ވާހަކަ

ހައްޤަކަށް ތީމަގޭވުން..(ސާދަވަނަ ބައި)

އަޒްކީ ، ދެން އޮންލައިން

" ކައިވެނީގެ ހެކިވެރިއަކަށް ހުސެން ހުންނަން ވާނެ.." އަދީމް އޭނާގެ ޝަރުތު ހާމަކުރިއެވެ.

Ads by Sosun Fihaara

" ޔަގީނެއްނު އިރާދަކުރެއްވިއްޔާ.." ޔަގީންކަން ދެމުން ހުސެން ބުންޏެވެ.

" ދެން ބުނެބަލަ އެއީ ކޮންކުއްޖެއްތަ؟" ދެވަނަ ފަހަރަށް ހުސެން އަހައިލިއެވެ.

" ހުސެން ދަންނަ ކުއްޖެއް އެއީ... އެކުއްޖަކީ... ޝަހާ..." އަދީމް ބުނެލިއެވެ. ލިބުނު ސިހުމާއެކު ހުސެންގެ އަތުން ކޮފީތަށި ދޫ ނުވީ ކިރިޔާއެވެ. އޭނާގެ މޫނުމަތި ހުދު ކަފަކޮޅަކަށްވެގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އެހިނދު އެއްފަހަރާ އެތައް ސުވާލެއް އޭނާގެ ހިތަށް އަރައި ފައިބަމުން ދިޔައެވެ. ޝަހާ ލޯބިވާ ކުއްޖާއަކީ އަދީމްކަން ވަރަށް ފަސޭހައިން ހުސެންއަށް ދެނެގަނެވުނެވެ. ހިތަށް ތޫނު ތަދެއް އިޙުސާސްވަމުން ދިޔައެއް ކަމަކު ހުސެން އަދީމަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.

" ހުސެން ހީވެސް ނުކުރާ ކުއްޖެއް ދޯ.. ހެހެހެ... އަސްލު އަހަރެންނަށް މާކުރިންވެސް އެނގޭ ޝަހާ އަހަރެންދެކެ ލޯބިވާކަން.. މިފަހަރު އައި ފަހުންވެސް އަހަރެންނަށް ވަރަށް ބޮޑަށް ޔަގީންވި ޝަހާ އަހަރެންދެކެ އަދިވެސް ވަރަށް ލޯބިވާކަން.. އެހެންވެ ހިތަށް އެރީ ހަޔާތުގެ ބައިވެރިއަކަށް ޝަހާއަށް ވުރެ ރަނގަޅު ކުއްޖެއް ނުލިބޭނެ.. " އަދީމް ކިޔައިދިނެވެ.

" އަދީމް ޝަހާ ދެކެ ލޯބިވޭތަ؟" ވަރަށް ފުން ނަޒަރަކުން އަދީމްގެ މޫނަށް ބަލައިލަމުން ހުސެން އަހައިލިއެވެ. އަދީމްގެ ތުންފަތްމަތިން ފާޅުވެލީ ހިނިތުންވުމެކެވެ.

" އަސްލު ތެދަށް ބުނަންޏާ ތިސުވާލަށް ޖަވާބު ދޭކަށް އަހަރެންނަކަށް ނޭނގޭ.. އެކަމަކު ޝަހާ އަކި ހުރިހާ ގޮތަކުން ބެލިޔަސް ރަނގަޅު ކުއްޖެއް.. ޝަހާގެ ކިބައިގައި އަހަރެންނަށް ކަމުދާ އެތައް ސިފައެއް އެބަހުރި.. " އަދީމް ބުންޏެވެ.

