އާމިރު ވަކި ކުރަން ޖެހުނު ސަބަބު ދުވާފަރު މެންބަރު ސާފުކޮށްދެއްވައިފި

ރ. ދުވާފަރު ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓަރ، ހެލްތު ސާވިސަސްގެ މަގާމުގައި ހުރި އާމިރު އަހްމަދު މަގާމުން ވަކިކުރަން ޖެހުނު ސަބަބުން އެ ދާއިރާގެ މަޖިލިސް މެމްބަރު އިސްމާއިލް އަހުމަދު މިއަދު ސާފުކޮށްދެއްވައިފިއެވެ.
އެ މަގާމުން އާމިރު ވަކި ކުރުމާ ގުޅިގެން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ މެންބަރު އިސްމާއީލަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
މިކަމާ ގުޅޭގޮތުން މެންބަރު އިސްމާއިލް މިއަދު ވިދާޅުވީ، އާމިރު އެ މަގާމުން ވަކި ކުރީ އޭނާ އިސްވެ ހުންނަވައިގެން ނޫން ކަމަށެވެ. އަދި އާމިރު ވަޒީފާގެ މަސްއޫލިއްޔަތު އަދާ ކުރެއްވި ގޮތް ވެސް މެންބަރު އިސްމާއީލް މިއަދު ވަނީ ސާފުކޮށްދެއްވައިފައެވެ.
"ރައީސް އޮފީހުން ބެލިއިރު މަހަކު ފަސް ދުވަހު އޮފީހަށް ނުނުކުންނަވާ. ތަނުގެ ކުރިއެރުމަށް މަސައްކަތެއް ނުކުރައްވާ ، ކަންކަމާ ހަވާލުވެ ހުންނަވާ ޒިންމާ އަދާނުކުރައްވާ. ދުވާފަރުގައި ހަމައެކަނި ސިޔާސީ ބޭފުޅެއް ހުންނަ ތަނަކީ ސިއްހީ މަރުކަޒު. އެކަމު ދުވާފަރުގައި އެންމެ ދަށްކޮށް ބަދަލެއް ނާންނަ އަދި ކުރިއަށް ނުހިނގާ ހަމައެކަނި މުއައްސަސާއަކީ ވެސް ސިއްހީ މަރުކަޒު" މެންބަރު އިސްމާއިލް ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި އާމިރު ވަކިކުރީ ދުވާފަރުގެ ރައްޔިތުންނާއި އެރަށުގެ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ އެތައް މުވައްޒަފުންގެ ކަންބޮޑުވުމާ އެކު ތަރުތީބު ކުރެވިފައިވާ އުސޫލުތަކުގެ ތެރެއިން ރައީސަށް ގާނޫނުގެ ދަށުން ލިބޭ ބާރުގެ ދަށުންނެވެ.