ވާހަކަ

ހައްޤަކަށް ތީމަގޭ ވުން...(އަށްވަނަ ބައި)

އަޒްކީ ، ދެން އޮންލައިން

އަދީމްއަށް ނޭނގިނަމަވެސް އޭނާގެ ހިތްއެދެމުން ދިޔައީ އަބަދުވެސް ޝަހާ ފެންނަފަށުގައި ހުރުމަށެވެ. ޝަހާއާ ގާތުގައި ހުރުމަށެވެ. ޝަހާ ފެނުމުން އަދީމް އެހެން ހުރިހާ ކަމެއް ހަނދާން ނެތޭ ފަދައެވެ. އޭނާ އިންތިޒާރު ކުރަމުން ދިޔައީ ޝަހާގެ ފަރާތުން އޭނާ ކުރި ސުވާލުގެ ޖަވާބު ލިބޭނެ އިރަކަށެވެ.

Ads by STELCO

********************

ފާތިކްއާއި މައިރާގެ ރަންކިޔުމުގެ ހަފްލާ ކުރިއަށް ދިޔައީ މައިރާގެ ގޭގައެވެ. އެހަފްލާގައި ބައިވެރިވީ މައިރާއާއި ފާތިކްގެ އާއިލާގެ އިތުރުން ޝަހާ އާއި މަލާކް އަދި ނީމާއެވެ. ކައިވެނީގެ ދެހެކިވެރިންގެ ގޮތުގައި ތިބީ އަދީމްގެ ރަޙުމަތްތެރި ހުސެން އާއި ފާތިކްގެ ރަހުމަތްތެރިއެކެވެ. ރަންކިޔާ ރެއަށް ހާއްސަކޮށް މައިރާ ލައިގެން ހުރި ހެދުން އެހެންމީހުން ލައިގެން ހުރި ހެދުމާ ތަފާތެވެ. އެ ހެދުން ހާއްސަކޮށްފައިވަނީ ޕީޗް ކުލައަށެވެ. ހުދު ކުލައިގެ ފިޔަދިގު މާތަކެއް ޖަހާފައިވާ އެ ހެދުމުގެ މެއާ ހަމައިން ހަމަ އެކުލައިގެ ސެޓިން ފޮތީގެ ބަންދެއް ހުއްޓެވެ. ބަންދުން ފެށިގެން މެދަށް ވާގޮތަށް ތިރިއަށް ދެފަޅިއަށް ފަޅާފައި ހުރިއިރު އެތެރެއިންވެސް ހުރީ ހެދުމުގެ މައިގަނޑު ފޮއްޗެވެ. ޕީޗް ކުލައިގެ ސެޓިން ފޮތީގެ ސްކާރފެއް އަޅާފައިވާއިރު އެހެދުމުގައި މައިރާ ފެންނަލެއް ވަރަށް ރީއްޗެވެ. ފާތިކް ލައިގެން ހުރީ ކަޅުނޫކުލައިގެ ޓަކްސިޑޯ އެކެވެ. ނޫކުލައިގެ އަތްދިގު ގަމީހެއްގައި ހުރި އަދީމްގެ ނަޒަރު އެންމެ ހިނިދުކޮޅަކަށްވެސް ހުދުކުލައިގެ ކަށިމައްޗަށް އަރާ ހެދުމާއެކު ފިޔާތޮށި ކުލައިގެ ޝޯލްއެއް އަޅައިގެން ހުރި ޝަހާ އާ ވަކިނުވެއެވެ. ކޮންމެ ކުލައެއްވެސް ޝަހާއާ ނުހަނު ގުޅެޔޭ އަދީމްގެ ހިތަށް އެރިއެވެ. އެހެންގޮތަކަށް ބުނާނަމަ ކުލަޔަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ޝަހާގެ ރީތިކަމެވެ. އަދީމެކޭ އެއްފަދައިން ހުސެންވެސް ހިނދުކޮޅަކަށްވެސް ޝަހާގެ މޫނުން ނަޒަރު ވަކިކޮށް ނުލައެވެ. ހުސެންގެ އެބެލުމުގެ ސަބަބުން ޝަހާ އަށް އިންތިހާއަށް އުނދަގޫވަމުން ދިޔައެވެ. އަދީމްގެ ނަޒަރު ޝަހާއަށް ފާހަގަނުވީ އޭނާއަށް ވެފައި ހުރި އެއުނދަގުލުގެ ސަބަބުންނެވެ.