" ތެދެއް ތި ބުނީ.. ޝަހާ އަކީ ވަރަށް ތަފާތު ކުއްޖެއް.. އަދީމް ތީ ވަރަށް ނަސީބުގަދަ މީހެއް.. އެކަހަލަ ކުއްޖެއް ނަސީބުވެރިއަކަށް ނޫނީ ނުލިބޭނެ... " ހިޔާލަކަށް ގެއްލިފައިން ވައްތަރަކަށް އިނދެ ހުސެން ބުނެލިއެވެ. އަދީމްވެސް ބޯޖަހައިލަމުން ކޮފީތަށިން ކޯވަރެއް ބޯލިއެވެ. ހިތަށް ކުރަމުން ދިޔަ އަސަރު ފޮރުވައިލަމުން ހުސެން ވެސް ކޮފީތަށިން ކޯވަރެއް ބޯލިއެވެ. ޝަހާއަށް އޭނަގެ ލޯބި ލިބުނީތީ އެކަމާ އުފާވެވޭތޯ ހުސެން މަސައްކަތް ކުރަމުން ދިޔަނަމަވެސް އޭނާގެ ލޯބި އުމުރު ދުވަހަށް ގެއްލެނުތީ އެކަމާ ހިތަށް ކުރަމުން ދިޔަ އަސަރު މާބޮޑެވެ.

*************************

ރަތްކުލައިގެ އަބާޔާއަކާއެކު ރަންކުލައިގެ ޝޯލްއެއްގައި ސޯފާގައި އިން ޝަހާގެ ތުންފަތުގައިވީ ލަދުރަކި ހިނިތުންވުމެކެވެ. އޭނާގެ ދާދި ގާތުގައި ހަމަ އެކުލައިގެ ހެދުމެއްގައި އިން މަލާކްގެ ހަރަކާތްތައްވެސް ތަފާތެވެ. ދޮންތަގެ ހަޔާތުގައި އަންނަ ހާއްސަ ދުވަހު އޭނާގެ ހިތްވެސް ވަނީ އަވަސްވެފައެވެ. ނީމާ ތައްޔާރުކޮށްފައިވާ ތަފާތު ވައްތަރުގެ ކާއެއްޗެހިތަކުން މޭޒުމަތި ވަނީ ފަޅުފިލުވާލާފައެވެ. މުޅި ގެތޭރޭގައި ވަނީ ބަނޑުފުރޭ ކަހަލަ މީރު ވަހެއް ހިފާލާފައެވެ.

ކެތްމަދުވެފައިވާ މީހަކު ފަދައިން ޝަހާ އިރުކޮޅަކާ އޭނާގެ އަތުކުރީގައި އޮތް ރިހިކުލައިގެ ހިމަ ގަޑިއަށް ބަލައިލައެވެ. ދޮރާ ދިމާލަށް ބަލައިލާ ކޮންމެ ފަހަރަކު އޭނާގެ ހިތުގެ ތެޅުން އަވަސްވެލައެވެ. ދޮންތަގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އިން މަލާކަށް ހެވުނެވެ.

ޝަހާގެ ތުންފަތުގައިވި ހިނިތުންވުން ފުޅާވެގެން ދިޔައީ ވަދެގެން އައި ފިރިހެން ކުއްޖާ ފެނިފައެވެ. ހުދު ކުލައިގެ ގަމީހުގައި ހުރި އަދީމުގެ ހިތްގައިމު ކަމަށް އޭނާއަށް ތައުރީފު ކުރެވުނެވެ. ކައުސަރާއި ރާފިގް އަދި ފާތިކްގެ އިތުރުން މައިރާ އަދި ކަމީލާގެ ތުންފަތްމަތިންވެސް ފާޅުވަމުން ދަނީ ހިނިތުންވުމެވެ. ކައުސަރު އައި ގޮތަށް ފުރަތަމަވެސް ހިފީ ޝަހާގެ އަތުގައެވެ. ލޯތްބާއެކު ކައުސަރު ޝަހާގެ މޫނުގައި ފިރުމާލިއެވެ. ވަކިން ހުރި ސޯފާގައި އިށީންނަން ދިޔަ އަދީމުގެ އަތުގައި ހިފީ ފާތިކެވެ. އަދީމު ބަލައިލުމާއެކު ލޮލުގެ އިޝާރާތުން ދައްކާލީ ޝަހާއެވެ. ހީލާފައި އަދީމު ގޮސް މަޑުކޮށްލީ ޝަހާގެ ކައިރީގައެވެ. ލަސްލަހުން އެސްފިޔަތައް އުފުލާލާފައި އަދީމަށް ބަލައިލިއެވެ. އަނދުނުން ފަވާލާފައިވާ ޝަހާގެ ހުދުކުލައިގެ ބޮޑު ދެލޮލުގެ ފުންކަނޑުގެ ތެރެއަށް އަދީމު ގެނބެން އުޅުނެވެ. ހުށިޔާރުވެ އޭނާ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރިއެވެ. ގުދުވެލާފައި ޝަހާގެ ކަންފަތްދަށުގައި އަދީމް އެއްޗެއް ބުނެލިއެވެ. އެއާއެކު ލަދުވެތި ހީލުމަކުން ހީލާފައި ޝަހާ އިސްޖަހާލިއެވެ.

