ޚަބަރު ސަރުކާރު

ރާއްޖޭގައި ކޮވިޑު ބޭސް ދޭން އަދި ނުނިންމާ، މަޝްވަރާ ދަނީ ކުރިއަށް: އެޗްއީއޯސީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ޑރ އިބްރާހިމް އަފްޒަލް

ކޮވިޑް-19އަށް ފަރުވާ ދިނުމަށް ތައްޔާރުކޮށް ދުނިޔޭގެ ބައެއް ގައުމުތަކުގައި ދެމުން އަންނަ ބޭސް ރާއްޖޭގައި ދިނުމަށް އަދި ނުނިންމާ ކަމަށާއި އެހެން ނަމަވެސް އެމަޝްވަރާތައް ކުރިއަށް ގެންދާކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު، އެޗްއީއޯސީއިން ބުނެފިއެވެ.

Ads by MWSC

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ މިދަނޑިވަޅުގައި އެޗްއީއޯސީން އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑާ ގުޅޭ ކަންކަމުގައި ނިންމުންތައް ނިންމާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ކޮވިޑު އުފެދި ފެތުރެން ފެށި ފަހުން އައު ފަރުވާތައް ތައާރަފުވަމުން ދާވަރަކަށް އެކަންކަން ރާއްޖެއަށް ގެނައުމުގެ ވިސްނުން އަބަދުވެސް ގެންގުޅޭ ކަމަށެވެ. ދުނިޔޭގެ ބައެއް ގައުމުތަކުގައި ކޮވިޑަށް ފަރުވާދޭން ބޭހެއް ތައާރަފުކޮށް ދެމުން ދާއިރު އެ ބޭސް ރާއްޖެ ގެންނަން އަދި ނުނިންމާ ކަމަށާއި އެހެން ނަމަވެސް މަޝްވަރާތައް ކުރިއަށްދާކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އަދި ސެންޓާޒް ފޮރ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)އިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ އެމެރިކާގެ ފައިޒާ ކުންފުނިން އުފައްދައިފައިވާ ޕެކްސްލޮވިޑް ކިޔާ ޓެބްލެޓެއްގެ އިތުރުން މާރކްސްއިން އުފައްދައިފައިވާ ކޮވިޑް ޓެބްލެޓެއް ބޭނުންކުރަން ހުއްދަ ދީފައެވެ. އިނގިރޭސިވިލާތުގައި މި ޓެބްލެޓު އާންމުކޮށް ދޭން ފަށައިފައިވާ އިރު އެހެން ބައެއް ގައުމުތަކުގައި ވެސް މިބޭސް ބޭނުންކުރަން ދަނީ ތައްޔާރުވަމުންނެވެ.

"މުޅިން ވެސް އަލަށް ނިކުންނަ ކަންކަމުގެ ވާހަކަ ދެކެވޭއިރު އަޅުގަނޑުމެން ހަމަ ޑަބްލިއުއެޗްއޯގެ ރިކޮމެންޑޭޝަން ލިބޭއިރަށް ވެސް ދެން ދާނީ އަޅުގަނޑުމެންގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ޕްލެޓްފޯމުގައި ޑިސްކަސް ކުރެވެމުން... ދެން އަޅުގަނޑުމެން އޭގައި ބައެއް ފަހަރު އިންތިޒާރު ކޮށްލަފާނެ މިސާލަކަށް ދެތިން ގައުމެއްގައި ވެސް އޭތި ރޯލްއައުޓް ވާން. ނޫނީ އެޓްލީސްޓް ރޯލްއައުޓް ވާން ފަށަން" ކޮވިޑު ބޭސް ރާއްޖޭގައި ބޭނުންކުރަން ފެށުމާ ގުޅޭގޮތުން ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ އެންމެ ގައުމެއްގައި އަލަށް ދޭ ފަރުވާ ދޭން ފެށި ނަމަވެސް އެކަން ރާއްޖޭގައި ނުފަށައި މަޑުކޮށްލަފާނެ ކަމަށެވެ. މިސާލެއްގެ ގޮތުން ނެންގެވީ ޑެންގީ ހުން އަލަށް އުފެދިގެން ދިޔަ ދުވަސްވަރު އެއާ ދެކޮޅަށް އުފެއްދި ވެކްސިން ދުނިޔޭގެ ބައެއް ގައުމުތަކުގައި ދޭން ފަށައިފައި ވަނިކޮށް އޭގައި ބައެއް މައްސަލަތައް ހުރެގެން ވެކްސިން ދިނުން ލަސްކޮށްލި ހާދިސާއެވެ. އަފްޒަލް ވިދާޅުވީ ކަން މިހެން އޮތް ނަމަވެސް މާ ގިނަ ދުވަހު މަޑު ނުކުރައްވާނެ ކަމަށެވެ.

ކޮވިޑު ޓެބްލެޓު ރާއްޖޭގައި ދިނުމާ ގުޅޭގޮތުން ޑަބްލިއުއެޗްއޯގެ ކަންޓްރީ އޮފީހާއި، ރީޖަނަލް އޮފީހާ އެކު ވެސް މަޝްވަރާތައް ކުރިއަށް ގެންދަވާކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އެފަދަ މަޝްވަރާ ބައްދަލުވުންތައް ވަރަށް ގާތްގާތުގައި ކުރިއަށް ދާކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އުއްމީދަކަށް ވާނީ އަބަދުވެސް ހަމަ ދެވެން އޮތް ފަރުވާއެއް ވެއްޖެއްޔާ އާންމު މީހާއާ ހަމައަށް އެ ފޯރުކޮށްދިނުން. އެގޮތުން އަލަށް ނިކުންނަ ފަރުވާތަކަށް ވެސް އަޅުގަނޑުމެންގެ ނަޒަރު ހުއްޓިފައޭ ވަނީ. އިރާދަ ކުރެއްވިއްޔާ ހަމަ އެކަމުން ނިންމުމަކާ ހަމައަށް އާދެވުނުހައި އަވަހަކަށް އާންމު މީހާއާ ހަމައަށް ވެސް އެކަންތައްތައް، އެވަސީލަތްތައް ވެސް ލިބިގެން ދާނެއޭ" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ދާދި ފަހުން ޑަބްލިއުއެޗްއޯއިން ވަނީ ފައިޒާއިން އުފައްދައިފައިވާ ކޮވިޑް ދިފާއު ވެކްސިން އުމުރުން 12 އަހަރުން ދަށުގެ ކުދިންނަށް ދިނުމަށް ވެސް ހުއްދަ ދީފައެވެ. ރާއްޖޭގެ 12 އަހަރުން ދަށުގެ ކުދިންނަށް ވެކްސިން ދޭން އަދި ނުނިންމާކަމަށް ޑރ. އަފްޒަލް ވަނީ ވިދާޅުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!