ނައިފަރުން ރައީސަށް ރަތް ދޫލައިގެ މަރުހަބާއެއް

ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ޅ.އަތޮޅު ނައިފަރަށް މިއަދު ވަޑައިގެންފިއެވެ.
ރައީސް ޞާލިޙަށް އެ ރަށުން ރަތްދޫލައިގެ މަރުހަބާއެއް ކިޔައިފައިވާއިރު، އެ މަނިކުފާނުގެ އިސްތިގުބާލުގައި ގިނަ އަދަދެއްގެ ބަޔަކު ރަށުގެ ބަނދަރު ސަރަހައްދަށް އެއްވެފައިވެއެވެ.
ރައީސް ޞާލިހު ފާދިއްޕޮޅަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅު ފެއްޓެވީ އިއްޔެއެވެ. ރައީސް އޮފީހުން ބުނި ގޮތުގައި އެމަނިކުފާނުގެ މި ދަތުރުފުޅުގައި މި ރަށްރަށުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރެއްވުމާއި ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމާއި އަދި ރަށްރަށުގައި ސަރުކާރުން ކުރިޔަށްގެންދާ ތަރައްގީގެ މަޝްރޫއުތައް ކުރިޔަށްދާގޮތް ބައްލަވައިލެއްވުން ހިމެނެއެވެ.
މީގެ އިތުރުން ޅ. މަޑިވަރުގައި ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްގީ ކުރަން ފެށި އެއާޕޯޓް، ރައީސް ޞާލިޙް ވަނީ އިއްޔެ ހުޅުއްވައިދެއްވައިފައެވެ.