"ވާއު ޕްރީޓީ...." ކަމީލާއަށް ދުރުގައި ނުހުރެވުނެވެ. ޝަހާގެ ދެއަތުގައި ހިފިގޮތަށް އެންމެންގެ ތެރެއިން ޝަހާ ނެރެފިއެވެ. ޝަހާގެ ދެއަތުގައި ހިފައިގެން ހުރެ ހެމުން އެނބުރެން ފެށިއެވެ. ކަމީލާގެ އެސަކަރާތްގަނޑު ފެނިފައި ހުރިހާ މީހުންނަށްވެސް ހެވިއްޖެއެވެ.

"ދެން ކައްމީ. ޝަހާ ބަހައްޓަބަލަ.. " ސޯފާގައި އިން ކައުސަރު ބުނެލިއެވެ. އެހިސާބުން ހިތާދެކޮޅަށް ނަމަވެސް ކަމީލާއަށް ޖެހުނީ ޝަހާ ގެންގޮސް އަދީމް ކައިރީގައި ބައިންދާށެވެ.

"ކޮބާ ހެކިވެރިން؟" މައިރާ ބުންޏެވެ.

"އެބަ އާދޭ" ޖަވާބުދިނީ އަދީމެވެ.

"އަޅޭ އެދެކުދިންގެ ހިތުގެ ތެޅުމުގެ އަޑު މިހިސާބަށްވެސް އެބައިވޭ" މައިރާއަށް ދިމާކޮށްނުލާ ނީނދެވުނެވެ. ޝަހާ ލަދުގަތްނަމަވެސް މައިރާ އާ ދިމާލަށް ކަޅިއަޅައިލިއެވެ. އަދީމް ލުއި ގޮތަކަށް ހިނިތުންވެލިއެވެ.

ޖީބުގައި އޮތް ފޯނު ނެގިގޮތަށް އަދީމް ކަންފތުގައި ފޯނު ޖެހިއެވެ. އިރުކޮޅަކުން ދޮރާ ދިމާލަށް ބަލައިލާފައި ހީލައިފިއެވެ. ފައިލްތަކެއް ހިފައިގެން ވަދެގެން އައި ދެފިރިހެންކުދިންނާ ދިމާލަށް ތެދުވެގެން އޭނާ ހިނގައިގަތެވެ.

