ވާހަކަ

ހައްޤަކަށް ތީމަގޭ ވުން ..... (ތޭރަވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ޙައްޤަކަށް ތީމަގޭ ވުން... (ޓްރައިލާ) ހައްޤަކަށް ތީމަގޭ ވުން (ފުރަތަމަ ބައި) ޙައްޤަކަށް ތީމަގޭ ވުން.. (ދެވަނަބައި) ޙައްޤަކަށް ތީމަގޭ ވުން..(ހަތަރުވަނަ ބައި) ޙައްޤަކަށް ތީމަގޭ ވުން...(ފަސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ހަތްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ނުވަވަނަ ބައި) ހައްޤަކަށް ތީމަގޭވުން (ދިހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(އެގާރަ ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...( ބާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން ..... (ތޭރަވަނަ ބައި) (ހައްޤަކަށް ތީމަގޭވުން....( ސޯޅަވަނަ ބައި ހައްޤަކަށް ތީމަގޭވުން..(ސަތާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ނަވާރަވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ވިހިވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާވިސް ވަނަބައި) ހައްޤަކަށް ތީމަގޭ ވުން..(ބާވިސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. (ތޭވީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ސައްވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(ފަންސަވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސައްބީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ހަތާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...( އަށާވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. ( ނަވާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...(އެއްތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ބައްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތެއްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސައުރަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން... (ފަންސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތު ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އަށުތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(އޮނަސާޅިސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސާޅިސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ބަޔާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ފަހުބައި)

" ކޮން ސުވާލެއް..." ލާނެތް ގޮތަކަށް އަދީމް އަހައިލިއެވެ. އަދީމްގެ މަޤްސަދަކީ އޭނާ ލަދުގެންނެވުންކަން އެނގުނު ހިނދު ޝަހާ ހުރި ހިސާބުން ހުއްޓުނެވެ. ޝަހާ ހުއްޓުމުން އަދީމަށްވެސް ހުއްޓެން މަޖުބޫރުވިއެވެ.

Ads by STELCO

" ތިއުޅެނީ އަހަރެން އަނގައިން ބުނުއްވަންތަ؟" ލަދުވެތިކަން އެއްފަރާތްކޮށްލުމަށްފަހު އަދީމްގެ މޫނަށް ބަލަހައްޓައިގެން ހުރެ ޝަހާ އަހައިލިއެވެ.

" އެހެންވީއިރު އަޑުއަހާ.. އަހަރެން އަދީމް ދެކެ ވަރަށް ލޯބިވޭ.. ވަރަށް ވަރަށް ބޮޑަށް ލޯބިވޭ.. އައި ލަވް ޔޫ ވެރީ މަޗް.. އަހަރެން މިދުނިޔެ މަތިން އެދޭ ހަމައެކަނި އިންސާނަކީ ތީ.." ޝަހާ އެއްވެސް ޖެހިލުމެއް ނެތި ބުނެލިއެވެ. އަދީމްގެ ތުންފަތްމަތީގައި ކުޅެލީ މައުނަވީ ހިނިތުންވުމެކެވެ. ޝަހާގެ ދުލުން އެބަސް އިވޭ ކޮންމެ ފަހަރަކު އޭނާގެ ހިތަށް ލިބިގެން ދަނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. އޭނާގެ ހިތްއެދެނީ އެބަސް ތަކުރާރުކޮށް އިވިއިވި ހުރުމަށެވެ. އަދީމް ހީނލައިގެން ހުރި ގޮތުން ރަކިވެ ޝަހާ އިސްޖަހައިލިއިރު އޭނާއަށްވެސް ހެވިއްޖެއެވެ. އެއްވެސް އިންޒާރަކާނުލާ ކެރިގަނޑެއް އޮއްސައިލީ އެވަގުތުއެވެ. ޝަހާގެ އަތުގައި ހިފައިގެން އަދީމް ދުއްވައިގަތީ އެކަމަށް ޝަހާ ނުވެސް ވިސްނައި ހުއްޓައެވެ. ދުވަމުން ގޮސް އެމީހުން ހިޔާ ހޯދީ އަދީމްގެ ގޭގެ ދޮރާށި ތެރެއިންނެވެ. އޭރު ފުދޭވަރަކަށް ބޮޑަށް އެމީހުން ތިބީ ތެމިފައެވެ. ކޮންމެވެސް ވަރަކަށް ވަރުބަލިވެފައި ވިޔަސް ދެމީހުންގެ ތުންފަތްމަތިންވެސް ފެންނަމުން ދިޔައީ ހިނިތުންވުމެކެވެ. އޭރުވެސް އަދީމް ޝަހާގެ އަތުން ދުލެއް ނުކުރެއެވެ. އަދީމް އޭނާގެ އަތުގައި ހިފަހައްޓައިގެން ހުރި އަތަށް ޝަހާއަށް ބަލައިލެވުނެވެ. އެމަންޒަރު އަދީމަށް ފެނި ވަގުތުން ޝަހާގެ އަތުން ދޫކޮށްލެވުނެވެ.