ކައިވެނި ކުރަން ހަމަޖެހުނީ ހަފްތާއެއް ފަހުންނެވެ. މައިރާ ރަނަކަށް ބުނީ ނުވަ ހާސް ނުވަ ސަތޭކަ ނުވަ ދިހަ ނުވަ ރުފިޔާއެވެ. ރަންކިޔުމުގެ ކަންތައް ނިމުމަށްފަހު ދެން އޮތީ ހާޒިރުވެ ތިބި އެންމެންނަށް އޮތް ހާއްސަ ކެއުމެކެވެ. ކާއެއްޗެއްސަށް ތަނަކަށް އޯޑަރު ދިނުމުގެ ބަދަލުގައި އެންމެންނަށް ވާވަރަށް އެކި ބާވަތްތައް ކެއްކީ ސަބީނާއާއި ކައުސަރެވެ. އެމީހުންގެ ބޭނުމަކަށްވީ އެމީހުންގެ ޅައިރުގެ ހަނދާންތައް އާކޮށްލުމެވެ. އޭރުގައި ރަންކިޔުމުގެ ހަފްލާގައިވެސް އަދި ކައިވެނީގެ ރެއަށްވެސް ކައްކާނީ ދެއާއިލާއިންނެވެ. ނޫނީ އަވަށު އެންމެން ވެގެންނެވެ.

މައިރާގެ ގޭގެ ގޯތިތެރޭގައި ދިގުމޭޒެއް ބެހެއްޓިފައިވާއިރު މޭޒުގެ ވަށައިގެން ގޮނޑިތައް ހުއްޓެވެ. މޭޒާއި ގޮނޑިތައް ޒީނަތްތެރި ކުރެވިފައިވަނީ ހުދާއި ޕީޗް ކުލައިންނެވެ. މޭޒުމަތީގައި ހުރީ މުޅިންވެސް ދިވެހި ކެއުމުގެ ބާވަތްތަކެވެ. ކަމީލާ ދެތަށި ހުސްކުރިއިރުވެސް ބަނޑުފުރުނުހެނެއް ހިޔެއް ނުވެއެވެ. ބޮޑުތައްޓެއްގެ ފުރައި ފޮނިއެއްޗެހި ކާންއިރު ކައިރީގައި އިން މަލާކް އިނީ ހައިރާންވެ އަންތަރީސް ވާވަރުވެފައެވެ. އޭނާއަށް އެއިނީ އެޅި ކުޑަ އެތިކޮޅުވެސް ހުސްނުވެފައެވެ. ކަމީލާ އެވަރަށް ކާއިރުވެސް ފަލަނުވަނީބާއޭ މަލާކްގެ ހިތަށް އެރިއެވެ. ކެއުން ނިންމާލުމަށްފަހު އިރުކޮޅަކު ވާހަކަ ދައްކާލަން އެންމެން ތިބީ ކައިވެނީގެ ރޭގެ ތައްޔާރީތަކާ ބެހޭ ގޮތުންނެވެ. ކައިވެނީގެ ތީމެއްކަމުގައި ހަމަޖެހުނީ ފްލޯރަލް ތީމެވެ. މައިގަނޑު ކުލައަކީ އޮރެންޖެވެ. ޕާޓީ އޮތީ އެރަށުގައި ހުންނަ ޝަހާގެ އަމިއްލަ ކައިވެނި ހޯލުގައެވެ.

*******************************

މަލާކް އާ އެކީގައި ގެއަށް ދާން ކަމީލާ ނިކުތީ ކައުސަރުގެ ހުއްދަ ހޯދުމަށްފަހުގައެވެ. ތަފާތު އެކި ވާހަކަ ދައްކަމުން މާގިނަރެއް ނުވެ ގެއާ ހަމައަށް އާދެވުނެވެ. ކަމީލާއަށް ބާއްޖަވެރި ރެއަކަށް އެދުމަށްފަހު މަލާކް އެތެރެއަށް ވަނީ މާބޮޑަށް ނިދި އައިސްފައި ހުރުމުންނެވެ. މަލާކް ވަނުމުން ކަމީލާވެސް މާގިނައިރު ހުންނަން ނުހަދާ ގެއަށް ވަންނަން ދިޔައެވެ. ނަމަވެސް ހަމައެވަގުތު ފިރިހެން އަޑަކުން އޭނާއަށް ގޮވައިލި އަޑި އިވިފައި ހުއްޓުނެވެ.