ދޮރުން ވަދެގެން އައި ހުސެން ފެނުމާއެކު ޝަހާގެ ތުންފަތްމަތީގެ ހިނިތުންވުން ގެއްލުނެވެ. އޭނާގެ ކައިވެނީގެ ހެކިވެރިއަކަށް ހުސެން އައިސްދާނެ ކަމަކަށް ކުރިއަކުން ހީކުރެވިފައެއް ނެތެވެ. ހުސެންގެ ނަޒަރު އެންމެ ފުރަތަމަވެސް އަމާޒުވެލީ ސޯފާގައި އިން ޝަހާއަށެވެ. އެހިނދު ޝަހާ އަވަސް އަވަހަށް އިސްޖަހައިލިއެވެ. ޝަހާގެ ރީތިކަމަށް ހުސެންއަށް ހިތާހިތުން ތަޢުރީފުކޮށްލެވުނެވެ. އެހެން ދުވަސް ދުވަހާ ހިލާފަށް މިރޭ ވަކިން ރީތިކަމުގައި ޤަބޫލުކުރެވުނެވެ. ނަމަވެސް މިހާރު އެރީތި ކަމަކީ އެހެން މީހެއްގެ މިލްކެކޭ ހިތަށް އެރި ހިނދު ހުސެންއަށް އިސްޖަހައިލެވުނެވެ.

ރަންކިޔުމުގެ ރަސްމިއްޔާތު ކުރިއަށް ދިޔައިރު ޝަހާ އިނީ އިސްޖަހައިލައިގެންނެވެ. އަދީމްގެ ތޫނު ނަޒަރު އެންމެ ހިނދުކޮޅަކަށްވެސް ޝަހާއާ ވަކިނުވެއެވެ. އެރީތިކަމުގެ ޖާދޫގައި އޭނާ އިނީ ރަނގަޅަށްވެސް ޖެހިފައެވެ. އަދީމް އިންގޮތުން މައިރާ ކައިރިއަށް ހިނިއައެވެ. ފާތިކްގެ އަތުގައި ކޮށްޓައިލުމަށްފަހު އޭނާއަށް އެމަންޒަރު ދެއްކިއެވެ. ފާތިކްވެސް ހިނިއައި ކަމަކު ހިނިގަނޑު އެތެރެއަށް ހިންދައިލިއެވެ. ފާތިކް ލޮލުގެ އިޝާރާތުން އެމަންޒަރު ދައްކައިލީ ޝަހާގެ ފަހަތުގައި ހުއްޓި ހުރި ކަމީލާއަށެވެ. އެހިނދު ކަމީލާ ކައިރިއަށް ލާނެތް ހިންޏެއްއައެވެ. ފުރުސަތުގެ ބޭނުންހިފާ އަވަސް އަވަހަށް ފޯނުނެގުމަށްފަހު ކެމެރާގައި އެމަންޒަރު ރައްކާކޮށްލިއެވެ. ފަހުން އަދީމާ ދިމާކުރުމުގެ ނިޔަތުގައެވެ. އަލީފް ވަދެގެން އައި އެވަގުތުއެވެ. އެންމެންނަށް ހީނލުމަށްފަހު އޭނާ ގޮސް ހުއްޓުނީ ކަމީލާ ކައިރީގައެވެ. އެއްކަޅިން ކަމީލާއަށް ބަލައިލި ހިނދު ކަމީލާ ހިނިތުންވެލިއެވެ. ކާމޭޒުކައިރީގައި ހަރަކާތްތެރިވަމުން ދިޔަ ނީމާވެސް އިރުއިރުކޮޅާ ޝަހާމެންނާ ދިމާލަށް ބަލައިލައެވެ.

" ރަނުގެ އަދަދު ބުނެލާ އަވަހަށް.." ހުސެން ބުނެލިއިރު އޭނާގެ ހިތަށް އިންތިހާއަށް އަސަރު ކުރަމުން ދިޔައެވެ. އަދީމްގެ ޖާގައިގައި މިއަދު އޭނާ އިން ނަމަ އޭ ހިތަށް އެރިއެވެ.

" ހަތްސަތޭކަ ހަތްދިހަ ހައެއް..." ޝަހާ މަޑުމަޑުން ބުނެލިއެވެ. އެހިނދު އޭނާ ގެ ލޯ ހިނދުކޮޅަކަށް ނަމަވެސް އަދީމަށް އަމާޒުވެލިއެވެ. އަދީމްގެ ތޫނު ނަޒަރު ފެނި ޝަހާއަށް ރަކި ގޮތަކަށް ހީނލެވުނެވެ.

