ވާހަކަ މުނިފޫހިފިލުވުން

ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

“މާދަމާރޭ ނުވައެއް، ލެވެންޑަރ ރެސްޓޯރެންޓް.. “ ފޯނުން ޓައިޕް ކޮށްލި މެސެޖް ސާޔާ ފޮނުވާލީ އަސަދުގެ ނަންބަރަށެވެ. 

Ads by MWSC

********************

ނުތަނަވަސްވެފައި ހުރެ ލިއަމް ކޮޓަރިތެރޭ ދެކޮޅަށް ހިނގަން ފެށިއެވެ. ހަމަޖެހެން މަސައްކަތް ކުރިނަމަވެސް އެކަމަށް ނުވިއެވެ. ދެފިކުރެއްގައި ހުރެ އޭނާ ކޮޓަރީގެ ބެލްކަނި ހުޅުވާލުމަށްފަހު ނުކުތެވެ. ފުދޭވަރަކަށް ދަންވެފައި ވުމުން މަގުގައި މާބޮޑު އަލިކަމެއް ނެތެވެ. ނަމަވެސް ބަގީޗާގައިވާ ހޮޅިބުރިތަކުގެ އަލިން ގަސްގަހުގެ ގޮފިތަކާއި ފަތްތަށް ވަޔާއި ހެލިލާ މަންޒަރު ފެނެއެވެ. ޖައްވުގައި ހިފާފައިވާ މަޑު ތެތްކަމުން ލިއަމްއަށް ފިނިކަން އިހްސާސް ކުރެވުނެވެ. އެވަގުތު ޖެހިލި ވައިރޯޅި މޫނުގައި ބީހިލުމާއެކު އޭނާ ލޯމަރާލިއެވެ. ނަމަވެސް ސިހިފައި ދެލޯ ހުޅުވާލީ އެ ހުވަފެނުގެ މަންޒަރުތައް ސިފަވުމުންނެވެ. ވަގުތުން އިސްތަށިގަނޑުގައި އަތް ހިންގާލުމަށްފަހު ލިއަމް ފުން ނޭވާއެއް ދޫކޮށްލިއެވެ.

އެންމެ ފަހުން ހިތަށް ހަމަޖެހުމެއް ނުލިބުމުން މޫނަށް ފޫހިކަން ވެރިވެފައި ހުރެ ލިއަމް އެނބުރިލީ ކޮޓަރިއަށް ދިޔުމަށެވެ. ނަމަވެސް އޭނާގެ ފިޔަވަޅުތައް މަޑުކޮށްލީ ބީކާލްއާއި މެލެކްގެ އަޑު ކަންފަތުގައި ޖެހުމުންނެވެ.

" މެލެކް.. ދެން ގިނަ ދުވަހެއް ނުވާނެ.. އަހަރެމެންގެ ދަރިފުޅު އެނބުރި އަންނާނެ.. ".. ބީކާލް ބުނެލިއެވެ.

" އެ ކުއްޖާ ހުންނަ ގޮތެއްވެސް އަހަންނަކަށް ނޭނގެ ބީކާލް.. މި ހުރިހާ ދުވަސް ވީއިރު ދަރިފުޅު ދުނިޔޭގަ ހުރިކަން ނޭނގުމުން އަހަރެން ވަރަށް ދެރަވެއްޖެ.. އެކުއްޖާގެ މާފު އަހަންނަށް ހައްޤެއްވެސް ނުވާނެ.. ".. މެލެކްގެ އަޑު ކުރެހިގެން ދިޔުމާއެކު މަޑު ގިސްލުމެއްގެ އަޑު އިވެން ފެށިއެވެ.

އަމިއްލަ ނަފްސު ކުށްވެރި ކުރެވެން ފެށުމާއެކު ލިއަމް އިތުރަށް މަޑުކުރަން ގަސްތު ނުކުރިއެވެ. ނަމަވެސް އޭނާގެ ސިކުނޑީގައި މެލެކް ބުނި ލަފްޒުތައް ގުގުމަމުން ދިޔައެވެ.

އެވަގުތު ސިކުނޑިއަށް ވެރިވި ހިޔާލުން އެ ތުންފަތަށް ވެރިވީ ރީތި ހިނިތުންވުމެކެވެ. މަޑު މަޑުން އަތް ޖަހާލަމުން އޭނާ ކޮޓަރިއަށް ވަނެވެ.

****************************

ހެނދުނު އިރުއެރީއްސުރެ ލިއަމް ފެންނަނީ ނުހަނު ބުރަކޮށް އުޅޭތަނެވެ. އިރުކޮޅަކު އޮފީހުގައި ހުރިއްޔާ ދެން ފެންނާނީ ބޭރަށް ނުކުންނަތަނެވެ. ގިނަ ވަގުތު ފެންނަނީ ކޮންމެވެސް މީހަކަށް ފޯނުން ގުޅައިގެން ހުންނަތަނެވެ.  ބުރަކޮށް އުޅުނު ނަމަވެސް އޭނާ ދެތިން ފަހަރު ސާޔާއަށް ގުޅާލިއެވެ. އެހެން ނަމަވެސް ކޮންމެ ފަހަރަކުވެސް ފޯނު ރިންގުވަމުން ގޮސް ކެނޑެނީއެވެ. އެކަން މާބޮޑު ކަމަކަށް ލިއަމް ނުހެދީ ފަހުން ސާޔާއާ ދިމާކުރަން ނިންމައިގެން ހުރުމުންނެވެ. މިއަދަކީ އޭނާއަށް ނުހަނު ހާއްސަ ދުވަހެކެވެ. އެހެންކަމުން ސާޔާއާއި ކުރިމަތިލާ އިރު ވާންޖެހޭ ހުރިހާ ތައްޔާރީއެއް ވުމަށް ލިއަމް ބޭނުންވެއެވެ.

