އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ގުޅިގެން މީހަކު ވަޒީފާއިން ވަކި ކުރި ކަމަށް ބުނެ ފެތުރެމުން އަންނަ ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ.
ސިޔާސީ މަގާމަކުން މީހަކު ވަކި ކުރި މައްސަލައެއް ފެންމަތިވެ، އެމްޑީޕީގެ އެތެރެ ހޫނުވެފައި ވަނިކޮށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު މިއަދު ވިދާޅުވީ މި މައްސަލައިގައި ޝާމިލުވާ މުވައްޒަފާ މެދު ސަރުކާރުން ފިޔަވަޅު އަޅައިފައި ވަނީ އުސޫލުގެ ތެރެއިން ކަމަށެވެ.
ވަޒީފާއިން ވަކިކޮށްފައި ވަނީ ދުވާފަރު ސިއްހީ މަރުކަޒުގެ ހިންގެވުމާ ހަވާލުވެ ހުންނެވި ސީނިއަރ އެޑްމިނިސްޓްރޭޓަރ އަހްމަދު އާމިރެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މަބްރޫކް މިއަދު ވިދާޅުވީ އޭނާ ވަޒީފާއިން ވަކި ކުރީ، އެ ފަރާތުގެ ވަޒީފާގެ މަސްއޫލިއްޔަތުތަކާ ޚިލާފަށް އަމަލުކުރަމުންދާ ކަމުގައި ގިނަ އަދަދެއްގެ ރައްޔިތުން ސޮއިކޮށްފައި ޕެޓިޝަނެއް ހުށަހެޅުމާއި އަމިއްލަ ފަރާތްތަކުން ފޮނުވައިފައިވާ ސިޓީތަކުގެ ޒަރީއާއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިބިފައިވުމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުގައި، އެ ފަދަ ހާލަތްތަކުގައި އަމަލުކުރުމަށް ކަނޑައަޅައިފައި އޮންނަ ޤަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށެވެ.
އޭނާ ވިދާޅުވީ އިންތިޚާބަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރުމަކީ، މި ސަރުކާރުން އެއްވެސް ހާލެއްގައި ޤަބޫލުކުރާ، އަދި އަމަލުކޮށްފައިވާ ގޮތެއް ނޫން ކަމަށާއި އެ ފަދަ އަމަލުތަކަކީ މި ސަރުކާރުން އަބަދުމެ ކުށްވެރިކުރާ، މި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ކަންކަން ކަމަށެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ގުޅިގެން މީހަކު ވަޒީފާއިން ވަކިކުރި ކަމަށް ބުނާ މައްސަލައިގައި ރައީސް މުހައްމަދު ނަޝީދު ވަނީ ކޯފާ އިސްކުރައްވައި، އެ ގޮތަށް މުވައްޒަފުން ވަކިކުރާ ނަމަ ޚުދު އެ މަނިކުފާނު ވެސް ޕާޓީން ވަކިކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ދަންނަވައިފައެވެ.
އަންނަ އޭޕްރީލްމަހުގެ 16ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ދިމާކޮށް، ޕާޓީގެ ދެ ފެކްޝަނުގެ މެދުގައި އޮތް ކޯޅުން ވަނީ އިތުރުވެފައެވެ.