ހަފްލާ ނިމި އެންމެން ގެއަށް ދިޔައީ އެތައް އިރެއް ފަހުންނެވެ. އަދީމް ޝަހާ ކައިރީގައި މަޑުކޮށްލީ ޝަހާ އާ އެކުގައި ކުޑަވަގުތުކޮޅެއް ހޭދަކޮށްލުމުގެ ބޭނުމުގައެވެ. ޝަހާ އާއި އަދީމް ސޯފާގައި ތިބިއިރު ކާމޭޒު ކައިރީގައި މަލާކާއި ނީމާ ކާން އިނެވެ. އަދީމާއި ޝަހާ ތަފާތު ވާހަކަ ދައްކަމުން ދިޔައިރު ޝަހާ ކޮންމެވެސް ކަމަކާ ވިސްނާހެން އަދީމަށް ހީވިއެވެ.

" ވަރަށް ނާހަން އުޅެފިން އެކަމަކު ކީއްވެ އަހަރެންނަށް ހީވަނީ ޝަހާ ކަމަކާ ވިސްނާހެން..." އެންމެ ފަހުން ނީނދެވިގެން އަދީމް ސުވާލުކޮށްލިއެވެ. ޝަހާ ފުންނޭވައެއް ދޫކޮށްލިއެވެ.

" އަދީމް.. އަހަރެން ބޭނުމެއްނޫން އެއްވެސް ކަމެއް އަދީމަށް ފޮރުވާކަށް.. އަދީމް ތީ އަހަރެންގެ ވާން އުޅޭ ފިރިމީހާ.. އެކަމަކު މިވާހަކަ ބުނަން ޖެހިލުންވަނީ އަދީމް އަހަރެންނާ މެދު ދެކޭނެ ގޮތެއް ނޭނގޭތީ... " ޝަހާ ޖެހިލުންވެފައި އިނދެ ބުންޏެވެ. ހުސެން އަކީ އަދީމްގެ ގާތް އެކުވެރިއެކެވެ. އަދި މިހާރު ކުރަން އުޅޭ ކައިވެނީގެ އެއް ހެކިވެރިއެއްވެސްމެއެވެ. ހުސެން ޝަހާއާ މެދު ދެކޭގޮތް އަދީމްކައިރީގައި ބުނެފައި ނެތްކަން ޝަހާއަށް ޔަގީނެވެ. އެފަދަ ކަންކަމަކީ އަދީމަށް އެނގެންޖެހޭ ކަންކަމެވެ. ޝަހާ އަދީމަށް އެއްވެސް ކަމެއް ފޮރުވުމެއް ނެތި ހުސެންގެ ވާހަކަ ކިޔައިދިނެވެ. ޝަހާގެ ވާހަކަ އަދީމް ޤަބޫލުކުރީ ޝަހާއަށް ކުރާ ފުރިހަމަ އިތުބާރެއްގެ ސަބަބުންނެވެ. ޝަހާ އެވާޙަކަ އޭނާއާ ޙިއްސާކުރީތީ އަދީމް ހިތާހިތުން އުފާކުރިއެވެ. ޝަހާއަކީ ވަފާތެރިވާނެ އަނތްބެއްކަމުގައި ޤަބޫލުވެސްކުރެވުނެވެ. އަދީމް ދެރަވީ ހުސެން އެވާހަކަ އޭނާއާ ޙިއްސާ ނުކުރީތީއެވެ. އިތުރަށް އެވާހަކަ ހުސެންއާއި ދައްކާކަށް އަދީމް ބޭނުމެއް ނުވިއެވެ. އެވާޙަކަ ހުސެން އޭނާއާ ހިއްސާ ނުކުރާނީ އޭގެ ފަހަތުގައި ހުސެންއަށް ފެންނަ ރަނގަޅު ސަބަބެއް އޮތީމައި ކަމުގައި އަދީމް ދެކުނެވެ. އެހެންކަމުން ހުސެން ބޭނުންވާ ގޮތަށް އެއްވެސް ކަމެއް ނޭނގޭކަމުގައި ހެދިގެން ހުންނަން އަދީމް ނިންމިއެވެ.

