ވާހަކަ

ހައްޤަކަށް ތީމަގޭ ވުން (ފަނަރަވަނަ ބައި)

އަޒްކީ ، ދެން އޮންލައިން

ޓިޝޫއަކުން ޝަހާގެ ދެލޯ ފޮހެލައިދޭން މައިރާ އުޅުމުން އެކަން ހުއްޓުވީ އަދީމެވެ. އެއަށްފަހު އޭނާގެ ދެއަތުން ޝަހާގެ މޫނުގެ ދެފަރާތުގައި ހިފަހައްޓައިލުމަށްފަހު ކަރުނަތައް ފޮހެލައި ދިނެވެ. އެކަމުންވެސް ޝަހާއަށް ލިބިގެން ދިޔައީ ތަފާތު ހިތްހަމަޖެހުމެކެވެ. އަދީމްގެ އެއަމަލުން އެންމެން އެކަކު އަނެކަކަށް ބަލައިލީ ހިނިތުންވެހުރެއެވެ.

Ads by STELCO

ދެމަފިރިންގެ ލޯބިވެތި އެމަންޒަރުން ބަލަހައްޓައިގެން ތިބި ހުރިހާ މީހުންނަށް އުފާވެރިކަމެއް އިހުސާސް ކުރެވުނަސް އެމަންޒަރު ފެނުމުން ހުސެންގެ ހިތަށް ލިބިގެންދިޔައީ ބަޔާންކުރަން ދަތި ވޭނެކެވެ. މޭގައި އުފެދުނު ރިހުމެއްގެ ސަބަބުން އޭނާއަށް މޭގައި ހިތާވީ ދިމާލުގައި ފިރުމާލެވުނެވެ. އެންމެފަހުން އޭނާ ނިކުންނަން ހިނގައިގަތެވެ. އެންމެ ހިނދުކޮޅަކުވެސް އިތުރަށް ކެތްނުވާނެތީ އިތުރަށް މަޑުކުރުމުގެ ބޭނުމެއް އޮތްކަމަށް އޭނާ ނުދެކުނެވެ. ޝަހާއާއި އަދީމްއަށްޓަކައި އުފާކުރަން ބޭނުންވިޔަސް އެކަމެއް އޭނާއަށް ނުވިއެވެ.

ސައިކަލުގައި ދުއްވާފައި ދިޔަ ސައިކަލްގެ ދުވެލި ހިނދަކަށްފަހު ހިނދެއް ބާރުވަމުން ދިޔައެވެ. ރޭގަނޑުގެ އަނދިރީގައި ދެވޭ ނުދެވޭ ތަނެއް ނޭނގި ސައިކަލް މަޑުކޮށްލީ ރަށުގެ މީހުން މަދު ހިސާބެއްގައެވެ. ގުދުރަތީގޮތުން ޖެހެމުންދިޔަ ވައިގެ ސަބަބުން ހުސެންގެ ބޮލުގެ އިސްތަށިތައް ވަޔާ ވުހުރުވެމުން ދިޔައެވެ. ސައިކަލް ދުރުކޮށްލާފައި ދުރުދުރުގައި ފިޔަވަޅު އަޅަމުން ގޮސް ހުސެން ހުއްޓުނީ މޫދާ ލޮނުގަނޑުގައި އަރައިގެން ހުރި ބޫޓު ކިރިޔާ ޖެހޭ ނުޖެހޭ ހިސާބުގައެވެ. ގޮތްހުސްވެފައިވާ މީހަކު ފަދައިން އެނާ އަޑުގެ ކޮޅަށް ހަޅެއްލަވައިގަތެވެ. ހިތުގެ ތެރޭގައި އަނދަމުންދިޔަ ގިލަންވެރިކަން އެއްފަހަރާ ބޭރުކޮށްލަން އުޅޭ ކަހަލައެވެ. އެއްފަހަރުން ނުވެގެން ތިންހަތަރު ފަހަރު އެގޮތަށް އޭނާ ހަޅެއްލަވައިގަތެވެ. ކަރުގައި އޮތް ޓައީއަށް ދޫކޮށްލާފައި ގުދަށް އޮވެ ފުން ނޭވާތަކެއްލަމުން ދިޔައެވެ. މޫދުގެ ލޮނުގަނޑަށް އޭނާގެ ދެލޮލުން ވެއްޓެމުންދިޔަ ކަރުނަތިކި ކަނު އަނދިރީގައި ވަނީ ވަންހަނާވެފައެވެ. އެހެން އޮތްއިރު ޝަހާގެ ކައިވެނި ކުރެވެމުން ދިޔަ ވަގުތުގެ އެކި މަންޒަރުތައް އޭނާގެ ލޯ ކުރިމަތީގައި ސިފަވަމުން ދިޔައެވެ.

