ވާހަކަ

ހައްޤަކަށް ތީމަގޭ ވުން......(އަށާރަވަނަ ބައި)

އަޒްކީ ، ދެން އޮންލައިން

" ސާބަސް..." ލުއި ގޮތަކަށް ހީނލަމުން ޝަހާ ބުނެލިއެވެ. އެވަގުތު ކުއްލި ހަރަކާތަކާއެކު އަދީމް ޝަހާގެ ބަނޑު ކޮއްޓަން ފެށިއެވެ. ޝަހާ ހެމުން ހެމުން އެނދުމައްޗަށް ތިރިވިއިރުވެސް އަދީމް ހުއްޓައެއް ނުލިއެވެ. އެގޮތުގައި އެތައް އިރެއް ވަންދެން ލޯބީގެ ސަމާސާތައް ކުރުމުގައި އެދެމަފިރިން ހޭދަކުރިއެވެ.

Ads by MWSC

*********************

މަލާކް ކައިރީގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ޝަހާ ކޮޓަރިއަށް ވަންއިރު އަދީމް ނިދައިފިއެވެ. ޝަހާވެސް ފެންވަރައި ތާޒާ ވެލައިގެން އައިސް އެނދުގެ އަނެއްފަރާތުން އޮށޯތެވެ. ލައިޓް ނިއްވައިލުމުގެ ކުރިން ވަރަށް ފުން ނަޒަރަކުން ޝަހާ އަދީމްގެ މޫނަށް ބަލައިލިއެވެ. ތުންފަތަށް މާނަފުން ހިނިތުންވުމެއް ވެރިވި ހިނދު އަދީމްގެ މޫނުގައި ފިރުމައިލެވުނެވެ. ކުރިއަށްވުރެ ގާތަށް ޖެހިލަމުން އަދީމްގެ ނިތުގައި ބޮސްދިނެވެ. ބޭނުންވީ ހިތްފުރެންދެން އަދީމްގެ މޫނަށް ބަލަހައްޓައިގެން އޮތުމަށެވެ. އަދީމަކީ ހުރިހާ ގޮތަކުންވެސް  ރަނގަޅު ފިރިއެކެވެ. ޝަހާއަށް އަޅާލާ އޯގާތެރި ފިރިއެކެވެ. ނަމަވެސް ޝަހާގެ ހިތުގައި ސުވާލު އުފެދޭ އެއްކަމެއް އޮވެއެވެ. އިނދެގެން އެތައް ދުވަހެއް ފާއިތުވެގެން ދިޔައިރުވެސް އަދީމްގެ ދުލުން އެންމެ ފަހަރަކުވެސް ޝަހާދެކެ ލޯބިވާ ވާހަކަ ބުނެފައެއް ނުވެއެވެ. އޭނާ އެހުންނަނީ އަދީމް ކައިރީގައި އެވާހަކަ ދައްކަން ނުކެރިފައެވެ. ނަމަވެސް އަދީމްގެ އަމަލުތަކުން އޭނާ ޝަހާ ދެކެ ލޯބިވާކަން ޝަހާއަށް އިހުސާސް ކުރެވެއެވެ. ދެރަވަނީ ދުލުން އެލަފްޒު ބޭނުން ނުކުރާތިއެވެ.

************************

އަދީމް ފުރައިގެން ދިއުމުން ޝަހާގެ ހަޔާތަށް ހުސްކަމެއް ވެރިވިއެވެ. އަދީމް ކައިރީގައި ނެތުމުން ޝަހާއަށް އިހުސާސްވަމުން ދިޔައީ ހަށިގަނޑުގެ ބައެއް މަދުވާ ހެންނެވެ. ހަޤީޤީ ލޯތްބަކީ ކޮބައިކަން އިހުސާސްވާން ފެށީ އަދި ކިރިޔާއެވެ. ފޯނުން ގުޅައިގެން އެތައްއިރަކު ވާހަކަ ދެއްކުމުގައި ހޭދަކުރިނަމަވެސް ހިތެއް ނުފުރެއެވެ. ޝަހާގެ ހިތްއެދި ގޮވަމުން ދިޔައީ އަބަދުމެ އަދީމްގެ ކައިރީގައި ހުރުމަށެވެ.

