ވާހަކަ

ޙައްޤަކަށް ތީމަގޭ ވުން.. (ދެވަނަބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ޙައްޤަކަށް ތީމަގޭ ވުން... (ޓްރައިލާ) ހައްޤަކަށް ތީމަގޭ ވުން (ފުރަތަމަ ބައި) ޙައްޤަކަށް ތީމަގޭ ވުން.. (ދެވަނަބައި) ޙައްޤަކަށް ތީމަގޭ ވުން..(ހަތަރުވަނަ ބައި) ޙައްޤަކަށް ތީމަގޭ ވުން...(ފަސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ހަތްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ނުވަވަނަ ބައި) ހައްޤަކަށް ތީމަގޭވުން (ދިހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(އެގާރަ ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...( ބާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން ..... (ތޭރަވަނަ ބައި) (ހައްޤަކަށް ތީމަގޭވުން....( ސޯޅަވަނަ ބައި ހައްޤަކަށް ތީމަގޭވުން..(ސަތާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ނަވާރަވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ވިހިވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާވިސް ވަނަބައި) ހައްޤަކަށް ތީމަގޭ ވުން..(ބާވިސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. (ތޭވީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ސައްވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(ފަންސަވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސައްބީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ހަތާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...( އަށާވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. ( ނަވާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...(އެއްތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ބައްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތެއްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސައުރަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން... (ފަންސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތު ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އަށުތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(އޮނަސާޅިސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސާޅިސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ބަޔާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ފަހުބައި)

ޝަހާއަށް ހިނިތުންވެވުނީ ބޭއިޙްތިޔާރުގައެވެ. ހިތުގައި ކުރެހިގެން ދިޔަ ސޫރަ ސިފަވުމާއެކު ޝަހާގެ ދޮންމޫނަށް މަޑު ރަތްކަމެއް ވެރިވިއެވެ. އެސޫރަ ދެކިލުމަށް ހިތްއެދެމުންދާތާ ކިތަންމެ ދުވަހެކެވެ.

Ads by STELCO

" އަދީމް...." ވައި އަޑުން ޝަހާއަށް ބުނެވުނެވެ. އެހިނދު އެމޫނަށް ވެރިވެފައިވީ ރަތްކަން އިތުރުވިއެވެ.

*******************

ކައުސަރާއި އޭނާގެ ފިރިމީހާ އަދި ތިންދަރިން ރޭގަނޑުގެ ކެއުމަށް އިންސާފުކުރަމުން ދިޔަ ވަގުތެވެ. މޭޒުމަތީގައި މާގިނަ ވައްތަރުގެ ކާއެއްޗެހި ތަކެއް ނެތަސް އެތަކެތިން ދުވާ މީރުވަހުން ބަނޑު ފުރޭހާ ވަރުވެއެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. ކަމީލާގެ އަޑު އެންމެ ހިނދުކޮޅަކަށްވެސް ކެނޑިގެން ނުދެއެވެ. ކާއެއްޗެހިން އަނގަ ފުރިފައި ހުންނައިރުވެސް އޭނާގެ ވާހަކަތަކަށް މެދު ކެނޑުމެއް ނާދެއެވެ. ދެކެވެމުން ދިޔައީ ފާތިކްގެ ކައިވެނީގެ ވާހަކަތަކެވެ.

" މަންމަ ވަރަށް ބުނީމޭ ދޮންބެ ކައިރީގައި ރައްޓެހިވެގެން އެހާ ދުވަހު ނޫޅެ ކައިވެނި ކުރާށޭ.. އުމުރުން ތިރީހަށް ވުރެ މައްޗަށް ދިޔައީ ވިއްޔަ... އެކަމަކު ހަމަ ހިލާ އެއްބަހެއް ނުވި.. އާދު އައި ދުވަހަކުންނޯ ކުރާނީ.." ކައުސަރު ބުންޏެވެ. ފާތިކްގެ ތުންފަތްމަތީގައިވީ ހިނިތުންވުމެކެވެ.