" އަލީފް..." އޭނާއަށް ދިމާލަށް އައި އަލީފް ފެނިފައި ކަމީލާ އަށް ބުނެވުނެވެ. އަލީފް ކަމީލާ ކައިރިއަށް ހުއްޓެމުން ފާރުގައި ލެގިލިއެވެ.

" ކައްމި ފެނޭތޯ މިތާ ހުންނަތާ ވަރަށް ގިނައިރު ވެއްޖެ.." އެއްވެސް ޖެހިލުމެއްނެތި އަލީފް ބުންޏެވެ. ކަމީލާ ރަކިވިއެއް ކަމަކު އެކަން ނުދައްކާވޭތޯ މަސައްކަތް ކުރިއެވެ.

" އެއީ ކީއްވެ ކައްމި ފެނޭތޯ ހުރީ..؟" ކަމީލާ އަހައިލިއެވެ.

" ކައްމި ދެކޭހިތުންނޭ ބުނެފިއްޔާ..." ދެޖީބަށް އަތް ޖަހައިލަމުން އަލީފް އަހައިލިއެވެ.

" އޭރުންވެސް ދެން ކޮށްލާނީ ހަމަ ސުވާލެއް... ކީއްވެ ކައްމި ދެކޭ ހިތްވަނީ.." ކަމީލާވެސް ދެރަނުވާންވެގެން އަހައިލިއެވެ. އަލީފް ކައިރިއަށް އައީ ލާނެތް ހިންޏެކެވެ.

" ޔޫ ލުކް ވެރީ ޕްރިޓީ ޓުނައިޓް...." ކަމީލާގެ ފައިން ފެށިގެން ބޮލާ ހަމައަށް ނަޒަރު ހިންގާލަމުން އަލީފް ބުންޏެވެ. ކަމީލާ ރަކިވީ ވަރުން އިސްޖަހައިލިއެވެ.

" އަހަރެންނަށް ކައްމި ފެނުނީ ވަރަށް ކުޑައިރު... އޭރު ހިތަކަށްވެސް ނާރާ އަހަރެން މިފަދަ ގޮތަކަށް ކައްމި އާ މެދުގައި ދެކޭނެކަމަކަށް.. އެކަމަކު ކައްމި މިކޮޅަށް އައި ފަހުން ފެނުނު ފުރަތަމަ ހިނދުވެސް އައި ފެލްޓް ލައިކް މައި ހާޓް ސްކިޕްޑް އަ ބީޓް..." ހިތާ ދިމާލުން މޭގައި އަތް ޖައްސައިލަމުން އަލީފް ބުންޏެވެ. ކަމީލާ ކުރިންވެސް ހުރިގޮތަށް އިސްޖަހައިލައިގެން ހުރިއިރު އޭނާގެ ތުންފަތްމަތީގައިވަނީ ރަކި ހިނިތުންވުމެކެވެ.

" އަހަރެންނަށް ހީވަނީ އަހަރެންނަށް ކައްމި ދެކެ ލޯބިވެވިއްޖެ ކަންނޭނގެ.. " ކަމީލާގެ އަތުގައި ހިފާލަމުން އަލީފް ބުންޏެވެ. ކަމީލާ ދެލޯ ބޮޑުކޮށްލަމުން އަލީފް އާ ދިމާލަށް ބަލައިލީ ލިބުނު ސިހުމުންނެވެ.
" ޔެސް ކައްމީ އައި ލަވް ޔޫ ވެރީ މަޗް" ކަމީލާގެ އަތަށް ފިތާލަމުން އަލީފް ބުންޏެވެ. ހިނިތުންވެލަންވެސް ނޭނގިފައި ކަމީލާއަށް އަލީފްއާ ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އެވަގުތު މަގުބައްތި ނިވުނީ ކުއްލިއަކަށެވެ. ލިބުނު ސިހުމުގައި ކަމީލާއަށް އަލީފް އަތުން އަތް ދަމައިގަނެވުނެވެ.

" ވަޓް ހެޕަން.. ކައްމި އަހަރެން ދެކެ ލައިކް ނުވަނީތަ؟ " އަލީފް ބުންޏެވެ.