މެންދުރު ފިހާރަތަށް ހުޅުވުމާއެކު ރައުލް އާއެކު ލިއަމް ނުކުތެވެ. ދެތިން ފިހާރައަކުން އޭނާ ބޭނުންވާ އެއްޗެހި ހަމަ ކުރެވުނެވެ. ރެއަށްޓަކައި ޚާއްސަކޮށް ގަމީހަކާއި ފަޓުލޫނެއްވެސް ނެގިއެވެ. ގަތް އެއްޗިއްސަށް ރުފިޔާ ދެއްކުމަށްފަހު ލިއަމް މިސްރާބު ޖެހީ ކޮތަޅު ހިފައިގެން ރެސްޓޯރެންޓަށެވެ. އޭނާއާއެކު ރައުލްވެސް ދިޔައެވެ.

ލިފްޓުން ގޮސް ރެސްޓޯރެންޓުގެ ޓެރެސްއަށް ދެ ޒުވާނުން ނުކުތެވެ. އެ ހިތްގައިމު މާހައުލު ސާޔާއަށް ކަމުދާނެހެން ތައްޔާރުކުރަން އޭނާ ބޭނުމެވެ.

ރައުލްގެ ލޮލުގައި އަޅައިގަތީ ރެއިލިންގައި ހައްދާފައިވާ އޮތް މާ ވެޔޮ ގަނޑެވެ. ރަތް ކުލައިގެ ކުދި ކުދި މާތަކެއް އެ ވެޔޮ ގަނޑުގެ އެކި ދިމާލުން ފެންނަން ހުރި ގޮތް ނުހަނު ފުރިހަމައެވެ. މެލެކްއަށް ނުހަނު ކަމުދާނެއޭ ހިތަށް އެރުމާއެކު ރައުލްއަށް ހިނިތުންވެވުނެވެ.

" މި ދިމާލުގަ ރަނގަޅު ވާނެ ދޯ އުނދޯލި ބަހައްޓަށް.. މެދުގަ މޭޒު...".. ލިއަމްގެ އަޑު އިވުމާއެކު ރައުލްގެ ސަމާލުކަން އޭނާއަށް ހުސްކޮށްލިއެވެ. ދެ ޒުވާނުންގެ މަޝްވަރާތަކަށްފަހު އެ ތަން ޒީނަތްތެރި ކޮށްލީ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައެވެ.

" ގްރޭޓް.. މިރޭ ބަލާނީ ލައިޓިންގް...".. ލިއަމް ބުނެލުމާއެކު ރައުލް ބޯ ޖަހާލިއެވެ. އޭރު ދެ ޒުވާނުންވެސް ތިބީ ހޫނު ވުމުގެ ސަބަބުން ފިނި އެއްޗަކަށް ބޭނުންވެފައެވެ. އެހެންކަމުން މަސައްކަތް ނިމިފައިވުމާއެކު ގެއަށް ދިޔުމަށް ނުކުތެވެ.

*********************

 

އަތުގައި އޮތް ފޯނަށް ސާޔާ ބަލަން އިނީ ފުން ވިސްނުމެއްގައެވެ. އަދިވެސް އެއްފަހަރު އޭނާ އެ ފޮޓޯއަށް ބަލާލިއެވެ. ދެން ލިބިފައިވާ މެސެޖް ކިޔާލިއެވެ. އެއާއެކު އެ މޫނަށް ވެރިވީ މާޔޫސްކަމެވެ. ލޯ މަރާލަމުން ހެޑްބޯޑުގައި ބޯ ޖައްސާލިއެވެ.

ހަޤީޤަތުގައި ވެސް ލިއަމް އޭނާ ދެކެ ލޯބިވޭބާއެވެ. އެހާ ލޯބިން ކައިވެނި ކޮށްގެން އުޅުމަށްފަހު އަނބިމީހާއަށް އޮތް ލޯބި އެ ހިތުން ނުދާނެކަން ސާޔާއަށް ޔަޤީނެވެ. ހަމަ އެއާއެކު އެ ސޫރަވެސް ލިއަމްއަށް ޚާއްސަވާނެތާއެވެ.

ސިކުނޑިއަށް ވެރިވި ހިޔާލު ތަކާއެކު ސާޔާ ލޯ ހުޅުވާލިއެވެ. ބޮލުގެ ރިހުން ކުރިއަށްވުރެ ގަދަވެފައިވާހެން ހީވުމުން ތެދުވިއެވެ. މަޑުމަޑުން ހިނގާލާފައި ގޮސް ރީތިވާ މޭޒުގެ ވަތްގަނޑު ހުޅުވާލީ ބޭސްގުޅައެއް ނެގުމަށެވެ. ނަމަވެސް ހުސްވެފައި އޮތް ބޭސްކާޑު ލޮލުގައި އަޅައިގަތުމާއެކު ކުސް ތަޅާލިއެވެ. އަދި އެ ކާޑު ހިފައިގެން ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.

އެވަގުތު އޭނާގެ ފިޔަވަޅުތައް މަޑު ޖެހުނީ ގޭގެ މައި ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަތް ލިއަމް ފެނުމުންނެވެ. ސިހުނު ނަމަވެސް އޭނާ އެކަމެއް ނުދެއްކިއެވެ. ލައިގެން ހުރި ޖިންސްގެ ޖީބަށް ބޭސް ކާޑު ކޮށްޕާލުމަށްފަހު ގަދަކަމުން ހިނިތުންވުމެއް ވެރިކުރުވިއެވެ.

" އާހް.. މައި ރެޕަންޒެލް.. އައި މިސްޑް ޔޫ ސޯ މަޗް..".. އަތުގައި އޮތް ކޮތަޅު މޭޒުމަތީ ބެހެއްޓުމަށްފަހު ލިއަމް އައިސް ސާޔާގެ ހަށިގަނޑުގައި ބައްދާލިއެވެ. އެގޮތުގައި އިރުކޮޅަކު ހުރުމަށްފަހު އޭނާ ދުރުވިއިރު އެ މޫނުގައިވީ ހިތްގައިމު ހިނިތުންވުމެކެވެ.

" އައި ބްރޯޓް ސަމްތިން ފޯރު ޔޫ..".. ލިއަމް އެއް ލޯ މަރާލަމުން ބުނެލިއެވެ. އަދި މޭޒުމަތީގައި ހުރި ކޮތަޅު ނަގާ ސާޔާއަށް ދިނެވެ.

