ވާހަކަ

ހައްޤަކަށް ތީމަގޭ ވުން...(ހަތްވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ޙައްޤަކަށް ތީމަގޭ ވުން... (ޓްރައިލާ) ހައްޤަކަށް ތީމަގޭ ވުން (ފުރަތަމަ ބައި) ޙައްޤަކަށް ތީމަގޭ ވުން.. (ދެވަނަބައި) ޙައްޤަކަށް ތީމަގޭ ވުން..(ހަތަރުވަނަ ބައި) ޙައްޤަކަށް ތީމަގޭ ވުން...(ފަސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ހަތްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ނުވަވަނަ ބައި) ހައްޤަކަށް ތީމަގޭވުން (ދިހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(އެގާރަ ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...( ބާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން ..... (ތޭރަވަނަ ބައި) (ހައްޤަކަށް ތީމަގޭވުން....( ސޯޅަވަނަ ބައި ހައްޤަކަށް ތީމަގޭވުން..(ސަތާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ނަވާރަވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ވިހިވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާވިސް ވަނަބައި) ހައްޤަކަށް ތީމަގޭ ވުން..(ބާވިސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. (ތޭވީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ސައްވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(ފަންސަވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސައްބީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ހަތާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...( އަށާވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. ( ނަވާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...(އެއްތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ބައްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތެއްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސައުރަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން... (ފަންސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތު ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އަށުތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(އޮނަސާޅިސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސާޅިސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ބަޔާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ފަހުބައި)

" އަހަރެންގެ ފަހަތުން މޫދަށްވެސް އެރެން ތައްޔާރަށްތަ ތިހިރީ.." އަދީމް ފަސް އެނބުރި ބަލައިލަމުން އޭނާގެ ބަރުއަޑުން ބުނެލި ޖުމްލަ އިވިފައި ޝަހާ ގައިން ހީބިހި ނަގައިގަތެވެ. ލަދުންގޮސް ހުރި ދިމާލުން އަޑިއަށް ދާނެ ނަމައޭ ހިތަށް ޝަހާގެ އެރިއެވެ. އަދީމް ޝަހާއާ ދިމާލަށް އައުމަށް އަޅަމުން ދިޔަ ކޮންމެ ދިޔަވަޅަކާ އެކު ޝަހާގެ ހިތުގެ ހިނގުން އަވސްވަމުން ދިޔައެވެ. ޝަހާގެ ސިކުނޑި އިންޒާރު ދެމުން ދިޔައީ އަދީމް އޭނާއާ ހަމައަށް އައުމުގެ ކުރިން ލަދެއްގައި ނުބެދި އެތަނުން ދިއުމަށެވެ. އެހެނަސް އަދީމާ ވާހަކަ ދެއްކުމަށް އޭނާގެ ހިތުގައި އޮތް ވަރުގަދަ އަޒުމެއްގެ ސަބަބުން ހުރިތަނުން ގުޑިލަންވެސް އޭނާގެ ހިތް އިންކާރު ކުރިއެވެ. ނަމަވެސް އަދީމް ޝަހާއާ ދާދި ގާތަށް އައުމާއެކު ގަދަވެގަތީ ސިކުނޑިން ދެމުން ދިޔަ އިންޒާރެވެ. އަވަސް ހަރަކާތަކާއެކު އެތަނުން ދާން ހިނގައިގަތް ވަގުތު ހުށިޔާރު ކަމާއެކު އަދީމް އެއްލި އަތުން ހިފީ ޝަހާގެ އަތުގެ މުލައްދަނޑީގައެވެ. ލިބުނު ސިހުމުގައި ޝަހާގެ ދެލޯ ބޮޑުވެގެން ދިއުމާއެކު އަނގަ ތަންމިނަށް ހުޅުވިގެން ދިޔައެވެ. ހީވީ މުޅި ހަށިގަނޑުގައި ކަރަންޓުގެ އޮއެވަރެއް ހިނގާލިހެންނެވެ. ހަރަކާތެއްވެސް ކޮށްލަން ނޭނގިފައި ހުރި ޝަހާ މަޑުމަޑުން އަނގަ ލައްޕައިލުމަށްފަހު ހިންދިރުވާލިއެވެ. އޭނާގެ ހިތް ހީވަނީ ދެންމެ ދެންމެ މޭފަޅައިލާފައި ނިކުމެދާނެ ހެންނެވެ. އަލުން އެނބުރި އަދީމްއާ ކުރިމަތިލާކަށް އޭނާއަކަށް ނުކެރުނެވެ. ހުރިގޮތަށް އަދީމަށް ފުރަގަސްދީގެން ހުރީއެވެ.