*********************

ޝެރީންގެ ކަންތައް ގޯހުން ގޯހަށް ދާން ފެށުމުން ބަހެއް ނުބުނެ އާޒިފަކަށް ނުހުރެވުނެވެ. ޖައިލަމް މަތިން ހަނދާން ނައްތައިލުމަށްޓަކައި ޝެރީން ހިޔާރުކުރި މަގު އެއްގޮތަކަށް އާޒިފަކަށް ކަމަކު ނުދިޔައެވެ. އެއް ރޭ ދަންވަރު ޝެރީންގެ ކޮޓަރިން ނިކުތް ފިރިހެނަކު ފެނި އާޒިފް ކައިރިއަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ޝެރީން ދެކެ ކިތަންމެ ލޯތްބެއްވިނަމަވެސް އެފަދަ ޙަރާމް ކަމެއް ކުރާއިރު އާޒިފަށްވެސް ބަހެއް ނުބުނެ ނުހުރެވުނީއެވެ.

" ޝެރީ ހަމަމިހާރު ނިކުމޭ ކޮޓަރިން..." ޝެރީންގެ ކޮޓަރީގެ ދޮރުގައި ތަޅައިގަންނަމުން އާޒިފް އޭނާގެ ބަރު އަޑުން ގޮވައިލިއެވެ. އެއަޑުގައިވީ އިންތިހާ ދަރަޖައިގެ ރުޅިއެވެ. ޝެރީން ނުހުޅުވުމުން ދެވަނަ ފަހަރަށް އާޒިފް ޝެރީން އަށް ގޮވައިލީ ކުރިއަށްވުރެ ބާރަށެވެ. އައިސްފައިވާ ރުޅި ކޮންޓްރޯލް ކުރަން އޭނާއަށް އުނދަގޫވަމުން ދިޔައެވެ. އާޒިފްގެ އަޑަށް ނިދިފައި އޮތް އަސްމާއަށް ވެސް ތެދުވެވުނެވެ.

" ކިހިނެއްވެގެންތަ މިއުޅެނީ...؟" ކޮޓަރިން ނިކުމެ ދޮރުކަނީގައި އަތްވިދެލަމުން އަސްމާ އޭނާގެ ރުންކުރު ރާގުގައި އަހައިލިއެވެ. އާޒިފް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ އަނެއްކާވެސް ކޮޓަރިން ނިކުތުމަށް ޝެރީންއަށް ގޮވައިލިއެވެ. މިފަހަރު ޝެރީން ކޮޓަރީގެ ދޮރު ހުޅުވާލައިފިއެވެ. ޝެރީން ލައިގެން ހުރި ކުރު ސޯޓުކޮޅު ފެނުމުން އާޒިފް އެނބުރުނީ އަނެއް ފަރާތަށެވެ. ބައްޕައަކު ބަލަން ލަދުވެތި މަންޒަރަކަށް ވީމައެވެ.

" ކިހިނެއްވީތަ ބައްޕާ.. ފާހާނައިގައޭ އުޅުނީ..." ޝެރީން ހިތްހަމަނުޖެހިފައި ބުންޏެވެ.

" ތިކޮޓަރިން ދެންމެ  ނިކުމެގެން އެދިޔައީ ކޮންފިރިހެނެއް..؟ " އަމުރުވެރި ގޮތަކަށް އާޒިފް އޭނާގެ ބާރު އަޑުން އަހައިލިއެވެ. އަސްމާއަށް އަނގަމަތީގައި އަތްއަޅައިލެވުނު ހިނދު އޭނާ ކައިރިއަށް އައީ ނުލަފާ ހިންޏެކެވެ.

" އެއއީ ރައްޓެއްސެއް.. ކިހިނެއްވީތަ؟" ފަރުވާކުޑަ ގޮތަކަށް ޝެރީން އަހައިލިއެވެ.

