ރާއްޖޭގެ ހުރިހާ ރައްޔިތުންގެ، ޑިޖިޓަލް ސިއްހީ ރެކޯޑެއް އުފައްދައި ބަލަހައްޓަން ފެށުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ފަށައިފިއެވެ.
މި ރެކޯޑު އުފައްދަން ފަށައިފައިވާ އިރު ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ކުރިއަށް މިއޮތް 2022ވަނަ އަހަރު ނިމުމުގެ ކުރިން ހުރިހާ ރައްޔިތުންގެ ސިއްހީ ހާލަތު ދެނެގަންނާނެ ޑިޖިޓަލް ސިސްޓަމެއް ރާއްޖޭގައި ގާއިމް ކުރެވިގެންދާނެ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށް އޮތް ދެއަހަރު ސިއްހީ ދާއިރާއިން ހާސިލްކުރަން ރާވައިފައިވާ ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ އެންމެ މުހިންމު އެއް ކަމަކީ ރާއްޖޭގައި ޕްރައިމަރީ ހެލްތު ކެއާ ދޭން ފެށުން ކަމަށެވެ. މީގެ ކުރިން 2004ވަނަ އަހަރާއި ހަމައަށް ރާއްޖޭގައި ދެމުން ގެންދިޔަ މި ހިދުމަތަށް އޭގެ ފަހުން އެއްވެސް ވަރެއްގެ މަސައްކަތެއް ކުރެވިފައި ނުވާއިރު އަންނަ ޖެނުއަރީ މަހު އަލުން މިމަސައްކަތް ފަށަން ހަމަޖެހިފައިވާކަމަށް ނަސީމް ވިދާޅުވިއެވެ.
"މިހާރު މިސާލަކަށް އަންހެނުންނަށް ޖެހޭ ބަލިތައް، ބްރެސްޓް ކެންސަރ ކަހަލަ ކަންތައްތައް. އެއީ ވަރަށް ކުރީގަ އައިޑެންޓިފައި ކުރެވޭ ކަހަލަ ކަންތައްތައް. އެއީ ބޮޑު ކްރިޓިކަލް ކަންތައްގަނޑަކަށްވެ ބޮޑު އޮޕަރޭޝަނެއްކޮށް މީހުންގެ ތަންތަން ބުރިކޮށް ކަނޑައި އެކަހަލަ ކަންކަން ކުރާކަށް ނުޖެހޭނެ ކުރީ ބައިގައި ފަރުވާ ލިބިއްޖެކަމަށް ވަނީ ވިއްޔާ. ޕްރައިމަރީ ހެލްތު ކެއާއިން ކޮށްދޭ ކަމަކީ އެއީ" ނަސީމް ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅު މިމޭރުމުން ކުރިއަށް ގެންދަވަމުން ވިދާޅުވީ އުމުރުން ދުވަސްވީ ދިވެއްސަކު ޑޮކްޓަރަށް ދައްކަން އައުމުން އޭނާގެ ހުރީ ކޮން ބައްޔެއްތޯ ޑޮކްޓަރަށް ސުވާލު ކުރަން ޖެހުމަކީ ވަރަށް ތާކުންތާކު ނުޖެހޭ ކަމެއް ކަމަށެވެ. އޭގެ ބަދަލުގައި ސަރުކާރު ހޮސްޕިޓަލުތަކުގައި އެމީހާގެ ސިއްހީ ހާލަތު ރެކޯޑު ކުރެވިފައިވާ ޑިޖިޓަލް ސިސްޓަމެއް ގާއިމްކުރުން މުހިންމުކަމަށް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.
މިހާރުވެސް 56 ރަށެއްގައި އެރަށުގެ އާބާދީގެ އާންމު ސިއްހީ ރެކޯޑުތައް ނަގާފައިވާކަމަށް ނަސީމް ވިދާޅުވިއެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ކޮންމެ ވެސް ވަރަކަށް މިމަސައްކަތުގައި މަޑުޖެހިލުމެއް އައި ނަމަވެސް މިހާރު އަނެއްކާ ވެސް މިކަން ކުރިއަށް ދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިމަސައްކަތަކީ ވަރަށް ކާމިޔާބު މަސައްކަތެއް ކަމަށްވެސް ވިދާޅުވިއެވެ.
"އެންމެ ފުރަތަމަ އަޅުގަނޑުމެން މަސައްކަތް ފެށީ އާބާދީގައި 1000އިން ދަށުގެ ތަންތަން. މިހާރު ފުޅާކުރަމުން ފުޅާކުރަމުން އަޅުގަނޑުމެން މިގެންދަނީ. އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖޭގެ އެންމެ ރައްޔިތުންގެ ސިއްހީ ރެކޯޑުތައް އަޅުގަނޑުމެން ޑިޖިޓަލްކޮށް އެރެކޯޑުތައް ބަލަހައްޓަން ފެއްޓޭނެ" މިނިސްޓަރު ވިދާޅުވިއެވެ.
ފުރިހަމަ ސިއްހީ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެންމެ މުހިންމު ކަމަކީ ރަނގަޅު ރެކޯޑެއް ބެލެހެއްޓުންކަމަށް ނަސީމް ވިދާޅުވިއެވެ. ކޮވިޑުގެ ތެރޭގައި މިކަމުގެ ދަތިކަން އިހުސާސް ކުރަންޖެހުނު ކަމަށް ވިދާޅުވިއެވެ. އެގޮތުން ކޮވިޑު ޖެހިގެން އަންނަ އުމުރުން ދުވަސްވީ މީހާއަށް މީގެ ކުރިން ޖެހިފައި ހުރީ އަދި މިހާރު ފަރުވާ ދެމުންދާ ބައްޔެއް ހުރިތޯ ދެނެގަތުމުގައި ދަތިތަކެއް ހުރިކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ރަނގަޅު ސިއްހީ ރެކޯޑެއް ގާއިމްކުރެވިފައި އޮތް ނަމަ މިހާރަށް ވުރެ ރަނގަޅު ކޮވިޑު ރެސްޕޮންސެއް ވެސް ދެވުނީސްކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި ވިދާޅުވީ ހެލްތު މިނިސްޓްރީގެ އެންމެ ބޮޑު އަމާޒަކީ ދެން ވެސް އަތުވެދާނެ ސިއްހީ ކާރިސާއަކަށް ތައްޔާރުވުން ކަމަށެވެ.