ޅ.އަތޮޅު ތައުލީމީ މަރުކަޒަށް ދިމާވެފައިވާ މައްސަލަތައް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާ ހިއްސާ ކުރައްވައިފިއެވެ.
ރައީސް ޞާލިހު މިއަދު ވަނީ ޅ .އަތޮޅު ތައުލީމީ މަރުކަޒުގެ އިސްވެރިންނާ ބައްދަލުކުރައްވައި އެތަނުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.
މި ބައްދަލުވުމުގައި ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިސްވެރިން ވަނީ އެމަރުކަޒުގެ ބައެއް އިމާރާތްތަކުގައި ހުރި މައްސަލަތަކާއި މަރުކަޒުގައި ގާއިމުކޮށްފައިވާ ވަސީލަތްތަކުގެ ފެންވަރު މަތިކޮށް ޒަމާނީ ފެންވަރަށް ގެނައުމާއި، އަދި ތަޢުލީމީ މަރުކަޒު އެންމެ އެދެވޭގޮތަށް ހިންގުމަށް އިތުރު 3 ބުރީގެ އިމާރާތެއް ބޭނުންވާކަން ފާހަގަކުރައްވައިފައެވެ.
މީގެ އިތުރުން ތަޢުލީމީ މަރުކަޒަށް އިތުރަށް އިންސާނީ ވަސީލަތް ބޭނުންވާކަން އެ މުއައްސަސާގެ އިސްވެރިން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ތަޢުލީމީ މަރުކަޒުގެ އިސްވެރިން އެދިވަޑައިގެންނެވި ކަންކަމުގައި މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.
ރައީސް ޞާލިހު ވަނީ ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޙާލަތު ބައްލަވައިލައްވައިފައެވެ. އަދި ހިންނަވަރު ސިއްހީ މަރުކަޒަށް ޒިޔާރަތް ކުރައްވައި އެ ތަނުގެ ހާލަތު ބައްލަވާލެއްވުމުގެ އިތުރުން ހިންނަވަރު ބަނދަރު ހެދުމުގެ މަސައްކަތް ކުރިޔަށްދާ ގޮތް އެމަނިކުފާނު ބައްލަވާލެއްވިއެވެ.
ހިންނަވަރު ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއެވެ.
ހިންނަވަރު ބަނދަރު ހެދުމުގެ މަސައްކަތުގެ ދަށުން މިހާރު އޮތް ބަނދަރު ހެދުމާއި، އައު ބަނދަރެއް ހެދުމާއި އަދި ބޮޑެތި ބޯޓްފަހަރަށް ގާތްކުރެވޭ ގޮތަށް ޑީޕް ވޯޓަރ ކީވޯލްއެއް ހެދުން ހިމެނެއެވެ. އެ ގޮތުން ކުރީގެ ބަނދަރުގެ ކީވޯލްގެ މަސައްކަތް ނިމި އައު ބަނދަރު ފުންކުރުމުގެ މަސައްކަތް ވެސް ވަނީ ނިމިފައެވެ.
މިހާރު ކުރިޔަށް ދަނީ އައު ބަނދަރުގެ ކީވޯލްގެ މަސައްކަތެވެ. އައު ބަނދަރަކީ 162 މީޓަރުގެ ދިގުމިނުގައި ހަދާ ބަނދަރެކެވެ.