" ކިހިނެއްވީހޭ؟ މިއޮއް ދަންވަރު ރައްޓެހިން އައިސް އުޅޭތަ.. އަދި އެވެސް ހިލޭ ފިރިހެނެއް.. ޝެރީން ބުނަންތަ ވާހަކައެއް.. ތިއުޅެވެނީ އަދި ރަނގަޅަކަށް ނޫން.. މިހާރުން މިހާރަށް ތިކަން ހުއްޓާ.. އެހެންނޫނީ މާރަނގަޅެއް ނުވާނެ.." އާޒިފް އެހުރިގޮތަށް ހުރެ ބުންޏެވެ. ޝެރީން ކައިރިއަށް ރުޅިއަންނަގޮތްވެ ދެބުމަ ގޮށް ޖަހައިލެވުނެވެ.

" އޯވްހް ޕްލީޒް ބައްޕާ.. އަހަރެންގެ އަމިއްލަ ކަންތައްތަކާ ބައްޕަ ނުބެހުނިއްޔާ ރަނގަޅުވާނީ.. ތީ އެއްއިރެއްގައި ވެސް އަހަރެންނަށް ހެޔޮއެދުނު މީހެއް ނޫން.. އަހަރެންނަށް ހެޔޮއެދޭ މީހެއް ނަމަ މިހިރަ ފެންނަ އަންހެންނާޔާ ކައިވެންޏެއް ނުކުރާނެ.. އެހެންނޫނަސް ހިލޭ ފިރިހެނެކޭ ރަނގަޅުކަމެއް ނޫނޭ ކިޔަން ވަކި ބައްޕަ އުޅުނީ ރަނގަޅަށްތަ..؟ ބައްޕަ ހީކުރީ ތަންގަނޑު މީހުން ދައްކާ ވާހަކަ އަހަރެންނަށް ނީވޭނެ ކަމަށްތަ؟ ބައްޕަ ގޮސް މިއަންހެންމީހާއާ ކައިވެނި ކޮށްގެން ގެނައީ މީނަ އެހެންމީހަކާ އިނދެގެން އުޅެނިކޮށް ވަރިކުރުވައިގެން.. އަހަރެން މިހާރު މިހިނގަނީ ބައްޕަ ދައްކައިދިން މަގުން.. ބުނެއެއްނު ބޮޑު ސޯބު އެނބުރޭ ގޮތަށޭ ކުޑަ ސޯބު އެނބުރޭނީ.. އަހަރެން އުޅޭނީ އަހަރެންނަށް ފެންނަ ގޮތަކަށް.. ހިތްހަމަނުޖެހެންޏާ އަހަރެން ގެއިން ނެރެލާ... " ހިތަށް އައިހާ އެއްޗެއް އާޒިފާ ދިމާލަށް ކިޔައިލުމަށްފަހު ޝެރީން ކޮޓަރީގެ ދޮރު ބަންލާފައި ލެއްޕިއެވެ. އާޒިފް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޝެރީން އެފަދަ މޭރުމަކުން އޭނާ އާ ވާހަކަ އެދެއްކީ ފުރަތަމަ ފަހަރަށެވެ. ލާނެތް ގޮތަކަށް ހީނލައިގެން ހުރެ އަސްމާވެސް ކޮޓަރިއަށް ވަދެ ދޮރުލައްޕައިލިއެވެ. އާޒިފް ހިތުގައި ޖެހުނު ވަރުން ލޮލުން ކަރުނަ އޮހެން ފެށިއެވެ. ހަށިގަނޑުން ވަރުދާހެން ހީވަން ފެށުމުން އޭނާ ކުރިމަތީގައި ހުރި ސޯފާގެ އަތްގަނޑުގައި ހިފައިލިއެވެ.