" ސޮރީ.. " އަދީމް އަވަސްއަވަހަށް ބުނެލިއެވެ. ޝަހާ ދެފަރާތަކަށް ބޯހޫރައިލީ އެއީ އެއްވެސް ކަމެއް ނޫންކަމަށް ބުނުމުގެ ގޮތުންނެވެ. ވާރޭ ތިކިތަކުން ތެމިފައިވާ ޝަހާގެ މޫނަށް ވަރަށް ފުންނަޒަރަކުން އަދީމް ބަލައިލިއެވެ. ހީވީ ފޮޅިފައި އިން ފިނިފެންމަލެއްގައި ވިދަވިދާ ހުރި ޝަބްނަމް ތިކިތަކެއް ހެންނެވެ. އެހާވެސް ފުރިހަމަވެފައި ރީއްޗެވެ. ބަލާ ބަލާ ފޫހިނުވާ މަންޒަރަކެވެ. އަދީމްގެ އެބެލުމުން ލަދުގަތް ނަމަވެސް އިސްޖަހާކަށް ޝަހާ ބޭނުމެއް ނުވިއެވެ. ބޭނުންވީ އަދީމްގެ ލޮލުގެ ފުންކަމުގެ ތެރެއަށް ގެނބިގެން ދިއުމަށެވެ. ވާރޭ ވެހުން ހުއްޓުނުއިރުވެސް އެދެމީހުންނަށް ރޭކާނުލައެވެ. އެމަންޒަރު ފެނުނީ އެވަގުތު ގެއިން ނިކުންނަން އައި ކަމީލާއަށެވެ. އެހިނދު ކަމީލާ ކައިރިއަށް އައީ ލާނެތް ހިންޏެކެވެ. އެދެމީހުންނާ ދިމާކޮށްލަން ހިތަށް އަރި ހިނދު ކަމީލާގެ ސިކުނޑީގައި ކަމެއް ރާވައިލިއެވެ.

" ވާރޭގެ ޕަރީ ތެމިތެމި އެހުރީ... ރީތި ބޯހޭވެނީ ލޯއެ ލަދުރަކި ވަނީ..." ކުއްލިއަކަށް މީހަކު ކިޔަންފެށި މިލަވައިގެ ސަބަބުން ޝަހާއާއި އަދީމަށް ސިހިފައި އެދިމާލަށް ބަލައިލެވުނެވެ. އޭރު އެމީހުންނާ ދާދި ގާތުގައި ލާނެތް ގޮތަކަށް ހެވިފައި ކަމީލާ ހުއްޓެވެ.

" ދެންމި ޖާދޫއެއް ހިތާއެ ލޯބި އާލާ ކޮށްދެނީ.." ކުއްލި ޙަރަކާތަކާއެކު ޝަހާގެ އަތުގައި ހިފައި އަނބުރުވައިލަމުން ބާކީ ބައި ކަމީލާ ކިޔައިލިއެވެ. އަދީމް ކައިރިއަށް ހިނިއައިނަމަވެސް ހިނިގަނޑު އެތެރެއަށް ހިންދައިލިއެވެ. ޝަހާ ލަދުން ގޮސް ހަލާކުވެފައި ހުރިއިރު ކަމީލާ ލާނެތް ގޮތަކަށް ހޭންފެށިއެވެ.

" ކައްމި ހުރޭ މިތާނގަ.. އަހަރެން މިދަނީ އެތެރެއަށް..." ކަމީލާ ބޮލުގައި ޖަހައިލަމުން އަދީމް ބުންޏެވެ.

" ދިޔައީ ޝަހާ..." ޝަހާއަށް ޙާއްސަ ނަޒަރެއް ދެމުން އަދީމް ބުންޏެވެ. އެއަށްފަހު އޭނާ ގޮސް ގޭތެރެއަށް ވަނެވެ.

" ސޯ ކިއުޓް އެންޑް ނޯޓީ ކައްމީ...." ކަމީލާގެ ކޮލުގައި ހިފައިލަމުން ޝަހާ ބުންޏެވެ.

" ތިއްތި އެދިޔައީ ލަދުން..." ހީނލަމުން ކަމީލާ ބުންޏެވެ. ކަމީލާ އެހެން ބުނުމުން ޝަހާ ކައިރިއަށްވެސް ހިނއަންނަ ގޮތްވިއެވެ.

" ދެން ޝަހާއްތަ ދަނީ ކައްމި.. މަޣްރިބް ގަޑި ފާއިތުވެދާނެ.. ކައްމި ވެސް ދޭ އަވަހަށް ނަމަދު ކުރަން.." ޝަހާ ބުންޏެވެ.