" ކައްމި އަކަށް ނޭނގެ ބުނާނެ އެއްޗެއް.." ހާސްވެފައި ހުރިވަރުން ކަމީލާއަށް ބުނެވުނެވެ. މިކަހަލަ ކަމަކާ ހަޔާތުގައި ކުރިމަތިލާން މިޖެހުނީ ފުރަތަމަ ފަހަރަށެވެ.

" އިޓްސް އޯކޭ... ކައްމި ބޭނުން ވަރަށް ވަގުތު ނެގިޔަސް އޯކޭ.. އައި ކެން ވެއިޓް.." މިހެން ބުނުމަށްފަހު އަލީފް ދާން ހިނގައިގަތެވެ. ދެރަވެފައި އަލީފް ދާތަން ބަލަން ކަމީލާއަކަށް ނުހުރެވުނެވެ. އަލީފްގެ ނަމުން ގޮވައިލެވުނީ ބޭއިޙްތިޔާރުގައެވެ.

" އައިޝަތު ކަމީލާ މާޖިދު... " ކަމީލާ ބުންޏެވެ.

" ތީ ފުރިހަމަ ނަންތަ؟.." އަލީފް އަހައިލިއެވެ. ކަމީލާ ކައިރިއަށް ހިނިއައެވެ.

" ހްމްމްމް... އެއީ ފުރިހަމަ ނަން.. ކައްމިގެ އެފް ބީ އައިޑީ ގައިވެސް އިންނާނީ އެހެން.." ކަމީލާ ބުންޏެވެ.

" ތިބުނީ އެފް ބީ އިން ކައްމި އެޑް ކުރާށޭ ތަ؟" އަލީފް އަހައިލިއެވެ.

" ތިއެއް އެނގޭނީ އަލީފަށް.. ދެން ދިޔައީ ކައްމި... އެކަމަކު ނިދާނީ އަދި އިރުކޮޅަކުން..." އެހެން ބުނުމަށްފަހު ކަމީލާ އެތެރެއަށް ވަދެ ދޮރު ލައްޕައިލިއެވެ. ކަމީލާ ނުސީދާ ކޮށް އެބުނި އެއްޗެއް އަލީފަށް ނަގައިގަނެވުނީ އިރުކޮޅެއް ފަހުންނެވެ. ތުންފަތަށް ވެރިވި ހިނިތުންވުމާއެކު އޭނާއަށް ބޯކަހައިލެވުނެވެ. އެތަނުން ދިއުމަށް ހިނގައިގަންނަމުން ޖީބުގައި އޮތް ފޯނުނަގާ ހުޅުވައިލިއެވެ. އެއަށްފަހު ވަގުތުން ފޭސްބުކަށްވަދެ ކަމީލާ އަށް ފްރެންޑް ރިކުއެސްޓް ފޮނުވިއެވެ.

*******************

އިއުފާގެ ނަޒަރު ހުއްޓިފައިވަނީ އޭނާގެ ކުރިމަތީގައި އިން އެންމެ ގާތް އެކުވެރިޔާ ޝެރީންއަށެވެ. ސަމްސަލުން ބަތްތަށި ހާވާލަ ހާވާލަ އިންނަތާ ކިތަންމެ އިރެކެވެ. އޭނާ ޝެރީން ގޮވައިގެން ރެސްޓޯރެންޓަކަށް އައީ ޝެރީންގެ މޫޑު ބަދަލުކޮށްލާށެވެ. އެހެންނަމަވެސް އެތަނަށް އައިސް ވެސް ޝެރީން އެއިންނަނީ މަރުވެފައި އިން މައްޔިތެއް ފަދައިންނެވެ.

" އައި ޖަސްޓް ކާންޓް ބިލީވް ޝެރީ އަދިވެސް ތިވިސްނަނީ އެ ޑްރަގް އެޑިކްޓާ ދޭތެރޭގައިކަން.." ހިތްހަމަނުޖެހިފައި އިއުފާ ބުންޏެވެ.

" އިއުފާ.." ޖައިލަމް އަށް އިއުފާ މުހާތަބު ކުރި ގޮތުން ހިތްހަމަނުޖެހިފައި ޝެރީންއަށް ގޮވައިލެވުނެވެ.

