ވާހަކަ

ހައްޤަކަށް ތީމަގޭ ވުން..(ނުވަވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ޙައްޤަކަށް ތީމަގޭ ވުން... (ޓްރައިލާ) ހައްޤަކަށް ތީމަގޭ ވުން (ފުރަތަމަ ބައި) ޙައްޤަކަށް ތީމަގޭ ވުން.. (ދެވަނަބައި) ޙައްޤަކަށް ތީމަގޭ ވުން..(ހަތަރުވަނަ ބައި) ޙައްޤަކަށް ތީމަގޭ ވުން...(ފަސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ހަތްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ނުވަވަނަ ބައި) ހައްޤަކަށް ތީމަގޭވުން (ދިހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(އެގާރަ ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...( ބާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން ..... (ތޭރަވަނަ ބައި) (ހައްޤަކަށް ތީމަގޭވުން....( ސޯޅަވަނަ ބައި ހައްޤަކަށް ތީމަގޭވުން..(ސަތާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ނަވާރަވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ވިހިވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާވިސް ވަނަބައި) ހައްޤަކަށް ތީމަގޭ ވުން..(ބާވިސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. (ތޭވީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ސައްވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(ފަންސަވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސައްބީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ހަތާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...( އަށާވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. ( ނަވާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...(އެއްތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ބައްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތެއްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސައުރަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން... (ފަންސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތު ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އަށުތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(އޮނަސާޅިސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސާޅިސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ބަޔާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ފަހުބައި)

" އަދީމް ޕްލީޒް.." ތުރުތުރުއަޅާ އަޑުން ޝަހާއަށް ބުނެވުނެވެ.

Ads by STELCO

" ޕްލީޒް ޝަހާ... އަހަރެންގެ ސުވާލުގެ ޖަވާބު ދީބަލަ..." އަދީމް ބުންޏެވެ.

" އަ..ހަރެން... އަހަ..ރެން..އަދީމް.. އެއީ..." ޝަހާ ބުނަން އުޅުނެވެ. އެހެންނަމަވެސް އަދީމް އެހާ ކައިރީގައި ހުރުމުން ކިޔޭ ނުކިޔޭ އެއްޗެއް ނޭނގި އޭނާގެ ދޫ އޮޅެމުން ދިޔައެވެ.

" އެއީ؟..އެއީ ކީއްވެ؟.." އަދީމް އަހައިލިއެވެ. ޝަހާއަށް އިތުރަށް އެންމެ ބަހެއްވެސް ނުކިޔުނެވެ. ހީވީ އޭނާގެ ދޫ އައްސިވެފައި ހުރިހެންނެވެ. އަރުތެރެ ހިކި މުޅި މީހާ ގައިން ދާހިއްލަން ފެށީ ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ. އަދީމް އޭނާގެ އަމިއްލަ ނަފްސަށް ބާރުފޯރުވަން އުނދަގޫވެފައިވާކަހަލައެވެ. ފަހަރަކަށްވުރެ ފަހަރަށް ޝަހާ މޫނާ އޭނާގެ މޫނު ކައިރިކުރަމުން ދިޔައިރު ޙުދު އޭނާގެ ހިތްވެސް ރޯމަހެއްހެން ތެޅެމުން ދިޔައެވެ. އަދީމްގެ ހޫނު ނޭވާ ޝަހާގެ މޫނަށް އިހުސާސްވާން ފެށުމާއެކު ޝަހާއަށް ތެޅިގަނެވުނީ ބޭއިޙްތިޔާރުގައެވެ. ކިތަންމެ ލޯބިވާ އިންސާނަކަށްވިޔަސް މިފަދަ ވަގުތެއްގައި އަމިއްލަ ނަފްސު ބެހިގެންދާން ދޫކޮށްލައިފިނަމަ އެއީ ކުރެވޭ ބޮޑު ފާފައެއްކަން ޝަހާއަށް ވިސްނެއެވެ. ކުއްލި ހަރަކާތަކާއެކު ޝަހާއަށް އަދީމްގެ މޭގައި ދެއަތްއަޅާ ދުރަށް ކޮއްޕައިލެވިއްޖެއެވެ. ލިބުނު ސިހުމުގައި އަދީމް އިރުކޮޅަކު ހުއްޓުން އަރާފައި ހުއްޓެވެ. ކަންތައްވީ ގޮތުން ޝަހާއަށް އޭނާގެ އަނގަމަތީގައި ދެއަތް އަޅައިލެވުނެވެ.