" ކައްމިއަށް ރެޑްކާޑް ދައްކާފަ... އެހެންވެ ފޫހިވެގެން މިނިކުމެލީ..." ކަމީލާ ބުންޏެވެ. އެންމެ ރަނގަޅޭ ބުނުމަށްފަހު ޝަހާ ގޮސް އޭނާގެ ގެއަށް ވަނެވެ. ޝަހާ ގެއަށް ވަންކަން ޔަގީން ވުމާއެކު ކަމީލާ ދޮރާށިން ބޯދިއްކޮށްލުމަށްފަހު ދެފަރާތް ބަލައިލިއެވެ. އެވަގުތު ޝަހާމެންގޭގެ ކަންމަތީގައި ހުރި އަލީފް އޭނާ ކައިރިއަށް އައުމަށް ކަމީލާއަށް އަތުން އިޝާރާތް ކޮށްލިއެވެ. ކަމީލާ ހިނިތުންވެހުރެ ދުވެލާފައި ގޮސް އަލީފް ކައިރިއަށް ހުއްޓުނެވެ.

" ކިހާ އިރެއް މިވަނީ ކައްމި ދެކޭ ހިތުން އުޅޭތާ... ރައްޓެހިވި ފަހުން އަދި ރަނގަޅަށް މި ބައްދަލުވީ..." ކަމީލާގެ އަތުގައި ހިފައިލަމުން އަލީފް ބުންޏެވެ.

" ކޮންއިރަކުންތަ ކޯސް ފަށަނީ.. އޭރުން ކުލާހަށް ގޮއްސަ އަހަރުމެންނަށް ބައްދަލު ކުރެވޭނެއްނު.." ކަމީލާ ބުންޏެވެ.

" އާނ ރަނގަޅަށް ތިބުނީ.. ހީވަނީ މިއަންނަ މަހުހެން ފަށާނީ.." އަލީފް ބުންޏެވެ.

" ކައްމީ!!.. އަހަރެން ކައްމިއާ ރައްޓެހިވީ ކައްމި ވަރަށް ކަމުގޮސްގެން.. ފަހަރެއްގައިވެސް ހީނުކުރާތި މީ ވަގުތީ ކަމެކޭ.. އަހަރެންގެ އުއްމީދަކި ކައްމިއާ މެރީ ކޮށްގެން ލައިފެއް ފެށުން.. " އަލީފްގެ މޫނުމަތިން ފެންނަމުން ދިޔައީ ސީރިއަސްކަމެވެ.

" އޯކޭ... ކައްމިވެސް ހަމަ ބޭނުންވެގެން ރައްޓެހިވީ.. އަލީފް ގޮތަށް ކައްމިވެސް ހަމަ ވަރަށް ސީރިއަސް.." ކަމީލާ ބުންޏެވެ.

" ކައްމިގެ ފެމިލީ އަކީ ރަށުގެ ގިނަބައެއް ދަންނަ ވަރަށް ޢިޙްތިރާމާ ޤަދަރު ލިބިގެންވާ އާއިލާއެއް... އަހަރެންގެ އާއިލާ އަކީ ކިހާވަރެއްގެ ކޮންބައެއްކަން ކައްމިއަށް ނޭނގުނަސް ކައްމިގެ މަންމަ މެންނަށް ވަރަށް ރަނގަޅަށް އެނގޭނެ.. އަހަރެން ކުރިން ކައްމި ކައިރީގައި މިވާހަކަ ނުދެއްކީ ފަހަރެއްގަ އަހަރެންގެ އާއިލާގެ ހަޤީގަތް އެނގުމުން ކައްމި އަހަރެންނަށް ނޫނެކޭ ބުނެދާނެތީ.." އިސްޖަހައިލައިގެން ހުރެ އަލީފް ވާހަކަ ދެއްކިއެވެ.

" އަހަރެންގެ މަންމައާއި ބައްޕަ ދެކެ އަހަރެން ވަރަށް ލޯބިވޭ.. އެކަމަކު އެންމެ ކުޑައިރުންސުރެން ފެށިގެން ވެސް ގޭތެރެއިން އަބަދުވެސް އިވޭ އަޑަކީ އަހަރެންގެ މައިންބަފައިން ޒުވާބުކުރާ އަޑު.. އަބަދުވެސް ރަށުތެރެއިން އިވޭ އެއް އަޑަކީ މަންމަގެ ވިޔާނުދާ ވާހަކަ.. ބައްޕައާ އިނދެގެން ހުރެ އެހެން ފިރިހެނުންނާ ގުޅުން ބާއްވާ ވާހަކަ.. ބައްޕަދެކެ މަންމަ އެހާ ރުޅި އަންނަނީ ކީއްވެގެން ކަމެއް އަހަރެންނަކަށް ނޭނގޭ.. ބައްޕަ ދެކެ އަންނަ ރުޅި އަހަރެންނަށްވެސް ބާލަނީ.. ކިރިޔާ ރުޅި އަންނަ ކަމެއްވިޔަސް އަހަރެން ގައިގަ ތަޅައިގަންނާނެ.. އެންމެ ފަހުން މާލޭގެ މުއްސަންޖަކާ މަންމަ ރައްޓެހިވެގެން އުޅޭ އަޑު ފެތުރުނީ.. އެމައްސަލަ ޖެހިގެން މަންމަ ބައްޕަ ކައިރިން ވަރިވީ.. އެއަށްފަހު މަންމަ އެމުއްސަނދި މީހާ އާ އިނދެގެން މާލެ ބަދަލުވީ.. ބައްޕަވެސް އެހެންމީހަކާ އިނދެގެން އުޅެނީ.. ދެމީހުންކުރެ އެކަކުވެސް އަހަރެންގެ ޒިންމާ ނަގަން ބޭނުންނުވާ ފަދަ.. އަހަރެން ބަލަނީ މާމަ.. ދެން އަހަރެންނަށް ފައިނޭންޝިއަލީ އެހީތެރިވަނީ ޝަހާ ދޮންތަ..." އަލީފް ކިޔައިދިނެވެ.