ހުސެން ނިކުތް މަންޒަރު ބަލަން ހުރެފައި ޝަހާއާއި އަދީމް އެކަކު އަނެކަކުގެ މޫނަށް ބަލައިލިއެވެ. ވީގޮތް ދެމީހުންނަށްވެސް ވަރަށް ރަނގަޅަށް އެނގުނެވެ. އަދީމް ދެފަރާތަކަށް ބޯހޫރައިލީ އެކަމާ ނުވިސްނާށޭ ބުނުމުގެ ގޮތުންނެވެ. ޝަހާ ހިނިތުންވެލުމުން އަދީމް ޝަހާގެ އަތުގައި ހިފައިގެން އޭނާގެ އާއިލާ އާ ދިމާލަށް ހިނގައިގަތެވެ.

މާގިނައިރެއް ނުވަނީސް ދައުވަތު ދީފައިވާ މެހްމާނުން އަންނަން ފެށިއެވެ. އިސާހިތަކު މާހައުލު މީހުންތަކުން ހަލަބޮލި ކުރުވިއެވެ. ދެމަފިރިންނަށް ހާއްސަކޮށްފައިވާ ސްޓޭޖްކޮޅު މަތީގައި ތިބިއިރު ސަލާމްކޮށް ކޮންމެ މެހްމާނަކާ ބައްދަލުކުރަމުން ދިޔައީ ހިނިތުންވެލައިގެން ހުރެއެވެ. އާކައިވެނީގެ ޖޯޑަށް ކޮންމެ މީހަކުވެސް ބަލައިލާފައި ތަޢުރީފުކޮށްނުލާ ދޫކޮށްނުލެވެއެވެ.

ކުއްލިއަކަށް އަދީމުގެ ކުރިމައްޗަށް އެރި މީހަކު ފެނިފައި އޭނާގެ ނިތަށް ދެތިން ރޫ އަރައިގެން ދިޔައެވެ. ދެވަނަ ސިކުންތުގައި އޭނާގެ ތުންފަތް ދެފަރާތަށް ދެމިލިއެވެ. ކުރިމަތީގައި ހީލައިގެން ހުރީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ފަޒަލް ކަން ޔަގީންވެއްޖެއެވެ. ޙައިރާންކަމެއް ލިބުނީ އަންނަ ވާހަކަ އަންގައިވެސްނުލާ ކުއްލިއަކަށް ކުރިމަތިން އެކުވެރިޔާ ފެނުމުންނެވެ.

"ވަޓް އަ ޕްލެޒެންޓް ސްޕަރައިޒް..." އަދީމް ހީނލަމުން ބުންޏެވެ. ސަލާމްކުރަން ފަޒާލް ދިއްކޮށްލި އަތުގައި ހިފާފައި ގަޔާ ދިމާލަށް ދަމައިގަތެވެ. އަދި އެކުވެރިޔާގެ ގައިގައި ބައްދައިލިއެވެ. އެހިނދު ދެ އެކުވެރިންގެ ހުނުމުގެ އަޑު އިވިލިއެވެ. އެމަންޒަރު ބަލަން ޝަހާވެސް ހުރީ ހިނިތުންވެލައިގެންނެވެ. ފަޒަލް އަކީ އަދީމްގެ ކިހާ ގާތް މީހެއްކަން އޭނާއަށް އެނގިއްޖެއެވެ.