"ތެދެއް ދޮންބޭ.. އަހަރެން ނެތަސް ކުރެވުނީހެއްނު.. އަހަރެންގެ ސަބަބުން ދޮންބެގެ ވާން އުޅޭ ވައިފަށް ކިހާ ދިގު އިންތިޒާރެއް ކުރަން އެޖެހުނީ.." ލާނެތް ގޮތަކަށް ހީނލަމުން އަދީމް ބުންޏެވެ.

" އެއީ ތިހީކުރާކަހަލަ ކެތްމަދު ކުއްޖެއްނޫން.. ވަރަށް ކެތްތެރި ހެޔޮލަފާ ކުއްޖެއް... އެހެންނޫނަސް ފިރިހެނެއްގެ ހަޔާތުގައި އަންނާނެ އެންމެ އުފާވެރި އެއް ދުވަހަކީ އޭނާގެ ކައިވެނި ކުރެވޭ ދުވަސް.. އެދުވަހު އަހަރެން ބޭނުންވަނީ އަހަރެންގެ އެންމެ ލޯބިވާ މީހުން ކައިރީގައި ތިބެން..." ހަފަމުން ދިޔަ ބަތްކޮޅު ދިރުވާލުމަށްފަހު ފާތިކް ބުންޏެވެ.

" ކައްމި ވަރަށް އުފާވޭ ކައްމި އަށް ފަހަރިއެއް ލިބެން އުޅޭތީ.. އެކަމަކު ދެރަވެސް ވޭ... ދޮންބެ އެއުޅެނީ މެރީ ކޮށްގެން އެއްކޮށް އެރަށައް ބަދަލުވާން ވެގެން.. ދެން ކައްމި ކިހާ ފޫހިވާނެ..." އަނގަޔަށް ވައްތަރެއް ޖައްސާލަމުން ކަމީލާ ބުންޏެވެ. އަދީމް ހައިރާންވެފައި ބަލައިލީ ފާތިކަށެވެ.

" ދެން އެއީ އެވަރު މައްސަލައެއް ނޫނެއްނު.. ފާތިކް ހިންގާ ރިސޯޓްވެސް އެހުންނަނީ އެއަތޮޅުގަ.. މިހާރުވެސް މަހަކު ފާތިކަށް މިކޮޅުގަ އެހުރެވެނީ އެންމެ ހަފްތާއެއްހާ ދުވަހު.. ރަށައް ދިރިއުޅުން ބަދަލުވީމަ ފާތިކަށްވެސް ފަސޭހަ ވާނެއްނު.. ދީނާ ނަހަމަ ކަމެއް ނުވަންޏާ ދަރިފުޅުމެން ކޮންމެ ގޮތަކަށް އުޅުނަސް މަންމަމެންނަށް މައްސަލައެއް ނެތް... ދަރިފުޅުމެން ދުނިޔޭގެ ކޮންމެ ތާކުގައި ތިއްބަސް މަންމަމެންގެ ހެޔޮ ދުޢާ ދަރިފުޅުމެންނާ އެކު އަބަދުވެސް ވާނެ.." ކައުސަރު ފަހަރަކު ދަރިއަކަށް ވަކިން ބަލައިލަމުން ބުންޏެވެ.  އޭނާގެ ތުންފަތްމަތީގައި ހިނިތުންވުމެއް ވީ ނަމަވެސް ލޮލުން ދައްކައިދިނީ މުޅިން އެހެން އަސަރުތަކެކެވެ. އެކަން ފާހަގަ ކުރެވުނީ އަދީމަށް އެކަންޏެވެ. ދަރިއަކާ ދުރުގައި އުޅުމަކީ އެއްވެސް މަޔަކަށް ފަސޭހަކަމެއް ނޫނެވެ. ކައުސަރުގެ ލޯމަތިން ފެނުނު އެމާޔޫސީ ކަމުގެ ސަބަބުން އޭނާގެ ހިތުން އެދުން ފާޅުކުރަކަށް އަދީމަކަށް ނުކެރުނެވެ. ފާޅުކޮށްފިނަމަ ކައުސަރު ދެރަވާނެކަން ޔަގީނެވެ.