" ތިކަމުގަ އަލީފްގެ އެއްވެސް ކުށެއް ނެތެއްނު.. ދެން އަލީފް ކޮންކަމަކާ ހާސްވަނީ.. އަހަރެންގެ މަންމަ މެންނަކީ މީހަކު ނުކުރާ ކުށެއްގެ އަދަބު ދޭ ބައެއް ނޫން.. ބައްޕަގެ ފިހާރަ ހުޅުވުނުހާ އަވަހަކަށް އަހަރެން މިވިސްނަނީ އަލީފްގެ ވާހަކަ ގޭމީހުން ކައިރީގައި ބުނަން.. ދެމީހުންވެސް ރަނގަޅަށް ސެޓްލް ވެފަ ކައިވެންޏަކާ ހަމައަށް ދާނީ.. " ކަމީލާ ބުންޏެވެ. އެވާހަކަ އިވިފައި ނުތަނަވަސްކަން ވެރިވެފައިވާ އަލީފްގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް އަދިވެސް މުޅިއަކުން އޭނާގެ ހިތެއް ހަމަނުޖެހެއެވެ. ކަމީލާގެ މަންމަމެން އޭނާއާ މެދު ދެކޭނީ ކިހިނެއްކަމެއް އަދި ނޭނގޭތީއެވެ. ކަމީލާ ހާސިލް ކުރުމަށްޓަކައި އޭނާގެ އާއިލާއާ ކުރިމަތިލާންވެސް އަލީފް ތައްޔާރެވެ.

***************

މާމުއި ހަނދުގެ ދަތުރަށްފަހު ފާތިކާއި މައިރާ އެނބުރި އައުމަށްފަހު ޝަހާ އާއި އަދީމްގެ ކައިވެނީގެ ތައްޔާރީތައް ވާން ފެށިއެވެ. ކަންތައްތައް ރޭވުމަށްޓަކައި ދެޢާއިލާއިން ބައްދަލު ކުރީ ޝަހާގެ ގޭގައި އޮތް ރޭގަނޑުގެ ކެއުމަކުންނެވެ. ޝަހާގެ ފަރާތުން އެކަމުގައި ބައިވެރިވީ މަލާކާއި ނީމާގެ އިތުރުން އަލީފެވެ.

" އެނަދަރ ވެޑިންގް.. އައިމް ސޯ އެކްސައިޓެޑް.. ޔޭއި..." ކާން އިން ކަމީލާ ބުނެލިއެވެ.

" މިފަހަރު ކޮބާ ތީމް އަކީ..؟" ކައުސަރު ސުވާލުކޮށްލިއެވެ.

" ރެޑް އެންޑް ގޯލްޑް..." އަދީމަށް ބަލައިލަމުން ޝަހާ ބުންޏެވެ. އަދީމް ހިނިތުންވެލަމުން ބޯޖަހައިލިއެވެ. އޭނާ ޝަހާއަށް ބަލަހައްޓައިގެން އިނީ މައުނަވީ ބެލުމަކުންނެވެ.

" ރަންކިޔާނީ މިގޭގަ.. ޝަހާގެ ހެދުން މިފަހަރު ތައްޔާރުކުރާނީ އަހަރެން.. އެނގޭ ޝަހާއަށްވުރެ މޮޅު ފެހުންތެރިއެއް ނެތްކަން.. ބަޓް ސްޓިލް ޝަހާގެ ހެދުންވެސް އަދީމްގެ ސޫޓްވެސް ޗޫސްކުރާނީ އަހަރެން.. " ފާތިކްގެ ތައްޓަށް ރިހަކޮޅެއް އަޅައިދެމުން މައިރާ ބުންޏެވެ.

