ޚަބަރު ރައްޔިތުންގެ މަޖިލިސް

އެމްއެންޕީއަށް ބަޖެޓުން ފެނުނީ ކަންބޮޑުވުން، ތަފާތުކުރުން އެބައޮތް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް

2022ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ ޖުމްލަގޮތެއްގައި ކަންބޮޑުވުން ހުރި ބަޖެޓެއް ކަމަށާއި ބަޖެޓު އެކުލަވައިލިއިރު ސަރުކާރުން ރާއްޖޭގެ އެކި ދާއިރާތަކާ މެދު ވަރަށް ބޮޑަށް ތަފާތުކުރުން ގެންގުޅެފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ އިންތިގާލީ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތް ބަޖެޓު ބަހުސްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ 2022 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅައިފައިވާ ބަޖެޓުގައި ވިސްނާލަން ޖެހޭ ގިނަ ކަންތައްތަކެއް ހުރިކަމަށެވެ. ތަފްސީލީ ގޮތެއްގައި ނާޒިމް ވަނީ ވަކިވަކި ކަންކަމަށް އަލިއަޅުއްވައިލައްވައިފައެވެ.

ދަނގެތީ ދާއިރާއަށް ތަފާތުކުރުން

"އަޅުގަނޑު ގަބޫލުކުރާ ގޮތުގަ އަޅުގަނޑުމެންގެ ދާއިރާއަށް، ދަނގެތި ދާއިރާއަށް މިބަޖެޓުން ވަރަށް ބޮޑު އިހުމާލުތަކެއް ވެފަ ހުރިކަން ފާހަގަކުރަން. ވޭތުވެދިޔަ ތިން އަހަރަށް ބަލާއިރުގަ ވަރަށް ބޮޑެތި ތަފާތުކުރުންތަކެއް އަޅުގަނޑުގެ ދާއިރާއާއި އެހެން ދާއިރާތަކުގައި ހުރިކަން އަޅުގަނޑު ފާހަގަކުރަން" ނާޒިމް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ތިން އަހަރުވެސް ދަނގެތީ ދާއިރާގެ ފަސް ރަށުގައި ވެސް މާގިނަ މަސައްކަތްތަކެއް ކުރެވިފައިނުވާ ކަމަށާއި އެހެން ބައެއް ދާއިރާތަކާ އަޅާ ބަލާއިރު ދަނގެތީ ދާއިރާއަށް 2022 ވަނަ އަހަރުގެ ބަޖެޓުގައި ވެސް މާގިނަ ކަންކަން ކުރުމަށް ފައިސާ ހިމަނައިފައި ނުވާކަމަށް ނާޒިމް ވިދާޅުވިއެވެ. ދިގުރަށަކީ ރިޒޯޓަކަށް ވުރެ ގިނައިން އާމްދަނީ ލިބޭ ރަށެއްކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ އެރަށުގައި ފެނާއި ނަރުދަމާ ނެތްއިރު އަދިވެސް އެކަން ނުކުރެވިވާ ކަމަށެވެ. ދިގުރަށުގެ ކައުންސިލް މެމްބަރު ރައީސް ޞާލިހުގެ އަރިހުގައި ބަނދަރު ތަރައްގީކުރުމަށް އެދިވަޑައިގެންނެވުމުން އެކަން ކޮށްދެއްވާނެކަމަށް ވިދާޅުވި ނަމަވެސް ބަޖެޓުގައި ހިމަނައިފައި ވަނީ ވަރަށް ކުޑަ އަދަދެއްކަމަށް ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ދަނގެތީގެ ހާލަތަށް އަލިއަޅުއްވައިލައްވަމުން މެމްބަރު ވިދާޅުވީ މިދިޔަ ތިން އަހަރު މިސްކިތެއް އެޅުން ފިޔަވައި އިތުރު އެއްވެސްކަމެއް ދަނގެއްޗަށް ކޮށްދެވިފައި ނުވާކަމަށެވެ. އޮމަދޫގައި ވެސް ސަރުކާރުގެ އެއްވެސް މަޝްރޫއެއް ހިނގައިފައި ނުވާކަމަށް މެމްބަރު ވިދާޅުވިއެވެ. ދިއްދޫއަކީ އާބާދީ ކުޑަ ރަށެއް ނަމަވެސް މިސަރުކާރުގެ ޖަޒީރާ ސިޔާސަތުގެ ތެރެއިން އެރަށުގައި ވެސް މަޝްރޫއުތަކެއް ހިންގަން ޖެހޭކަމަށް ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑު ސަރުކާރަށް ގޮވާލަން ތަފާތުކުރުމެއް ނެތި ކޮންމެ ރަށަކަށް ވެސް އެ ރަށުގެ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމަށް ސަމާލުކަން ދެއްވުމަށް" ނާޒިމް ވިދާޅުވިއެވެ.