**************

ހުރިހާ ތަށިތަކެއް ދޮވެ ތަންތަން ސާފުކޮށް ނިންމައިލުމަށްފަހު ކައުސަރު އައިސް ކޮޓަރިއަށް ވަންއިރު ރާފިގު އެނދުގައި އިށީނދެގެން އިނެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ އަތުގައި އޮތް ފޯނަށެވެ. ކައުސަރު އޭނާ އަޅައިގެން ހުރި ބުރުގާ ބޭލުމަށްފަހު ފާހާނަ ކައިރީގައި ހުރި ދާ އެއްޗެހި އަޅާ ވަށިގަނޑުގެ މަތިގަނޑު ހުޅުވައިލުމަށްފަހު އޭގެ ތެރެއަށް ވައްޓައިލިއެވެ. އެއަށްފަހު ހަރުގައި އޮތް ތުވާލި ހިފައިގެން ވަނީ ފާހާނާއަށެވެ.

މާގިނައިރުތަކެއް ނުވެ ފެންވަރައިގެން ނިކުމެ ނިދާ ހެދުމަށް ބަދަލު ކުރަން ފެށިއެވެ. އެވަގުތު މުޅި ކޮޓަރި އެއްވަސް ވީ ޝަވަރ ޖެލްގެ މީރުވަހުންނެވެ.

ގައިގައި ލޯޝަން ކޮޅެއް ހާކައިލުމަށްފަހު ކައުސަރު އައިސް އެނދަށް އެރިއެވެ.

" ރާފިގު މިރޭ ނުނިދާ ރެއަކީތަ" ރަޖާ ގަނޑުން ފައި ފޮރުވައިލަމުން ކައުސަރު އަހައިލިއެވެ.

" ނޫނޭ.. މި ކުޑަ ކަމެއް ހަމަޖައްސާލީ ރަށައް ދާން ފުރުމުގެ ކުރިން....." ފޯނު ލޮކް ކޮށްލުމަށްފަހު ކަބަޑު މަތީގައި ބާއްވައިލަމުން ރާފިގު ބުންޏެވެ. އެއަށްފަހު އޭނާވެސް އެނދަށް ދެފައި އަރުވަމުން ބާލީސް ރީތިކޮށްލައި އޭގެ މަތީގައި އޮށޯވެލިއެވެ. ކައުސަރުގެ މޫނަށް ރާފިޤު ބަލައިލީ ލޯބިން ފުރިގެންވާ ބެލުމަކުންނެވެ. ކައިވެންޏަށް އެތައް އަހަރެއް ވެގެން ދިޔައިރުވެސް ރާފިޤުގެ ހިތުގައި ކައުސަރަށްޓަކައި އޮތް ލޯބި އެންމެ ތަންކޮޅެއްވެސް މަދެއް ނުވެއެވެ. ވިއްޔާ ވީ އިތުރެވެ. ކައުސަރުގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ވަރުބަލި ކަމެވެ. އެހެންނަމަވެސް އޭނާ ރާފިގަށް ހަދިޔާކޮށްލީ ހިނިތުންވުމެކެވެ.

" ވަރަށް ވަރުބަލި ވެއްޖެ ދޯ... ފައި މޮޑެލަ ދެންތަ؟" އޮތްތަނުން ތެދުވަން މަސައްކަތް ކުރަމުން ރާފިޤު ބުންޏެވެ. އެހެންނަމަވެސް ކައުސަރު އެކަން މަނާ ކުރިއެވެ.