އަދީމްގެ ހާލަތުވެސް ހުރީ މިފަދަ ގޮތަކަށެވެ. ހިތުގައި އުފެދެމުން ދިޔަ އިހުސާސްތަކަށް ދޭނެ ނަމެއް ދެނެގަންނަން އޭނާ ވަނީ ނުކުޅެދިފައެވެ. އޭނާއަށް އެނގޭހާވެސް އެއްޗަކީ އޭނާއަށް ކުރެވެމުން ދަނީ މުޅިން ތަފާތު އިހުސާސެއް ކަމެވެ. އެފަދަ އިހުސާސެއް މީގެ ކުރިން ދުވަހަކުވެސް އޭނާއަށް ކުރެވިފައިނުވާ ކަހަލައެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި ޝަހާ އޭނާއަށް އެޖެއްސީ ކޮންފަދަ ޖާދޫއެއް ހެއްޔެވެ؟ އަބަދުމެ ހުރެވެނީ ޝަހާ މަތިން ހަނދާންވެފައެވެ. ޝަހާ ކައިރިއަށް ދާން ބޭނުންވެފައެވެ. ހިތް އަބަދުމެ ގޮވަމުން ދިޔައީ އެއަތުގެ ތެރެއަށް ޝަހާ ގެނެސް ލުމަށެވެ. އޭނާއަށް ވަމުންދާ ގޮތް ނޭނގޭ އިހުސާސްތަކުގެ ވާހަކަ އަދީމް ހިއްސާކުރީ އެންމެ ގާތް އެކުވެރިޔާ ފަޒަލްއާއެވެ. އަދީމްގެ ވާހަކަ އަޑުއިވުމުން ފަޒަލް ޖަހައިލީ ހިނިގަނޑެކެވެ. އަދީމް ބޮޑުވާނީ ކޮންއިރަކުހޭ އަހައިލިއެވެ.

" ކިހިނެއްވީ.. ހަމަތެދެއް މިބުނީ. އެއަންހެން ކުއްޖާ އަހަރެން މުޅިން މޮޔަކޮށްލައިފި.." ގޮނޑީގައި ލެގިލަމުން އަދީމް ބުންޏެވެ. އެހިނދުވެސް އޭނާއަށް ސިފަވެގެން ދިޔައީ ޝަހާގެ ލޯބިވެތި ސޫރައެވެ.

" އަދިކިރިޔާ އަދީމްއަށް ލޯބި ތިވެވުނީ... ތިއިހުސާސްތަކަށް ލޯތްބޭ ނުކިޔާ ދެން ކިޔާނީ ކީކޭ ކަމެއް އަހަރެންނަކަށް ނޭނގޭ.." ލާނެތް ގޮތަކަށް ހީނލަމުން ފަޒަލް ބުންޏެވެ. އަދީމްއަށް ރޭކާލީ ދެނެވެ. މަޑުމަޑުން ފަޒަލް އެބުނި ބަސް އޭނާއަށް ޔަގީން ކުރެވެން ފަށައިފިއެވެ. އެހިނދު ކުރެވުނު ފޮނި އިހުސާސާއެކު އަދީމްގެ ތުންފަތްމަތިން މާނަފުން ހިނިތުންވުމެއް ފާޅުވެލިއެވެ.

" ޔެސް! ޔެސް ފަޒަލް.. މިހާރު އަހަރެންނަށް އިހުސާސް އެބަވޭ.. އައި އެމް ސޯ އިން ލަވް ވިތް ހަރ.. އައި ލަވް ހަރ.." އަދީމް އެހެންބުނިއިރު އޭނާގެ ތުންފަތްމަތިން ފެންނަމުން ދިޔައީ މީގެ ކުރިން ދުވަހަކުވެސް ނުފެންނަފަދަ ހިނިތުންވުމެކެވެ.

" ފަޒަލް ބުނީ ރަނގަޅަށް... ރަނގަޅީ އަހަރެންދެކެ ލޯބިވާ ކުއްޖެއް.. ޝަހާގެ ލޯބިން އަހަރެންގެ ހިތް އޭނާ ފަތަހަކޮށްފި.. އަހަރެންނަށް މިހާރު ހީވަނީ ޝަހާއަށް ވުރެވެސް ބޮޑަށް އަހަރެން ޝަހާ ދެކެ ލޯބިވާހެން..." އަދީމް އެއިންގޮތަށް އިނދެ ބުނެލިއެވެ.