" ކޯއްޗެއް.؟..".. ވަށައިގެން ކޮތަޅަށް ބަލާލަމުން ސާޔާ އަހާލިއެވެ.

" ބެލީމަ އެނގޭނެ އެންނު.. ބީ ރެޑީ ފޯރ ޓުނައިޓް.. ".. މަޑު މަޑުން ސާޔާގެ އިސްތަށިގަނޑުގައި ފިރުމާލަމުން ލިއަމް ބުނެލީ ލޯބިވެތި ގޮތަކަށެވެ.

ސާޔާ ވަގުތުން ބޯ ޖަހާލިއެވެ. ނަމަވެސް އެވަގުތު އަސަދުއާ ބައްދަލުކުރަން ދާން ބުނެވިފައި އޮތް ކަން ވެސް ހަނދާންވިއެވެ.

" ދަނީ އިނގޭ.. ވަރަށް ބިޒީ ދުވަހެއް.. ގިނަ ވަގުތު މިއަދު ނުދެވިދާނެ.. އެކަމަކު ވަރަށް މިސްވާނެ.. އައި ލަވް ޔޫ ސޯ މަޗް އޯކޭ... ވިލް ބީ ވެއިޓިން ފޯރ ޔޫ މައި ލަވް..".. ސާޔާގެ ކޯތާފަތުގައި ލުއިކޮށް ބޮސްދިނުމަށްފަހު ލިއަމް ނުކުތެވެ.

އެއާއެކު ހިފަހައްޓައިގެން ހުރި ނޭވާ ސާޔާ ދޫކޮށްލިއެވެ. އަތުގައި އޮތް ކޮތަޅުގައި ހުރި އެއްޗެއް ބެލުމުގެ ޝައުޤުވެރިކަން އެ ހިތުގައި އުފެދުމާއެކު ސޯފާގައި އިށީނެވެ.

ނަމަވެސް އޭގެ ކުރިން ވިސްނާލިއެވެ. އޭނާއަށް މިރޭ މުހިއްމީ ކޮން ކަމެއްތޯއެވެ. ދެ ފިކުރެއްގައި ހުރެ ސާޔާ އެ ކޮތަޅު ދުރުގައި ބެހެއްޓިއެވެ. އަދި ފޯނު ނަގައި ލިއަމް އަށް މެސެޖް ކޮށްލީ އޭނާއަށް ދެވޭލެއް ލަސްވެދާނެ ކަމުގައި ބުނެފައެވެ.

***********************

ރޭގަނޑު ހަތްގަޑި ބައި ވުމާއެކު ލިއަމް ނުކުތެވެ. ކާރުގައި ގޮސް އޭނާ މަޑުކޮށްލީ ރެސްޓޯރެންޓުގެ ކުރިމައްޗަށެވެ. ކާރު ޕަރކް ކޮށްލުމަށްފަހު ފޭބީ ހިތް އަވަސް ވެފައި ހުރެއެވެ. ހިތަށް ވެރިވެފައިވާ އުފާވެރިކަން އެ މޫނުން ވެސް ފާޅުވާން ހުއްޓެވެ.

އެލެވޭޓަރ އިން ގޮސް ޓެރެސް އަށް ނުކުމެވުމާއެކު ލިއަމްގެ ތުންފަތުގައިވީ ހިނިތުންވުމް ފުޅާވިއެވެ.

ރެއިލިންގް ވަށައިގެން އޮތް ވެޔޮގަނޑުގެ އެކު ދިމާލުން އޮރެންޖް ކުލައިގެ ކުދި ފެއަރީ ލައިޓްސް ވިދަމުން ދިޔައިރު ޓެރެސްގައި މެދުގައި ހުރި މޭޒާއި ދިމާލަށް ވާގޮތަށް މަތިން ހަރުކުރެވިފައިވާ ޗާންދަލިޔާގެ އަލީގައި އެ މާހައުލަށް ވެރިވެފައިވަނީ ޖާދުވީ ރީތިކަމެކެވެ.

މޭޒުގައި އަޅާފައިވާ ރަތް ކުލައިގެ ފޮތި ގަނޑުގެ މަތީގައި ފިނިފެންމަލުގެ ފިޔަތަށް އަތުރާލެވިފައި ހުއްޓެވެ. އެ ވަށް މޭޒުގެ ދެފަރާތުގައި ހުދު ކުލައިގެ ދެ ގޮނޑި ބަހައްޓާފައި ހުރި އިރު ގޮނޑިތަށް ވީ މޭޒާއި ކައިރި ކުރެވިފައެވެ.

ޓެރެސްގެ އެއް ފަރާތުގައި ބަހައްޓާފައި ހުރި އުނދޯލި ވެސް އެހާ ފުރިހަމައެވެ. ވެޔޮތަކާއި ރަތް ފިނިފެންމަލުން ޖަރީކުރެވިފައި ވާއިރު ބަލާލަން ނުހަނު ހިތްގައިމެވެ.

" ޔޫ ވިލް ބީ ފޯރ އެވަރ މައިން ރެޕަންޒެލް..".. މޭގައި އަތް ޖައްސާލަމުން ލިއަމް ބުނެލިއިރު އެ ލޮލުގައިވީ ތަފާތު ވިދުމެކެވެ.

ދެން ލިއަމް ޖެހިލީ ފާރު ނިވާކުރަން ދަމާފައި ހުރި ހުދުކުލައިގެ ފޮތިގަނޑު ކައިރިއަށެވެ. އެއަށް ބަލަން އިރުކޮޅަކު ހުރުމަށްފަހު އޭނާ އެ ފޮތިގަނޑު ކަހާލިއެވެ. ރަން އަކުރުތަކުން ފާރުގައި ބޮޑުކޮށް ލިޔެފައިވާ ޖުމްލަ ލިއަމް ކިޔާލިއެވެ.