" ވާޓް ޝެރީ... އަހަރެންނަކަށް ޝެރީ ތިހެން އިންނަތަން ބަލާކަށް ކެތެއް ނުވާނެ.. އޯލް ބިކަޒް އޮފް ދެޓް ޑޯޕްހެޑް..." ހިތްހަމަނުޖެހިފައި އިއުފާ ބުންޏެވެ.

" އިއުފާ ޕްލީޒް...." ތަށިތެރެއަށް ސަމްސާ ވައްޓާލަމުން ޝެރީން ބުންޏެވެ. އޭރު އޭނާގެ ލޮލުން ރޮނގަކަށް ކަރުނަ ފައިބަމުން ދިޔައެވެ.

" ނޫން ޝެރީ މިއަދު އަހަރެން ނުހުއްޓުވާ... އޭނާގެ ސަބަބުން ޝެރީ ކިހާވަރަކަށް ތި ސަފަރ ކުރަނީ... ކިހާ ދުވަހަކު ކެތް ކުރެވިއްޖެ.. އޭނަ ރަނގަޅުކުރަން ޝެރީއަށް ކިހާ މަސައްކަތެއް ކުރެވިއްޖެ.. އެކަމަކު އޭނާ ރަނގަޅެއް ނުވިއެއްނު... ޝެރީ އަމިއްލަ ދިރިއުޅުން ހަލާކު ތިކޮށްލަނީ އަމިއްލައަށް... ބަލާބަލަ.. ބަލާބަލަ ވަށައިގެން... މިތަނުން ހުރަސް ނުކުރޭ އެއްވެސް ފިރިހެނެއް ޝެރީއާ ދިމާލަށް ބަލައިނުލާ.. ބަލާބަލަ ޝެރީގެ ވަށައިގެން ކިތައް ފިރިހެނުން މިވަގުތު ޝެރީއާ ދިމާލަށް ބަލަހައްޓައިގެން ތިބީ.. ޝެރީ ޔޫ އާރ ބިއުޓިފުލް އެންޑް ޔަންގް.. މީ މޫވް އޯން ކުރަންވީ ވަގުތު... ޖައިލަމަށްވުރެ އެތައް ގުނައެއް ރަނގަޅު މީހުން ޝެރީއަށް ވާނެ.. " އިއުފާގެ ބަސްތަކުން ޝެރީއަށް އިތުރަށް ރޮވުން ނޫންކަމެއް ނުވިއެވެ.

" އަހަރެން އޭނަ ދޫކޮށްލައިފިއްޔާ އޭނަ މޮޔަވެދާނެ.. " ޓިޝޫއަކުން ލޯކައިރި ފޮހެލަމުން ޝެރީ ބުންޏެވެ.

" ޝެރީ ޕްލީޒް މައި ޖާން... އަދިވެސް ތިވިސްނަނީ އޭނާއާ ދޭތެރޭ.. އެންމެ ފަހަރަކުވެސް އަމިއްލަ މީހާއާ ދޭތެރޭ ވިސްނާލަބަލަ... ތިގޮތަށް ހަދައިގެން ޝެރީއަށް ރަނގަޅު މުސްތަޤުބަލެއް ފެންނާނީ ކިހިނެއް؟ " މޭޒުމަތީގައި އޮތް ޝެރީގެ އަތުގައި ހިފައިލަމުން އިއުފާ ބުންޏެވެ.

" އަހަރެންނަށްވެސް ވިސްނެޔޭ ތިހުރިހާ ކަމެއް އިއުފާ.. އެކަމަކު އަހަރެންގެ މިހިތަށް ބާރު ނުފޯރުވެންޏާ އަހަރެން ކީއްކުރާނީ؟ ޖައިލަމް އަކީ އަހަރެންގެ އަލަތު ލޯބި.. އަހަރެންގެ އަލަތު ފިރިމީހާ... ތިބުނާހާ ފަސޭހައިން އަހަރެން ކިހިނެއް އޭނާ ދޫކޮށްލާނީ..؟" ޝެރީން ބުންޏެވެ.