" އައި އެމް ހެޕީ ފޯރ ޔޫ ބްރޯ.. " އަދީމްގެ ކޮނޑުގައި ޖަހައިލަމުން ފަޒަލް ބުންޏެވެ.

" އެކަމަކު އަހަރެން ވާހަކައެއް އަހައިލަންތަ؟ " ފަޒަލްގެ ތުންފަތްމަތިން ހިނިތުންވުން ފަނޑުވެލި ހިނދު އޭނާ އަހައިލިއެވެ. އަދީމް ނިތްއަރުވައިލީ އަހާށޭ ބުނާފަދަ ގޮތަކަށެވެ.

" ޝެރީ އެނބުރި އަދީމްގެ ހަޔާތަށް އަންނަން ބޭނުންވިއްޔާ ކިހިނެއް ހަދާނީ؟" ފަޒަލް އަހައިލިއެވެ. ވަގުތުން އަދީމްގެ މޫނުމަތީގެ ކުލަ އޮއްސުނެވެ. ފަޒަލް އެހެން އަހައިލީ ސަބަބެއް ނެތިއެއް ނޫނެވެ. ޝެރީން މިހާރު ހުރީ ހުސްކޮށް ކަން މީހެއްގެ ފަރާތުން އޭނާއަށް އެނގިގެންނެވެ. ދެވަނަ ހިނދުގައި އަދީމް ހީނލައިފިއެވެ.

" ޝެރީ އެއީ އަހަރެންގެ މާޒީ.. އަހަރެން ދިރިއުޅުމުން ޝަހާ ނޫން ކުއްޖަކަށް ޖާގައެއް ދެވޭނެހެނެއް ހިޔެއް ނުވޭ.." އަދީމް އެހެން ބުނީ ފުރިހަމަ ސާބިތުކަމާ އެކުއެވެ. ފަޒަލް ވަކި އެއްޗެއް ނުބުނެ ހިނިތުންވުމަކުން ފުއްދައިލިއެވެ.

" ދެން ކޮންއިރަކު ޝަހާ ކައިރީގައި ތިވާހަކަ ބުނަން ގަސްދުކުރަނީ؟" އިރުކޮޅެއްގެ ހިމޭންކަމަށް ފަހު ފަޒަލް އަހައިލިއެވެ.

" ކައިރިއަށް ދެވުނުހާ އަވަހަކަށް..." އަދީމް ބުންޏެވެ.

****************************

އަސްމާ ހުންނަން ކޮޓަރިއެއް ތައްޔާރު ކުރުމުގައި ނީމާއާ އެކު ޝަހާވެސް އުޅުނެވެ. އަސްމާ އަންނަން ކީއްސުރެން ފަށައިގެންވެސް މަލާކްގެ މޫނުމަތިން ފެންނަނީ ފުސްކަމެވެ. އެހެންނުވާންވީ ސަބަބެއްވެސް ނެތެވެ. ޝަހާއަށްވުރެވެސް ބޮޑަށް އަސްމާ އިހާނެތިކޮށް ހިތީ މަލާކަށެވެ. އޭރު މަލާކް އަބަދުމެ ހުންނަނީ އަސްމާދެކެ ފާޑެއްގެ ބިރެއް ގަނެފައެވެ. ޝަހާ ނީމާއަށް މިފަދަ އެތައް ވާހަކައެއް ކިޔައިދެމުން ދިޔައެވެ. ޝަހާ ކިޔައިދިން ވާހަކަ ތަކުން ޙުދު ނީމާވެސް ހުރީ ފާޑަކަށް ޖެހިލުންވެފައެވެ. އެފަދަ އަންހެނެއް ދެވަނަ ފަހަރަށް އެމީހުންގެ ހަޔާތަށް ގެނައުމަކީ ރަނގަޅު ވިސްނުމެއްބާއޭ ނީމާގެ ހިތަށް އެރިއެވެ. ނީމާގެ ހިތުގެ ދުޢާ އަކީ ޝަހާގެ އެހިތްހެޔޮކަމުގެ ފައިދާ އެއްވެސް މީހެއް ނުނެގުމެވެ.

