ޚަބަރު ރައްޔިތުންގެ މަޖިލިސް

"ބައިއިއިލެކްޝަނާ ދިމާކޮށް މަޝްރޫއުތައް އަވަސްވި ގޮތަށް، އަވަސްވާނެ ގޮތެއް ނެތްތޯ؟"

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު-- ފޮޓޯ/ މަޖިލިސް

ށ.ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ގުޅިގެން އެ ދާއިރާގެ މަޝްރޫއުތައް އަވަސްވި ގޮތަށް، ތ.ވޭމަންޑޫ ޒުވާނުންގެ މަރުކަޒުގެ މަޝްރޫއު އަވަސްވާނެ ގޮތެއް އޮތްތޯ، ރައްޔިތުންގެ މަޖިލީހުގެ ތ.ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ސުވާލު ކުރައްވައިފިއެވެ.

Ads by MWSC

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާޒު މި ސުވާލު އަމާޒު ކުރެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށެވެ. ރިޔާޒު ކަންބޮޑުވުން ފާޅު ކުރައްވައިފައި ވަނީ، ވޭމަންޑޫ ޒުވާނުންގެ މަރުކަޒު ތަަރައްގީ ކުރުމުގެ މަސައްކަތް ލަސްވާތީއެވެ.

އެގޮތުން ފާއިތުވި ތިން އަހަރު ތެރޭގައި މި މަޝްރޫއު ބަޖެޓުގައި ހިމަނައިފައި ނުވާއިރު، ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ދިމާކޮށް، އެ ދާއިރާގެ ރައްޔިތުން އެދޭ ކަންކަން އަވަސް ވެގެން ދިޔަކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ރިޔާޒުގެ ސުވާލުގެ ޖަވާބުގައި މަހުލޫފު ވިދާޅުވީ ވޭމަންޑޫ ޒުވާނުންގެ މަރުކަޒު ތަރައްގީ ކުރުމަށް 6،75000 ރުފިޔާ ބަޖެޓު ކުރެވިފައިވާ ކަަމަށެވެ. އަދި މި މަސައްކަތް މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 29ވަނަ ދުވަހު އިއުލާނު ކުރެވުނުއިރު، ޑިސެމްބަރުމަހުގެ 8ވަނަ ދުވަހު ބިޑް ހުށަހަޅައިފައިވާކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ހަފްތާ ތެރޭގައި މި މަޝްރޫއު ބަޔަކާ ހަވާލު ކުރެވިގެންދާނެ ކަމަށެވެ.

އަދި މި ސަރުކާރުން އިންތިހާބުތަކާ ދިމާކޮށް މަޝްރޫއުތައް ނުހިންގާ ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރު ކުރައްވައި މަހުލޫފު ވިދާޅުވީ ކަންތައްތައް ލަސްވެގެން ދިޔައީ ކޮވިޑާ ގުޅިގެން ކަމަށެވެ.

"އެއްވެސް ހާލެއްގައި އެތެރޭގެ އަދި އެހެން ވެސް އިންތިހާބަކާ ގުޅިގެނެއް ނޫން. އެނގިވަޑައިގަންނަވާނެ ފަދައިން، މިދިޔަ އަހަރުތަކުގައި ހަމަ އުނިވެގެން ދިޔައީ ކޮވިޑާ ގުޅިގެން އޭރުގައި ފިނޭންސް މިނިސްޓްރީން ބަޖެޓަށް ގެނައި ބަދަލުތަކުގެ ތެރެއިން." މަހުލޫފު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ހައެއްކަ މަސް ދުވަހުގެ ތެރޭގައި ވޭމަންޑޫގެ ޒުވާނުންގެ މަރުކަޒު ތަރައްގީކޮށް ނިންމައިލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!