" ދެން ޝެރީ ބޭނުންވަނީ މުޅި އުމުރުދުވަސް، ރަނގަޅުވާނެކަމުގެ އުއްމީދެއް ނެތް މީހަކަށްޓަކާ ހުސްކޮށްލަންތަ؟.. ކިހިނެއް އެނގެނީ ޝެރީ... މެއިބީ ޖައިލަމްއަށްވުރެ އެތައް ގުނައެއް ޝެރީ ދެކެ ލޯބިވާ މީހަކުވެސް ހުރެދާނެއްނު.. ހަޔާތުގެ މިހާތަނަށްވެސް ޝެރީ ތިއަންނަނީ މުޅިންވެސް އަމިއްލަ މީހާ ބޭނުންވާ ގޮތް ހަދަމުން.. ފޯ ގޯޑް ސޭކް އެއްފަހަރުވެސް އެހެންމީހެއް ބުނާގޮތް ހަދާބަލަ.. މިހެން މިކިޔަނީ ހަމަ ޝެރީއަށް ރަނގަޅަކަށް... އެންމެ ފަހަރަކުވެސް ޝެރީން ދެކެ ލޯބިވާމީހުންނާ ދޭތެރޭގައި ވިސްބާލަބަލަ.." އިއުފާ ބުންޏެވެ. ޝެރީން ވަކިއެއްޗެއް ނުބުނެ ދުރު ބަލަހައްޓައިގެން އިނެވެ.

" ޕްލީޒް މައި ލަވް... ޖައިލަމް ޖަލުން ސަލާމަތްވާނެ ވަކި ދުވަހެއް ނޭނގޭ.. އޭނާ އެހެރީ ރަނގަޅު ކުރެވޭ ވަރަށްވުރެ މާބޮޑަށް އެކަމަށް ދެވި ހިފާފަ.. އޭނާ ދޫކޮށްލާ... މީ އާފެށުމަކުން ފަށަންވީ ވަގުތު.. އެނގޭ އެހާ  ބޮޑު ނިންމުމެއް ނިންމަން ޝެރީއަށް އުނދަގޫވާނެ ކަން.. އެކަމަކު އަހަރެމެންވެސް މިތިބީއެއްނު.. ޝެރީގެ ބައްޕައާ ހުރިހާ ކަޒިންސް އަދި ހުރިހާ ރަހުމަތްތެރިންވެސް ތިބީ ޝެރީއާ އެކު.. އައި ޕްރޮމިސް.. ދުވަހަކުވެސް ޝެރީ އެކަނިވިޔަކަ ނުދޭނަން..." ޔަގީންކަން ދޭފަދަ ގޮތަކަށް އިއުފާ ބުންޏެވެ.

" ސޮރީ އިއުފާ.. އަހަރެން މިވަގުތު ބޭނުމީ އެކަނިވެލަން.. ޕްލީޒް އަހަރެންގެ ފަހަތުން ނާންނާތި.." އިންތަނުން ތެދުވެ ހިނގައިގަންނަމުން ޝެރީ ބުންޏެވެ. ޝެރީ ދިއުމުން އިއުފާ ފުންނޭވާއެއް ދޫކޮށްލަމުން ދެފަރާތަކަށް ބޯހޫރައިލިއެވެ.

***************

ހުރިހާ ކަމެއް ނިންމާލުމަށްފަހު އެންމެފަހުން މައިރާގެ ގެއިން ނިކުތީ ޝަހާ އާއި ނީމާއެވެ. ސައިކަލުގައި ނީމާގެ ގެއަށް އޭނާ ލުމަށްފަހު ޝަހާ ދެން މިސްރާބު ޖެހީ އޭނާގެ ގެއަށް ދިއުމަށެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ވަރުބަލިކަމެވެ. ބޭނުންވީ އަވަހަށް ގޮސް ފެންވަރާލައިގެން ނިދާލާށެވެ. މިރޭ ކަންތައްވީ ގޮތުން ޝަހާ ހުރީ ކޮންމެވެސް ވަރަކަށް ހިތްހަމަވެސްނުޖެހިފައެވެ. ހުސެންއާ ހެދި އަދީމަށްވެސް ރަނގަޅަށް ބަލައިލުމުގެ ފުރުސަތު ނުލިބުނެވެ.