Ads by STELCO

" ވަގަކަށް ހާސްދުވަސް، ވެރިއަކަށް އެއްދުވަސް... " އަދީމް ބުނެލިއެވެ. އޭނާގެ ތުންފަތްމަތީގައި ވަނީ ލާނެތް ހިނިތުންވުމެކެވެ.

" ވަރަށް ދުވަސްވަންދެން ވައްކަންކޮށްފީމެއްނު.. މިއަދު މިއޮތީ ވަގު ހިފާފަ..." ލުއި ހިނިތުންވުމަކާއެކު އަދީމް ބުންޏެވެ.

" އަހަރެން ވައްކަމެއް ނުކުރަން.. " ހިތްވަރުކޮށްލާފައި ޝަހާ ބުންޏެވެ. އޭނާގެ އަޑުގައި ހުރި ތުރުތުރު އަދީމަށް ފާހަގަވެ ހީނލެވުނެވެ. އަދީމް ޝަހާގެ އަތުން ދޫކޮށްލުމަށްފަހު ލައިގެން ހުރި ޖީންސްގެ ދެޖީބަށް އަތް ޖަހައިލިއެވެ.

" ވައްކަމަކަށް ވާނީ އަތުން ކުރެވުނީމަ އެކަންޏެއް ނޫން.. ލޮލުންވެސް ވައްކަން ކުރެވޭކަން އެނގޭތަ؟ " އަދީމް އަހައިލިއެވެ.

" ނޭނގުނު ތިދައްކާ ވާހަކައެއް...." ޝަހާ ބުންޏެވެ. އަދިވެސް އޭނާ ހުރީ އަދީމަށް ފުރަގަސްދީގެންނެވެ. ކުރިމަތިލައިފިނަމަ ވާހަކަ ދައްކަން ނުކެރިދާނެތީއެވެ.

" އަހަންނަށްތަ އޮޅުވާލަން ތިމަސައްކަތް ކުރަނީ... އަހަރެންނަށް އެއްވެސް ކަމެއް ނޭނގެޔޭ ޝަހާއަށް ހީކުރެވުން އެއީ ޝަހާއަށް ކުރެވޭ ކުށްހީއެއް.. " ޝަހާއާ އެއްހަމައެއްގައި ހުއްޓެމުން އަދީމް ބުންޏެވެ. ޝަހާގެ މޫނުމަތިން ފެނިގެން ދިޔައީ ހައިރާންކަމެވެ. އޭނާގެ އިހުސާސްތައް އަދީމަށް އެނގުނީހެއްޔޭ ހިތަށް އެރިއެވެ.

" ހަމަ އެއްގޮތަކަށްވެސް ނޭނގޭ ތިދައްކާ ވާހަކައެއް..." އެހުރި ގޮތަށް ހުރެ ޝަހާ ބުންޏެވެ.

" ބޭނުންވަނީ އަހަރެންގެ ދުލުން އަޑުއަހަންތަ؟ އެހެންވީއިރު އަޑުއަހާ..." ޝަހާއާ ދިމާލަށް އެނބުރެމުން އަދީމް ބުންޏެވެ. ޝަހާގެ ކޯތާފަތް މައްޗަށް ވެރިވެފައިވީ ޖަންބުކުލަ ފެނި އަދީމް ހީނލިއެވެ.

