ބޫސްޓާ ޑޯޒް ޖެހި މީހުންގެ އަދަދު 132،723އަށް!

ރާއްޖޭގައި ވެސް ފެތުރެމުން އަންނަ ކޮވިޑް-19ގެ އާލަމީ ވަބާއިން ސަލާމަތްވުމަށް ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހި މީހުންގެ އަދަދު 132،723އަށް އިތުރުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އާންމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިހައިތަނަށް 398،214 މީހުން ކޮވިޑްގެ ފުރަތަމަ ޑޯޒް ޖަހައިފައިވެއެވެ. އަދި 371،091 މީހުން ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވެއެވެ.
ކޮވިޑުން ރައްކާތެރިވުމަށް ވެކްސިންގެ ތިންވަނަ ޑޯޒް (ބޫސްޓާ ޑޯޒް) އެޗްޕީއޭއިން ޖަހަން ފަށައިފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެންނެވެ.
އެއީ އުމުރުން 60 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ސިއްހީ މުވައްޒަފުން އެކަންޏެވެ. މިހާރު ބޫސްޓާ ޑޯޒް ޖަހަމުންދަނީ 50 އަހަރުން މަތީގެ މީހުންނަށެވެ.