ކުޅުދުއްފުއްޓަކީ ނަމެއްގައި ސިޓީއެއް، ކަމެއް ނުވޭ

ވޭތުވެދިޔަ ދެތިން ދުވަހުގެ ތެރޭގައި އެމްއެންޕީން ރާއްޖޭގެ ބައެއް ރަށްތަކަށް ކުރި ދަތުރުތަކުގައި ފާހަގަވި ކަންކަމާއި ރައްޔިތުން ފާޅުކުރި ބައެއް ކަންބޮޑުވުންތައް މެމްބަރު ނާޒިމް ހިއްސާކުރެއްވިއެވެ. އެގޮތުން ސިޓީއެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ކުޅުދުއްފުށީ ސިޓީއަށް އެމްއެންޕީން ޒިޔާރަތް ކުރިއިރު އެތަނުގެ ހާލަތު ވަރަށް ދަށްކަން ފާހަގަކުރެވުނުކަމަށް ނާޒިމް ވިދާޅުވިއެވެ. އެ ރަށުގައި މަސްވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބަނދަރުގައި އައިސް ޕްލާންޓެއް ނެތުން ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ކައިރި ގިނަ ރަށްރަށުން ސިއްހީ ފަރުވާ ހޯދުމަށް ކުޅުދުއްފުއްޓަށް މީހުން ޒިޔާރަތް ކުރި ނަމަވެސް އެ ރަށު ހޮސްޕިޓަލުގައި ގިނަ މައްސަލަތަކެއް ހުރިކަން މެމްބަރު ފާހަގަކުރެއްވިއެވެ.

"ވަރަށް ގިނަ ޝަކުވާތައް އަޅުގަނޑުމެންނަށް ލިބުނު. މިބަޖެޓުގަ ޓާޝަރީ ހޮސްޕިޓަލެއް ބިނާކޮށް ނިންމުމަށް ހިމަނައިފައި ވިޔަސް ވޭތުވެދިޔަ ތިން އަހަރަށް ބަލާލާއިރުގަ އެންމެ އެކަށޭނަ ގޮތެއްގައި އެތަން ތަރައްގީކޮށް ހިންގިފައިވާ ކަމަކަށް ގަބޫލެއް ނުކުރެވޭ" ކުޅުދުއްފުށީ ސިއްހީ ހިދުމަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވިއެވެ.

ކުޅުދުއްފުށީގެ ހިދުމަތްތައް ނާޒިމް ސިފަކުރެއްވީ މީގެ 20 ނުވަތަ 30 އަހަރު ކުރިން މާލެ އޮތް ހާލަތަށެވެ. ސިޓީއެއްގެ ގޮތުގައި އޮތީ ހަމައެކަނި ނަން ކަމަށާއި ކަން އެއްވެސް ވަރަކަށް ވެފައިވާކަން ފާހަގަނުކުރެވޭކަމަށް ނާޒިމް ވިދާޅުވިއެވެ. އެހެންކަމުން އެމްއެންޕީގެ ފަރާތުން ނާޒިމް ވަނީ ސަރުކާރަށް މިކަންކަން އިސްލާހުކުރުމަށް ގޮވާލައްވައިފައެވެ.

ދިއްދޫގެ ހާލަތު ވެސް ނާޒިމް ހިއްސާކުރެއްވިއެވެ. އެގޮތުން ވިދާޅުވީ ރަށުގައި ފެންބޮޑުވުމާ އެކު ރައްޔިތުންނަށް ނޫޅެވޭވަރަށް އެކަމުގެ އުނދަގޫ ބޮޑުވެފައިވާކަމަށް ވިދާޅުވިއެވެ. ކައިރި ގިނަ ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ހިންގާ މިންވަރާ އަޅާ ބަލާއިރު ދިއްދޫގައި މާބޮޑު މަސައްކަތެއް ކުރިއަށް ނުދާކަން ނާޒިމް ފާހަގަކުރެއްވިއެވެ.

"ބަޖެޓުގަ ޖެހިފަ އޮވޭ. ކަންކަން ނުހިނގާކަން އަޅުގަނޑުމެންނަށް ފާހަގަ ވަނީ" ނާޒިމް ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ހާލަތު ވަރަށް ދަށް

އައްޑޫ ސިޓީގައި ވެސް ހިދުމަތްތައް ސިޓީއެއްގެ ފެންވަރަށް ދެވެމުން ނުދާކަމަށް ނާޒިމް ވިދާޅުވިއެވެ. އެގޮތުން އެއް މައްސަލައަކީ ކަރަންޓުގެ މައްސަލަކަމަށާއި އެހެން ނަމަވެސް އެއްވެސް ފަރާތަކުން އެމައްސަލައިގެ ޒިންމާ ނުނަގާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ފެނަކައިންނާއި ސަރުކާރުން ވެސް އެކަމާ ހަވާލުވާން ދެކޮޅު ހަދާއިރު އައްޑޫ ސިޓީގެ ކަރަންޓު އަބަދު ހުންނަނީ ކެނޑިކެނޑިކަމަށެވެ.