" ސޯ! ކޮންއިރަކުން ރަންކިޔުން އޮތީ؟" އަދީމާއި ޝަހާއަށް ވަކި ވަކިން ބަލައިލަމުން ފާތިކް އަހައިލިއެވެ.

" އެންމެން އޯކޭ ވިއްޔާ މިއަދުވެސް ފޯމު ލާ ގޮތަށް.. " އަދީމް ޝަހާއަށް ބަލައިލަމުން ބުންޏެވެ. ޝަހާގެ މޫނު ރަތް ލޭ ކޮޅަކަށް ވެގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އެންމެންގެ ތެރޭގައި އަދީމް އެފަދަ ސަމާސާއެއް ކޮށްފާނެ ކަމަކަށް ޝަހާ ހިޔެއް ނުކުރެއެވެ.

" އެހެމް އެހެމް.... " މައިރާ ލާނެތް ވައްތަރަކަށް ކަރުކެހިލިއެވެ. ކައުސަރާއި ރާފިގުވެސް އެކަކު އަނެކަކަށް ބަލާލާފައި ހިނިތުންވެލިއެވެ. އަލީފައި މަލާކް އަދި ކަމީލާއަށްވެސް އިނީ ހެވިފައެވެ.

" ދެން މިއަދަކު ނުލެވޭނެ ދޯ.. ހެހެހެ..." ފާތިކް ބުނެލިއެވެ.

" އެހެންވީއިރު މާދަން..." އެއްވެސް ޙިޔާލެއް ފިކުރެއް ނެތި އަދީމް ބުނެލިއެވެ.

" ސާބަސް އަދީމް... ޝަހާގެ ޑްރެސްވެސް ތައްޔާރު ކުރަން ޖެހޭނެ ދޯ.. އަހަރެން ބޭނުން އަދީމް އާއި ޝަހާގެ ވެޑިންގް ދުވަހަކުވެސް ހަނދާނުން ނުފިލާވަރުގެ ވެޑިން އަކަށް ހަދަން..." މައިރާ ބުންޏެވެ.

" އަދީމް ބަހައްޓަބަލަ.. ޝަހާ ބުނެބަލަ ދުވަހެއް..." ކައުސަރު އަހައިލިއެވެ.

" ދައްތަ މެންނަށް ފެންނަ ދުވަހެއް ރަނގަޅުވާނެ..." ނުކެރި އިނދެފައި ޝަހާ ބުންޏެވެ.

" އުނހު.. ދުވަސް ބުނަންވާނީ ޝަހާ ނޫނީ އަދީމް... ކައިވެނި ކުރާނީ ތިދެކުދިން.." ރާފިގު ބުންޏެވެ.

" އެކަކަށްވެސް ނުބުނެވުނެއްނު.. ދުވަސް ބުނާނީ ކައްމި.." އެންމެފަހުން ނީނދެވިގެން ކަމީލާ ބުންޏެވެ.

" ދޮންބެއްތާ!! ވީކްއެއްގެ ތެރޭގައި ހެދުން ރެޑީ ވާނެތަ؟" މައިރާއަށް ބަލައިލަމުން ކަމީލާ އަހައިލިއެވެ. މައިރާ ހީނލަމުން ބޯޖަހައިލިއެވެ.

" އެހެންވީމަ މިއަންނަ ހަފްތާގެ ހޯމަދުވަހުގެ ރޭގަނޑު އަށްގަޑި ބައިގަ..ޝަހާއްތަމެން ގޭގަ ޝަހާއްތައާއި ތިއްތިގެ ކައިވެނީގެ ރަންކިޔުމުގެ ޙަފްލާ އޮންނާނެ..." ކަމީލާ ވަރަށް ތަފްސީލުކޮށް ކިޔައިދިނެވެ. އެންމެން ހޭންފެށީ އެއްފަހަރާ ކަހަލަ ގޮތަކަށެވެ.

" އޯކޭ ކައްމީ.. އިންޝާﷲ އެދުވަހަށް އެންމެން ރެޑީވާތި.." އަދީމް ބުންޏެވެ.

*************************

ޖައިލަމް ކައިރިން ވަރިވުމަށްފަހު ޝެރީން ހީކުރީ އޭނާގެ ލޮލުން ކަރުނަ ނުހިކޭނެ ކަމަށެވެ. ލިބިފައިވާ ހިތާމަތައް ދެގުނައަށް އިތުރުވާނެކަމަށެވެ. ނަމަވެސް ހިކުރީ ގޮތާ ހިލާފަށް އެކަމުން އޭނާއަށް އަރައިގަނެވުނުލެއް އަވަހެވެ. ޖައިލަމް މަތިން މަދުމަދުން ހަނދާންވިޔަސް އެކަމާ މާބޮޑަކަށް އަޅައެއް ނުލައެވެ. ހިތާމައިން އަރައިގަތުމަށްޓަކައި ޝެރީންއަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ އެންމެ ގާތް އެކުވެރިޔާ އިއުފާގެ ފަރާތުންނެވެ. އިއުފާގެ އެހީތެރިކަމާއެކު ކުރިއެކޭ އެއްގޮތަށް މޮޑެލް ކުރަން ފެށިއެވެ. އިންސްޓަގްރާމަށް ޝެރީން ލާ ކޮންމެ ފޮޓޯއަކަށް އެތައް ގުނައަކަށް ލައިކްސް ލިބެމުން ދިޔައެވެ.