" ދަ ހެލް ޝަހާ...." އަދީމް އެހެންބުނީ ހިތްހަމަނުޖެހިފައެވެ. ޝަހާ ކޮއްޕައިލިގޮތުން އޭނާގެ މެޔަށް ތަދުވެސް ވެއްޖެއެވެ. އަދީމް ރުޅިއައިސްފިކަން އެނގުމުން ޝަހާ އިންތިހާއަށް ދެރަވިއެވެ.

" އައިމް ސޯ ސޮރީ އަދީމް.. އެކަމަކު އަދީމް ކުރަން އުޅުނީ ރަނގަޅުކަމެއް ނޫން... " އަދީމަށް ވިސްނައިދޭން މަސައްކަތް ކުރަމުން ޝަހާ ބުންޏެވެ.

" ޝަހާ ލައިކް ނުވާނަމަ ރީތި ގޮތުގައި އަހަރެން ކައިރީގައި ބުނި ނަމަ.. ކޮއްޕާލީ ކީއްކުރަން.. ޝަހާ ތި ކަންތައް ކުރި ގޮތުން ހީވަނީ އަހަރެން މީ ވަރަށް ގޯސް މީހެއް ހެން...  " ޝަހާއަށް ފުރަގަސް ދެމުން އަދީމް ބުންޏެވެ. އެއަށްފަހު ޝަހާއަށް ވާހަކަ ދައްކާނެ ފުރުސަތެއް ނުދީ އޭނާ ގޮސް ގޭތެރެއަށް ވަދެއްޖެއެވެ. ޝަހާ ދެފަހަރަކު އަދީމަށް ގޮވައިވެސްލިއެވެ. ނަމަވެސް އަދީމް އެގޮވުމަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ.

ކަންތައް ވެދިޔަ ގޮތުން ޝަހާ އިންތިހާއަށް ދެރަވިއެވެ. ކޮންމެވެސް ގޮތަކުން އޭނާ އެކަން ނުހުއްޓުވިނަމަ މިއަދު ދެމީހުންނަށްވެސް ބޮޑު ފާފައަކަށް އަރައިގަނެވުނީހެވެ. އަދީމް ބުނިހެން ރީތިކޮށް އެވާހަކަ ބުނެވުނީހެވެ. އެހެންނަމަވެސް އެވަގުތު އޭނާގެ ހިތްއަވަސްވެފައި ހުރިވަރުން ކުރިކަމެއް ކުރެވުނީ އިޙްތިޔާރުން ބޭރުގައެވެ. ޝަހާ ގޮސް ގެއަށް ވަންއިރު އޭނާގެ ދެލޯ ފެންކަޅިވެއްޖެއެވެ.

******************

އެނދުގައި އިށީނދެގެން ދެފައިގައި ލޯޝަން ކޮޅެއް ހާކަން ކައުސަރު އިނެވެ. އެވަގުތު ދޮރުހުޅުވައިލާފައި ވަދެގެން އައި ރާފިގު ބާރު ހިނގުމެއްގައި އައިސް ކައުސަރު ކައިރީގައި އިށީނެވެ.

" ބަލަ ބަލަ! ކޮން ބިރެއް ފެނިގެން ތިއައީ؟" ރާފިގު އެތެރެއަށް ވަދެގެން އައި ގޮތް ފެނި ކައުސަރު ސުވާލު ކުރިއެވެ.

" އަހަރެން ވާހަކައެއް ބުނިއްޔާ ޤަބޫލުކުރާނަންތަ؟" ރާފިގު އަހައިލިއެވެ.

" އަހަރެން ދުވަހަކުވެސް ރާފިގު ދައްކާ ވާހަކައެއް ޤަބޫލުނުކޮށް އޮތީތަ؟" ފައިތިލަ މަސާޖް ކޮށްލަ ކޮށްލާއިން ކައުސަރު އަހައިލިއެވެ.

" ނޫން އެހެނެއްނޫން.. ބުނަން މިއުޅޭ ވާހަކައިގެ ޒާތުގެ ގޮތުން.." ރާފިގު ބުންޏެވެ.

" ކިހިނެއްވީތަ އަނެއްކާ؟ ބުނެބަލަ ތިބުނަން އުޅޭ ވާހަކައެއް..." ކައުސަރު ޝައުޤުވެރިކަމާއެކު އަހައިލިއެވެ.

" ކައުސަރަށްވެސް އެނގެއެއްނު ޝަހާ... އެމަންޖެ ފުރަތަމަ މިގެއަށް އައި ދުވަހުވެސް އަހަރެންނަށް ޝައްކުވި އެކަމަށް.. އެކަމަކު މިރޭ އަހަރެންނަށް ފެނުނު މަންޒަރުން އެކަން ޔަގީންވެއްޖެ.." ރާފިގު ހިނިތުންވެ އިނދެ ބުންޏެވެ.