"ސީރިޔަސްލީ މޭން... އަހަރެން ހިއެއް ނުކުރަން ފެނިދާނެ ކަމަކަށް" އަދީމް ބުންޏެވެ.

"އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ ހާއްސަ ދުވަހަށް ނައިސް އަހަރެން ހުންނާނެތަ؟" ފަޒަލް ބުނެލިއެވެ.

"އެކަމު އަންގާލިނަމައެއްނު" އަދީމް ބުންޏެވެ. "ރިސީވްކުރަން މީހަކު ފޮނުވީމުސް"

"ކޮންމެހެން އަންގާކަށް ނުޖެހެއޭ. އެއާރޕޯޓުން އައި ގޮތަށް މިތަނަށް މިއައީ." ފަޒަލް ބުންޏެވެ. އަދީމް ކައިރީގައި ހުރި ޝަހާއަށް ނަޒަރެއްދީފައި ފަޒަލް ހީނލިއެވެ. އަދި ޝަހާއަށް މަރުހަބާ ކިޔައިލިއެވެ.

ހަފްލާގެ ބާކީ އޮތް ވަގުތުގައި ފަޒަލްއަށް އަދީމް ކައިރީގައި މަޑުނުކުރެވުނެވެ. މެހްމާނުންނަށް ތަންދީފައި އެއްފަރާތްވެލިއެވެ. ކޯކްތައްޓެއް ހިފައިގެން ވަކިން މަޑުކޮށްލައިގެން ހުރިއިރު އޭނާގެ ނަޒަރު އިރުކޮޅަކާ އަދީމާއި ޝަހާއަށް ހުއްޓެއެވެ. އެކުވެރިޔާއާއި ވާހަކަދައްކަން ބޭނުންވެފައި ހުރި ކަހަލައެވެ. އެ ފުރުސަތު އޭނާއަށް ލިބުނީ ގަޑިން ދިހަގަޑި ބައިވާން ކައިރިވަނިކޮށް މެހްމާނުން މަދުވާން ފެށުމުންނެވެ. އަދީމް ގޮވައިގެން ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ހުރިއިރު މައިރާއާއި އެކު ޝަހާ ސެލްފީ ނަގަން އުޅެއެވެ.

"އަހަރެން މިއަދު މިހުރީ ވަރަށް އުފަލުން" ކޯކްތަށިން ކޯވަރެއް ބޯލަމުން ފަޒަލް ބުންޏެވެ. "ސީރިޔަސްކޮށް ޝެރީން މަތިން ހަނދާންނައްތާލާފައި މޫވްއޮން ކުރީތީ. އަހަރެން ހިއެއްނުކުރަން ކަލޭ އަހަރެންގެ ބަސްގަބޫލުކުރާނެ ކަމަކަށް" ފަޒަލް ބުންޏެވެ. އަދީމް ޒާތަކަށް ހީލިއެވެ. އެއްވެސް މާނައެއް ނެތް ހިނިތުންވުމެކެވެ. ފަޒަލްގެ ވާހަކަތަކަށް ޖަވާބެއްދިނުން މުހިންމު ކަމަކަށް އަދީމަށް ނުވިއެވެ. އަތުގައި ހުރި ކޯކްތަށި ތުނބުގައި ޖަހަމުން އޭނާ ދުރު ބަލައިލިއެވެ. ކުއްލިއަކަށް އޭނާގެ ނަޒަރު ދަތރުކޮށްލީ ކައިވެނީގެ ހުދު ހެދުމުގައި ހުރި ޝަހާއަށެވެ. އެ މައުސޫމު އަންހެންކުއްޖާއަށް ބަލަހައްޓައިގެން ހުރިއިރު އޭނާގެ ހިތަށް އެތައް ވާހަކަތަކެއް އަރައި ފައިބަމުން ދިޔައެވެ. ހިތުގައި އުފެދުނު ވާހަކަތަކުގެ ތެރެއިން އޭނާގެ ހަރަކާތްތަކަށް ހުއްޓުމެއް ގެނުވީ 'ކައިވެނި' މި ލްފްޒު ގެ ސަބަބުންނެވެ.