" ކޮންމެ ދުވަހަކު ސްކޫލަށް ދާން ނިކުންނައިރު ތިގޭ ދޮރުމަތީގައި ޝަހާ އަހަރެންގެ އިންތިޒާރުގައި ހުރޭ.. އަހަރެން ވަކި ހިސާބަކަށް ދާއިރަށް އަހަރެންގެ ފަސްފަހަތުން އަންނަން ފަށާނެ.. ސްކޫލުން ނިމިގެންވެސް ގެއާ ހިސާބަށް އަންނާނީވެސް އަހަރެންގެ ފަސްފަހަތުން.. ބައެއް ދުވަސް ދުވަހު ގޮތެއް ބަލައިލަން ނިމޭގަޑީގައި ގަސްތުގައި އަހަރެން ސްކޫލުން ނުނިކުމެ މަޑުކުރަން ޝަހާ ހަދާގޮތެއް ބަލައިލަން.. އެކަމަކު އަހަރެން ނިކުންނައިރެއް ވަންދެން ޝަހާ ހުންނާނެ.. އަހަރެން ފުޓްބޯޅަ ކުޅެ ނިންމާފަ ގެއަށް އަންނައިރު ކޮންމެހެނެއްވެސް ގޭ ދޮރުމަތީގައި ޝަހާ ހުންނާނެ... އަހަރެން ފެންނައިރަށް ވަރަށް ނޫންކަމަށް ހަދާފަ އެހެން ދިމާދިމާލަށް ބަލާނެ.. އެކަމަކު ޝަހާގެ ކަތި ނަޒަރު އަހަރެންނަށް އަމާޒުވާކަން އަހަރެންނަނށް އެނގޭ... ވެދާނެ ގެއަށް އަންނަނީ އަވައްޓެރިއެއް ވީމަ ކަމަށްވެސް އެކަމަކު އަބަދު އަހަރެން އުޅޭ ގަޑިއެއްގަ އަންނަނީ ކީއްވެބާ؟......... " އަދީމް ފަސްޖެހުމެއް ނެތި ކިޔައިލިއެވެ. ޝަހާ ހުރީ ލަދުން ގޮސް ހަލާކުވާ ވަރުވެފައެވެ. އެއްމިޔަކަނުން ހިނިތުންވެހުރެ ތުންފަތުގައި ދަތްއަޅާލައިގެން ހުރިއިރު ތުންފަތަށް ވަނީ ލޭކުލަ އަރާލާފައެވެ. ޝަހާއަށް ވަމުން ދިޔަ ގޮތް ފެނި އަދީމަށް މަޖާވިއެވެ. އެހެނަސް އެވަގުތު ޝަހާގެ މޫނުމަތިން ފެންނަމުން ދިޔަ ލަދުރަކިކަމާއި މައުސޫމުކަމަށް އަދީމަށް ހިތާހިތުން ތަޢުރީފުކޮށްލެވުނެވެ. ޝަހާގެ ކިބައިގައި އެހެންކުދިންނާ ތަފާތު ރީތިކަމެއް ހުރިކަންވެސް ފާހަގަވިއެވެ. އަދީމްގެ ތޫނު ނަޒަރު ފާހަގަވެ ޝަހާ އަދީމަށް ފުރަގަސްދިނީ އޭނާ ލަދުންގޮސް ވިރެމުން ދާތަން އަދީމަށް ނުދެއްކުމަށްޓަކައެވެ. އަދީމް ދެއްކި ވާހަކަތަކަށްފަހު ބުނާނެ އެއްޗެއް ޝަހާއަކަށް ނޭނގުނެވެ. ދެއަތްތިލަ ބޮނޑިކޮށްލަމުން މޭގައި ޖައްސައިލެވުނު ހިނދު އޭނާއަށް ހެވިއްޖެއެވެ.

" ކީއްވެ އެއްޗެކޭ ނުބުނީ؟.. އޭރު އެގޮތަށް ކަންތައްތައް ކުރުމުގެ މާނައަކީ ކޮބާ؟ " ހިމޭންކަމުގެ ވަގުތުކޮޅަކަށް ފަހު އަދީމް އަހައިލިއެވެ. އަދީމްގެ ސުވާލަށް ޖަވާބުދޭން ތައްޔާރުވަމުން ޝަހާ ފުންނޭވައެއް ދޫކޮށްލިއެވެ. އޭނާގެ ހިތުގެ އިހުސާސްތައް އަދީމްގެ ކުރިމަތީގައި ބަންޑުންކޮށްލަންވީ ވަގުތު އައިސް ޖެހުނީއެވެ. ޝަހާ މަޑުމަޑުން އަދީމާ ދިމާލަށް އެނބުރުނެވެ.

" އަހަރެން ބޭނުން އަދީމް ކައިރީގައި ވާހަކައެއް ބުނަން.." ލަދުވެތިކަން އެއްފަރާތްކޮށްލަން މަސައްކަތް ކުރަމުން ޝަހާ ބުންޏެވެ.

" އަވަހަށް ބުނޭ.. އަހަރެން މިހިރީ އަޑުއަހަން..." ޝަހާ އާ ގާތަށް ޖެހިލަމުން އަދީމް ބުންޏެވެ.

