ކޮމިޓީން ބަލާތީ، ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ މަޖިލީހުން ތާވަލެއް ނުކުރި

ގަލޮޅު މަދަރުސާގައި އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލަ އެޖެންޑާ ނުކުރަން ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ނިންމައިފިއެވެ.
މިގޮތަށް ރިޔާސަތުން ނިންމައިފައި ވަނީ، އެ މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބަލަމުން އަންނާތީއެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހަޅައިފައި ވަނީ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމެވެ. އެ މައްސަލަ ގައި ޝިޔާމް ހުށަހަޅުއްވައިފައި ވަނީ، ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގައި ސުކޫލުތަކުގައި ދަރިވަރުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ސަރުކާރަށް ގޮވާލުމަށެވެ.
މިއަދުގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުﷲ ވިދާޅުވީ، މަޖިލީހަށް މިމައްސަލަ ހުށަހެޅުނުއިރުގައި ވެސް މައްސަލަ ކޮމިޓީން ދިރާސާ ކުރަމުން އަންނަ ކަމަށެވެ. އަދި މަޖިލީހުގެ ޤަވާއިދުގައިވާގޮތުން، ކޮމިޓީއެއްގައި ބަލާ، ދިރާސާ ކުރަމުން އަންނަ މައްސަލައެއް، މަޖިލީހަށް ހުށަނޭޅޭނެ ކަމަށާއި މިހެންކަމުން މައްސަލަ ތާވަލް ނުކުރަން ނިންމަވައިފައިވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެ މައްސަލަ ކޮމިޓީން ބަލަމުންދާނެކަމަށް އީވާ ވިދާޅުވިއެވެ.
ހަތަރު އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައި ވަނީ، ގަލޮޅު މަދަރުސާގެ މަސައްކަތުގެ މީހެއްގެ ފަރާތުންނެވެ. މިމައްސަލައިގައި އެ ސްކޫލުގެ ހުރިހާ މަސައްކަތުގެ މީހުން މަޤާމުގެ މަސްއޫލިއްޔަތުތަކުން ވަނީ ދުރުކޮށްފައެވެ.