"އޭތް. ކޮން ވިސްނުމެއްގަ" ކުއްލިއަކަށް އަދީމް ސިހުނީ ފަޒަލް ޖޮވައިލުމުންނެވެ. ޝަހާ އިން ނަޒަރު ވަކިކޮށް އޭނާ ފަޒަލްއަށް ބަލައިލާފައި ހީނލިއެވެ.

"ދެން ތިވަރަށް ނުބެލިޔަސް މިހާރު މިލްކުވެއްޖެއްނު" ފަޒަލްގެ އަޑުގައިވީ ސަމާސާ ގޮތްގަނޑެވެ.

********************

މަގުގެ ދެފަރާތް ބަލައިލާފައި ކަމީލާ ދުއްވައިގަތެވެ. ގެތަކުގެ ބޭރުގައި މަގު ބައްތި ދިއްލާފައި ހުއްޓަސް މަގުތަކަށް ފެތުރިފައިވަނީ އަލިކަމަށް ވުރެ ބޮޑަށް އަނދިރިކަމެވެ. މަގު ހުރަސްކޮށްފައި ކަމީލާ ކުރިއަށް ދިޔައެވެ. ކުއްލިއަކަށް އޭނާ ހުއްޓުނީ ދިމާކުރިމަތިން ހުދުކުލައެއް ފެނުމުންނެވެ. ވަގުތުން އޭނާއަށް އެއީ އަލީފްކަން އިނގުނެވެ. އެހެނީ އޭނާއަށް އަނދިރީގެ ތެރެއިން ފެނުނު ހުދު ކުލައަކީ އަލީފް ލައިގެން ހުރި ހުދުކުލައިގެ ގަމީސްކަން އިނގުނެވެ.

"ވަރަށް ވަރުބަލިވެއްޖެ" އަލީފްގެ ދެއަތުގެ ތެރެއަށް ވަދެވުމާއެކު ކަމީލާ ބުންޏެވެ.

"އެއްވެސް މީހަކަށް ފެނުނުތަ؟" އަލީފް އެހިއެވެ. ކަމީލާ ދެފަރާތަށް ބޯހޫރާލިއެވެ.

" ކައްމި ކޮންއިރަކު ގޭ މީހުން ކައިރީގައި އަހަރުމެންގެ މިގުޅުމުގެ ވާހަކަ ބުނާނީ..؟" ކަމީލާ ދުރުކޮށްލަމުން އަލީފް އަހައިލިއެވެ.

" ބުނީމެއްނު ބައްޕަގެ ފިހާރަ ހުޅުވުނީމައޭ.. އެހެންނޫނަސް އަސްލު ވަރަށް ޖެހިލުންވޭ.. ފުރަތަމަ ފަހަރަށް މިކަހަލަ ވާހަކައެއް ދައްކަން ޖެހުނީމަ..." ކަމީލާ ބުންޏެވެ.

" ޑޯންޓް ވޮރީ.. ކައްމި ބުނިއްޔާ އަހަރެން ގޮސް ތިފެމިލީ މީހުންނާ ވާހަކަ ދައްކަންތަ؟" ކަމީލާގެ ދެއަތުގައި ހިފައިލަމުން އަލީފް ބުންޏެވެ.

" ނޯ.. ނޯ... އިހަށް ބުނެބަލަ... އަލީފްގެ އާއިލާ މީހުން ކައްމި ބަލައިގަންނާނެތަ؟" ކަމީލާ އަހައިލިއެވެ.