" އަހަ...ރެން.. އަހަރެން... އަދީ...." ޝަހާއަށް އޭނާގެ ވާހަކަ ފުރިހަމައެއް ނުކުރެވުނެވެ. ތަންކޮޅެއް ދުރުން ވަރަށް ބާރަށް ޝަހާއަށް ގޮވައިލި އަޑުއިވިފައި އެދިމާލަށް ބަލައިލެވުނީ ޝަހާއާއި އަދީމަށް އެކުއެކީގައެވެ. އެމީހުންނާ ދިމާލަށް އަންނަމުން ދިޔަ މައިރާއާއި ފާތިކް ފެނުމުން އަދީމް ތަންކޮޅެއް ދުރަށް ޖެހިލިއެވެ. ވާހަކަ ފުރިހަމަ ނުކުރެވުމުން އެކަމާ ޝަހާއަށް ރުޅި އާދެވުނީ މައިރާ ދެކެއެވެ. ހިތާހިތުން މައިރާއަށް ކުދި ކިޔާލެވުނު ހިނދު ދަތްތަކަށް ބާރުކޮށްލެވުނެވެ.

" ބުނަން ބޭނުންވާ އެއްޗެއް ނުބުނެ ހުއްޓަ ވަގުތު ފާއިތުވާނީ.. އަހަރެންގެ ސުވާލުގެ ޖަވާބު ލިބޭނެ އިރެއްގެ އިންތިޒާރުގައި ހުރިން..." ފާތިކްމެން އަރާހަމަވުމުގެ ކުރިން އަވަސް އަވަހަށް އަދީމް ބުންޏެވެ. އަދީމަށް އަވަސް ނަޒަރެއް ދިނުމަށްފަހު ޝަހާ މައިރާމެން އަންނަން ދިމާލަށް ބަލައިލިއެވެ.

" ތިދެމީހުން މިތަނުގަ ކީއްކުރަނީ؟.. ތިގެއަށްވެސް ގޮއްސަ މިއައީ.. މަލާވެސް އޮތީ ނިދާފަ.." އެމީހުންނާ އަރާ ހަމަކުރަމުން މައިރާ ބުންޏެވެ.

" އަހަރެމެންވެސް ފޫހިވެގެން ދެން އައީ ހަމަ ހިނގާލަން... ގެއަށް ދާން އުޅެނިކޮށް ތިއައީ " އަދީމް ވަރަށް ހަމަޖެހިލާފައި ބުންޏެވެ. މައިރާއަށް ދެބުމަ ކައިރިކޮށްލެވުނީ ހައިރާންވީ ވަރުންނެވެ. ކުރިންވެސް އަދީމާއި ޝަހާ އަކީ އެކަކު އަނެކަކާ މާބޮޑު ގުޅުމެއް އޮންނަ ދެމީހުންނެއްނޫނެވެ. އެދެމީހުންނަކީ އެކަކު އަނެކަކާ އެހާ ވާހަކަވެސް ދައްކާ އުޅޭ ބައެއް ނޫނެވެ. އަނެއްކޮޅުން ޝަހާ އަކީ އެއް އިރެއްގައިވެސް ފޫހިވެގެން އުޅޭ މީހެއް ނޫނެވެ. ކުރަން ޖެހޭ މަސައްކަތްތަކާ ހެދި ދުވާލަކު އޮންނަ ސައްވީސް ގަޑިއިރުވެސް ޝަހާއަށް އޮންނާނީ މަދުވެފައެވެ. މައިރާ ޝަހާ އާއި އަދީމްއާ ދިމާލަށް ބަލައިލީ ޝައްކުގެ ނަޒަރަކުންނެވެ.

" އަހަރުމެންވެސް މިދަނީ ގެއާ ދިމާލަށް.. ހިނގާ ދާން..." ފާތިކް ބުންޏެވެ. އަދީމާއި ޝަހާ ވަކިއެއްޗެއް ނުބުނެ އެމީހުންގެ ފަހަތުން ހިނގައިގަތެވެ.

*********

ޝަހާ އާ އެކުގައި މަޣްރިބް ނަމާދުކޮށްލުމަށްފަހު މައިރާ އާއި ޝަހާ ތިބީ ކާމޭޒު ކައިރީގައި ކޮފީ ބޯށެވެ. އެހުރިހާއިރު މައިރާގެ ހިތުގައި އުފެދިފައި އޮތް ސުވާލު ޝަހާއާ ކޮށްލީ އެވަގުތުއެވެ.