*****************************

ކައިވެނިކުރަން ހަމަޖެހުނީ ޝަހާގެ ކުންފުނީގެ ކައިވެނި ހޯލުގައެވެ. އެތަން ޑެކަރޭޓް ކޮށްފައިވަނީ ރަތާއި ރަންކުލައިންނެވެ. ހުދުކުލައިގެ ބޮޑު ހެދުމުގައި ޝަހާ ކައިވެނީގެ މަޖިލީހުގައި އިން އިރު އޭނާގެ ނަޒަރުވަނީ އުނގުމަތީގައި އޮތް އޭނާގެ އަތްތިލައަށް ހުއްޓިފައެވެ. ޝަހާގެ މުޅިހަށިގަނޑު ފިނިވެފައިވާއިރު އޭނާގެ ހިތް ހީވަނީ މޭފަޅައިލާފައި ނިކުންނަން އުޅޭހެންނެވެ. ކައިރީގައިން އިން އަދީމަށް އިރުއިރުކޮޅާ ޝަހާއާ ދިމާލަށް ބަލައިލެވެނީ ބޭއިޙްތިޔާރުގައެވެ. ޝަހާ ރީތިކަމަށް އޭނާގެ އެސްފީނާ ޖެހިދާނެތީ ޙުދު އަދީމް އިނީ ޖެހިލުންވެފައެވެ. އެހާ ވަރަށް އޭނާގެ ހިތްދިޔައީ އެރީތިކަމަށް ތަޢުރީފުކުރަމުންނެވެ. އެތާ ތިބި އެންމެންގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ޝަހާގެ ފުރަގަހުގައި އޭނާގެ ކޮނޑުމަތީގައި އަތް ބާއްވައިލައިގެން މަލާކް ހުއްޓެވެ. ކަމީލާ އުޅުނީ ފޮޓޯ ނެގުމުގައި އަވަދިނެތިއެވެ.

ކައިވެނީގެ ޙުތުބާ ކިޔަން ފެށުމާއެކު ޝަހާއަށް ކުރެވެމުން ދިޔައީ މުޅިން ތަފާތު އިޙުސާސްތަކެކެވެ. އެފަދަ އިޙުސާސެއް މީގެ ކުރިން ދުވަހަކުވެސް އޭނާއަށް ކުރެވިފައެއް ނުވެއެވެ. އަދީމްގެ ދުލުން 'އަނބި ޤަބޫލުކޮށްފީމޭ' ބުނި ހިނދު އެއްވެސް އިޙްތިޔާރެއް ނެތި ޝަހާގެ ދެލޮލުން ކަރުނަ އޮހިގަތެވެ. ގިސްލެވެން އުޅޭހެން ހީވާން ފެށުމުން ޝަހާ އޭނާގެ ތިރީ ތުންފަތުގައި ދަތްއަޅައިލިއެވެ. އެވަގުތު އޭނާއަށް ލިބިފައިވާ އުފާވެރިކަން ބަޔާންކުރަން ދައްޗެވެ. ޓިޝޫއަކުން ޝަހާގެ ދެލޯ ފޮހެލައިދޭން މައިރާ އުޅުމުން އެކަން ހުއްޓުވީ އަދީމެވެ. އެއަށްފަހު އޭނާގެ ދެއަތުން ޝަހާގެ މޫނުގެ ދެފަރާތުގައި ހިފަހައްޓައިލުމަށްފަހު ކަރުނަތައް ފޮހެލައި ދިނެވެ. އެކަމުންވެސް ޝަހާއަށް ލިބިގެން ދިޔައީ ތަފާތު ހިތްހަމަޖެހުމެކެވެ. އަދީމްގެ އެއަމަލުން އެންމެން އެކަކު އަނެކަކަށް ބަލައިލީ ހިނިތުންވެހުރެއެވެ. ވަކިން ޙާއްސަކޮށް ކައުސަރު އޭނާގެ ދަރިފުޅާމެދު ފަހުރުވެރިވިއެވެ.

-ނުނިމޭ-

Ads by Allied Insurance
  1. ގާލް

    އާޗާ.. ވަރަށް ރީތި