" އަހަރެންނަށް އެނގޭ މިރޭ ދެކެވުނު ވާހަކައިގެ ސަބަބުން ކައުސަރު ވަރަށް ދެރަވިކަން.. އެކަމަކު ކީއްކުރާނީ! ކުދިންތައް އެތިބީ ބޮޑެތިވެފަ. އެމީހުންގެ ނިންމުމަށް އަހަރުމެން ހުރަސް އަޅައިފިނަމަ އެކުދިންގެ ހިތުގައި އަހރުމެންނާ މެދު ފޫހިކަން އުފެދިދާނެ.." ރާފިޤު ބުންޏެވެ.

" ރާފިޤު.. މާތް ﷲ ގެ އިރާދަފުޅުން އަހަރުމެންގެ ތިން ދަރިން އެއީ މައިންބަފައިންގެ ބަސްއަހާ ހެޔޮލަފާ ކުދިންތަކެއް.. ހަޔާތުގެ މިވީހާ ތަނަށް ދުވަހަކުވެސް އަހަރުމެން ހިތްހަމަނުޖެހޭ ކަމެއް އެކުދިން ކޮށްފައެއް ނެތް.. އަދި އަހަރެން އުއްމީދު ކުރަނީ ކުރިއަށް އޮތްތާނގައިވެސް އެގޮތުގައި ދެމިތިބުން.. އަހަރެންނަށް އަހަރެންގެ ތިން ދަރިންނަށް އަހަރެން އަމިއްލަ ނަފްސަށްވުރެވެސް ބޮޑަށް އިތުބާރުކުރަން.. އެކުދިން ދުވަހަކުވެސް އަހަރުމެން ހިތުގައި ނުޖައްސާނެކަން ޔަގީން. އަދި ޙާއްސަކޮށް އަދީމް އެއީ އަހަރެންގެ ފަޙުރު.. އަހަރެމެން ދެރަވާ ފަދަ ނޫނީ ލަދުގަންނަންޖެހޭ ވަރުގެ ކަމެއް އަދީމް ނުކުރާނެ ކަން އަހަރެންނަށް ހަމަ ޔަގީން.. " ކައުސަރު ބުންޏެވެ.

" އާނ ރަނގަޅު ވާހަކައެއް ތިދެއްކީ.. މިޒަމަނާނުގައި އެކަހަލަ މައިންބަފައިންގެ ބަސްއަހާ ކިޔަމަންތެރި ދަރިންތަކެއް މަދުވާނެ.. " ރާފިޤުވެސް ކައުސަރުގެ ވާހަކަތަކާ އެއްބަސްވުމުގެ ގޮތުން ބުންޏެވެ.

" ރާފިޤަށްވެސް ޝުކުރު ހައްޤު.. މާޖިދު ނިޔާވުމަށްފަހު އަހަރެންގެ ދިރިއުޅުން ބޮއްސުން ލައިގެން ދިޔަ.. އެހިތްދަތި ވަގުތުގައި ރާފިޤު އަހަރެންނަށް ވެދިން އެހީއަށް ފަށްފަށުން ޝުކުރުވެރިވަން.. ދަރިންތައް އެހާ ރަނގަޅަށް ބަލައިބޮޑުކުރުމުގައި ރާފިގުގެ ހިއްސާވެސް ވަރަށް ބޮޑު.. ތިފަދަ ފިރިއެއް ލިބުނު ކަމަށްޓަކައި ﷲ އަށް ޙަމްދުކުރަން.." ރާފިގުގެ އަތުގައި ހިފައިލަމުން ކައުސަރު ބުންޏެވެ. ރާފިގުވެސް ހިނިތުންވެލަމުން ކައުސަރުގެ މޫނުގައި ފިރުމައިލިއެވެ.