" ޝަހާ ކޮންއިރަކު ފޫހިވެގެން އުޅެން ފެށީ.. ؟" މައިރާ އަހައިލިއެވެ. މައިރާގެ ސުވާލުން އޭނާއަށކޮންމެވެސް ކަމެއް ޝައްކު ވެއްޖެހެން ޝަހާއަށް ހީވިއެވެ. ހުރިހާ ވާހަކައެއް މައިރާއަށް ކިޔައިދޭންވީބާއޭ ޝަހާ ހިތަށް އެރިއެވެ. ނަމަވެސް ކިޔައިދީފިނަމަ މައިރާ ވަރަށް ދިމާކުރާނެއެވެ. އަދި އަދީމްގެ ހިތް އޮތްގޮތެއްވެސް އޭނާއަކަށް ނޭނގެއެވެ.

" ކައުސަރު ދައްތަ ކައިރިއަށް އެގެއަށް ދިޔަތަނުން އަދީމް ބުނީމަ ނުކެރުނީ.." ފުރަތަމަ ފަހަރަށް މައިރާ ކައިރީގައި ދޮގެއް ހަދަން ޖެހުމުން ޝަހާ ދެރަވިއެވެ.

" އަހަރެން ބުނީމަ ދުވަހަކުވެސް ދެވޭ ކަމަކަށް ނުވޭ.. އެކަމަކު ހަމަ އަދީމް ބުނެލާއިރަށް...." ޝައްކެއްގައި އިނދެ މައިރާ އަހައިލިއެވެ. މައިރާ އާ ހަތަރުކަޅި ހަމަނުކުރާން މަސައްކަތް ކުރަމުން ޝަހާ އޭނާގެ އަތުގައި އޮތް ފޯނަށް ނަޒަރު ހުއްޓައިލިއެވެ.

" މައި އަށް އެނގެއެއްނު އަހަރެންގެ ގޮތް.. އަސްލު ދެން އަދީމް އެއީ މެހެމާނެއްގެ ގޮތަށް އައިއްސަ ހުރި މީހެއްވީމަ ނޫނެކޭ ބުނަން ނުކުރެނީ.." ފޯނާ ކުޅެން އިނދެ ޝަހާ ބުންޏެވެ. ޝަހާގެ މޫނަށް އަރައިފައިބަމުން ދިޔަ ކުލަތައް މައިރާއަށް ވަރަށް ރަނގަޅަށް ފާހަގަވިއެވެ. އޭނައަށްވުރެ ބޮޑަށް ޝަހާގެ ގޮތް އެނގޭނެ އިތުރު މީހަކު މިހާރު ނުހުންނާނެއެވެ. ޝަހާ އޭނާއާ ހަތަރުކަޅި ހަމަ ނުކުރާން މަސައްކަތް އެކުރަނީ އެކަމުގެ ފަހަތުގައި ކޮންމެވެސް ސިއްރެއް ވާތީކަން މައިރާއަށް ޔަގީންވިއެވެ. މައިރާ އިތުރަށް ޝަހާ އާ ސުވާލެއް ނުކުރެއެވެ. ޝަހާ އަމިއްލަ ހިތަށް ފެނިގެން މައިރާ އާ ހިއްސާކުރަންދެން އޭނާ އިންތިޒާރު ކުރާނެއެވެ.

**********************

އޮފީހުގައި އޭނާގެ ކެބިން ތެރޭގައި ހުރި މޭޒު ކައިރީގައި އިން ޝަހާގެ ނަޒަރު ކުރިމަތީގައި ހުރި ލެޕްޓޮޕަށް ހުއްޓިފައިވިޔަސް އޭނާގެ ހިޔާލުތަކުގައި ރަސްކަން ކުރަމުން ދިޔައީ އަދީމެވެ. ސްކޫލް ދައުރުގައި އޭނާ ކުރި ކަމެއް ކުރީ އަދީމަށް ސިއްރުންނެވެ. އެހެންނަމަވެސް އޭނާގެ ހުރިހާ ހަރަކާތެއް އަދީމް ދިޔައީ ފާހަގަ ކުރަމުންނެވެ. އަދީމް ދެއްކި ވާހަކަތައް ހަދާންވުމާއެކު ޝަހާގެ ތުންފަތްމަތީގައި ކުޅެލީ ލަދުރަކި ހިނިތުންވުމެކެވެ. އަދީމް އޭނާގެ އަތުގައި ފިރުމައިލި ތަނުގައި ޝަހާ ތުންފަތް ޖައްސައިލިއެވެ. އެވަގުތު ޝަހާގެ ދޮން މޫނު ރަތްވެގެން ދިޔައީ އެއްވެސް އިޙްތިޔާރަކާ ނުލައެވެ. އޭނައަށް އުޅެވުނު ގޮތް ހިތަށް އައިސް ވަނުމާއެކު އިވިގެން ދިޔައީ ލުއި ހީނލުމެއްގެ އަޑެވެ.

