ޚަބަރު އިޖުތިމާޢީ

މާފުށީ ޖަލުން ކޮވިޑަށް ފައްސިވި ގައިދީންގެ އަދަދު 63އަށް

  • މާފުށީ ޖަލުން 63 ގައިދީއަކު ކޮވިޑަށް ޕޮޒިޓިވް ވީއިރު، ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 419 ގައިދީއަކު ވަނީ ފާހަގަ ކުރެވިފައި.
ރައުފާ ރަޝީދު ، ދެން އޮންލައިން
މާފުށީ ޖަލު.

ކ. މާފުށީ ޖަލުން މިހައިތަނަށް 63 ގައިދީއަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފިއެވެ.

Ads by Sosun Fihaara

އެ އިދާރާއިން އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މާފުށީ ޖަލުން 5 އޮފިސަރަކާއި 63 ގައިދީން ވަނީ ކޮވިޑަށް ފައްސިވެފައިވެއެވެ. އަދި އެ މީހުންނާ ގާތުން އެއްްތާވި މީހުންގެ ގޮތުގައި 419 ގައިދީއަކު ފާހަގަކުރެވި އެމީހުން ވަނީ އެކަހެރިކޮށްފައެވެ.

މާފުށީ ޖަލުގައި މަސައްކަތްކުރާ އޮފިސަރުންތަކަކާއި ޖަލުގައި ތިބި ގައިދީންތަކެއް ކޮވިޑަށް ފައްސިވުމާ ގުޅިގެން، ޖަލު ކުއްލި ހާލަތަށް ގެނެސްފައި ވަނީ މި މަހުގެ 14ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ މާފުށީ ޖަލުން ފައްސިވެފައި ވަނީ އަލާމާތްތައް ހުރެގެން ސުންކު ނެގި އޮފިސަރުންނާއި ގައިދީންނެވެ.

މި ހާލަތާ ގުޅިގެން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އެ ސަރވިސްއިން ކަނޑައަޅައިފައިވާ އުސޫލުތަކުގެ ދަށުން މާފުށީ ޖަލުގައި ވަނީ ފިޔަވަޅުތައް އަޅައިފައެވެ.

އެގޮތުން އާންމު ހާލަތަށް ގެނެވެންދެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދީންނާއި ބަންދު މީހުންނަށް އާއިލީ ބައްދަލުވުމާއި ވަކީލް ބައްދަލުވުން އަދި ކޯޓުގެ އަޑުއެހުންތައް އޮންލައިކޮށް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!