**********************

 

ރާފިޤަކީ މާލޭގައި ގޯއްޗެއް ހުރި މުއްސަނދި އާއިލާއެއްގެ ހުރި ދެކުދިންގެ ތެރެއިން ހަޤު ކުއްޖާއެވެ. ފުރަތަމަ ކައިވެނި ރޫޅުނީ އަނބިމީހާ އެހެން ފިރިހެނަކާ ގުޅުން ބާއްވާކަން އެނގުނު ހިސާބުންނެވެ. އަށް އަހަރު ވަންދެން އިނދެގެން އުޅުނުއިރުވެސް އެކައިވެންޏަށް ދަރިއަކު ނުލިބި ހުރުމަކީ ރާފިޤުގެ ނަސީބު ކަމުގައި ވިސްނުނެވެ. އޭގެ ފަހުން މީހަކާ ނީންނަން ނިންމައިގެން ހުއްޓާ މީގެ ދިހަ އަހަރުކުރިން ވިޔަފާރި ކަމެއްގައި ރާއްޖޭތެރޭގެ ރަށަކަށް ގޮސް އުޅެނިކޮށް ކައުސަރު ފެނުމާއެކު ފުރަތަމަ ފެނިލުމުންވެސް ކައުސަރަށް ހިތްދެވުނެވެ. މީހަކާ ނީންނަން ނިންމައިގެން ހުރި ވިސްނުން ބަދަލުކޮށް ކައުސަރާ ކައިވެނި ކުރީ ބޮޑެތި ދަރިން ތިބި ނަމަވެސް އެކަމާ މާބޮޑު އަޅާލުމެއް ނެތިއެވެ. އެނބުރި މާލެ ދިޔައީ ކައުސަރާއި އޭނާގެ ތިންކުދިން ގޮވައިގެންނެވެ. ކައުސަރު ހީކުރި ގޮތާ ހިލާފަށް ރާފިޤުގެ އާއިލާ މީހުން އޭނާ ބަލައިގަތީ ނުހަނު ލޯބިންނެވެ. ކައުސަރު އުއްމީދު ކުރި ފަދައިން ރާފިޤުވީ އޭނާއާއި ކުދިންދެކެ އިންތިހާއަށް ލޯބިވާ ފިރިއަކަށެވެ. ރާފިޤު އެކުދިންނަށް އަޅާލާ އެކުދިންގެ ހުރިހާ ކަމެއް ބަލަހައްޓަމުން ދިޔައީ އަމިއްލަ ދަރިއަކު ފަދައިންނެވެ. ކަންދިމާކުރި ގޮތުން ރާފިޤުގެ ހުރި ސިއްޙީ މައްސަލަތަކެއްގެ ސަބަބުން އެކައިވެންޏަށް ދަރިއަކު ނުލިބެއެވެ. ނަމަވެސް އެކަމާ މާބޮޑު ޝަކުވާއެއް ރާފިޤު ނުކުރެއެވެ. އޭނާ ޤަބޫލުކުރި ގޮތުގައި ކޮންމެ ކަމެއްވެސް ވާނީ އެންމެ ރަނގަޅަކަށެވެ. އޭނާއަކީ ދަރިން ނުލިބޭ މީހެއް ނަމަވެސް މާތްﷲ ގެ ރަޙުމަތްފުޅުން އޭނާ ދެކެ ލޯބިވާ ތިން ދޮންދަރިން އެބަތިއްބެވެ. އަމިއްލަ ބަފަޔަށް ކުރާ ޤަދަރު އެމީހުން ރާފިޤަށް ކުރެއެވެ. އޭނާ އެންމެ އުފާވަނީ ހުރި ހަމައެކަނީ އަންހެން ދަރި ކަމީލާ އޭނާއަށް ބައްޕަގެ ނަމުން މުޙާތަބުކުރާތީއެވެ. މިސަބަބުތަކާ ހުރެ އޭނާއަކީ ދަރިން ނުލިބޭ މީހަކު ކަމުގެ އިޙުސާސެއް ނުކުރެވެއެވެ.