" ނީމާ ބުނެބަލަ.. ގޭގަ އަލަށް ހަދާ ކޮޓަރީގެ މަސައްކަތް ކިހާ ހިސާބަކަށް ގޮއްސި މިހާރު؟" ބާލީސް ތަކުގެ އުރަތައް ބަދަލުކުރަން އިން ޝަހާ އަހައިލިއެވެ.

" މިހާރު ދެން ނިމެނީ.. މިރަށު ހުންނަ ގެސްޓް ހައުސްތައްހާ ފުރިހަމައެއް ނޫނަސް ކޮޓަރި ދެރައެއް ނުވާނެ.. ހިތަށް މިއަރަނީ ކޮންމެވެސް ޓީޗަރަކަށް ކުއްޔަށް ދޭން.." ކައިރީގައި އިން ނީމާ ބުންޏެވެ.

" އަހަރެންގެ ދުޢާ އަކީ ނީމާއަށް ތިކަމުން ރަނގަޅު އާމްދަނީއެއް ލިބުން.. އެކަމަކު ބުނަންތަ؟ ކިތަންމެ ބޮޑު އާމްދަނީއެއް ލިބުނަސް އަހަރެން ދޫކޮށްލާފަ ނުދައްޗެ.." ޝަހާ ބުނެލިއެވެ.

" ޝަހާ ދައްކާ ވާހަކަ.. ޝަހާ އަހަރެންނަށް ކޮށްދިން ކަންތައްތައް ދުވަހަކުވެސް އަހަރެން ހަނދާނެއް ނުނެތޭނެ.. ޝަހާ އަހަރެންނަށް މުސާރަ ނުދިނަސް އަހަރެން މިގެއަށް އައިސް މިއުޅޭހެން އުޅޭނަން.. އަހަރެންގެ ފަހުނޭވަޔާ ޖެހެންދެންވެސް ޝަހާ ކޮށްދިން ކަންތައްތަކުގެ އަގު އަދާ ނުކޮށްދެވޭނެ.." ނީމާ ބުންޏެވެ. ޝަހާ ނީމާއަށް ހަދިޔާ ކޮށްލީ ހިނިތުންވުމެކެވެ.

******************

އޮފީހުން ޝަހާ އަވަހަށް ގެއަށް ދާން ނިކުތީ އަސްމާމެން އައުމުގެ ކުރިން ގެއަށް ދިއުމުގެ ގޮތުންނެވެ. ކަންދިމާކުރި ގޮތުން އެވަގުތުވީ ހުސެން ވެސް ހޮސްޕިޓަލުން ނިކުތް ވަގުތަށެވެ. ސައިކަލާ ދިމާލަށް ދިޔަ ވަގުތު ހުސެން ގޮވައިލުމުން ޝަހާ ހުއްޓުނެވެ. ޝަހާގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވެލިއެވެ. ކޮންމެދުވަހަކުވެސް ޝަހާ ދާއިރު ހޮސްޕިޓަލު ކައިރީގައި ޝަހާ އާ ދިމާލަށް ބަލަހައްޓައިގެން ހުސެން ހުރެއެވެ. ޝަހާ ހީކުރީ އަދީމާ ކައިވެނިކުރުމުން ހުސެންގެ އެ އާދަ ދޫކޮށްލާނެ ކަމަށެވެ. ހުސެންގެ އެބެލުމުގެ ސަބަބުން އުނދަގުވާތީ ޝަހާ އަދީމް ކައިރީގައިވެސް އެވާޙަކަ ދެއްކިއެވެ. ނަމަވެސް އަދީމް ނަސޭހަތްތެރިވީ އެކަމާ އަޅައިނުލުމަށެވެ.

" ކިހިނެއްވީ؟" ޝަހާއަށް އެހެން އަހައިލެވުނީ ވަރަށް ރުންކުރު ކޮށެވެ.

" ހާދަ ރުޅިއައިސްފައި.." ޝަހާ ކައިރިއަށް ހުއްޓެމުން ހުސެން ބުނެލީ ހިނިތުންވަމުންނެވެ.

" ރުޅިއެއް ނާދޭ.. ކިހިނެއްވީތަ ގޮވީ..؟" ޝަހާ އަހައިލިއެވެ.

