ޙައްޤަކަށް ތީމަގޭ ވުން... (ޓްރައިލާ)
▾ މި ވާހަކައިގެ ޢަދަދުތައް
ހިތްވަރުގަދަ ކެރޭ އަންހެން ކުއްޖެކެވެ. ޒުވާން އުމުރުގައި އެތަކެއް އަޑިގުޑަންތަކަކާ ކުރިމަތިލާން ޖެހެއެވެ. މައިންބަފައިންގެ ކައިވެނި ރޫޅިގެން ދާ މަންޒަރު ބަލަން ކެތްވާނީ ކޮން ދަރިއަކަށް ހެއްޔެވެ؟ މައިމިހާ އެންމެ ފަހުގެ ނޭވާ ދޫކޮށްލާ މަންޒަރު ފެނުމަށްވުރެ ބޮޑު ހިތްދަތިކަމެއް ވާނެ ހެއްޔެވެ؟ ބޮޑުދައިތަގެ އިހާނެތި ބަސްތަކަށް ކެތްތެރިވާން ޖެހުނީ އެއްބަނޑުއެއްބަފާ ކޮއްކޮގެ ހައްޤުގައެވެ. އެ ހުރިހާ ކަމަކަށް ކެތްތެރިވުމުގެ ނަތީޖާ ކިތަންމެހައި ވެސް ފޮންޏެވެ.
ޝަހާގެ ދިރުއުޅުމުން ބަދަލުނުވީ އެންމެ ކަމެކެވެ. އެތައް ދުވަހަކުން ފެށިގެން ހިތުގައި ބިންވަޅު ނެގިފައިވާ ލޯތްބެވެ. ކުޑައިރުއްސުރެން ދެކެމުން އައީ އެންމެ ހުވަފެނެކެވެ. އޭނާގެ ހިތުގެ ވެރިޔާ އޭނާގެ ހައްޤަކަށް ވުމެވެ. ޝަހާގެ އެ އެދުން ފުރިހަމަވެއެވެ. އެ އިންސާނާއާ ކައިވެނިކުރުމުގެ ނަސީބު ލިބެއެވެ. ކައިވެނިކުރެވެމުން ދުނިޔެ ހާސިލްވި ފަދަ އިހުސާސެއް ކުރެވުނެވެ. ނަމަވެސް ތަޤުދީރުގައި ކަންތައްވާނެ ގޮތެއް އެނގޭނީ ކާކަށް ހެއްޔެވެ؟ ކޮންމެއަކަސް ޝަހާގެ ހަޔާތަށް ވެރިވަނީ ގަދަފަދަ ތޫފާނެކެވެ. އެތޫފާނުގެ ޝިކާރައަކަށް ވަނީ ޚުދު އޭނާގެ ހިތެވެ. އެތޫފާނުގެ ގަދަ އޮއިވަރުގައި ބެހެމުން ދިޔައީ އޭނާގެ ފިރިމީހާއެވެ.
މިހާ ހިސާބުން ހިތުގައި އުފެދެނީ ސުވާލުތަކެކެވެ. ޝަހާގެ ދިރިއުޅުމަށް ދިމާ ވަނީ ކޮންފަދަ ކަންތައް ގަނޑެއް ހެއްޔެވެ؟ އެ ތޫފާނުގެ ޝިކާރައަކަށް އޭނާގެ އަމިއްލަ ހިތްވަނީ ކީއްވެ ހެއްޔެވެ؟ އެ ތޫފާނުގެ އޮއިވަރުގައި ބެހެމުން ދިޔަ އޭނާގެ ފިރިމީހާ ސަލާމަތުގެ އައްސޭރިއަކަށް ޝަހާއަށް ގެންދެވޭނެ ހެއްޔެވެ؟ އެތަކެއް ދުވަހަކުން ފެށިގެން ފިރިމީހާދެކެ އޭނާވީ ލޯބީގެ ބަދަލުގައި، ފިރިމީހާގެ ފަރާތުން އޭނާއަށް ލޯބި ލިބޭނެ ހެއްޔެވެ؟ އުމުރު ދުވަހަށް ފިރމީހާ އޭނާގެ ހައްޤަކަށް ވާނެ ހެއްޔެވެ؟
މި ހުރިހާ ސުވާލުތަކުގެ ޖަވާބު ހޯދުމަށް އަޅުގަނޑުގެ ކުރިއަށް އޮތް ވާހަކަ " ހައްޤަކަށް ތީމަގޭވުން" ކިޔުއްވަމުން ގެންދަވާށެވެ.
އެޑިޓަރުގެ ނޯޓް: އަޒްކީއަކީ ކުރިއަރަމުން އަންނަ ވާހަކަލިޔުންތެރިއެކެވެ. އޭނާގެ ވާހަކަ "ދުރުގާވުން ހިތް ނޭދޭ"އަށް ވެސް ކިޔުންތެރިންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. އަޒްކީގެ އައު ވާހަކަ "ޙައްޤަކަށް ތީމަގޭވުން.." ގެނެސްދޭނީ ކޮންމެ ހަފްތާއެއްގެ ހުކުރު،ހޯމަ އަދި ބުރާސްފަތި ދުވަހުއެވެ. މާދަމާއިން ފެށިގެން މި ވާހަކަ ޝާޢިއުކުރަމުންދާނެއެވެ.
ވަރަށް ރީތިވާނޭ ކަމަށް އުއްމީދު ކުރަން
ޝަހާގެ ފިރިމީހާ ވަރަށްބޮޑަށްބަލިވާނީ