ޚަބަރު ސަރުކާރު

ހިޔާ ސަރަހައްދުގެ މަގުތައް ނިންމައި ބޭނުންކުރަން ފަށައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ހުޅުމާލެ ދެވަނަ ފިޔަވަހި | ފޮޓޯ: އަދަދު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓުތައް ސަރަހައްދުގެ މަގުތަކުގެ މަސައްކަތް ނިންމައި އާންމުން ބޭނުންކުރަން ހުޅުވައިލައިފިއެވެ.

Ads by MWSC

މިދިޔަ އަހަރު މީހުން ދިރިއުޅެން ފެށި ހިޔާ ފްލެޓުތައް ސަރަހައްދުގައި ހުރި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށީ މިދިޔަ ފެބުރުއަރީ މަސް ތެރޭގައެވެ. މަސައްކަތް މުޅިން ނިންމައި އާންމުންނަށް ހުޅުވައިލައިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިޔާ ފްލެޓުތައް ތަރައްގީކޮށްފައި ވަނީ ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން އެ ސަރަހައްދުގެ މަގުތައް ތަރައްގީކުރީ އިންޑިއާގެ ދެ ކުންފުންޏަކުން އުފައްދައިފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.

ބުރާސްފަތި ދުވަހު މަސައްކަތް ނިންމައިލި މަގުތަކުގެ މަޝްރޫއަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ނިންމަން ކުރިން އިއުލާން ކުރި މަޝްރޫއެކެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފަށައިފައިވާ އިރު އެސަރަހައްދުގައި ގިނަ އާންމު ހިދުމަތްތަކެއް އަދިވެސް ނުލިބެއެވެ.

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން މިހާރު ދަނީ ގިނަ ހިދުމަތްތަކެއް އެ ސަރަހައްދުގައި ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިހިނގާ މާޗު މަސް ނިމެންވާ އިރަށް ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެވޭނެކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް އެކަށީގެންވާ އާންމު ހިދުމަތްތަކެއް ފޯރުކޮށް ނުދެވޭކަމުގެ ޝަކުވާ އެމީހުން އަންނަނީ ކުރަމުންނެވެ. ހާއްސަކޮށް ފިހާރަތައް އެ ސަރަހައްދުގައި ނެތުމުގެ ކަންބޮޑުވުން އެބައޮތެވެ.

އެޗްޑީސީން ބުނީ ފިހާރަތައް ހުޅުވުނު ނަމަވެސް ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ އާބާދީއަށް އެކަށީގެންވާ ވަރުގެ ހިދުމަތެއް އަދި ނުދެވޭ ކަމަށެވެ. އެހެން ނަމަވެސް މިހާރު އެކަމަށް ޓަކައި ވެސް މަސައްކަތްތަކެއް ކުރެވެމުން އަންނަކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ތަރައްގީކުރި 6،000އަށް ވުރެ ގިނަ ފްލެޓު އެ ތަން ލިބުނު މީހުންނާ ވަނީ ހަވާލުކޮށްފައެވެ. އެހެން ނަމަވެސް ހުރިހާ ފްލެޓެއްގައި އަދި މީހުން ދިރިއުޅޭކަށް ނުފަށައެވެ. ދެވަނަ ފިޔަވަހީގައި 5،000އެއްހައި މީހުން މިހާރު ދިރިއުޅޭ ކަމަށް ލަފާ ކުރެވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!