ޖައިލަމް ކަހަލަ ވިޔާނުދާ ފިރިއެއްގެ ކިބައިން ޝެރީން ވަރިވީތީ އެންމެ ބޮޑަށް އުފާކުރި އެކަކީ ޝެރީންގެ ބައްޕަ އާޒިފެވެ. ނަމަވެސް އޭނާގެ ހިތުގައި ދަރިފުޅާ މެދު އޮތް ކަންބޮޑުވުން ފިލައިގެން ނުދެއެވެ. ޖައިލަމް މަތިން ހަނދާން ނައްތައިލާ އެހިތާމައިން އަރައިގަތުމަށްޓަކައި ޝެރީން ޙިޔާރުކޮށްފައި އެވަނީ ރަނގަޅު މަގެއް ނޫނެވެ. ގިނަފަހަރަށް އަޅުތަކުން ﷲ ގެ މަގަށް ރުޖޫޢަވަނީ ޙަޔާތުގައި ދިމާވާ މިފަދަ ކަންތައްގަނޑެއްގެ ސަބަބުންނެވެ. ހުދު އާޒިފްވެސް ވަނީ ކުރިން އުޅެވުނު ގޮތާ މެދު ދެރަވެ އެކަމަށް ތަޢުބާވެފައެވެ. އާޒިފް އަސްމާއާ ރައްޓެހިވީ އޭނާ މީހަކާ އިނދެގެން އުޅެނިކޮށެވެ. އަސްމާ އޭނާގެ ފިރިމީހާ ކައިރިން ވަރިކުރުވުމުގައި އެންމެ ބޮޑު އިސް ރޯލެއް އާދަކުރީ ޙުދު އޭނާއެވެ. ނަމަވެސް އަސްމާ އާ އިނުމަށްފަހު އޭނާގެ ހަޤީގީ ކުލަވަރު އާޒިފަށް ފެންނަން ފެށިއެވެ. އާޒިފް ހީކުރީ އަސްމާ އޭނާގެ ހުރި ހަމައެކަނި ދަރިފުޅަށް މައެއްގެ ފަރާތުން ދޭންވާ ފުރިހަމަ ލޯބި ދޭނެ ކަމަށެވެ. ނަމަވެސް އަސްމާ ވީ އޭނާ ހީކުރީ ގޮތާ މުޅިން ޙިލާފު މީހަކަށެވެ. ޝެރީންއަށް އަސްމާ އަންގައިދިނީ ދޮންމަންމައިންނަކީ ދޮން ނިޔަނދުރެއް ފަދަ ބައެއް ކަމެވެ. އާޒިފް ބުރަ މަސައްކަތް ކޮށްގެން ހޯދި ލާރިތައް އަސްމާ ތަޅާ ބުރުވަމުން ދިޔައީ އެއްވެސް ޙިޔާލެއް ފިކުރެއް ނެތިއެވެ. އަމިއްލަ ކުށް އާޒިފަށް އިހުސާސްވީ އެހިސާބުންނެވެ. އެކަމަށް ތަޢުބާވެ އާޒިފް މިހާރު އެއީ މުޅިން އެހެން މީހެކެވެ. އަސްމާ ވަރިނުކުރާންވެސް އޭނާ ކެތްތެރިވަމުން ދަނީ މީހަކަށް ކެތްތެރިވެވޭނެ އެންމެ މައްޗަކަށެވެ.

ޝެރީން އަށް ދިމާވި ކަންތައްތަކަށް ފަހު ތަޢުބާ ވުމުގެ ބަދަލުގައި ޝެރީން ޙިޔާރުކޮށްފައިވަނީ މުޅިން ތަފާތު މަގެކެވެ. ޖައިލަމް ކައިރިން ވަރިވުމަށްފަހު ޝެރީން ގިނަ ވަގުތު ހޭދަކުރަމުން ދިޔައީ ގެއިން ބޭރުގައެވެ. ޙާއްސަކޮށް ޝެރީން ހެދުން އަޅާފައި ހުންނަގޮތުން އާޒިފް ލަދުގަނެއެވެ. އެކަމާ ޝެރީން ކައިރީ އެއްޗެއް ބުންޏަސް އެބަހެއް ޝެރީން ނާހައެވެ. ގެއަށް އެނބުރި އަންނަނީ މެންދަމު ދޭއް ތިނެއް ޖަހާއިރުއެވެ. މެންދުރުވަންދެން ނިދަން އޮތުމަށްފަހު އަނެއްކާވެސް ނަލަ ހެދިގެން ޝެރީން ދަނީ ބޭރަށެވެ. ގެއިން އެއްގޮތަކަށްވެސް ކެއުމަކީ މިހާރު ޝެރީންއަށް މަނާކަމެއް ފަދައެވެ. މިފަދަ ވިސްނުމެއްގައި އާޒިފް އެނދުގެ ހެޑްބޯޑުގައި ލެގިލައިގެން އިނެވެ. ފާހަނައިން ފެންވަރައިގެން ނިކުތް އަސްމާއަށް އާޒިފް އިން ގޮތް ފެނުމުން އޭނާގެ ނަމުން ގޮވައިލިއެވެ.