" ކޮންކަމެއްތަ؟ ކީކޭތަ ރާފިގު ތިކިޔަނީ؟" ކައުސަރު އަހައިލިއެވެ.

" އަހަރެން ދެންމެ ބޭރަށް ނިކުމެލީ މަގުމަތީގަ ކުޑަކޮށް ހިނގާލަން ކަމަށް... އެކަމަކު ދޮރު ހުޅުވައިލިތަނާ ފެނުނު މަންޒަރުން އަހަރެންނަށް ނުކެރުނު ބޭރަށް އެންމެ ފިޔަވަޅެއްވެސް އަޅައިލަން.." ރާފިގު އެހެން ބުނިއިރު އޭނާގެ ތުންފަތްމަތީގައި ލާނެތް ހިނިތުންވުމެއް ވިއެވެ.

" އެހާ އަނދިރީ ތެރެއިންވެސް އަހަރެންނަށް އެނގުނު އެއީ އަހަރެމެންގެ އަދީމާއި ޝަހާކަން.. އެމީހުން ތިބިލެއް ގާތްކަމުން އެތާ ހުންނަން ނުކެރިގެން ދޮރުލައްޕާފަ މިއައީ އަވަހަށް.. " ރާފިގު އޭނާއަށް ފެނުނު މަންޒަރު ކިޔައިދެމުން ބުންޏެވެ.

" ރާފިގު ދައްކާ ވާހަކަ.. އަހަރެމެންގެ އަދީމަކީ އެކަހަލަ ކުއްޖެއްނޫން.. އަދި ޝަހާވެސް އެއީ ނުލާހިކު އަހްލާޤު ރަނގަޅު ކުއްޖެއް.. ތި ވާނީ ރާފިގަށް ހީވި ގޮތެއް ކަމަށް.." ކައުސަރު ރާފިގު ދެއްކި ވާހަކައާ ދެކޮޅު ހެދިއެވެ.

" އަހަރެންނަށް އޭރުވެސް އެނގޭ ކައުސަރު ގަބޫލެއް ނުކުރާނެ ކަން.. އަހަރެންނަށްވެސް އެނގޭ އެދެކުދިން އެއީ އަހްލާގު ރަނގަޅު ދެކުދިންކަން. އެކަމަކު ލޯތްބަކީ ކިތަންމެ ރަނގަޅު އިންސާނެއްވެސް ބަލިކަށި ކޮށްލާ އެއްޗެއް... އަހަރެންނަށް މިފަސް އިނގިލިހާ ޔަގީން އެއީ އަދީމާއި ޝަހާކަން.." ރާފިގު ބުންޏެވެ.

" އަނެއްހެން ބުނަންޏާ އަދީމާއި ޝަހާ ނުހަނު ގުޅޭ.. އެކަމަކު ކިތަންމެ ލޯބިވިޔަސް ތިކަހަލަ ކަންތައްތަކަކީ އަހަރެން އެހާ ހިތްހަމަޖެހޭ ކަންތައްތަކެއް ނޫން.. އަދީމް ޝަހާއާ އިންނަން ބޭނުމިއްޔާ ހަމަ އިންނަންވީ.. ޝަހާ ކަހަލަ ޅީދަރިއެއް ލިބުން އެއީ އަހަރުމެންގެ ނަސީބުކަމަށް އަހަރެން ދެކޭނީ.." ކައުސަރު ބުންޏެވެ.

