މާފަރު ކައުންސިލްގެ އެތައް ހުށަހެޅުމެއް ރައީސަށް، އެންމެ ބޭނުންވަނީ ބޯހިޔާވަހިކަން

ނ. އަތޮޅު މާފަރަށް ބޭނުންވާ އެތައްކަމެއް އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ހުށަހަޅުއްވައިފިއެވެ.
އަންގާރަ ދުވަހު ނ. އަތޮޅުގެ ރަށްތަކަށް ރައީސް ޞާލިހު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ހެނދުނު ވަނީ މާފަރު ކައުންސިލާއި އަންހެންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ބައްދަލުކުރައްވައިފައެވެ. މާފަރު ސްކޫލުގައި ބޭއްވި އެބައްދަލުވުމުގައި ކައުންސިލުން ވަނީ ގިނަ ކަންތައްތަކެއް ރައީސަށް ހުށަހަޅައިފައެވެ.
އެގޮތުން ކައުންސިލުން އެންމެ އިސްކަމެއްދީގެން އަލިއަޅުއްވައިލައްވައިފައި ވަނީ މާފަރުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގުމަށް ބޭނުންވާ ކަމަށާއި، ޞިއްޙީ ޚިދުމަތް ތަރައްޤީކުރުމަށް ބޭނުންންވާ ކަމަށާއި، މާފަރު އިހްތިޞާޞްގައި ކުރިން ހިމެނިފައިވާ ބައެއް އުނިވެފައިވުމުން ދިމާވާ ދަތިތަކާއި، ރަށުގައި ޒުވާނުންގެ މަރުކަޒެއް އެޅުމަށް ބޭނުންވާ ކަމަށާއި، މާފަރު އެއަރޕޯޓް ސަރަޙައްދުގައި ބާކީވެފައި ހުރި ތާރުތަކުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތަކުގެ މައްޗަށެވެ. މީގެ އިތުރުން ވެސް ކައުންސިލުން ވަނީ ރަށުގައި ހުރި އައިސް ޕްލާންޓް އޮޕްރޭޝަނަލައިޒް ކުރެވޭނެ ގޮތް ހައްދަވައި ދެއްވުމަށާއި، ބަނދަރަށް ގެންނަން ބޭނުންވާ ބައެއް ބަދަލުތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވައިފައެވެ.

ނ. މާފަރު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ރައީސް ބައްދަލުކުރައްވަނީ
ކައުންސިލް މެމްބަރުންނާއި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މާފަރުގެ ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރުމަށް ނިންމައިފައިވާ ކަންކަން ހިއްސާކުރައްވައިފައެވެ. މީގެ އިތުރުން ކައުންސިލުން ހުށަހެޅި އެހެން ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މާފަރު ކައުންސިލުން ވަނީ ކުރިން ކައުންސިލްތަކަށް ނެތް ބާރުވެރިކަން ޤާނޫނީގޮތުން ކައުންސިލްތަކަށް ހޯއްދަވައި ދެއްވުމަކީ ކައުންސިލުން ނުހަނު އުފާކުރާކަމެއް ކަމުގައި ފާހަގަކުރައްވައި އެކަމަށް ޓަކައި މި ސަރުކާރަށް ޝުކުރުއަދާކުރައްވައިފައެވެ.
ރައީސް ޞާލިހު ނ. އަތޮޅަށް ކުރައްވަމުން ގެންދަވަނީ ދެދުވަހުގެ ދަތުރުފުޅެކެވެ. އެމަނިކުފާނުގެ އަރިހުގައި ކެބިނެޓު މިނިސްޓަރުންނާއި ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.