" ހަމަ ޝަހާގެ ހާލު ބަލައިލަން ވެގެން.. ރަނގަޅުތަ ހާލު؟ " ދެޖީބަށް އަތް ޖަހައިލަމުން ހުސެން އަހައިލިއެވެ.

" ރަނގަޅު.. އަހަރެންނަށް ވަރަށް ލަސް އެބަވޭ... ދަނީ.." މިހެން ބުނުމަށްފަހު ޝަހާ ކުރިއަށް ހިނގައިގަތެވެ. އެވަގުތު ހުސެން އެއްލި އަތުން ހިފީ ޝަހާގެ އަތުގެ މުލައްދަނޑީގައެވެ. އެންމެ ފުރަތަމަ ޝަހާއަށް ސިހުމެއް ލިބުނަސް ދެވަނަ ހިނދުގައި މޫނުމައްޗަށް ވެރިވީ ރުޅީގެ ކުލަވަރުތަކެވެ. ކުއްލި ހަރަކާތަކާއެކު ހުސެންގެ އަތް ފޮޅުވައިލަމުން ޝަހާ ދުރަށް ޖެހިލިއެވެ.

" ސޮރީ... " ހުސެން ބުނެލިއެވެ.

" ކިހިނެއް ވެގެންތަ ތިއުޅެނީ؟ އަހަރެން މީ މިހާރު މީހެއްގެ އަނތްބެއްކަމެއް ނޭނގެނީތަ؟ އަދި އެވެސް ހުސެންގެ ގާތް އެކުވެރިއެއްގެ.. އެންމެ ކުޑަމިނުން އެކުވެރިކަމަށް އިހުތިރާމްވެސް ނެތެއްނު.." ޝަހާއަށް ހަޅޭއްލަވައިގަނެވުނެވެ.

" އެނގޭ ތީ މީހެއްގެ އަނތްބެއްކަން.. އެނގޭތީ ތީ މިހާރު އަދީމްގެ އަނބިމީހާ ކަން.. އެކަމަކު އަހަރެންގެ ހިތަށް އަހަރެންނަށް ބާރެއް ނުފޯރުވޭ.. ތީ މިހެއްގެ އަނތްބެއްކަން އެނގޭއިރުވެސް އަހަރެންގެ މިހިތް އަދިވެސް އެދެނީ ޝަހާއަށް.. އަހަރެން ޝަހާދެކެ ހާދަ ލޯތްބެއްވެޔޭ..." މިހެން ބުނެ އަނެއްކާވެސް ހުސެން ދިމާކުރީ ޝަހާގެ އަތުގައި ހިފުމަށެވެ. ނަމަވެސް މިފަހަރު ހުށިޔާރުވެ ހުރެ ޝަހާ އޭނާގެ އެއަތް ފުރަގަހަށް ލަމުން އަނެއްއަތުގެ ހުރިހާ ބާރަކާއެކު ހުސެން ކޯތާފަތްމަތީގައި ވިހެލިއެވެ. ލިބުނު ސިހުމުގައި ހުސެން ޝަހާއާ ދިމާލަށް ބަލައިލިއެވެ.

" ތީ ހާދަ ގޮތެއް ނެތް ފިރިހެނެކޭ.. މިފަދަ މޭރުމަކުން ކަލެއާ ވާހަކަ ނުދައްކަން ވަރަށް މަސައްކަތް ކުރިން.. އެކަމަކު ކަލޭގެ ކަންތައްތައް ތިދަނީ މާމައްޗަށް.. އަހަރެން އަދީމް ކައިރީގައި ހުރިހާ ވާހަކައެއް ކިޔައިދޭނަން.. ދެވަނަ ފަހަރަށް އަހަރެންގެ ގައިގައި އިނގިލީ ކުރި ޖައްސައިލިޔަސް ނިމުނީ.. އެދުވަހަކުން މިއަތުގެ ހޫނުކަން މާގަދަ ވާނެ.. ޕަވަރޓް.." އެހެން ބުނިއިރު ޝަހާ ރުޅިއައިސްގެން ތުރުތުރުއަޅައެވެ. ޝަހާ ސައިކަލަށް އަރާ ނައްޓާލިއިރުވެސް ހުސެންއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. މަޑުމަޑުން އޭނާގެ މޫނުމައްޗަށް ރުޅިވެރިކަން ވެރިއެވެ. ހިތުގައި އަޒުމު ކަނޑައެޅީ ކޮންމެވެސް ދުވަހަކުން ޝަހާގެ ކިބައިން އެކަމުގެ ބަދަލު ހިފުމަށެވެ.