******************

އުޅެއުޅެވެސް ޝަހާއަކަށް ނުނިދުނެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ މީގެ އިރުކޮޅެއް ކުރިން ހިނގައިދިޔަ ކަންތައްތަކެވެ. އަދީމާއި ދޭތެރޭ އެގޮތަށް ކަންތައްކުރެވުނީތީ ޝަހާ ދެރައެއް ނުވެއެވެ. އޭނާ ކަންތައްކުރީ އެވަގުތު އޭނާއަށް ކަންތައް ކުރަން ފެނުނު އެންމެ ރަނގަޅަކަށެވެ. އެކަމަކު އަދީމްވެސް ބުނީ ދޮގެއް ނޫނެވެ. އެގޮތަށް ކޮއްޕާލުމުގެ ބަދަލުގައި ރީތިކޮށް ބުނެވުނީހެވެ. އެކަމަކު އެވަގުތު އޭނާގެ ސިކުނޑި އެވަރަށް މަސައްކަތް ނުކުރީވެސް ހަމަ އަދީމާ ހެދިއެވެ. އެހެންކަމަކާ ހެދިވެސް ޝަހާގެ ހިތާއި ސިކުނޑި ދިޔައީ ވަރުގަދަ ހަނގުރާމައެއް ކުރަމުންނެވެ. އަދީމަށް އޭނާގެ އިހުސާސްތައް އެނގުން އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ނަމަވެސް އަދީމް އެކަން ޝަހާގެ ދުލުން ބުނުއްވަން އެއުޅެނީ ކީއްވެ ހެއްޔެވެ؟ އަދީމް ޝަހާ އާ އެހާ ކައިރިވާން ބޭނުންވާ ސަބަބަކީ ކޮބާ ހެއްޔެވެ؟ އަދީމްގެ ދެލޮލުން ޝަހާއަށް ބަލައިލާ އިރު ހާއްސަ ގޮތެއް ޝަހާއަށް އިހުސާސްވަނީ ކީއްވެ ހެއްޔެވެ؟ އަދީމްގެ އިހުސާސްތައް ވެސް ހުރީ ޝަހާ ފަދައިން ހެއްޔެވެ؟ އަދީމްވެސް ޝަހާ ދެކެ ލޯބިވަނީ ހެއްޔެވެ؟ މިފަދަ ސުވާލުތަކަކުން ޝަހާގެ ސިކުނޑީގައި ވަނީ ބޮޑު ހައިޖާނުގަނޑެއް އުފެދިފައެވެ. އެކަމާ ހެދި ޝަހާ މުޅި ރޭގެ ނިދިން މަހުރޫމް ވީއެވެ. ފަތިސް ނަމާދުކޮށްލުމަށްފަހު ދުވަން ދާނެހާ ހިތްވަރެއް ޝަހާއަކަށް ނުލިބުނެވެ. ހުކުރު ދުވަސް ކަމުން މަލާކަށްވެސް ގޮވަން ނުހަދާ އަލުން އެނދަށް އަރާ ޝަހާ ނިދީއެވެ.

****************

ސޯފާ ގޮނޑީގައި ކައިވެންޏަށް އަންނަ މެހެމާނުންގެ ލިސްޓެއް ހަދަން ކައުސަރު އިނެވެ. ކައުސަރުގެ އިރުޝާދާ އެއްގޮތަށް ކަމީލާ ފަހަރަކު ކާޑެއްގައި ނަން ލިޔަމުން ދިޔައެވެ. ކަމީލާއަކީ ލިޔުމުގެ ރޮނގުން ހާއްސަ ހުނަރެއް ލިބިފައިވާ ކުއްޖެކެވެ. ގަލަމުން ލިޔެލާފައި ހުންނައިރު އެއީ އަތު ލިޔުމެކޭ ނުބުނާނެއެވެ. އެހާވެސް ކަމީލާގެ އަތުގެ ލިޔުން ރީއްޗެވެ. ކައުސަރު ކައިރީގައި އިން ރާފިގު ދޭއްގެ ހަބަރު ބަލަން އިނެވެ. ކާމޭޒު ކައިރީގައި ފާތިކާއި އަދީމް ކާން އިނެވެ.

ކައި ނިންމާލުމަށްފަހު އަދީމް އައިސް އަނެއްފަރާތުން ކައުސަރު ކައިރީގައި އިށީނެވެ. އެއްފައި އަނެއްފައި މައްޗަށް ލަމުން އަދީމް ކައުސަރު ކަރުގައި އަތް އަޅުވައިލިއެވެ.

" މަންމާ އަހަރެން ވަރަށް މުހިންމު ވާހަކައެއް ދައްކަން ބޭނުން..." އަދީމް ބުންޏެވެ. އެވަގުތު ކައުސަރަށް ބަލައިލެވުނީ ކައިރިގައި އިން ރާފިގަށެވެ. ރާފިގު ކައުސަރާ ދިމާލަށް ބަލައިލަމުން  ނިތް އަރުވައިލިއެވެ. އެދައްކަން އުޅޭ ވާހަކައެއް އޭނާއަށް މާކުރިން އެނގޭ ފަދައެވެ.

" ކޮންވާހަކައެއް.. އަވަހަށް ދައްބަލަ މަންމަމެން މިތިބީ އަޑުއަހަން.." ކައުސަރު ބުންޏެވެ. ވާހަކަ ދައްކަން ފެށުމުގެ ކުރިން އަދީމް ފުންނޭވައެއް ދޫކޮށްލިއެވެ. އޭނާ ދައްކާ ވާހަކައިގެ ސަބަބުން ކައުސަރު ދެރަވާނެކަން އެނގެއެވެ. އެހެންނަމަވެސް އެވާހަކަ ދެއްކުން އޭނާއަށް މަޖުބޫރެވެ.