" ކޮންވިސްނުމަކަށް ގެއްލިފައި ތި އިންނަނީ؟" ތުވާލި ހަރުގައި އަޅުވައިލުމަށްފަހު ރީތިވާ މޭޒު ކައިރީގައި ހުއްޓެމުން އަސްމާ އަހައިލިއެވެ.

" އަސްމާ ކަންބޮޑުވާން ޖެހޭ ކަމަކާމެދު ނުވިސްނަން... އަހަރެން މިވިސްނަނީ އަހަރެންގެ ދަރިފުޅާ މެދު.." ދުރު ބަލަހައްޓައިގެން އިނދެ އާޒިފް ވާހަކަ ދެއްކިއެވެ. އާޒިފްގެ ޖަވާބުން އަސްމާ ހިތްހަމަނުޖެހުނެވެ. އޭނާ އާޒިފާ ދިމާލަށް ބަލައިލީ އަލިފާނުގެ ބެލުމަކުންނެވެ.

" ތިބުނީ އަހަރެން ޝެރީ ދެކެ ވަރަށް ރުޅިއާދެޔޭތަ؟ އަހަރެން ރުޅި އަންނަނީ އާޒިފްގެ ދަރިފުޅު އުޅޭ ގޮތުން.. ޝެރީންއަކީ އެއްވެސް ގޮތެއް ފޮތެއް ނެތް ކުއްޖެއް.. ވަރިވުމަށްފަހު އަހަރެން ހީކުރީ ގޭގައި މައިތިރިވެގެން އިންނާނެ ކަމަށް.. އެކަމަކު އޭނާގެ ކަންތައްތައް ދިޔައީ ގޯހުން ގޯހަށް.. ދަރިފުޅޭ ބުނާއިރު އާޒިފް ބުނާ ބަހެއް އޭނާގެ ކުރިމަތީގައި އެއީ އެއްވެސް އެއްޗެއް ނޫން.. އާޒިފް ލާރިތައް އޭނާ ތަޅާ އެބުރުވަނީ އެއްވެސް ވަރަކަށް ވިސްނައިލުމެއް ނެތި.. އާޒިފް ތިކުރާ ވިޔަފާރިން ކުރިން ކިތަންމެ ފައިދާއެއްވިޔަސް މިހާރު ލިބޭ އެއްޗަކުން ދެކޮޅު ޖެހެނީ ކިރިޔާ.. މިގެވެސް މިހިރީ މިހާރު ބާވެ ހަސްނެތެން ކައިރިވެފައި.. އަހަރެން މިހާރު އަހަރެމެންގެ މުސްތަޤުބަލާ މެދު ބިރުގަންނަން ފަށައިފި.. ދުވަސްކޮޅަކުން އުޅެން ޖެހޭނީ މަގުމަތީގައި ސަލާން ޖަހަން ކަންނޭނގެ މިވަރުން ދަންޏާ..." އަސްމާ އައި ރުޅިގައި ފަތިވަރަކަށް އަމުނައިލިއެވެ.

" ހުއްޓާލާ އަސްމާ!!" އާޒިފް ކެތްތެރިކަން ކޮޅުންލައި ހަޅޭއްލަވައިގަނެވުނެވެ.