" ކޮއްކޮ މިއަދު ގެއަށް ނުދަނީތަ؟" ކެބިންގެ ދޮރުހުޅުވާލާފައި ވަން ސެކިއުރިޓީ ގާޑު ޔޫސުފް ގެ އަޑަށް ޝަހާ ބަލައިލިއެވެ.

" ހުރިހާ އެންމެން ދިޔައީތަ؟" ޝަހާ ބޭރަށް ބޯދިއްކޮށްލަމުން އަހައިލިއެވެ.

" ކޮން އިރެއް.. މިހާރު އެއޮށް އަސުރު ވަނީ... އޮފީހުގެ ބޮކިތައް ނިއްވާފަތޯ ޗެކް ކުރަން އައިއިރު ކޮއްކޮ އިނދެގެން ވަދެލީ މި.. މާ ބުރަ ދުވަހެއް ދޯ.." ޔޫސުފް އަހައިލިއެވެ.

" ނޫނޭ މި ނިމުނީ... ދާން ވެގެން މިއުޅެނީ.. ޔޫސުފްބެ ދޭ.. އަހަރެން ނިކުންނައިރު ހުރިހާ ތަނެއް ނިއްވާފަ ދާނީ.." ކޮނޑުގައި އަތް ދަބަސް އަޅުވައިލަމުން ޝަހާ ބުންޏެވެ. ޔޫސުފް ދިޔުމުން ޝަހާ  ބޮކިތައް ނިއްވައިލުމަށްފަހު އޮފީހުން ނިކުތެވެ. ދަބަހުން ސައިކަލުގެ ތަޅުދަނޑި ނެގުމަށްފަހު ފިތާލުމާއެކު ސައިކަލު ހުޅުވުނު އަޑު އިވުނެވެ.

" ޝަހާ.. މަޑުކޮށްބަލަ...." ފަހަތުން ގޮވައިލި އަޑުއިވިފައި ޝަހާ ބަލައިލިއެވެ. އޭނާ ކައިރިއަށް އައިސް ހުއްޓުނު ހުސެން ފެނުމުން ޝަހާގެ މޫނުމަތިން ފެނުނީ ނުތަނަވަސް ކަމެވެ.

" ހުސެން ޕްލީޒް.. އަނެއްކާވެސް ތިއައީ އެވާހަކަ ދައްކަން ކަމަށް ވިއްޔާ އަހަރެން އަތަކު ވަގުތެއް ނެތް.. " ހުސެންއަށް ބަހެއް ނުބުނެވިގެން އުޅެނިކޮށް ޝަހާ ބުންޏެވެ.

"ރިލޭކްސް ޝަހާ... ޝަހާގެ ހާލު ބަލައިނުލެވޭތާ ގިނަ ދުވަސްވީމާ ބޭނުންވީ ހާލު ކިހިނެއްތޯ އަހާލަން.." ހުސެން ބުންޏެވެ.

" އަލްޙަމްދުލިﷲ ރަނގަޅު.. އުއްމީދު ކުރަނީ ހުސެން ވެސް ރަނގަޅުވާނެކަމަށް.." އެހެން ބުނުމަށްފަހު ޝަހާ ދާން ހިނގައިގަތެވެ. ހުސެން ވެސް އޭނާއާ އެއްވަރަށް ހިނގަން ފެށުމުން ޝަހާއަށް އުނދަގޫވިއެވެ.

" ޝަހާ އަހަރެން ދުވަހަކުވެސް ހިތަށް ނާރާ ޝަހާއަށް އުނދަގޫކުރާކަށް.. އެކަމަކު އަހަރެންގެ ހިތަށް އަހަރެންނަށް ބާރެއް ނުފޯރުވޭ.. ޝަހާގެ އެންމެ އާނ ބަހަކަށް އަހަރެން އިންތިޒާރު ކުރާތާ ކިހާ ދުވަހެއް މިވަނީ.. ހެޔޮނުވާނެ ޝަހާ! ޝަހާގެ ލޯތްބަށް އެދި އަހަރެން އާދޭސް ކުރަން..." އާދޭހުގެ ރާގެއްގައި ހުސެން ބުންޏެވެ. ޝަހާ ހުއްޓުނީ ކުއްލިއަކަށެވެ. ޝަހާއާ ހުއްޓުމުން ހުސެން ވެސް ހުއްޓުނެވެ.