" ވިލް ޔޫ މެރީ މީ ރެޕަންޒެލް...".. ލައިގެން ހުރި ފަޓުލޫނުގެ ޖީބަތް ލިއަމް އަތް ޖަހާލަމުން އަދިވެސް އެއްފަހަރު އެ މާހައުލަށް ނަޒަރު ހިންގާލިއެވެ.

************************

ސާޔާ ގެއިން ނުކުތުމަށްފަހު ދޮރާއި ހަމައަށް އައިސްފައިވެސް ހުއްޓުނެވެ. ކަންތައް މި ކުރެވެނީ އެންމެ ރަނގަޅު ގޮތަށްތޯ އަދިވެސް އެއްފަހަރު އަމިއްލަ ނަފްސާއި ސުވާލު ކޮށްލެވުނެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ފުންނޭވާއަކާއިއެކު ދެލޯ މަރާލީ މީހާ ހަމަޖެހިލުމަށެވެ. ފަހަތަށް ދޫކޮށްފައި އޮތް އިސްތަށިގަނޑު ރަނގަޅު ކޮށްލަމުން ގެއިން ބޭރަށް ފުރަތަމަ ފިޔަވަޅު އެޅިއެވެ. އެއާއެކު އަސަދު ބުނި ކާރު ސާޔާގެ ލޮލުގައި އަޅައިގަތެވެ. ކިތަންމެ ވަރަކަށް މީހާ ހަމަޖެހެން މަސައްކަތް ކުރިނަމަވެސް އަސަދުއާއި ސާޔާގެ ދެމެދުގައިވީ ރާސްތާ ކައިރިވަމުން ދާކަން ސިކުނޑިއަށް އަންގައިދެމުންދިޔައެވެ. އެތަށް ދުވަސްތަކެއް ވަންދެން އެމީހެއްގެ ކިބައިން ސަލާމަތްވާން އެދި އެދި ހުރި މީހާއާ ކައިރިއަށް އަމިއްލައަށް ދާން ޖެހިދާނެއޭ އޭނާއަށް އެއްވެސް ވަރަކަށް އުންމީދު ކުރެވިފައި ނެތެވެ. މާޒީގެ ދުވަސްތަށް ސިކުނޑިއަށް ވެރިވާން ފެށުމާއެކު ސާޔާގެ އަތްފައި ފިނިވާން ފެށިއެވެ. މީހާ ހާސްވެ ހިތް އަވަސްވާ ގޮތްވިއެވެ.

ސާޔާ ކާރުގެ ކުރީ ދޮރުފަތާއި އަރާ ހަމަވިއިރަށް އެ ދޮރުފަތް ހުޅުވިއްޖެއެވެ. ސާޔާ އެރުމުގެ ކުރިން އަސަދުއަށް ބަލާލިއެވެ. އަސަދުއަށް އައިސްފައިވާ ބޮޑު ބަދަލު އޭނާއަށް ވެސް ފާހަނގަކޮށްލެވުނެވެ. ލައިގެން ހުރީ އަގުބޮޑު ގަމީހަކާއި ފަޓުލޫނެއްކަން އެނގެއެވެ. ކާރުގައި ހިފާފައިވާ ފިރިހެން ސެންޓުގެ ވަހަކީވެސް އަގުބޮޑު ސެންޓެއްކަން ދެނެގަތުންވީ ސާޔާއަށް އުނދަގޫކަމަކަށްނޫނެވެ. ހަމައެއާއެކު އެ ކާރާއި އަސަދާއި ހުރި ގުޅުމާއި މެދުވެސް އޭނާއަށް ސުވާލުކޮށްލެވުނެވެ. އަސަދުއާއި ނަޒަރު ވަކިކޮށްލުމަށްފަހު ސާޔާ ބަލަންއިނީ ކުރިމަތިން ފެންނަށް އޮތް މަގަށެވެ. އަސަދު އޭނާއަށް ބަލަން އިނުމުން އެ ނަޒަރުން އުނދަގޫވި ނަމަވެސް ސާޔާ އިނީ ހިމޭނުންނެވެ.

ދުރުނޫން ހިސާބަކު ކާރުގައި މަޑުކޮށްލައިގެން އިން ވިޝާލްއަށް ހުރިހާ މަންޒަރެއް ފެނުނެވެ. ސާޔާ އެރި ކާރު ދުއްވާލުމާއެކު އެ ކާރުގެ ފަހަތުން އޭނާވެސް ދުއްވާލިއެވެ. އަދި ސާޔާއަށް ނޭނގޭނެ ގޮތަށް އެ ކާރުގެ ފަހަތުން ފާރަލަމުން ދިޔައެވެ.

އަސަދު އިރުއިރުކޮޅާ ސާޔާއަށް ބަލައިލައެވެ. އެއިން ކޮންމެ ފަހަރަކުވެސް ސާޔާ އިންނަނީ އޭނާގެ އުނގުމަތީގައި ބާއްވާފައި އޮތް ދަބަހުގައި ބާރަށް ހިފަހައްޓައިގެންނެވެ. އެ މޫނުން އޭނާ ނުތަނަވަސްވެފައި އިން ވަރު ހާމަވެއެވެ. އަސަދުގެ ނަޒަރުން އެ ހިތުގައި އުފެދިފައިވާ ބިރު އިތުރުވެފައިވިއެވެ. އެހެނަސް އެ ބިރަށްވުރެ ހަޤީޤަތް ހޯދުން މިއަދު ސާޔާއަށް މާ މުހިއްމެވެ. އޭނާއަށް ނޭނގި އޮތް ބޮޑު ސިއްރު އެނގެން މިހާ ކައިރިވެފައި ވަނިކޮށް ފިނޑިއަކު ކަމުގައި ވުމަށް އެ ހިތް ދެކޮޅެވެ. ޚިޔާލުތަކުގައި އިންދާ އަސަދު އޭނާ ގެންދަން ބޭނުންވާ މަންޒިލަށް އާދެވުނެވެ.