***************************

އަލީފް ގެއަށް ވަންއިރު އޭނާގެ މާމަ ޖިހާދާ ޖޯލީގައި ހަތިމު ހިފައިގެން ޤުރުއާން ކިޔަވަން އިނެވެ. އަލީފްގެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސީކަމުގެ ކުލަވަރުތަކެވެ. އަލީފް ފެނުމުން ކިޔެވުން ހުއްޓައިލުމަށްފަހު ކައިރިއަށް އައުމަށް ޖިހާދާ އެދުނެވެ. ދައްކަން އުޅުނު ވާހަކަ މަޑުޖައްސައިލުމަށްފަހު އަލީފް ރަނގަޅު ތޯ ޖިހާދާ ސުވާލުކުރިއެވެ.

" ދަރިފުޅު ބަލީތަ؟ " އަލީފްގެ ނިތުގަ އާއި ކަރުގައި އަތުގެ ނުފުށް ޖައްސައިލަމުން ޖިހާދާ ސުވާލުކުރިއެވެ.

" އަހަރެން ބައްޔެއް ނޫނޭ މާމާ.." ޖިހާދާގެ އަތުގައި ހިފަމުން އަލީފް ބުނެލީ ހިނިތުންވަމުންނެވެ. ނަމަވެސް އެމޫނުމަތިން ފެންނަމުން ދިޔަ އަސަރުތައް ޖިހާދާއަކަށް ސިއްރެއް ނުވިއެވެ.

" އެހެންނުވާނެ.. ދަރިފުޅަށް ކޮންމެވެސް ކަމެއްވެފަ ތިއިންނަނީ... ބުނެބަލަ މާމަ ކައިރީގައި. މީހަކު އެއްޗެއް ބުނީތަ؟ އަސްމާ އެއްޗެކޭ ކީތަ؟ " ޖިހާދާ އޭނާއަށް ހީވާގޮތަކަށް އަހައިލިއެވެ. އަސްމާގެ ނަން އިވުމުން އަލީފަށް އޭނާގެ އިހުސާސްތައް ކޮންޓްރޯލެއް ނުކުރެވުނެވެ. ބޮޑުވެފައި ހުރި ފިރިހެންކުއްޖެއް ނަމަވެސް މައެއްގެ ލޯތްބަށް އެދި އޭނާ ކަރުހިއްކައިގަނެފައި ވާވަރު ހެއްދެވިފަރާތް ދެނެވޮޑިގެންވާނެއެވެ. އަލީފް ލޮލުން ކަރުނައެއް ވެއްޓުނު ހިނދު ކޮންމެވެސް ކަމެއް ވެއްޖެކަމުގައި ޖިހާދާއަށް ޔަގީން ކުރެވުނެވެ.

" ބުނެބަލަ އަލީފް.. އަސްމާ ކީކޭ ކިޔައިގެން ތިއުޅެނީ..؟" ރުޅި އަންނަ ގޮތް ދައްކަމުން ޖިހާދާ ސުވާލު ކުރިއެވެ.

"މަންމަ އެއްވެސް އެއްޗެއް ނުބުނެއޭ މާމާ.. އަހަރެން މިއަދު ކޮލެޖުން އައި މަގުމަތީގައި ޝަހާ ދޮންތައާ ދިމާވީ.. ޝަހާ ދޮންތަ ހީކުރީ އަހަރެންނަށް އެނގޭ ކަމަށް.. ބުނީ މިއަދު މަންމަ މިރަށައް އަންނަ ވާހަކަ.. ދޮންބައްޕައާ އެކު ރަށައް ބަދުލުވީއޯ.." އަލީފް ކިޔައިދިނެވެ. " މާމާ އަހަރެން ދެރަވީ އަހަރެންގެ އުފަން މަންމަ އަހަރެން ކައިރީ ނުބުނީމަ.. އަހަރެން މީ ހުންނަ މީހަކަށްވެސް މަންމަ ނުހަދާތީ.. އަހަރެންނަށްވުރެ މަންމައަށް މުހިންމުވީ ޝަހާ ދޮންތަމެން.. " އަލީފްގެ އަޑު ކުރެހިގެން ދިޔައެވެ.