" ކިހާ ދުވަހެއް ވެދާނެ؟" ޝަހާ އަހައިލިއެވެ.

" ތިބުނީ؟ " ޝަހާ ގެ ސުވާލު ފަހުމު ނުވުމުން ހުސެން އަހައިލިއެވެ.

" މިބުނީ އަހަރެންގެ ލޯބި ހޯދަން އުޅޭތާ ކިހާ ދުވަހެއް ވެދާނެ ހެއްޔޭ؟" ޝަހާ ބޭނުންނުވިޔަސް އެއަޑުގައި ރުންކުރުކަމެއް ހުއްޓެވެ.

" ތިން އަހަރު..." ހުސެން ބުންޏެވެ.

" ހުސެން އަހަރެންނަށް އިންތިޒާރު ކުރާތާ އެންމެ ތިން އަހަރުވީ.. އެކަމަކު އަހަރެން، އަހަރެންގެ ލޯތްބަށް އިންތިޒާރު ކުރާތާ ބާރަ އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެ.. ހުސެންއަށް ވުރެ ބޮޑަށް އިންތިޒާރަކީ ކޮން އެއްޗެއްކަން އެނގޭނީ އަހަރެންނަށް.. އެލޯބި ހާސިލު ކުރުމަށް މިހާ ގާތްވެފައި ވަނިކޮށް އަހަރެންނަށް ރަނގަޅީ ހުސެން ތިގޮތަށް އަހަރެންނަށް އުނދަގޫ ނުކުރިއްޔާ.. އަދި އޭނާ އަހަރެންނަށް ހާސިލް ނުވިޔަސް އަހަރެންގެ މިހިތުން އެއްވެސް އިތުރު މީހަކަށް ޖާގައެއް ނެތް.. މިހެންވެސް ހުސެން ކައިރީގައި ބުނެވުނު އަދަދެއް ނޭނގެ" ރުންކުރުކަމާއެކު ޝަހާ ބުންޏެވެ. ހުސެން ވަކި އެއްޗެއް ނުބުނެ އިސްޖަހައިލިއެވެ. އޭނާ ދެރަވެއްޖެކަން އެނގުމުން ޝަހާ އޭނާއަށް ވާހަކަ ދެއްކުނު ގޮތާ މެދު ދެރަވިއެވެ.

" ހުސެން.. ހުސެންއަށް ދެން ރަނގަޅުވާނީ ރަނގަޅު އެހެން ކުއްޖެއް ހޯދުން.. އައިމް ޕްރިޓީ ޝުއަރ އަހަރެންނަށްވުރެ މާ ރަނގަޅުކުދިން ހުސެންއަށް ވާނެކަން... " ހުސެން އަށް ވިސްނައިދޭން މަސައްކަތް ކުރަމުން މަޑުމައިތިރި ރާގެއްގައި ޝަހާ ބުންޏެވެ. ހުސެން އެއްމިޔަކަނުން ހިނިތުންވެހުރެ އިސްއުފުލާ ޝަހާ އާ ދިމާލަށް ބަލައިލިއެވެ.

" ރަނގަޅަށް ތިބުނީ.. އަހަރެންނަށް ޝަހާއަށް ވުރެ ރަނގަޅު ކުދިން ވެދާނެ.. އެކަމަކު އަހަރެންގެ މިހިތް ބޭނުންވަނީ ހަމައެކަނި ޝަހާ.. ޝަހާގެ ހިތުގެ ވެރިޔާގެ އިންތިޒާރުގައި ޝަހާ ހުރޭ.. އަހަރެން އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ޝަހާގެ އިންތިޒާރުގައި ހުންނާނަން.." މިހެން ބުނުމަށްފަހު ހުސެން ހިނގައިގަތީ ކުރިމަތިން ފެންނަމުން ދިޔަ ހޮސްޕިޓަލާ ދިމާލަށެވެ. ޝަހާ ފުންނޭވައެއް ދޫކޮށްލުމަށްފަހު ގޮސް އޭނާގެ ސައިކަލަށް އަރާ ކުރިއަށް ދުއްވައިލިއެވެ.