އަސަދު ކާރު ޕަރކް ކޮށްލުމަށްފަހު ފޭބުމުގެ ކުރިން ސާޔާ ފޭބިއެވެ. އޭނާއަށް ވަނީ ބުނެދޭން ނޭނގޭ ގޮތްތަކެއް ވެފައެވެ. ސިކުނޑީގެ ކަނަކުން ލިއަމް ބުނި ގަޑިއަށް ދާން އަންގައިދެމުން ދިޔައެވެ. އަތުގައި އަޅާފައި އޮތް ގަޑިއަށް އިރުއިރުކޮޅާ ބަލައި ލެވެނީ އެހެންވެއެވެ.

" އާދޭ!..".. އަސަދުގެ އަޑު އިވުމާއެކު ސާޔާ ސިހުނެވެ. ނަމަވެސް އެކަން ފޮރުވާލުމަށްފަހު ގޮސް އަސަދުގެ ފަހަތުން ސާޔާ ރެސްޓޯރެންޓަށް ވަނެވެ. މައްޗަށް އަރަން ހުރި ސިޑިން އެރިއިރު އިތުރު މީހަކު ފެންނާކަށް ނެތެވެ. މުޅިންވެސް ހުރީ ހުސް މޭޒުތަކެކެވެ. އަސަދުގެ އިޝާރާތާއެކު ސާޔާ އިށީނެވެ. އެވަގުތު އެ މޭޒުދޮށުގައި ވެއިޓަރަކު އައިސް ހުއްޓިލިއެވެ. ކިތަންމެ ގިނަ އިރެއްވި ނަމަވެސް ސާޔާ އަނގައިން ނުބުނާނެކަން އެނގުމުން ގެންނަންވީ ކޯއްޗެއްތޯ އަސަދު އަހާލިއެވެ. އެވަގުތު ސާޔާ މަޑުމަޑުން ދެފަރާތަށް ބޯ ހޫރާލީ އޭނާ އެއްޗެއް ބޭނުން ނުވެޔޭ ބުނާ ފަދައިންނެވެ. އެކަން ވިސްނި އަސަދު އޭނާ ބޭނުންވާ އެއްޗަކަށް އޯޑަރު ކުރުމަށްފަހު ވެއިޓަރު ފޮނުވާލިއެވެ .

" އަހަންނަށް މާ ގިނަ ވަގުތު އިނދެވޭކަށް ނެތް.. އަސަދު ދައްކަން ބޭނުންވާ ވާހަކަ އަވަހަށް ނިންމާ...".. ސާޔާ ބުނެލިއެވެ. އެހިނދު އަސަދުގެ ތުންފަތަށް ވެރިވި ހިނިތުންވުން އޭނާ ފޮރުވާލިއެވެ.

" ބައްޕަ ނޫންކަން ޔަޤީންވީ ދޯ..".. އަސަދު އަހާލީ ހެވިފައެވެ. ސާޔާގެ މޫނަށް ވެރިވާ ކުލަތައް ދެކެން އޭނާ އިނީ ކެތްމަދު ވެފައެވެ.

" ތިބުނި އެއްޗެއް ނޭނގުނު..".. ސާޔާގެ ހިތް ރޫރޫ އަޅައިގެން ދިޔަ ކަހަލަ އިހްސާސެއް ކުރެވުނެވެ. ހަމަ ހަޤީޤަތުގައިވެސް އޭނާއަށް ހީކުރެވިފައި އޮތީ ހަޤީޤަތް ބާވައޭ ނަފްސާއި ސުވާލުކޮށްލެވުނެވެ.

އަސަދު ހަދިޔާ ކޮށްލީ މަލާމާތުގެ ހިނިތުންވުމެކެވެ.

" ކުރިން ބައްޕަގެ ނަމުން މުޚާތަބު ކުރިޔަސް މިހާރު ބައްޕަ ނޫންކަން އެނގުނީމަ އެހެން ނުކިޔާނެ ދޯ އޭ މި ބުނީ..".. އަސަދު ބުނެލިއެވެ. އެވަގުތު ސާޔާއަށް ބަލާލެވުނީ އަސަދު ބުނި އެއްޗެއް ޤަބޫލު ނުކުރެވިފައެވެ.

" ތި ހަޤީޤަތް ކިޔައިދޭންތަ އަސަދު ބޭނުންވަނީ.. ".. ސާޔާ އަހާލިއެވެ. ހިތުގައި އުފެދެމުންދިޔަ ޖަޒުބާތު ތަކަށްވުރެ ސިކުނޑި އިސްކުރަން އޭނާގެ ޒަމީރު ހަނދާންކޮށްދިނެވެ.

އަސަދު ބޯ ޖަހާލުމާއެކު ސާޔާ އެދުނީ އިތުރަށް ކިޔައި ދިނުމަށެވެ. ނަމަވެސް އަސަދުގެ ވާހަކަތައް ޤަބޫލުކުރުން އެއީ އެންމެ ރަނގަޅު ގޮތްތޯ ވެސް ވިސްނާލެވުނެވެ. ހަމަ ގައިމުވެސް ފަހަތުގައި ކަމެއް ފޮރުވިފައި ނެތިވެ އަސަދުގެ ދުލުން އެފަދަ ބޮޑު ހަޤީޤަތެއް ހާމަ ނުވާނެކަން ސާޔާއަށް ޔަޤީނެވެ.

" ސާޔާ އަކީ އެޑޮޕްޓް ކުރި ކުއްޖެއް.. ތެދަށް ބުނަންޏާ އަހަރެން ބޭނުން ވަނީ ފިރިހެން ކުއްޖެއް.. އަންހެން ކުއްޖެއް ހުރެގެން ވާނެ ފައިދާއެއް ނެތެންނު. ކަލޭމެން ގޭގަ ތިބީމަ އެ ނިމުނީ.. " އަސަދު ދައްކަން ފެށި ވާހަކައިން ސާޔާގެ އުނގުމަތީގައި ބޭއްވިފައި އޮތް އަތް މުށްކަވާލެވުނެވެ. ނަމަވެސް އޭނާ އިހްތިޔާރު ކުރީ ހިމޭންކަމެވެ.