" އަސްމާ އަންނަނީއޭ... ތިވާނީ އޭނާގެ ކޮންމެވެސް ބޮޑު ބޭނުމެއް އޮތީކަމަށް.. ޝަހާ ކައިރިއަށް ތިއަންނަނީ އެކުއްޖާ ދަވާލަން ކަންނޭނގެ.. މުޅި ދުނިޔެއިންވެސް އަސްމާ ލޯބިވަނީ އެންމެ އެއްޗެއް ދެކެ... އެއީ ފައިސާ.. ބުނަން ދަރިފުޅާ.. އަސްމާ ދަރިފުޅާ ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް ދަރިފުޅު އަސްމާއަށް ހެޔޮކޮށް ހިތަން ވާނެ.. އަސްމާ އައިމަ އަލީފް ވާނެ މަންމަ ކައިރިއަށް ދާން.. މަންމަގެ ހާލު ބަލާން... އެމީހަކު ކުރި ކަމެއް އެމީހަކަށް.. އަސްމާ ދަރިފުޅާ މެދު އިހުމާލުވީތީ އެކަމުގެ އިންސާފު ލިބޭނެ ދުވަހެއް ވޭ.. އެކަމަކު ދަރިފުޅުގެ ފަރާތުން މައިމީހާއަށް ކޮށްދެވެން އޮތް ކޮންމެ ކަމެއް ކޮށްދެވޭތޯ ބަލާތި.. " ޖިހާދާ ނަސޭހަތްތެރިވިއެވެ. އަލީފް ދެރަވެފައި އިން ގޮތުން އަސްލު އޭނާ ދައްކަން އުޅުނު ވާހަކަ ދެއްކުމަށް ޖިހާދާ ފަސްޖެހުނެވެ. ކޮންމެވެސް އެހެން ގަޑިއަކުން އެވާހަކަ ދައްކަން ނިންމުމަށްފަހު އަލީފަށް ކާން ހަދައިދިނެވެ. އެކި ކަހަލަ ވާހަކަތައް ދައްކައިގެން އަލީފްގެ ހިތްހަމަޖައްސައިދެވޭތޯ މަސައްކަތް ކުރިއެވެ.

*************************

ޝަހާ ގެއަށް އައިސް ވަންއިރު މަލާކާއި ނީމާ ކާންތިއްބެވެ. ޝަހާއަށް ނަޒަރެއް ދިނުމަށްފަހު މަލާކް ކެއުމައިގެން ކުރިއަށް ދިޔައެވެ. މަލާކް އަދިވެސް އިނީ ހިތްހަމަނުޖެހިފައިކަން ޝަހާ އަށް އެނގެއެވެ. އެތައް ގޮތަކުން މަލާކަށް ވިސްނައިވެސް ދެވިއްޖެއެވެ. ނަމަވެސް އެކަމަށް މަލާކްގެ ރުހުމެއް ނުލިބުނެވެ.

" މަލާ... ޕްލީޒް ރުޅިއައިސްފައި ހުރިކަން ބޮޑުއްތަ އަށް ނުދައްކާތި.. މިހާރު އެމީހުން މިގެއަށް އައުމުގެ މަގުމަތީގައި ތިބީ..." މަލާކް ކައިރިއަށް ޖެހިލަމުން ޝަހާ ބުންޏެވެ. މަލާކްގެ އަރުން އެންމެ އެތިކޮޅެއްވެސް ދިރޭ ގޮތެއް ނުވިއެވެ. އަތުގައި އޮތް ރޮށިކޮޅު ތައްޓެތެރެއަށް ވައްޓައިލުމަށްފަހު މަލާކް ތެދުވެގެން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ޝަހާ ނީމާއަށް ބަލައިލަމުން ކަރުއެލުވައިލީ ހަދާނެ ގޮތް ހުސްވެފައިވާ މީހަކު ފަދައިންނެވެ.

-ނުނިމޭ-

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!