ބަޖެޓުގައި ހިމަނައިގެން އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލު ނުކުރެވޭ ނަމަ ފެނަކައާ ހަވާލުކޮށްގެން މައްސަލަ ހައްލުކުރަން ނާޒިމް ސަރުކާރަށް ގޮވައިލެއްވިއެވެ. މީގެ އިތުރުން ހޮސްޕިޓަލުގެ މައްސަލަ ވެސް އައްޑޫ ސިޓީގައި އެބައޮތްކަމަށް ނާޒިމް ވިދާޅުވިއެވެ. ބޮޑު ހޮސްޕިޓަލެއް ހުރި ނަމަވެސް އެތަނުގައި އިންސާނީ ވަސީލަތް ހޯދުމުގައި މައްސަލަތަކެއް ދިމާވާކަމަށް މެމްބަރު ވިދާޅުވިއެވެ.

"ބަޖެޓުގަ ހިމެނިފަ އޮތް ވަރަށް އިންސާނީ ވަސީލަތް ތަރައްގީކުރުމުގެ ފުރުސަތު އެތަނަށް އެބަ ދޭންޖެހޭ. އެތަނަށް ރަނގަޅު މެނޭޖްމެންޓަކާ، ބޭފުޅަކު ލުމަކީ އަދި އެކަމުގެ ހައްލެއް ނޫން. އެތަނަށް ބޭނުންވާ ވަސީލަތްތަކާއި އަދި އެތަނަށް ބޭނުންވާ އިންސާނީ ވަސީލަތް ލިބޭނެގޮތް ހަދައިގެން މެނުވީ އެތަނަށް އެކަށީގެންވާ ސިއްހީ ފަރުވާއެއް ދެވޭނެކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ" ނާޒިމް ވިދާޅުވިއެވެ.

އައްޑޫއަށް އެމްއެންޕީގެ ޓީމުން ގޮސް އުޅުނުއިރު ވިއްސާރަ ދުވަސްވަރަކާއި ދިމާވިކަމަށާއި އުޅެންޖެހުނީ ޗަކަސްގަނޑުގެ ތެރޭގައިކަމަށް ނާޒިމް ވިދާޅުވިއެވެ. އެހެންކަމުން ހިންގޭ ޕްރޮޖެކްޓުތައް އަވަސްކޮށް، ކަންކަން ތަންފީޒުކުރުމަށް ނާޒިމް ގޮވައިލެއްވިއެވެ.

ފުވައްމުލަކު ސިޓީގެ އަސާސީ ހިދުމަތްތައް ވެސް ނެތް

ފުވައްމުލަކު ސިޓީގެ ވާހަކަ މެމްބަރު ފެއްޓެވީ ނަރުދަމާގެ ނިޒާމުންނެވެ. އެގޮތުން މަގުތަކުގައި ދުވާ ވަހުން ނޯށް ދަމައިލަން ނުކުރޭކަމަށް މެމްބަރު ވިދާޅުވިއެވެ. ކާރުގައި ދުއްވާފައިދާއިރު ކާރުގެ ތެރެއަށް ވަސްގަނޑު ވަދެގެން ދާކަމަށް ނާޒިމް ވިދާޅުވިއެވެ. ވޭތުވެދިޔަ ތިން އަހަރު ވެސް މިމައްސަލައަށް ހައްލެއް ގެނެވިފައިނުވާކަމަށް ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑު އެތާނގަ މަސައްކަތްކުރާ ފެނަކައިގެ މުވައްޒަފުންނާ ބައްދަލުކޮށް މައުލޫމާތު އޮޅުންފިލުވިން. އަބަދުވެސް ޕަމްޕު އަންނަނީ، އޭތި ހަރުކުރަނީ، މިވެނިކަމެއް ކުރަނީ. ދުވަހަކުވެސް އެކަމުގެ އަމަލީ ސިފައެއް އަންނަތަނެއް ނުފެނޭ. އަޅުގަނޑު ސަރުކާރަށް ގޮވާލަން. ފުވައްމުލަކު ސިޓީގެ ނަރުދަމާއަށް ދިމާވެފައިވާ މައްސަލަ މިހާރުން މިހާރަށް ހައްލުކޮށް ރައްޔިތުންނަށް ލުއިފަސޭހަވާނެގޮތަކަށް ހަދައިދިނުމަށް" ނާޒިމް ވިދާޅުވިއެވެ.

 

މެމްބަރު ވިދާޅުވީ ބަޖެޓުގައި ކިތަންމެ ބޮޑެތި އަދަދުތަކެއް ޖެހި ނަމަވެސް އެކަން ތަންފީޒުކުރަން ތިބޭ ފަރާތްތަކުން އެކަން ނުކުރާ ނަމަ ތަރައްގީ ނުގެނެވޭނެ ކަމަށެވެ. މައިގަނޑު ގޮތެއްގައި 2022ވަނަ އަހަރުގެ ބަޖެޓުން ފާހަގަވީ ލިބޭ އާމްދަނީއަށްވުރެ ބޮޑު އަދަދެއް ހަރަދުކުރަން ޖެހުމުން އެކަން ކުރުމުގައި ސަރުކާރުން ފަހަތަށް ފިޔަވަޅު އަޅާކަން ކަމުގައި ނާޒިމް ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!