ރިސޯޓުން އުކާލި ކުނި އަނބުރާ ރިސޯޓަށް ގެންދިޔުމުން ވަޒީފާއިން ވަކިކޮށްފި، ގިނަ ބައެއްގެ ތައުރީފު އިގްބާލަށް!

ރާއްޖޭގައި ހިންގަމުން އަންނަ ރިސޯޓެއްކަމުގައިވާ އެމަރޑް ރިސޯޓް އެންޑް ސްޕާއިން ކަނޑަށް އަޅާލި ގިނަ އަދަދެއްގެ ކުނިތަކެއް ހޮވައިގެން އަނބުރާ ގެންގޮސް ރިސޯޓްގެ ރިޝެޕްޝަނުގައި ބެހެއްޓުމުން ވަޒީފާއިން ވަކިކޮށްފައިވާކަމަށް އެރިސޯޓްގެ ޑައިވަރެއްގެ ވަޒީފާ އަދާކުރި އިގްބާލް ބުނެފިއެވެ.
އިގްބާލްގެ ފޭސްބުކްގައި ހިނިތުންވެ ހުރެ ނަގައިފައިވާ ފޮޓޯއަކާ އެކު ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އެމަރލްޑްގެ އަގުބޮޑު ޕްރޮޕަޓީގެ ވަޒީފާއިން އޭނާ ވަކިކުރި ނަމަވެސް އޭނާއާއި ކަނޑާ އޮންނަ ގުޅުން ކަނޑާ ނުލެވޭނެކަމަށެވެ.
"ގުޑް ބާއި އެމަރލްޑް. މިއަދު އަހަރެން މި އަގުބޮޑު ޕްރޮޕަޓީގެ ވަޒީފާއިން ކަނޑާލި ނަމަވެސް އަހަންނާއި ކަނޑާ އޮންނަ ގުޅުން ކަނޑައެއް ނުލެވޭނެ. އަހަރެން މިތަނުން މިދަނީ އުފަލުން ހުރެ." އިގްބާލްގެ ފޭސްބުކް ޕޯސްޓްގައި ބުނެފައިވެއެވެ.
އިގްބާލް ބުނީ ކަނޑަށް ކުނި އެޅުމަކީ އެ ރިސޯޓުން ކޮންމެ ދުވަހަކު ވެސް އަމަލު ކުރަމުން އަންނަ ގޮތް ކަމަށާއި ރިސޯޓުގައި އުފެދޭ ހުރިހާ ކުންޏެއް ކަހަލަ ގޮތަކަށް ގޮސް އަޅައިލަނީ ކަނޑަށް ކަމަށެވެ.
އިގުބާލާ އެކު މަސައްކަތް ކުރާ ބައެއް އެހެން މުއައްޒަފުންނާ އެކު ގޮސް އެރިސޯޓުން ކަނޑަށް އުކާލި ކުނިތައް ނަގައިފައި ވަނީ 20 މީޓަރާއި 25 މީޓަރު އަޑިން ކަމަށާއި އެ ކުނިތައް ހުރީ ރ. އަތޮޅުގެ މަޝްހޫރު ޑައިވް ޕޮއިންޓެއް ކަމަށްވާ "މާފަރު ކޭވް" ނަމަކަށް ކިޔާ ޕޮއިންޓެއްގައި ކަމަށް ވެސް އިގުބާލް ވަނީ ބުނެފައެވެ.
އިގްބާލްގެ މި މަސައްކަތަކީ ޝުކުރު ހައްގު މަސައްކަތެއް ކަމަށް ބުނެ ގިނަބަޔަކު ދަނީ ޝޯޝަލް މީޑިޔާގައި އޭނާއަށް ތައުރީފު ކުރަމުންނެވެ.







ކޮމެންޓް