" އަޔާނާ އަކީ އަހަރެން ލޯބިވި އަންހެނެއް ނޫން.. އެ ކައިވެނި ކުރެވުން އެއީ އަހަންނަށް ކުރެވުނު އެންމެ މޮޔަ ކަންތައް... އެއީ ބޭކާރު އަންހެނެއް.. ލިބިފައި ހުރީ ހަމައެކަނި ރީތި ކަމެއް.. އޭނަގެ ފަރާތުން ދަރިއެއް ލިބެން ނެތްއިރުވެސް އެ އަންހެނާއާއި ކައިވެނި ކުރީ މީހުންގެ މަލާމާތުން ސަލާމަތްވާން.. އެކަމަކު އޭނަ ވެއްޖެ ކަލޭ އެޑޮޕްޓް ކުރަން.. އިތުރު ބުރައެއް އަހަންނަށް ޖެއްސީ ދުނިޔެއިން ކުރާނެ އިތުރު ކަމެއް ނޭނގިގެން.. ".. އަސަދުގެ މޫނުން ފާޅުވާން ހުރީ އިންތިހާ ދަރަޖައިގެ ފޫހިކަމާއި ނުރުހުންވުމެވެ.

" މަންމައާ ބެހޭ ގޮތުން ތިފަދަ ވާހަކަ އަޑު އަހަން އަހަންނަށް ފަސޭހައެއް ނޫން.. އެއީ އަހަރެންގެ މަންމަ..".. ސާޔާގެ ރުޅިގަނޑު ކޮންޓްރޯލް ކުރަމުން ބުނެލި ނަމަވެސް އެ އަޑު ތުރުތުރު އަޅައެވެ.

" ކަލޭގެ މަންމައޭ ކިތަންމެ ވަރަކަށް ބުންޏަސް އެއީ ކަލޭގެ މަންމައަށް ނުވާނެ.. އެ ބުރަ އަހަރެންގެ ބޮލުން ފިލައި ދިޔަކަން ނަސީބު.. ".. އަސަދުގެ ވާހަކަ އެހިސާބަށް ދިޔުމާއެކު ސާޔާ ތެދުވެއްޖެއެވެ. އަޔާނާއަށް ނިސްބަތްކޮށް އަސަދުގެ އަނގައިން ބޭރުކުރަމުންދާ ބަސްތަށް އަޑު އަހަން އޭނާއަށް ފަސޭހަނުވިއެވެ. އަސަދު ދެތިން ފަހަރު ގޮވާލި ނަމަވެސް އެނބުރި ބެލުމެއް ނެތި ސާޔާ އަވަސް ފިޔަވަޅު ތަކެއްގައި ދޮރާ ދިމާލަށް ހިނގައިގަތެވެ.

" ރައުލްއާއި ރާސިލްއަކީ ކަލޭގެ އެއްބަނޑު އެއްބަފާ ބޭބެ.. އަލާރާއަކީ ކަލެއާ އެއްމާބަނޑު ކޮއްކޮ.. މެލެކްއަކީ ކަލޭގެ އުފަން މަންމަ.. ބީކާލްއަކީ ކަލޭގެ ބައްޕަ...".. ކުއްލިއަކަށް ސާޔާގެ ފިޔަވަޅު މަޑުޖެހުނެވެ. ދޮރު ހުޅުވަން ހިއްލާލި އަތް ހުއްޓުނެވެ. ހައިރާންކަން މޫނަށް ވެރިވި ހިނދު ލޯ ކަރުނުން ތެންމާލިއެވެ. މަޑު ތުރުތުރުލުމެއް ތުންފަތަށް ވެރިވިއެވެ. މޭގައި އުފެދުނު ތޫނު ރިހުމާއެކު މަޑު އާހެއްގެ އަޑު ބޭރުވިއެވެ.

 

**************************

އަތުގައި އޮތް ގަޑިއަށް ލިއަމް ބަލާލިއެވެ. އަންނަން ބުނި ގަޑިއަށް ވުރެ ސާޔާ މިހާރު އެތަށް އިރެއް ލަސްވެއްޖެއެވެ. ކުރިން ވެސް އޭނާ ލަސްވެދާނެ ވާހަކަ ބުނެފައި އޮތުމުން ލިއަމް އަދިވެސް އިންތިޒާރު ކުރިއެވެ. އެހެނަސް އެހެން އިނދެވުނީ އެއްގަޑިއިރު ވަންދެނެވެ. ފޯނު ނަގައި ސާޔާގެ ނަންބަރަށް ޑަޔަލް ކޮށްލިއެވެ. ލިއަމްގެ ބުމަ ގާތްވީ ފޯނު އޮތީ ނިއްވާލާފައި ކަމުގައި ބުނަން ފެށުމުންނެވެ. ދެން އޭނާ ގުޅާލީ ނަވާރް އަށެވެ. ދެތިން ރިންގާއެކު ނަވާރް ފޯނު ނެގިއެވެ. ސާޔާ ގޭގައި އުޅޭ ކަމަށް ބުނެ ނަވާރް ފޯނު ބޭއްވީ ނޯޔާއާއެކު ބޭރުގައި އުޅޭ ވާހަކަވެސް ލިއަމްއަށް އެނގުމަށްފަހުގައެވެ.

ފޯނުގައި ބާރަށް ހިފަހައްޓާލަމުން ގެއަށްދާން ލިއަމް ތެދުވިއެވެ. ޔަޤީނުންވެސް ގޭގައި ސާޔާ ހުންނާނެކަން އެނގޭތީއެވެ. އެތަނުގެ އެއްފަރާތުގައި ލިއަމްގެ އިޝާރާތަކަށް އިންތިޒާރުކޮށްގެން ހުރި ވެއިޓަރު ކައިރީގައި އެއްޗެކޭ ބުނެލުމަށްފަހު އަވަސް އަރުވާލާފައި ގޮސް ލިއަމް އެލެވޭޓަރ އަށް އަރާ ގްރައުންޑް ފްލޯރގެ ފިތަށް ދެތިން ފަހަރު އޮބާލީ އަވަހަށް ދާން ބޭނުންވެފައި ހުރުމުންނެވެ. ލައިގެން ހުރި ގަމީހުގެ ބެގީ ނައްޓާލުމަށްފަހު އިސްތަށިގަނޑާއެކު މޫނުގައި އޭނާ އަތް ހިންގާލި ގޮތުން އެކަނިވެސް ތަބީޢަތު ގޯސްވެފައި ހުރިވަރު އެނގެއެވެ.

