ކުޑަރިކިލުގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާއެއް ފެތުރެނީ، ޑޮކްޓަރަކު ނެތް!
ބ. ކުޑަރިކިލުގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާއެއް ހަލުވިކަމާ އެކު ފެތުރެމުންދާއިރު، އެރަށު ސިއްހީ މަރުކަޒުގައި ޑޮކްޓަރަކު ނެތް ކަމަށް އެ ރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.
”ދެން”އަށް މަޢުލޫމާތު ދެއްވަމުން ކުޑަރިކިލު ކައުންސިލްގެ ރައީސް، އަބްދުލް ހަންނާން އައްބާސް ވިދާޅުވީ އެ ރަށުގައި ހަލުވިކަމާ އެކު ހޮޑުލުމާއި ބޭރަށް ހިނގުމުގެ ރޯގާ ފެތުރެމުންދާ ކަމަށާއި ގިނަ އަދަދެއްގެ ކުޑަކުދިންނަށް ވެސް މި ރޯގާ ޖެހެމުން ދާ ކަމަށެވެ.
ހަންނާން ވިދާޅުވީ އެ ރަށުގައި ޑޮކްޓަރެއް ނެތި މިހާރު ހަފްތާއެއް ވެދާނެ ކަމަށާއި ސިއްހީ މަރުކަޒުގައި ތިބެނީ 3 ނަރުހުން ކަމަށެވެ. މިހާރު އެ ރަށު މީހުން ޑޮކްޓަރަށް ދައްކަނީ އޮންލައިންކޮށް ކަމަށާއި މަރުކަޒަށް ގުޅުމުން ނަރުހުން އައިޖީއެމްއެޗާއި އަތޮޅު ހޮސްޕިޓަލަށް ބަލިމީހާގެ މަޢުލޫމާތު ހިއްސާކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
“މަރުކަޒުގައި މީގެ ކުރިން ވެސް އެންމެ ޑޮކްޓަރެއް ހުންނަނީ. މިހާރު ތިބެނީ 3 ނަރުހުން. ބަލި މީހުން މަރުކަޒަށް ގުޅީމަ ނަރުހުން އެ މަޢުލޫމާތު ހިއްސާ ކުރަނީ އަތޮޅު ހޮސްޕިޓަލަށާއި އައިޖީއެމްއެޗްއަށް. އެގޮތަށް މިހާރު ޑޮކްޓަރަށް ދެއްކުން ކުރިޔަށް ދަނީ” ހަންނާން ވިދާޅުވިއެވެ.
މީގެ އިތުރުން ހައްނާން ވިދާޅުވީ އެ ރަށުގައި ކުރިން ހުރީ މިސްރުގެ ޑޮކްޓަރެއް ކަމަށާއި އޭނާ މި މަހު 10 ގައި ޗުއްޓީއަށް ގޮސްފައިވާ ކަމަށެވެ. އަދި މި މައްސަލަ ވަރަށް ގާތުން ކައުންސިލްގެ ފަރާތުން ބަލަމުން ދާ ކަމަށާއި އަތޮޅު ކައުންސިލާއި ގުޅިގެން ޑޮކްޓަރަކު ގެނެވޭތޯ މަސައްކަތް ކުރަމުން ދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
“މި ރަށުގެ ކުރިން ހުރީ މިސްރުގެ ޑޮކްޓަރެއް. މިހާރު އޭނާ ހުރީ ޗުއްޓީގައި. ދިޔައީ މި މަހު 10ގައި. މި މައްސަލަ ކައުންސިލުން ވަރަށް ގާތުން ބަލަމުން މިދަނީ. ވީ އެންމެ އަވަހަކަށް ޑޮކްޓަރެއް ގެނެވޭތޯ އަތޮޅު ކައުންސިލާ ގުޅިގެން މަޝްވަރާ ކުރެވެމުން މިދަނީ” ހަންނާން ވިދާޅުވިއެވެ.
އެ ރަށުން ގާތްގަޑަކަށް 20 މީހުން މި ބައްޔަށް ފަރުވާ ހޯދަމުން ދާ ކަމަށާއި މި ބަލީގައި ބައެއް ކުޑަކުދިންގެ ހާލު ދެރަވެފައިވާ ކަމަށް ވެސް ހަންނާން ވިދާޅުވިއެވެ. އަދި ޑޮކްޓަރަށް ދެއްކުމަށް ރަށުން ފުރައިގެން ކައިރި ރަށްރަށަށް ވެސް މީހުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާއެއް ކުޑަރިކިލުގައި ހަލުއިކަމާ އެކު ފަތުރެމުން ދާއިރު ކޮވިޑް-19އަށް ވެސް އެ ރަށުން މީހަކު ވަނީ ފައްސިވެފައެވެ.