ހޯރަފުށީ އެއާޕޯޓަށް ކުރާ ދަތުރުތައް އިތުރުކުރުމާ މެދު ދަނީ މަޝްވަރާކުރަމުން: މިނިސްޓަރ ނަހުލާ

ހޯރަފުށީ އެއާޕޯޓަށް ކުރާ ދަތުރުތައް އިތުރުކުރުމާ މެދު ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާކުރަމުންދާކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ނަހުލާ މިހެން ވިދާޅުވީ، ހޯރަފުށީ އެއާޕޯޓާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
މިނިސްޓަރ ނަހުލާ ވިދާޅުވީ، ފްލައިޓްތަކުގެ ޝެޑިއުލް ހަމަޖައްސަނީ އެއަރޕޯޓަކަށް އޮންނަ ޑިމާންޑަށް ބެލުމަށް ފަހު ކަމަށެވެ. އަދި އެ ޑިމާންޑަށް ބަލައި އެކަން ކުރިއަށްގެންދާނެ ކަމަށް މޯލްޑިވިއަނުން ބުނެފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ހޯރަފުށީ އެއާޕޯޓުން ޖާގަ ލިބުމުގެ ދަތިތައް ދިމާވާ ކަމަށް ގިނަ ބަޔަކު ޝަކުވާ ކުރަމުންދާ ކަމަށާއި އެކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމަށް ގެނެވޭނެ ހައްލަކީ ކޮބައިތޯ ވާހަކަ ދެކެވެމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެެވެ.
ހޯރަފުށި އެއާޕޯޓަކީ މިސަރުކާރުން ތަރައްގީކޮށް ހުޅުވި ފުރަތަމަ އެއާޕޯޓެވެ. އެ އެއާޕޯޓު ހުޅުވައިފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.