ލިއަމް އައިސް ގެއަށް ވަތްއިރު ރައުލްއާ ދިމާވިއެވެ. ލިއަމްގެ މޫނުން ފެންނަން ހުރި ހާސްކަމުން ރައުލް ސުވާލު ކުރިނަމަވެސް ލިއަމް އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދިނެވެ. އަވަސް ފިޔަވަޅު ތަކެއްގައި ގޮސް އެލެވޭޓަރ އަށް އެރުމަށްފަހު ލިއަމް ސާޔާގެ އެޕަރޓްމެންޓަށް ދިޔުމަށް ފިތަކަށް އޮބާލިއެވެ. އެލެވޭޓަރގެ ދޮރު ލެއްޕުމުގެ ކުރިން ދުވެފައި އައިސް ރައުލް ވެސް އެރިއެވެ. ވެގެން އުޅޭ ގޮތް ނޭނގުނު ކަމުގައި ވިޔަސް ލިއަމްގެ މޫނުން ފެންނަން ހުރި ކުލަވަރުން ކަމެއްވެއްޖެ ކަން ޚުދު ރައުލްއަށް އެނގެއެވެ. އެ ހާލަތުގައި ލިއަމް އެކަނި ދޫކޮށްލަން އޭނާގެ ހިތް އެއްބަހެއް ނުވިއެވެ.

ސިކުނޑިއަށް ލިބިފައި ހުރި ހާސްކަމުގައި ރައުލްއާ ސުވާލުކުރަން ވެސް ލިއަމްގެ ސިކުނޑިއަށް ނައެވެ. އެލެވަރޓަރ ވެސް ލަސްހެން އޭނާއަށް ހީވިއެވެ. ހިތުގައި އުފެދެމުންދާ ޝައްކުތަކާއި ވަހުމުން އެ ހިތުގެ ތެޅުންވަނީ އިންތިހާއަށް އަވަސްވެފައެވެ.

އެލެވޭޓަރގެ ދޮރު ހުޅުވުމާއެކު ލިއަމް ނުކުތެވެ. އޭނާގެ ފަހަތުން ނުކުތް ރައުލްއަށް އެއްޗެކޭ ނުބުނެވެނީސް ލިއަމް އެޕަރޓްމެންޓްގެ ތަޅުގައި ހިފައި އަނބުރާލިއެވެ. ނުހަނު ފަސޭހައިން އެތެރެއަށް ދޮރު ހުޅުވިގެން ދިޔުމާއެކު ލިއަމް ވަނެވެ. އަދި ސާޔާގެ ނަމުން ގޮވާލިއެވެ. އެހެނަސް ގޭތެރެއަށް ވެރިވެފައިވަނީ މަރުފަދަ ހިމޭންކަމެކެވެ. އެ ދެ ޒުވާނުން ފިޔަވާ އިތުރު ބައެއް އުޅޭކަމުގެ ނިޝާނެއް ނެތެވެ.

" ލިއަމް! ކިހިނެތް ވެގެން ތި އުޅެނީ؟.. " ރައުލްގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔަ ކަހަލައެވެ. ލިއަމްގެ ކޮނޑުގައި ހިފަހައްޓައިގެނ ހުރެ ރައުލް ކުރި ސުވާލަށް ދޭނެ ޖަވާބެއް ލިއަމްގެ ސިކުނޑިއަށް ނައެވެ. ހިތުގައިވީ ޝުޢޫރުތައް ދުލުން ފާޅުކުރަން ނުކުޅެދުނެވެ. މޮޔައަކު ފަދައިން ރައުލްގެ އަތް ފޮޅުވާލުމަށްފަހު ގޮސް ލިއަމް ހުޅުވާލީ ސާޔާ ދިރިއުޅޭ ކޮޓަރީގެ ދޮރެވެ.

އަބަދުވެސް ރީތިކޮށް ހުންނަ އެކޮޓަރިން ފެންނަން ހުރީ ތަރުތީބު ކަމެވެ. ކޮންމެ އެއްޗެއް ވެސް އެ އެއްޗެއް ހުންނަންޖެހޭ ތަނުގައި ރީތިކޮށް ބެހެއްޓިފައި ވެއެވެ. ކޮޓަރީގައި ހިފާފައި ހުރީ ސާޔާ ޖަހާ ސެންޓުގެ ލުއި މީރު ވެހެވެ. ހުޅުވާފައި ހުރި ބެލްނީގެ ކުޑަ ދޮރު ޖެހެމުން ދިޔަ ވައިރޯޅިން ފޮތިގަނޑު ދެފަރާތަށް ހެލިލުން ފިޔަވާ އިތުރު ހަރަކާތެއް ގެނުވައިދޭ އެއްޗެއް އެ ކޮޓަރިއަކު ނެތެވެ.

" ކޮން އިރަކު ނަވާ ގެއިން ދިޔައީ..؟.".. ލިއަމް އަހާލިއެވެ.

" ނޭނގެ.. އަށެއް ޖެހުމުގެ ކުރިން ގޮއްސި ހަމަގައިމުވެސް.. ނޯޔާއާ ދެމީހުން އަދި ގެއަށް ނާދޭ.. ސާޔާއަށް ދޭން ގިފްޓެއް ގަންނަން ދާ ވާހަކަ ވެސް ނަވާ ބުނި.. ކިހިނެތްވީ؟..". ރައުލް ބުންޏެވެ. އޭނާ އިނީ ލިއަމްއަށް ވެފައި ހުރިގޮތުން އެއްޗެކޭ ބުނަން ނުކެރިފައެވެ. އަދިވެސް އޭނާ ކުރި ސުވާލުގެ ޖަވާބު ލިއަމް ނުދެއެވެ.