ގެހުންނަ މަގަށް އެޅިއިރު މަގުބައްތި އަނދާފައި ހުރުމުގެ ސަބަބުން އެހިސާބަށް އޮތީ ކަޅު އަނދިރިކަން ވެރިވެފައެވެ. ސައިކަލު ގަރާޖަށް ވެއްދުމަށްފަހު ނިކުތްވަގުތު ކުރިމަތީގައި ހުރި ކަޅު ހިޔަންޏެއް ފަދަ މީހަކު ފެނި ޝަހާއަށް ލިބުނީ ކުއްލި ސިހުމެކެވެ. މަޑު ހަޅޭއްކެއް އަނގައިން ނިކުތީ އިހުތިޔާރަކާނުލައެވެ. ނަމަވެސް ދެން އައި ހިނދުގައި އެއީ ކާކުކަން ޝަހާއަށް އެނގިއްޖެއެވެ. އަނދިރީ ތެރެއިންވެސް އެސޫރަ ޝަހާއަކަށް ނޯޅޭނެއެވެ.

" އަދީމް.. ކިރިޔާ ބިރުން ހަލާކުނުވީ..." މޭގައި އަތް އަޅައި ފުންނޭވައެއް ދޫކޮށްލަމުން ޝަހާ ބުންޏެވެ.

" ކިހިނެއް އެނގުނީ އަހަރެން ކަމެއް... " ލުއި ހީނލުމަކާ އެކު އަދީމް އަހައިލިއެވެ. އަނދިރި ނޫންނަމަ ޝަހާގެ މޫނު ރަތްވެގެން ދިޔަތަން އަދީމަށް ފެނުނީސްކަން ޔަގީނެވެ. ލަދުގަތް ނަމަވެސް ޝަހާ އެކަން ދައްކާކަށް ބޭނުމެއް ނުވިއެވެ.

" އަދީމަށް މީ އަހަރެންކަން އެނގުނު ފަދައިން...." ޝަހާ ބުންޏެވެ. މިފަހަރުވެސް އިވިގެން ދިޔައީ އަދީމްގެ ލުއި ހީނލުމުގެ އަޑެވެ.

" އަދިވެސް އަހަރެން ކުރި ސުވާލުގެ ޖަވާބު ނުލިބޭ؟.." އަދީމް ކުރިއަށް ފިޔަވަޅެއް އަޅައިލަމުން ބުންޏެވެ. އެއާއެކު ޝަހާއަށް ފަހަތަށް ދިޔަވަޅެއް އަޅައިލެވުނެވެ. އަދީމް ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކާ އެކު ޝަހާ ފަހަތަށް ޖެހެމުން ދިޔައެވެ.

" އަ..ދީމް..." ޖެހިލުންވެފައި ހުރިވަރުން ޝަހާ އަށް ބުނެވުނެވެ.

" ޔެސް ޝަހާ... ބުނެބަލަ..." އަދީމް މަޑުމަޑުން ބުންޏެވެ. ބާރަށް ތެލެމުން ދިޔަ ޝަހާގެ ހިތުގެ އަޑު އަދީމަށް ރަނގަޅަށް އިވެމުން ދިޔައެވެ. ފަހަތަށް ދިޔަ ޝަހާ ފާރުގައި ޖެހިފައި މަތަވިއެވެ. އަދީމް ޝަހާ ގައިގައި ކިރިޔާ ޖެހޭ ނުޖެހޭ ހިސާބުގައި ހުއްޓުނެވެ. އެއަށްފަހު ޝަހާއަށް ނުދެވޭނެހެން ދެފަރާތުން ފާރުގައި އަތްވިއްދާލިއެވެ.

" އަދީމް ޕްލީޒް.." ތުރުތުރުއަޅާ އަޑުން ޝަހާއަށް ބުނެވުނެވެ.

" ޝަހާ ޕްލީޒް... އަހަރެންގެ ސުވާލުގެ ޖަވާބު ދީބަލަ..." އަދީމް ބުންޏެވެ.

" އަ..ހަރެން... އަހަ..ރެން..އަދީމް.. އެއީ..." ޝަހާ ބުނަން އުޅުނެވެ. އެހެންނަމަވެސް އަދީމް އެހާ ކައިރީގައި ހުރުމުން ކިޔޭ ނުކިޔޭ އެއްޗެއް ނޭނގި އޭނާގެ ދޫ އޮޅެމުން ދިޔައެވެ.

" އެއީ؟..އެއީ ކީއްވެ؟.." އަދީމް އަހައިލިއެވެ.

-ނުނިމޭ-

Ads by HDC
  1. ގާލް

    އޯ ….. ވަރަށް ރީތި މި ޕާޓް…. ވެއިޓިންގ