" ނޭނގޭ ދޯ.. އެކަމަކު އަހަރެން ކައްމި ނޫން އެހެން މީހަކާ ނީންނާކަން ޔަގީން.. " ކަމީލާގެ އަތަށް ފިތައިލަމުން އަލީފް ބުންޏެވެ. ކަމީލާ ހިނިތުންވެލަމުން އަލީފްގެ ކޮނޑުގައި ބޯއަޅައިލިއެވެ.

******************

ލޯ ހުޅުވާލިގޮތަށް ޝަހާއަށް ބަލައިލެވުނީ ކައިރީގައި ނިދާފައި އޮތް އަދީމަށެވެ. ކޮޓަރި ތެރެއަށް ވެރިވެފައިވާ ރަތްކުލައިގެ ފަނޑު އަލިކަމުގެ ތެރެއިންވެސް އޭނާއަށް އަދީމްގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުން ފާހަގަވިއެވެ. އަދީމާ ވީ ދިމާލަށް އެނބުރުނުގޮތަށް އެއް އަތުން އަދީމްގެ މޫނުގައި ފިރުމާލިއެވެ. ޝަހާގެ އަތުގެ ބީހުން އިހުސާސްވެ ދެލޮލުގެ އެސްފިޔަތައް ތެޅިލާފައިވެސް އަދީމަށް ދެލޯ ނުހުޅުވުނެވެ. ޝަހާއަށް ހެވުނެވެ. އަލަތު ކައިވެނީގެ ރޭގައި އަދީމްގެ ދެއަތުގެ ތެރޭގައި އުޅެވުނު ގޮތް ހިތަށް ސިފަވުމާއެކު ލަދުގަނެއްޖެއެވެ. އަނެއްފަރާތަށް އެނބުރުނުގޮތަށް އަރިމަތީ ކަބަޑުމަތީގައި އޮތް ފޯނު ނަގާފައި ގަޑި ބަލައިލިއެވެ. ފަތިހު ފަހެއްޖަހަން ފަސްމިނިޓް ހުއްޓެވެ. ޝަހާ ތެދުވެގެން ގޮސް ވަނީ ފާނާއަށެވެ. ފަތިހުގެ އެ ވަގުތު ހޫނު ފެނުން ފެންވަރައިގެން އައިސް ކޮޓަރި ތެރެއަށް ނަމާދަށް އެރިއިރުވެސް އަދީމް އޮތީ ފުން ނިދީގެ ތެރޭގައެވެ.

ހައެއްޖެހުމުގެ ކުރިން ޝަހާ ކޮޓަރިން ނިކުމެއްޖެއެވެ. ބަދިގެއަށް ގޮސް ކޮފީ ހަދަން ތައްޔާރުކޮށްލިއެވެ. މަލާކް މަތިން ހަނދާންވީ ކުއްލިއަކަށެވެ. ހުރިހާ ކަމެއް ބަހައްޓާފައި އޭނާ މިސްރާބުޖެހީ މަލާކްގެ ކޮޓަރި އާ ދިމާލަށެވެ. ނީމާ ކޮޓަރިން ނިކުތީ މަލާކްގެ ކޮޓަރިއަށް ޝަހާ ވަންނަނިކޮށް ފެނިގެންނެވެ.

"ގުޑްމޯނިން" ނީމާ ފެނުމާއެކު ހިނިތުންވުމަކާއެކު ޝަހާ ނީމާއަށް ހެނދުނުގެ ސަލާންކޮށްލިއެވެ. ނީމާ ހިނިތުންވެލިއެވެ. ޝާހާގެ ތުންފަތްމަތިން އޭނާއަށް ތަފާތު ހިނިތުންވުމެއް ފެނުނުހެން ހީވިއެވެ. ކައިވެންޏަށްފަހުވެސް ފަތިހާ ޝަހާ ހޭލައިގެން އުޅޭ މަންޒަރިު ފެނުމުން ނީމާއަށް ހިނިތުންވެވުނެވެ.