" މަންމާ.. މިކޮޅު ހޮސްޕިޓަލުން އަހަރެންނަށް އިނީ ވަޒީފާ ހަމަޖެހިފަ.. އެހެންވެ.. އަހަރެން ބޭނުމީ ދޮންބެމެން ކައިރީގައި މިތާނގައި މަޑުކުރަން.. އެކަމަކު އެއީ މަންމަމެން ހުއްދަ ދީފިއްޔާ..." އަދީމް ޖެހިލުންވެ އިނދެ ބުންޏެވެ.

" ދަރިފުޅުމެންނަށް ފެންނަ އެންމެ ރަނގަޅަކަށް ކަންތައް ކުރީމަ ރަނގަޅުވާނެ.. މަންމަގެ އެއްވެސް ޝަކުވާއެއް ނެތް.. ދަރިފުޅުމެން ކޮންމެތާކު ތިއްބަސް ކުރިންވެސް ބުނިހެން މަންމަގެ ހެޔޮ ދުޢާ ތިކުދިންނާއެކު ވާނެ... " ކައުސަރު ހިނިތުންވެލަމުން ބުންޏެވެ. އެހިނިތުންވުން ފެނި އަދީމަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ.

" އަނެއްކާ ކިހިނެއްވީ ކުއްލިއަކަށް މިރަށައް ބަދަލުވާން ބޭނުންވީ..؟" ރާފިގު އަހައިލިއެވެ. ރާފިގު އަދީމްގެ ފަރާތުން ވަކި ޖަވާބެއް ބޭނުންވެގެން އުޅޭ ފަދައެވެ. ކައުސަރު ދެފަރާތަކަށް ބޯހޫރައިލަމުން ރާފިގަށް ބަލައިލިއެވެ.

" ކުއްލިއަކަށް ނޫން ބޭބޭ.. އަސްލު ރާއްޖެއަށް އައި އިރުވެސް ވަޒީފާ އޮތީ ހަމަޖެހިފަ.. ދޮންބެ މިރަށައް ބަދަލުވާތީ އަހަރެންވެސް ބަދަލުވާ ވާހަކަ ބުނަން ނުކެރިފަ ހުރީ.." އަދީމް ބުންޏެވެ. މިފަހަރު ރާފިގަށް ބަލައިލުމަށްފަހު ނިތް އަރުވައިލީ ކައުސަރެވެ. ރާފިގަށް އެހީވެގެން އުޅެނީ ނުބައި ހިޔެއްކަން އަންގައި ދިނުމުގެ ގޮތުންނެވެ.

" މަންމާ ކައްމިވެސް ބޭނުން ވާހަކައެއް ބުނަން.." އެވީހާއިރު މަޑުމަޑުން އިން ކަމީލާ ބުންޏެވެ.

" ކިހިނެއްވީ.. ކައްމިވެސް ދޮންބެއާއި ތިއްތި ކައިރީގައި މަޑުކުރަން ބޭނުންވަނީތަ؟" ކައުސަރު އަހައިލިއެވެ. ކަމީލާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އޭނާ ބުނަން އުޅޭ އެއްޗެއް އެހާ އަވަހަށް ކައުސަރަށް އެނގުމުންނެވެ.

" ކިހިނެއް މަންމައަށް އެނގުނީ؟" ކަމީލާ އަހައިލިއެވެ. ކައުސަރާއި ރާފިގު އެކަކު އަނެކަކަށް ބަލައިލިއެވެ. ކައުސަރުގެ އެބެލުމައިގައިވީ ނުތަނަވަސްކަން ރާފިގަށް ނަގައިގަނެވުނެވެ.

" ކައްމި ކީއްކުރަން މިކޮޅުގަ މަޑުކުރަނީ؟" ކައިގެން ކޮޓަރިއަށް ވަންނަން ދިޔަ ފާތިކް އެމީހުން ކައިރިއަށް ހުއްޓެމުން އަހައިލިއެވެ.

" މިރަށުގަ އެބަ ހިންގާ ވަރަށް ބެސްޓް ގްރެފިކްސް ޑިޒައިނިންގް ކޯހެއް.. ކައްމި ބޭނުން ބައިވެރިވާން.." އަސްލު ސަބަބު ހިތުގައި ފޮރުވަމުން ކަމީލާ ބުންޏެވެ.

" ކައްމި ކޮންއިރަކު ކިޔަވާހިތްވީ.. ބުނީމެއްނު ދެން ބޭނުންވަނީ ޕްރިންސް ޗާމިންގްއާ މެރީ ކުރާށޭ.." ކަމީލާ ބޮލުގައި ޖަހައިލަމުން އަދީމް ބުންޏެވެ.

