އަންހެނަކަށް ގެވެށި އަނިޔާ ކުރި މައްސަލައެއްގައި ތިނަދޫން މީހަކު ހައްޔަރުކޮށްފި
ގދ. ތިނަދޫގައި އަންހެނަކަށް ގެވެށި އަނިޔާ ކުރިކަމުގެ މައްސަލައެއްގައި، އުމުރުން ދުވަސްވީ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ނަން ހާމަ ނުކުރުމަށް އެދި، އެ ރަށުން “ދެން”އަށް މައުލޫމާތު ދިން މީހަކު ބުނީ އަންހެން ކުއްޖާއަށް އަނިޔާކޮށްފައި ވަނީ އެ ކުއްޖާގެ ބައްޕަ ކަމަށެވެ. އެ ހާދިސާ ހިނގި ވަގުތު އެ ސަރަހައްދަށް އާންމުން އެއްވެ ފުލުހުންނަށް ގުޅައިފައިވާ ކަމަށާއި އެ އަންހެން ކުއްޖާއަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
“އަންހެން ކުއްޖާއަށް އަނިޔާ ކުރީ އޭނާގެ ބައްޕަ. އެވަގުތު އާންމުން އެއްވެ ފުލުހުންނަށް ގުޅީ. އެ އަންހެން ކުއްޖާއަށް އެކިވަރުގެ އަނިޔާ ލިބުނު” އޭނާ ބުންޏެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވިދާޅުވީ ތިނަދޫ ގެއެއްގައި މާރާމާރީ ހިންގައިގެން އުޅޭ ކަމުގެ ރިޕޯޓު މިއަދު މެންދުރު 12:30ގައި ލިބިފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 65 އަހަރުގެ މީހެއް ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.