********************

އާޒިފް މަސައްކަތް ނިންމާފައި ގެއަށް އައިރު އަސްމާ ކާމޭޒު ކައިރީގައި ކާން އިނެވެ. ރިހާކުރާއި ބަތާއި އެކު ފަތް އަޅާލައިގެން ކާންއިން އިރު ގެއަށް އިތުރު މީހަކު އައިސް ވަން އިރުވެސް އޭނާއަކަށް ރޭކާ ނުލިއެވެ. ގަމީހުގެ ގޮށްތައް ނައްޓަމުން އާޒިފް ސޯފާ ގޮނޑިއަށް ވެއްޓިގަތީ ވަރުބަލިވެފައި ހުރިލެއް ބޮޑުކަމުންނެވެ. އަސްމާއަށް އާޒިފް ގެއަށް އައިކަން އެނގުނީ އާޒިފް އޭނާއަށް ދެފަހަރަކު ގޮވައިލުމުންނެވެ.

" އައީ ދޯ ތި.. އަހަރެން ބަނޑުހައިވެގެން ކަނީ މި... އާޒިފް އަންނާނެ ވަކި އިރެއް ނޭނގޭ ވިއްޔަ.. ބަނޑުހައިވިމަ އަހަރެންނަކަށް ނުހުރެވޭނެ ނުކައެއް..." އަސްމާ ބުންޏެވެ.

" އަސްމާ ބަނޑުހައި ނުވާއިރެއް ދޭތަ... އަހަރެން ގެއަށް އައިސް ވަން އިރުވެސް އަސްމާއަކަށް ނޭނގުނު ވިއްޔާ..." އާޒިފް އެހެން ބުނީ ހިތްހަމަނުޖެހިފައެވެ.

" ދެން އާޒިފް ތިބުނީ އަހަރެން ހުންނަނީ ކެއުމާ ހެދި މޮޔަވެފައޭ ތަ؟.. " އަސްމާ ހިތްހަމަނުޖެހިފައި ބުންޏެވެ.

" އަހަރެންނެއް ނުބުނަން.. އަސްމާ އަމިއްލައަކަށްނު ތިހެން ތިކިޔަނީ.. އަހަރެން ބޭނުމެއް ނޫން އަސްމާއާ ބޭކާރު ޒުވާބެއް ކުރާކަށް.. ކޮބާތަ ޝެރީ.. އަދިވެސް ގެއަށް ނާންނަނީތަ؟" އާޒިފް އަހައިލިއެވެ.

" ނޭނގެ މަށަކަށް.. އޭނާ އެއުޅޭ ގޮތެއް ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތް.. ފިރިމީހާ ޖަލަށް ލީމަވެސް ގޭގައި މައިތިރިވާކަށް ނޭނގުނު ވިއްޔަ.." ކައި ނިމިގެން ތަށި ހިފައިގެން ޒިންކާ ދިމާލަށް ހިނގައިގަންނަމުން އަސްމާ ބުންޏެވެ. އެވަގުތަކީ ޝެރީން ދޮރުހުޅުވާލާފައި ގޭތެރެއަށް ވަން ވަގުތެވެ. އަސްމާގެ ދުލުން ބޭރުވި ބަސްތައް ރަނގަޅަށް އޭނާއަށް އިވުނެވެ. ޕިންކް ކުލައިގެ ކްރޮޕް ޓޮޕަކާއި ނޫކުލައިގެ ޖިންސެއްގައި ހުރި ޝެރީންގެ ކޮނޑުގައި ކަޅުކުލައިގެ އަތްދަބަހެއް އޮތެވެ. ދިގު ފަން އިސްތަށިގަނޑު އޮތީ ފަހަތަށް ދޫކޮށްލެވިފައެވެ. އޭނާގެ ދެބުމަ ގޮށްޖެހިގެން ދިޔައީ އައިސްފައިވާ ރުޅިއެއްގެ ސަބަބުންނެވެ.

" އަހަރެން ގޭގައި މައިތިރި ނުވިޔަސް ކަލެއަކާ ކޮން ބެހޭކަމެއް.." ޝެރީން ހަޅޭއްލަވައިގަތެވެ.

" ޝެރީ މަންމައާ ކޮންގޮތަކަށް ވާހަކަ ތިދައްކަނީ.." އާޒިފް އިންތަނުން ތެދުވަމުން ބުންޏެވެ. އޭނާގެ އަޑުގައިވަނީ ހިތްހަމަނުޖެހުމެވެ.