" ކައްމިއަށް ގްރެފިކްސް ޑިޒައިނިންގް ކޯހެއް ހެދޭނެއްނު މާލެ ދިޔަސް.. " ފާތިކް ބުންޏެވެ.

" އެއީ މައްސަލައެއް ނޫނޭ ދަރިފުޅާ.. ކައްމިވެސް ބޭނުމިއްޔާ މިކޮޅުގަ މަޑުކުރޭ.. " ކައުސަރު އެހެން ބުނީ ހިތާ ދެކޮޅަށެވެ. އިތުރު މީހަކަށް ވާހަކަ ދައްކަން ފުރުސަތެއް ނުދީ ކައުސަރު ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ތިން ކުދިން އެކަކު އަނެކަކަށް ބަލައިލީ ކައުސަރު ދެރަވީކަން އެނގުމުންނެވެ.

" ތިކުދިން ހާސްނުވޭ.. ބޭބެ މަންމަ އާ ވާހަކަ ދައްކާނަން..." އިންތަނުން ތެދުވަމުން ރާފިގު ބުންޏެވެ. އެއަށްފަހު އޭނާވެސް ގޮސް ކޮޓަރިއަށް ވަނެވެ.

***************************

އިއުފާ ދެއްކި ވާހަކަތަކާ މެދު ޝެރީން ވަރަށް ވިސްނިއެވެ. އެކި ގޮތްގޮތުން ވިސްނުމަށްފަހު ހިތްމަތީ ހިލަގަނޑެއް ބާއްވަފައި ނަމަވެސް އޭނާ ނިންމީ ޖައިލަމް ކައިރިން ވަރި ވުމަށެވެ. ވަރިވާން ވިސްނާ ވާހަކަ އެންމެ ފުރަތަމަ ޝެރީން ހިއްސާކުރީ އާޒިފާއެވެ. އިއުފާ އެކޭ އެއްގޮތަށް އާޒިފްވެސް ވީހާވެސް އަވަހަކަށް އެގޮތަށް ކަންތައް ކުރުމަށް ޝެރީންއަށް ނަސޭހަތްތެރިވިއެވެ. ވަރިވާން ނިންމި ވާހަކަ އިއުފާ ކައިރީގައި ބުނުމުން އިއުފާ ހުރީ އިންތިހާއަށް އުފަލުންނެވެ. ނަމަވެސް އެކަން ޝެރީންގެ ކުރިމަތީގައި ފާޅުނުކުރީ ކުރަން އެއުޅޭ ކަމަކީ ޝެރީންއަށް ފަސޭހަ ކަމަކަށް ނުވާނެކަން އިހުސާސްކުރެވޭތީއެވެ. މާލަސްކޮށްފިނަމަ ވިސްނުން ބަދަލުވެދާނެތީ ޝެރީން ވީ އެންމެ އަވަހަކަށް ފޯމު ފުރާފައި ކޯޓަށްލިއެވެ. ޝެރީން ވަރިވާން އުޅޭކަން ޖައިލަމްއަށް އެނގޭ ހިނދު އޭނާ ވަރަށް ދެރަވާނެ ކަން ޝެރީންއަށް އެނގެއެވެ. ނަމަވެސް މި ނޫން ގޮތެއް އޭނާއަށް ނެތީއެވެ.

*********************

ދެތިން ދުވަސް ފާއިތުވެގެން ދިޔައިރުވެސް ޝަހާ އުޅުނީ ކައިވެނީގެ ކަންތަކާ ވަރަށް ބުރަކޮށެވެ. އެންމެ ބޮޑު ސަމާލުކަމެއް ދީގެން އޭނާ ކުރަމުން އައި ކަމަކީ މައިރާ އާއި ފާތިކްގެ ކައިވެނީގެ ހެދުން ފެހުމެވެ.  ޝަހާ ބޭނުންވީ އެންމެ ގާތް އެކުވެރިޔާގެ ކައިވެނި ހެދުމަކީ އޭނާ ފަހާ އެންމެ ހާއްސަ ހެދުން ކަމުގައި ވުމަށެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި އެކި ގޮތްގޮތުން އަދީމާ ވާހަކަ ދައްކަން ޝަހާ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އަދީމް ޝަހާ އެއީ ހުންނަ މީހެއް ކަމަށްވެސް ނުހަދައެވެ. އޭނާއަށް ޝަހާ ނުވެސް ފެންނަ ކަހަލައެވެ. ކިތަންމެ ފަހަރަކު ހިތްދަތިވެގެން ޝަހާއަށް ރޮވެއެވެ. އަދީމްހުރީ އަދިވެސް އޭނާ ދެކެ ރުޅިއައިސްފައިކަން އިހުސާސްވާ ކޮންމެ ފަހަރަކު ޝަހާގެ ހިތަށް އިންތިހާއަށް އަސަރުކުރެއެވެ.