" ވަކި އަސްމާ ތިއުޅެނީ ރަނގަޅަށްތަ؟ ވަކި އަސްމާ އަހަރެންގެ އެންމެ ލޯ ލާރިއެއްވެސް ފަހަށް ރައްކާ ކުރަން މަސައްކަތް ކުރަންތަ؟ އަހަރެންގެ ދަރިފުޅާ ދިމާލަށް އިނގިލި ދިއްކުރުމުގެ ކުރިން ފުރަތަމަ އަމިއްލަ މީހާއާ ދޭތެރޭގައި ވިސްނައިބަލަ.. ވަކި އަސްމާ ތިއުޅެނީ ރަނގަޅަށްތަ؟ ހަނދާންކޮށްލާފައި ބުނެބަލަ އެންމެ ފަހުން އަސްމާގެ ހުރި އެންމެ ދަރިއަކަށް ގުޅާލި ދުވަހެއް.. އެކުއްޖާ ގުޅުމުންވެސް އެއްޗެއް ދޭން ޖެހިދާނެތީ އަސްމާ ތިހުންނަނީ ފޯނު ނުނަގަން.. ދަހިކަމުން ގޮސް ތިހުންނަނީ ލަގޮނޑިގައި ނާށިލާފައި.. އަހަރެން އަސްމާއާ އިނދެގެން އުޅޭ ކަމަށްޓަކައިވެސް ޝުކުރުކޮށްބަލަ.. އެހެންމީހެއް ނަމަ މިހާރު އަސްމާ ވަރިކުރިތާ ކިތަންމެ ދުވަހެއް.. މިހާރު މިވަގުތު އަހަރެން އަސްމާ ވަރިކުރިޔަސް އަސްމާ މަގުމަތި ވާނެކަން އަހަރެންނަށް ޔަގީން.. މީގެ ފަހުން އަހަރެންގެ ދަރިފުޅޭ ކިޔައިގެން ތި މުޑުދާރު ދުލުން އެންމެ ބަހެއްވެސް ބުނެގެން ނުވާނެ.." މިހެން ބުނުމަށްފަހު އާޒިފް ވައިސޫރިއެއްހެން ކޮޓަރިން ނިކުތެވެ. އައި ރުޅިމަތީގައި އަސްމާ ރީތިވާ މޭޒުމަތީގައި ހުރި ހުރިހާ އެއްޗެއް އުކައިލިއެވެ. އޭރު އޭނާގެ މުޅި ހަށިގަނޑު ރުޅިއައިސްގެން ތުރުތުރު އަޅަމުން ދިޔައެވެ.

***************************

ހުސެން އާ ބައްދަލުކުރަން އަދީމް ދިޔައީ އޭނާގެ ގެއަށެވެ. ކުރެވެން އުޅޭ ކައިވެނީގެ އުފާވެރި ޙަބަރު ދިނުމަށެވެ. އަނެއްކޮޅުން ކައިވެނީގެ ހެކިވެރިއަކަށް ވެދިނުމަށް އެދުމަށެވެ. ކުއްލި ގޮތަކަށް އަދީމް އެގެއިން ފެނުމުން ހުސެން ހުރީ ހައިރާންވެފައެވެ. އެހެން ނަމަވެސް ގިނަ ދުވަސްތަކަކަށްފަހު ފުރަތަމަ ފަހަރަށް އަދީމް އެގެއަށް އައުމުން ހުސެން އުފާކުރިއެވެ.

އަދީމާއި ހުސެން ވާހަކަ ދައްކަން ތިބީ ހުސެންގެ ކޮޓަރީގައެވެ. އިރުކޮޅަކުން ހުސެންގެ މަންމަ އައިސް އެދެމީހުންނަށް ދެޖޯޑު ކޮފީ ދިއްކޮށްލިއެވެ.

" ދެން ބުނެބަލަ.. ކުއްލިއަކަށް މިގެއަށް އައީ ކީއްކުރަން؟" ހުސެން އަހައިލިއެވެ.

" މެރީ ކުރަން މިއުޅެނީ..." ހީނލަމުން އަދީމް ބުންޏެވެ.

" އެމަންޖެ ސެޓު ކުރީދޯ އެންމެ ފަހުން.. ގަދަ ކަލޭ.. ދެން ބުނެބަލަ އެއީ ކާކުތަ؟" ރަޙުމަތްތެރިޔާއަށްޓަކައި އުފާކުރާ ހާލު ހުސެން އަހައިލިއެވެ.

" ޝަރުތެއްގެ މަތިން ބުނެވޭނީ.." އަދީމް ހީނލަމުން ބުންޏެވެ.

" އެއީ ؟" ކޮފީތަށިން ކޯވަރެއް ބޯލުމަށްފަހު ހުސެން އަހައިލިއެވެ.

" ކައިވެނީގެ ހެކިވެރިއަކަށް ހުސެން ހުންނަން ވާނެ.." އަދީމް އޭނާގެ ޝަރުތު ހާމަކުރިއެވެ.

" ޔަގީނެއްނު އިރާދަކުރެއްވިއްޔާ.." ޔަގީންކަން ދެމުން ހުސެން ބުންޏެވެ.

" ދެން ބުނެބަލަ އެއީ ކޮންކުއްޖެއްތަ؟" ދެވަނަ ފަހަރަށް ހުސެން އަހައިލިއެވެ.

" ހުސެން ދަންނަ ކުއްޖެއް އެއީ... އެކުއްޖަކީ... ޝަހާ..." އަދީމް ބުނެލިއެވެ. ލިބުނު ސިހުމާއެކު ހުސެންގެ އަތުން ކޮފީތަށި ދޫ ނުވީ ކިރިޔާއެވެ. އޭނާގެ މޫނުމަތި ހުދު ކަފަކޮޅަކަށްވެގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

-ނުނިމޭ-

Ads by HDC
  1. ގާލް

    ވަރަށް ރީތި މި ޕާޓް ️️️️