" ރެޕަންޒެލް..؟.. ކޮންތާކަށް އެ ދިޔައީ؟.. އެއްވެސް މީހަކު ކައިރީ ދިޔައީ ކޮންތާކަށް ކަން ނުބުނީ ކީއްވެބާ؟.. އަހަރެން ގާތަށް އަންނާނަމޭ ބުނެފަ ނައީ ކީއްވެ؟.. ފަހުން ގުޅީމަ އެކަމަކު ފޯނެއް ނުނަގާ.. ރެޕަންޒެލް ނުހުންނާނެ އަހަރެން ގުޅީމަ ފޯނަށް ޖަވާބު ނުދީ.. ހެނދުނު ގުޅީމަވެސް ޖަވާބެއް ނުދިނީ ކީއްވެބާ؟..  " ލިއަމްއަށް ހިތާއި ހިތުން ބުނެލެވުނެވެ.

" ލިއަމް؟..".. އެއް ދިމާލަކަށް ނަޒަރު ހުއްޓައިގެން ލިއަމް ހުރުމުން ރައުލް ގޮވާލީ ތަންކޮޅެއް ބާރަށެވެ. އެއާއެކު ސިހިފައި ލިއަމް ބޯ ޖަހާލިއެވެ.

" ސާޔާ ފޯނު ނިއްވާލާފައި އޮތީ.. ރެސްޓޯރެންޓަށް އަންނާނަމޭ ބުނެފަ ހަބަރެއް ނުވި..".. ލިއަމް ބުނެލިއެވެ.

" ވެދާނެ އެންނު ސާޔޫ ފޯނު ނިވުނީ ކަމަށްވެސް.. މިހާރު ހުރީ ރެސްޓޯރެންޓުގަ ކަމަށްވެސް ވެދާނެ އެންނު... އަޅެ ލިއަމް ގުޅާބަ އަދި. ނޫނީ ބަލަން ގޮސް ލަންވީނު...".. ރައުލްގެ މޫނަށް ވެރިވި ނުތަނަވަސްކަން އޭނާ ފޮރުވާލިއެވެ. އެހެނަސް ސިކުނޑިން ދޭން ފެށި ނުބައި ސިގްނަލުން އެ ހިތް ހާސްކުރުވިއެވެ.

" ނޫން.. ޖޯން އަށް ގުޅާ.. ޓެލް ހިމް ޓު ފައިންޑް ހަރ.. ".. ލިއަމްގެ ބާރު ހަޅޭކުގެ އަޑާއެކު ރައުލްވެސް ސިހުނެވެ. މިވަގުތު ލިއަމްއާ ދެކޮޅަށް އެއްޗެކޭ ބުނަން ރައުލް ފަސްޖެހުނެވެ.

ޖީބުގައި އޮތް ފޯނު ނަގާ ރައުލް ޖާވިންގެ ނަންބަރަށް ޑަޔަލް ކޮށްލިއިރު ލިއަމް އެ ކޮޓަރި ތެރެއަށް ވަދެއްޖެއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ އެނދުމަތީ ބެހެއްޓިފައިވާ ފޮށްޓެކެވެ. އެއީ ކޮން ފޮށްޓެއްކަން ލިއަމްއަށް ބުނެދޭން ނުޖެހުނެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް އޭނާ އެ ދަނބު ކުލައިގެ ފޮށީގެ މަތި ހުޅުވާލިއެވެ. އެތެރޭގައި އޮތް ދަނބު ކުލައިގެ ސެޓިން ފޮތީގެ މެކްސީ އޮތީ އޮތް ގޮތަށެވެ. އެއާއެކު ގަހަނާތައް ވެސް ފޮށި ތެރޭގައި ހުރި އިރު ލިއަމްގެ ސަމާލުކަން އަތުލީ އެހެން އެއްޗެކެވެ.

ރީތިކޮށް ފަށްޖަހާލާފައި އޮތް ކަރުދާސްކޮޅު ފެނުމާއެކު ލިއަމްގެ އަތްފައި ފިނިވިއެވެ. ހިތުގެ ތެޅުން ހިނދުކޮޅަކަށް މަޑުޖެހުނު އިހްސާސް ކުރެވުނު ވަގުތު އޭނާ އެ ގަނޑުކޮޅު ނިއުޅުވާލިއެވެ. ސާޔާގެ އަތު ލިޔުމުން ލިޔެވިފައިވާ އެ ކުރު ސިޓީ ކިޔައި ނިމުނު އިރު ލިއަމްއަށް އޭނާގެ ނޭވާ ހިފަހައްޓާ ލެވުނެވެ. ގަނޑުވެފައި ހުރުމަށްފަހު ދެތިންފަހަރު އެސްފިޔަ ޖަހާލެވުނެވެ. އަވަސްވެފައިވާ ހިތުގެ ތެޅުމާއެކު ލިއަމްއަށް އަނެއްކާވެސް އެ ގަނޑު ކިޔާލެވުނެވެ. އެވަގުތު ބޭއިޚްތިޔާރުގައި އެ ލޮލުން ވެއްޓުނު ކަރުނަތިކިން އެ ގަނޑުގައި ލިޔެފައިވާ ދެލި ފޭދިގެން ދިޔަ މަންޒަރު އޭނާގެ ލޮލުގައި އަޅައިގަތެވެ. ފުސްވެގެން ދިޔަ ލޮލުން އޮހިގަތް ކަރުނައާއެކު ލިއަމްގެ ދުލުން ކިޔާލެވުނީ ސާޔާގެ ނަމެވެ.

 

ނުނިމޭ

  1. ޢަޅޭޭ ކިހިނެއްް މިވީީ ހާދަދެރަޔޭ

  2. ސިމާ

    ވ ރީތި

  3. ޢހަރެން

    އަޅެ ނޫން ސާޔޫ ނުގެއްލެއްޗޭ ޕްލީޒް

  4. ފާތުން

    އަެެޅެ ހާާދަދެރަ ގޮތެއް މިވީ