" އެއީ އަހަރެންގެ މަންމައެއް ނޫން.. މިހެން މިބުނީ ކޮންމެހެން ދޮން މަންމައަކަށް ވީމައެއް ނޫން.. ދަރިއަކު ބަލަން އޭނާއަށް ނޭނގޭތީ.. އަމިއްލަ ބަނޑުއަޅައި ވިހޭ ދަރި ދޫކޮށްލާފައި އައިސް ވަކި ދޮންދަރިއެއް ބެލޭނެތަ.." ޝެރީންގެ އަޑާއި ރާގު ބަދަލެއް ނުވިއެވެ.

" ކަލޭ ކީކޭތަ ކިޔަން ތިއުޅެނީ! ފާޑެއްގެ ރާބޯ މީހަކާ ހިތާވެގެން އިނީމަ އޭގަ އަހަރެން ކުރާނެ ކަމެއް އެބަ އޮތްތަ.. އަމިއްލައަށް އަމިއްލަ ދިރިއުޅުމުގަ ހަވާދުލާފައި ކަންތައްތައް އަހަރެންގެ ބޮލަށް ޖަހަން އުޅޭނެ ކަމެއް ނެތް.." އަސްމާވެސް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ.

" އެއްޗެކޭ ބުނާ ކޮންމެ ފަހަރަކު އަހަރެންގެ ފިރިމީހާގެ ވާހަކަ ދައްކަން ކަލެއަކާ ނުޖެހޭނެ.. ކިތަންމެ ވަރެއް އެރިޔަސް ކަލެއަށް ރަނގަޅު މަންމައަކަށް ވެވުނު ކަމަކަށް ނުވާނެ.." ޝެރީން ބުންޏެވެ.

" ދެން ހުއްޓާލާ.. ޝެރީން ހަމަ މިހާރު ކޮޓަރިއަށް ދޭ.. ދެމީހުން ކުރެ އެކަކުވެސް ދެން ބަހެއް ކިޔައިފިނަމަ ދެމީހުންވެސް ގެއިން ނެރެލާނަން.." އާޒިފް ކައިރިއަށް ރުޅިއައިސްގެން ބުންޏެވެ. ޝެރީން އަސްމާ އާ ދިމާލަށް ލޯ އަޅައިލުމަށްފަހު ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

" އާޒިފް އަހަރެން ގެއިން ނެރެލިޔަސް ބިރެއް ނުގަނޭ.. އަހަރެން ބުނަންވާ އެއްޗެއް ބުނާނަން..." އަސްމާ ހިތްހަމަނުޖެހިފައި ބުންޏެވެ. އެއަށްފަހު ހަރު ފިޔަވަޅުތަކެއް އަޅަމުން ގޮސް އޭނާ ވަނީ ކޮޓަރިއަށެވެ. އާޒިފް ފުންނޭވައެއް ދޫކޮށްލުމަށްފަހު ސޯފަގައި އިށީނދެ އިނގިލި ތަކުގެ ކުރިން ނިތްކުރީގައި ފިރުމައިލިއެވެ.