" އަޅެ ނީމާ ހަމަ އައީއޭ ދޯ އެވަރަށް މަނާ ކުރީމަވެސް.." އެގަޑީގައި ނީމާ ފެނުމުން ޝަހާ ޝަކުވާކޮށްލިއެވެ.

" މައްސަލައެއް ނޫނޭ.. ދަރިފުޅު އަވައްޓެރިއަކާ ހަވާލުކޮށްފަ މިއައީ.." ނީމާ ހީނލަމުން ބުންޏެވެ.

******************

 

ހެނދުނުގެ ހަތެއްޖެހުމުގެ ކުރިން މޭޒުމައްޗަށް ހެނދުނު ސައި އަރުވައިފިއެވެ. މަލާކް ސްކޫލަށް ގެންގޮސްފައި ޝަހާ ގެއަށް އައިސް ވަންއިރު ނީމާ ހުރިހާ ކަމެއް ނިންމައިފިއެވެ. ޝަހާ ފެނުމާއެކު އަވަހަށް ސައިބޯން އަންނާށޭ ބުނެލިއެވެ. ޝަހާ ހިނގައިގަތީ ކޮޓަރި އާ ދިމާލަށެވެ. ފަތިސް ނަމާދަށް އަދީމަށް ގޮވާފައި ނިކުތްފަހުން ޝަހާ ކޮޓަރިއަށް ނުވަދެއެވެ.

ކޮޓަރި ދޮރު ހުޅުވާލުމާއެކު ޝަހާ އާ ބައްދަލުކުރީ އަނދިރިކަމެވެ. ނަމާދަށް ފަހު އަދީމް އަނެއްކާވެސް ނިދީއެވެ. އެއްފަރާތުން ގޮސް ބެލްކަންޏަށް ނިކުމެވޭ ދޮރުގެ ކާޓެއިން ކަހާލިއެވެ. އެއާއެކު ހުދު އައްޔަކުން ކޮޓަރިތެރެ އަލިވެގެން ދިޔައެވެ. ޝަހާ އެނދާ ދިމާލަށް ބަލައިލިއެވެ. ބާލީސް މޭގައި ބޮޑިކޮށްލައިގެން އެއްފަރާތަކަށް އޮތް އަދީމް ލޮލަށް އަލިވެގެން އެސްފިޔަތައް ތަޅުވާތަން ފެނުމުން ޝަހާއަށް ހެވުނެވެ. އޭނާ ގޮސް އިށީނީ އަދީމްގެ މަގަތުންނެވެ.

"އޭތް. އަދީމް" ވައި އަޑުން އަދީމްގެ ކަންފަތްދަށުގައި ޝަހާ ގޮވާލިއެވެ. އަދީމް ދެލޯ ހުޅުވާލާފައިވެސް ފާޑަކަށް ލައްޕާލިއެވެ. ހީވާގޮތުން އަދިވެސް އަދީމްގެ ދެލޮލުން ނިދީގެ އަސަރު ނުފިލައެވެ.

"ހިނގާ ސައިބޯން" ޝަހާ ބުނެލިއެވެ. އެއް އަތް ހިއްލާލިގޮތަށް އަދީމްގެ މޫނުގައި ޝަހާ ފިރމާލައިފިއެވެ.

"ނަމާދުކޮށްލައިގެން ނިދީ ދޯ" ޝަހާ ބުންޏެވެ. "ދެން ހިނގާ ސައިބޯން. މަންމަމެން ގެއަށްވެސް......"

ކުއްލިއަކަށް ޝަހާގެ ޖުމްލަތަކަށް ހުއްޓުމެއް އައީ އަދީމްގެ މޫނުގައި ޝަހާ ފިރުމަމުން ދިޔަ އަތުގައި އަދިީމް ހިފެހެއްޓުމުންނެވެ. ޝަހާ ބަލައިލުމާއެކު އެއްލޯ ކުޑަކޮށްލާފައި އަދީމް ހިނިތުންވެލައިފިއެވެ.