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ކައިވެންޏަށް އޮތީ އެންމެ ދެ ދުވަހެވެ. ކައުސަރުމެންގެ ގެއަށް ޝަހާ ދިޔައީ ފާތިކްގެ ޓަކްސީޑޯގެ މިން ނެގުމަށެވެ. ގެއަށް ވަންގޮތަށް އެންމެ ފުރަތަމަވެސް ޝަހާގެ ދެލޯ ހޯދައިލީ އަދީމެވެ. އެއްވެސް ދިމާލަކުން އަދީމް ނުފެނުމުން ޝަހާ މާޔޫސްވިއެވެ. ފާތިކްގެ މިން ނަގަމުން ދިޔަ ޝަހާ އިރުއިރުކޮޅާ ގޭގެ އެކި އެކި ދިމާ ހޯދައިލަނި އަދީމް ފެނޭތޯއެވެ. ޝަހާގެ ކޮންމެ ހަރަކާތަކަށް ސަމާލުވެ ހުރި ރާފިގު ކައުސަރަށް އެމަންޒަރު ދައްކައިލިއެވެ. މިފަހަރު ކައުސަރަށްވެސް ޝަހާގެ ބެލުންތައް ފާހަގަވިއެވެ. ރާފިގާ ދިމާލަށް ބަލައިލިއިރު ކައުސަރަށް ހެވިއްޖެއެވެ.

" ކޮބާ އަހަރެން ނުބުނަންތަ؟" ކައުސަރުގެ ކަންފަތް ދޮށުގައި މަޑުމަޑުން ރާފިގު ބުނެލިއެވެ.

" އަދީމް ނުފެނިގެން އެމަންޖެ ތެޅޭވަރު ބަލައިލަބަލަ" ރާފިގުގެ ވާހަކައަށް އެއްބަސްވަމުން ކައުސަރު ބޯޖަހައިލިއެވެ.

" ނެތްތަ ނޯޓުފޮތެއް އަހަރެން ހަނދާން ނެތި ގޭގަ ފޮތްބާއްވާފައި އާދެވުނީ.." ޝަހާ ބުންޏެވެ.

" ކައްމ...." ކައުސަރު އުޅުނީ ކަމީލާއަށް ގޮވާށެވެ. ނަމަވެސް އޭގެ ކުރިން ރާފިގު ވާހަކަ ދައްކަން ފެށިއެވެ.

" ނޯޓު ފޮތެއް އޮންނާނެ އަދީމްގެ ކޮޓަރީގަ.. ދޭބަލަ ޝަހާ ގޮސް ހިފައިގެން އަންނަން.." ރާފިގު ބުންޏެވެ. ކައުސަރަށް ދެލޯ ބޮޑުކޮށްލަމުން ރާފިގާ ދިމާލަށް ބަލައިލެވުނެވެ. ފުރުސަތަކަށް ބަލަބަލާ ހުރި ޝަހާގެ ހިތް އުފަލުން ނަށައިލިއެވެ. ބޯޖަހައިލަމުން ޝަހާ އަވަސް ހިނގުމެއްގައި ގޮސް އަދީމްގެ ކޮޓަރިއަށް ވަނެވެ. އެވަގުތު ފާތިކަށް ފޯނެއް އައުމުން އޭނާ އެއްކައިރިއަށް ޖެހިލިއެވެ.

" ސާބަސް ރާފިގަށް... ޝަހާ ހިތަށް އަރާނީ ކީކޭ؟ ހަމަ ފާތިކަށްވެސް ނޫނީ އަހަރުމެން މީހަކަށްވެސް ގޮސް ފޮތެއް ހިފައިގެން އާދެވުނީހެއްނު.." ހަމައެކަނި ރާފިގަށް އިވޭވަރަށް ކައުސަރު ބުންޏެވެ.

" ޝަހާ އެއްވެސް އެއްޗެއް ހިތަށް ނާރާނެކަން އަހަރެންނަށް ޔަގީން.. ކައުސަރަކަށް ނުފެނޭތަ އެހެން ބުނީމަ އެކުއްޖާގެ މޫނުމަތި އަލިވެގެން ދިޔަ ވަރު.. ދުވަމުން ކަހަލަ ގޮތަކަށް ގޮސް އެކޮޓަރިއަށް އެވަނީ.. " ރާފިގު ބުންޏެވެ. ކައުސަރު ދެފަރާތަކަށް ބޯހޫރައިލަމުން ހިނިތުންވެލީ ރާފިގުގެ ލާނެތްކަން ހިތަށް އަރާފައެވެ.

