނީމަ އެކަމެއް ކުރާކަށް ވެސް ނޫޅުނު.. ވަރެއްގެ ދަރިއެއް ތިހިރީ ލިބިފަ..." ދެފަރާތަށް ބޯހޫރާލަމުން އަނެއްކާ ވެސް ކައުސަރު ފަތިވަރު ކިޔައިލިއެވެ.

" ކައްމިއަކަށް ދެން ނުކިޔެވޭނެ... ބާރަ އަހަރު ވަންދެން ކިޔެވީއެއްނު... ދެން ނުވާނެ.. އައިމް ސޯ ޓަޔަރޑް.. ކައްމި ދެން އިންތިޒާރު މިކުރަނީ ކައްމިގެ ޕްރިންސް ޗާމިން އަންނާނެ ދުވަހަކަށް.. އޭރުން ދެން މެރީކޮށްގެން ކައްމި ގޭގެ ރަނިކަން ކުރާނީ... " ހުވަފެނީ ގޮތަކަށް ކަމީލާ ކިޔައިލިއެވެ. ކަމީލާގެ ވާހަކަތަކުން އެންމެންނަށް ހެވުނެވެ. ނަމަވެސް އަދީމްގެ މޫނުމަތިން ފެނިގެން ދިޔައީ ތަފާތު ކުލަވަރެކެވެ.

" ލައިފަކީ ފެއާރީޓޭލްއެއް ނޫން ކައްމީ.. އަދި އަހަރުމެން ބޭނުންހާ ގޮތަކަށް ކަންތައްތަކެއް ވެސް ނުވާނެ.. އިޓްސް ހަރޑާ ދެން ޔޫ ތިންކް... " އެއްދިމާލަކަށް ބަލަހައްޓައިގެން އިނދެ އަދީމް އެހެން ބުނީ ހަމައެކަނީ އޭނާއަށް އިވޭ ވަރަށެވެ.

*****

" ވަރަށް ބަނޑުހައި ދޮންތާ.. ކޯންޗެއްތަ ކާން ހުންނާނީ؟" ސައިކަލުގެ ފަހަތުގައި އިން މަލާކް އަހައިލީ ދުއްވަން އިން ޝަހާ ކައިރީގައެވެ.

" ދޮންތައަކަށް ވެސް ނޭނގެ މަލާ... މިއަދު ވަރަށް ބުރަކޮށް އުޅެން ހަދައިގެން ނީމާއަށް ގުޅައިފައި އަހައެއް ނުލެވުނު.. ކޮންމެ އެއްޗެއް ހުއްޓަސް ކެއިމަ ބަނޑުފުރޭނެއްނު.." ޝަހާ ބުނެލިއެވެ.

" އާނ ބަނޑުފުރޭނެ.. އެކަމަކު އަހަރެން މިއަދު ކާހިތް ވަނީ ކަޕް ނޫޑްލްސްއެއް.. އޯކޭ ދޯ.." ޝަހާގެ ޖަވާބު އަންނާނެ ގޮތް އެނގި ހުރެ ވެސް މަލާކް އަހައިލިއެވެ.

" ކިތައް ފަހަރުތަ ދޮންތަ ބުނާނީ ގޭގަ ކައްކައިފަ ހުއްޓައި އެހެން އެއްޗެހި ހަދައިގެން ނުކާށޭ.. އޭރުން ވާނީ ބޮޑު އިސްރާފަކަށް.. އަދި އެހެން ހެދުމުން ކެއްކި މީހާ ވެސް ދެރަވާނެ.. މަލާ އެ ދުވަހަކު ކާހިތްވާ އެއްޗެއް ކުރިޔާލައި ނީމާ ކައިރީގައި ބުނެފަ ބާއްވަބަލަ.. މަލާ އަތުގައި ވެސް އޮވެއެއްނު ފޯނެއް.. ނީމާއަށް ގުޅާނުލެވިއްޖިއްޔާ މެސެޖެއް ކޮށްލެވޭނެއްނު..." ގޭގެ ދޮރުމަތީގައި ސައިކަލު މަޑުކޮށްލަމުން ޝަހާ ބުންޏެވެ. މަލާކް ވަކި އެއްޗެއް ނުބުނެއެވެ.

" މަލާ ދޭ އެތެރެއަށް... ދޮންތަ އެބަ އަންނަން ކައިރީގައި ހުރި ފިހާރައިން ގެއަށް ބޭނުންވާ ބައެއް ސާމާނު ގަނެގެން.. ވަންނަ ގޮތަށް ކާން އިށީންނާނީކީ ނޫން.. ޔުނީފޯރމް ބަދަލުކޮށްގެން ކާނީ.. ކައިގެން ނަމާދުކުރަން ހަނދާން ކުރާތި.. ނަމާދުކުރަން އުނދަގޫވާ ވަރަށް ނުކާތި.." ޝަހާ ބުންޏެވެ. މަލާކް އެތެރެއަށް ވަނުމުން ޝަހާ އަނެއްކާ ވެސް ސައިކަލު ސްޓާޓް ކޮށްލިއެވެ. އެވަގުތު ކުރިމަތީގައި ހުރި ގެއިން މީހަކު ނިކުތް ތަން ފެނި ޝަހާގެ ހަރަކާތްތަކަށް ލަސްކަމެއް އައެވެ. ހިތުގެ ތެޅުން އަވަސްވެގެން ދިއުމާއެކު އަތް ފައިވެސް ފިނިވީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. އެ ގެއިން ނިކުތީ ޖެހިގެން ހުންނަ ގޭ ސޮފިއްޔާއެވެ.

" ސޮފިއްޔާތާ.. ތިގޭ މީހުން އައިސްގެން އުޅެނީތަ؟" ހިތް އަވަސްވެފައި އިނދެ ޝަހާ އަހައިލިއެވެ.

" ނޫނޭ.. އެކަމަކު އަންނަންވެގެން ކަންނޭނގެ އެއުޅެނީ.. ކައުސަރު ގުޅައިފައި ބުނެގެން ގޭތެރޭ ސާފުކޮށްފައި މިނިކުތީ... ސޮފިއްޔާއްތައަށް ހުރެވޭކަން ނެތް.. އަދި މެންދުރު ނަމާދު ވެސް ނުކޮށް މިއުޅެނީ.. ދަނީ.." ސޮފިއްޔާ މަޑުނުކޮށް ގޮސް ގޭތެރެއަށް ވަނެވެ. ޝަހާއަށް ހިނިތުންވެވުނީ ބޭއިޚްތިޔާރުގައެވެ. ހިތުގައި ކުރެހިގެން ދިޔަ ސޫރަ ސިފަވުމާ އެކު ޝަހާގެ ދޮންމޫނަށް މަޑު ރަތްކަމެއް ވެރިވިއެވެ. އެސޫރަ ދެކިލުމަށް ހިތްއެދެމުންދާތާ ކިތަންމެ ދުވަހެކެވެ.

" އަދީމް...." ވައި އަޑުން ޝަހާއަށް ބުނެވުނެވެ. އެހިނދު އެމޫނަށް ވެރިވެފައިވީ ރަތްކަން އިތުރުވިއެވެ.

-- ނުނިމޭ --

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!