ކުށް ސާބިތު ނުވާހާ ހިނދަކު އަމީންއަކީ ޓެރަރިސްޓެއް ގޮތަށް ޚަބަރުތައް ނުގެނައުމަށް އަމުރުކޮށްފި
އައިއެސް ޖަމާއަތުގެ ފަރާތުން ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ އިސް މީހާ ކަމަށް ދައުލަތުން ތުހުމަތު ކޮށްފައިވާ ޏ. ފުވައްމުލަކު މާދަނޑު/ ކަރިއްޔާވިލާ މުހައްމަދު އަމީންގެ މައްޗަށް ކުށް ސާބިތުނުވާހާ ހިނދަކު، އޭނާއަކީ ޓެރެރިސްޓެއްކަން ދޭހަވާ ގޮތަށް މީޑިއާތަކުގައި ހަބަރުތައް ނުގެނައުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.
އެ އަމުރު ސުޕްރީމް ކޯޓުން މިއަދު ނެރެފައި ވަނީ، މީޑިއާތަކުން އަމީންގެ އަބުރު ކަތިލަމުންދާ ކަމަށް އޭނާގެ ފަރާތުން ދިފާއީ ވަކީލް އަހުމަދު ޔާމީން އެ ކޯޓުގައި، ފާހަގަކުރުމަށް ފަހު އެކަން އެގޮތަށް ނުކުރުމަށް އަމުރެއް ނެރެދޭން އެދިވަޑައިގަތުމުންނެވެ.
އޭނާގެ ވަކީލު ވިދާޅުވެފައި ވަނީ، އަމީނަކީ ވަކި ބާވަތެއްގެ ކުށެއް ކޮށްފައިވާ މީހެއް ކަމަށް ލޭބަލްވާ ގޮތަށް މީޑިއާތަކުން ޚަބަރު ގެނެސްދޭ ކަމަށެވެ. ނަމަވެސް އޭނާގެ މައްޗަށް ކުށެއް ސާބިތުނުވާ ނަމަ އެއީ މައުސޫމް މީހެއް ކަމަށް ވެސް ވަކީލް ފާހަގަ ކުރައްވައިފައިވެއެވެ.
މީގެ އިތުރުން ވަކީލު ވިދާޅުވީ، އިއްޔެގެ ޝަރީއަތުގެ މަޖިލީހުގައި އަމީން ވާހަކަ ދައްކަނިކޮށް ނަގައިފައި ހުރި ފޮޓޯއެއްގެ ފަހަތަށް އިސްލާމިކް ސްޓޭޓްގެ ލޯގޯއެއްގެ އިތުރުން ކަނތިވަޅި ނުވަތަ ކަނޑިތަކެއް ލައިގެން ހަދައިފައިވާ ފޮޓޯއެއް މީޑިއާއެއްގައި ބޭނުން ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ބަލައިދީ އެކަން އެގޮތަށް ނުކުރުމަށް ކޯޓުން އަންގައިދިނުމަށް އަމީންގެ ފަރާތުން ވަކީލު ވަނީ އެދިވަޑައިގެންފައެވެ.
މިކަމާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު އަމުރު ނެރުއްވަމުން ވިދާޅުވީ ޖިނާއީ ކުށެއް ކުރިކަމުގެ ދައުވާ އެމީހެއްގެ މައްޗަށް އުފުލިފައިވާ ކޮންމެ ފަރާތަކީ ކޯޓުން އެމީހެއްގެ މައްޗަށް ކުށް ސާބިތުވުމުގެ ކުރިން ކުށެއް ނެތް މީހެއް ކަމަށް ބެލުމުގެ ހައްގު ލިބިގެންވާ މީހެއް ކަމަށެވެ.
ދެން ކީއްވެބާ އެހެންމައްސަލަތައްބަލަމުން ދާއިރު ކޯޓުން ހުކުމެއް ނުކުރަނީސް މީހުގެ ފޮޓޯޖަހާ މީހުންނާ ބެހޭގޮތުން ދޮގުމައުލޫމާތު ފަތުރާ އަބުރު ކަތިލަން ފުރުސަތު ދެނީ ވަކި މީހަކައް ވީމަ ވަކިގޮތެއްތޯ ކޯޓުގަ އޮނަނީ