***************

ޓަކިޖަހައިލުމެއްވެސް ނެތި އަދީމްގެ ކޮޓަރިއަށް ވަދެވުމުން ޝަހާ ދެރަވިއެވެ. އަދީމް ފެންނަން ނެތްކަން ނަސީބެކޭ ހިތަށް އެރިއެވެ. ފާހާނައިން މާގަނޑު ދޫކޮށްލާފައި ހުރި އަޑުއިވުމުން އަދީމް އުޅެނީ ފާހާނައިގައިކަން ޝަހާއަށް އެނގުނެވެ. މޭޒުމަތީގައި އޮތް ފޮތް ހިފައިގެން އަވަހަށް ނިކުންނަން އުޅުނު ވަގުތު އެނދުމަތީގައި ހުޅުވާފައިހުރި އަދީމްގެ ލެޕްޓޮޕް ޝަހާގެ ލޮލުގައި އަޅައިގަތެވެ. އޭގެ ސްކްރީނުން ފެންނަމުން ދިޔަ ފޮޓޯއަށް ޝަހާ ތަންކޮޅެއް ގާތްވެލާފައިވާ ބަލައިލީ ހީވާހީވުން ޔަގީނަށް ބަދަލުކުރުމުގެ ގޮތުންނެވެ. ލެޕްޓޮޕްގެ ސްކްރީންގައި އިނީ ހިތެއްގެ ތެރެއަށް ލާފައި އިން އެސް އަކުރެކެވެ. ޝަހާއަށް އުފަލުން ނަށައިލެވުނީ އޭނާއަށް ކުރެވެމުން އައި ޝައްކު ޔަގީނަށް ބަދަލުވުމުންނެވެ. އަދީމް ލޯބިވަނީ އޭނާ ދެކެ ކަން ޝަހާއަށް ޔަގީންވެއްޖެއެވެ. އަދީމް ނިކުތުމުގެ ކުރިން ކޮޓަރިން ނިކުންނަން ޝަހާ އަވަސްވެގަތެވެ. ނަމަވެސް ހިތަށް އެރި އެއްޗަކުން އޭނާ ހުއްޓުނެވެ.

***************************

އަދީމް ފާހާނައިން ނިކުތުމަށްފަހު ލޯގަނޑު ކައިރިއަށް ހުއްޓި އިސްތަށިގަނޑު ރީތިކޮށްލިއެވެ. އޭނާ ތައްޔާރު ވަމުން ދިޔައީ ހުސެން އާ ބައްދަލުކޮށްލަން ދިއުމަށެވެ. ކޮޓަރިން ނިކުތުމުގެ ކުރިން ހުޅުވިފައި ހުރި ލެޕްޓޮޕް ލައްޕާލާފައި އެއްކައިރިކޮށްލަން އުޅުނު ވަގުތު އެނދުމަތީގައި އޮތް ކަރުދާސް ގަނޑެއް ލޮލުގައި އަޅައިގަތެވެ.

" އައި އެމް ވެރީ ސޮރީ އަދީމް.. -ޝަހާ " އެގަނޑުގައި އޮތް އެއްޗެއް އަދީމް ކިޔައިލުމާއެކު އޭނާގެ ތުންފަތްމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. ހަޤީގަތަކީ އެރޭގެ އެވަގުތު އޭނާއަށް ޝަހާދެކެ ރުޅި އާދެވުނު ނަމަވެސް ފަހުން އޭނާގެ ކުށް އޭނާއަށް އިހުސާސްވިކަމެވެ. ޝަހާއަކީ ކިހާ މާތް ކުއްޖެއްކަން އިހުސާސްވެ އޭނާ ކައިރިން މައާފަށް އެދެން އަދީމް ބޭނުންވިކަމެވެ. ނަމަވެސް އެރެއަށްފަހު ޝަހާއާ ކުރުމަތިލާނެހާ ހިތްވަރެއް އަދީމަކަށް ނުލިބުނެވެ. ޝަހާ ފެންނަފަށުގައި ހުންނަންވެސް އޭނާއަށް ނުކެރެނީއެވެ.

-ނުނިމޭ-

Ads by Ooredoo
  1. ހަސަނު

    ވާހަކަ ވަރަށް ރީތި އިނގޭ ސުކުރިއްޔާ

  2. ެއައިންތު

    ނަލަ❤