******************

ފާތިކާއި މައިރާގެ ރަންކިޔުމުގެ ޙަފްލާގެ ތައްޔާރީތައް ކުރުމަށްޓަކައި ޝަހާ އުޅުނީ އަވަދިނެތިއެވެ. ދެމީހުންގެ ދެ އާއިލާއިންވެސް އުޅުނީ ބުރަކޮށެވެ. އެ ހަފްލާގައި ބައިވެރިވާ ހުރިހާ އެންމެންގެ ހެދުންތައް ޑިޒައިން ކުރީ ޝަހާ ނަމަވެސް ފަހަން ހަވާލު ކުރެވުނީ ޝަހާގެ ބައެއް މުވައްޒަފުންނާއެވެ. ހުރިހާ ކަމެއް ކުރާނެ ވަގުތު ޝަހާއަށް ނުލިބުނީއެވެ.

ކަމީލާއާއި މަލާކް ދިމާވީ ރަންކިޔުމުގެ ތައްޔާރީތައް ކުރިއަށް ދަނިކޮށެވެ. ކުޑައިރުގެ ދެއެކުވެރިން ބައްދަލުވުމުން ދެކުދިންވެސް ހުރީ އުފަލުންނެވެ. ކަމީލާއަށް ދެވަނަ ފަހަރަށް އަލީފް ފެނުނީ މަލާކްމެންގެ ގެއަށް ގޮސް އުޅެނިކޮށެވެ. އެހާ ބޮޑަށް ހަނދާން ނުވިޔަސް އެއީ ކާކުކަން ކަމީލާއަށް އެނގުނެވެ. އަލީފްގެ ތޫނު ނަޒަރުގެ ސަބަބުން ކަމީލާވެސް އަލީފަށް ހިތްކިޔަން ފެށިއެވެ. ވާހަކަ ނުދެއްކިނަމަވެސް ދެހިތުންވެސް ކިޔަމުން ދިޔައީ އެއް ލަވައެކެވެ.

ބުރަކޮށް އުޅެން ހަދައިގެން އަދީމާ ވާހަކަ ދައްކާލާނެ ފުރުސަތެއް ޝަހާއަކަށް ނުލިބުނެވެ. ބައެއް މަސައްކަތްތަކުގައި އުޅުނު ވަގުތު އަދީމް ދެކިލުމުގެ ފުރުސަތު ލިބުނެވެ. އެހެންނަމަވެސް އެއީ މަދު ވަގުތުކޮޅަކަށެވެ.

ޙުދު އަދީމްވެސް ހުރީ ޝަހާ އާ ވާހަކަ ދައްކާލަން ބޭނުންވެފައެވެ. ޝަހާއަށް ނޭނގުނުނަމަވެސް މަސައްކަތުގައި އުޅޭ ވަގުތުތަކުގައި އަދީމްގެ ކަތި ނަޒަރު ޝަހާއަށް ހުއްޓެމުން ދިޔައެވެ. މަސައްކަތުގައި އުޅޭއިރު ޝަހާ އާދަޔާ ހިލާފަށް ރީތިހެން އަދީމަށް ފާހަގަ ކުރެވުނެވެ. އެހާ ހުނަރުވެރި މަސައްކަތެރި އަންހެންކުއްޖެއް އަދީމަށް މީގެ ކުރިން ފެނިފައެއް ނުވެއެވެ. އަދީމްއަށް ނޭނގިނަމަވެސް އޭނާގެ ހިތްއެދެމުން ދިޔައީ އަބަދުވެސް ޝަހާ ފެންނަފަށުގައި ހުރުމަށެވެ. ޝަހާއާ ގާތުގައި ހުރުމަށެވެ. ޝަހާ ފެނުމުން އަދީމް އެހެން ހުރިހާ ކަމެއް ހަނދާން ނެތޭ ފަދައެވެ. އޭނާ އިންތިޒާރު ކުރަމުން ދިޔައީ ޝަހާގެ ފަރާތުން އޭނާ ކުރި ސުވާލުގެ ޖަވާބު ލިބޭނެ އިރަކަށެވެ.

-ނުނިމޭ-

Ads by HDC
  1. ހެއި

    މާޝާ ﷲ އެކަމް ކުރީ

  2. ކޮބާ ހަތް ވަނަ ބައި؟؟؟