"ވަރަށް ކަންނެތް. ދާހިތެއްނެތް" އަދީމް ބުންޏެވެ. ޝަހާގެ އަތުގައި ހިފާފައި ގާތަށް ދަމައިލިއެވެ. އެހިނދު ޝަހާގެ މޫނު އަދީމްގެ މޫނާ ގާތްވެލިއެވެ. ދެމަފިރިންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަ ވަގުތުކޮޅެކެވެ. އަދީމްގެ ތޫނު ނަޒަރުން ސަލާމަތްވުމަށް ޝަހާ ލަސްލަހުން އެސްފިޔަތައް ތިރިކޮށްލައިފިއެވެ. ދެން އިވިގެން ދިޔައީ ލުއިލުއިކޮށް އަދީމް ހީލި އަޑެވެ.

"ލެޓްސް ގޯ ވައިފީ"

ޝަހާއާއި އަދީމްގެ ކައިވެންޏަށް ސާދަ ދުވަސް ފާއިތުވެގެން ދިޔައީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އަދީމް ލަފާކުރި ގޮތަށް ޝަހާ ވެގެންދިޔައީ ހުރިހާ ގޮތަކުންވެސް އޭނާ ހިތްހަމަޖެހޭ ކަހަލަ އަންބަކަށެވެ. ދިރިއުޅުމުގައި އަދީމް ޝަކުވާ ކުރާނެ އެންމެ ފުރުސަތެއްވެސް އަދީމް ނުދެއެވެ. ގޭތެރޭގެ ޒިންމާއާއި މަލާކްގެ ޒިންމާގެ އިތުރުން ވަޒީފާގެ ކަންތައްތައް ޝަހާ ހަމަޖައްސާލާގޮތް އަދީމަށް ވަރަށް ކަމުދިޔައެވެ. ޝަހާގެ ސާދާކަމާއި ހުޝިޔާރުކަމަށް  އަދީމް ތައުރީފްކޮށްނުލާ އެންމެ ދުވަހެއްވެސް ދުނިޔެއިން ފާއިތުވެގެން ނުދެއެވެ.

މެންދުރުގެ ކެއުމަށް އިންސާފު ކުރެވެމުންދިޔަ ވަގުތެވެ. އާޒިފްގެ ކުރިމތީގައި ފެންތަށި ބެހެއްޓިގޮތަށް އަސްމާ އާޒިފަށް ބަލައިލިއެވެ. ކޮންމެސް ޝަކުވާއެއްކޮށްލަން ތައްޔާރުވާ ކަހލައެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލި ވަގުތު އާޒިފްގެ ސަމާލުކަން ހޯދީ އެއްފަރާތުގައި އޮތް ފޯނެވެ. އުލާއި ސަމްސާ ތަށި ތެރެއަށް ދޫކޮށްލާފައި އުނގުމަތީގައި އޮތް ފޮތިކޮޅުން ދެއަތް ފޮހެލިއެވެ. އެއަށްފަހު ރިންގުވަމުން ދިޔަ ފޯނު ނަގާފައި ކަންފަތުގައި ޖެހިއެވެ.

"ވަޓް؟" ލިބުނު ހަބަރާއެކު އާޒިފަށް އިންތަނުން ކޮޅަށް ތެދުވެވުނެވެ. ދުރުގައި ހުރި އަސްމާ މޭޒު ވަށާލާފައި އައިސް އާޒިފްގެ ކައިރީގައި ހުއްޓިއްޖެއެވެ. އާޒިފް ސިހުނުވަރު ފެނިފައި އަސްމާގެ މޭގަނޑު ރޯމަހެއް ތެލޭ އުސޫލުން ތެޅެމުން ދިޔައެވެ. ހާސްކަމާ ކަންބޮޑުވުމާއެކު އޭނާ އާޒިފްގެ މޫނަށް ބަލަމުނދިޔައީ އަވަސް ޖަވާބެއް ބޭނުންވާ ފަދައިންނެވެ.

-ނުނިމޭ-

Ads by Ooredoo
  1. އާތި

    ވަރައްސަޅި