*******************

އެނދުގައި އޮތް އަދީމަށް އޮތީ ނުނިދިފައެވެ. އެއީ ކޮންމެ ރެއެއްގެވެސް އޭނާގެ އާދައެވެ. އޭނާއަށް އުނދަގޫ ކުރަމުން ދިޔައީ މާޒީގެ ފުން ހަނދާންތަކެވެ. ހިތުގައި ކުރެހެމުން ދިޔަ ސޫރަ ލޯމައްޗަށް ސިފަވުމާއެކު އޭނާގެ ތުންފަތްމައްޗަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. އުޅެއުޅެވެސް އޭނާގެ ހަނދާންތައް އަދީމްގެ ހިތުން ފޮހެ ނުލެވުނެވެ. މިހާ ދުވަސް ވީއިރުވެސް އޭނާގެ ކޮންމެ އާދައެއް އަދީމްގެ ހިތުގައި ބިންވަޅުނެގިފައި ވިއެވެ. އެދިގު ފަން އިސްތަށީގަނޑު ވަޔާ ވިހުރުވޭ ގޮތެވެ. ޤުދުރަތީ ގޮތުން އޭނާއަށް ލިބިފައި ރީތި ތުންފަތެވެ. އެތުންފަތުން އޭނާ ހިނިތުންވެލާ ގޮތެވެ. ހިނިތުންވެލާއިރު ބޮޑު، ރީތި ދެލޯ ހަނިވެގެން ދާގޮތެވެ. އެލޮލުގެ ތޫނު ކަޅިރަވައެވެ. އެލޫޅާފަތި ހަށިގަނޑާއި ފަރި ހިނގުމެވެ. އޭނާ އަދީމްގެ ނަން ގޮވައިލާ ހިތްގައިމު އަޑެވެ. އެހާ ފުރިހަމަ އިންސާނެއް އަދި އަދަށްވެސް އަދީމަކަށް ފެނިފައެއް ނުވެއެވެ. ކުއްލިއަކަށް ހިތަށް އައިސްވަން ކަމަކުން އަދީމްގެ ތުންފަތްމަތީގައިވާ ހިނިތުންވުން ފިލައިގެން ދިޔައެވެ. ދެލޮލަށް މާޔޫސީކަން ވެރިވީ ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ.

" ޗި.. އަދީމް އަކީ އަހަރެންގެ ޓައިޕެއް ނޫން.. އަހަރެން ކައިރީގައި އަދީމަށް ތިފަދަ ވާހަކައެއް ބުނަން ކެރުނީތީވެސް ހަމަ ހައިރާންވަން.. އަހަރެންގެ ރަޙުމަތްތެރިކަމުގެ މާނަ އަދީމް ތިފަދަ ގޮތަކަށް ނަގައިފާނެ ކަމަކަށް އަހަރެން ހިޔެއް ނުކުރަން.. ތިކަހަލަ މީހުންނާ ހެދިއޭ އަންހެން ކުއްޖަކު ފިރިހެންކުއްޖަކާ ރަޙުމަތްތެރިކަން ބާއްވަން ޖެހިލުން ވަނީ.. ދެން އަހަރެން ބޭނުމެއްނޫން އަދީމާ އެއްވެސް ވާހަކައެއް ދައްކާކަށް.. މީގެ ފަހުން އަހަރެންނަށް ނުގުޅާތި.." އޭނާ އެހެން ބުނިއަޑު އަދީމްގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. އޭނާ ކޮންމެ ގޮތަކަށް އަދީމާ ދޭތެރޭގައި ކަންތައް ކުރިނަމަވެސް އަދިވެސް އަދީމްގެ ހިތުގައި ރަސްކަން ކުރަމުން ދަނީ އެރީތި ސޫރައެވެ. އަދީމްގެ ހިތުގައި އޭނާއަށްޓަކައިވާ ލޯތްބަށް ކުޑަވެސް ބަދަލެއް ނާދެއެވެ.އެހިޔާލުތަކުން ދުރުވުމަށްޓަކައި އަދީމް އޮތްތަނުން ތެދުވިއެވެ. ކޮޓަރީގެ ލައްޓް ޖައްސައިލުމަށްފަހު ފޮތް ހަރުގަނޑުން ފޮތެއް ހިފައިގެން އައިސް ކިޔަން ފެށިއެވެ.

-- ނުނިމޭ --

އެޑިޓަރުގެ ނޯޓް: މި ވާހަކަ ގެނެސްދޭނީ ކޮންމެ ހޯމަ އަދި ހުކުރު ދުވަހަކުއެވެ.

Ads by Allied Insurance
  1. ސިޔާ

    ވަރަށް ރީތި..

  2. ސިއާ

    ވަރަށް ރީތި އަދި ދިގު ކޮއްބަ

  3. ޢަސަތަ

    ރީތި.. ތަންކޮޅެއް ކުރީ