ސިޓީ ކައުންސިލުން ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކޮށްފި

މާލެ ސިޓީ ކައުންސިލުން ބާއްވާ އަވަށު ބައްދަލުވުންތަކުގެ ތެރެއިން ވިލިމާލެ ދާއިރާގެ ބައްދަލުވުން ބުދަ ދުވަހުގެރޭ ބާއްވައިފިއެވެ.
މި ބައްދަލުވުން ބާއްވައިފައި ވަނީ ވިލިމާލޭ މުހިއްޔިއްދީން ސްކޫލުގައެވެ.
މި ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން ބައެއް ކައުންސިލަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު އުޝާމް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި އެ ދާއިރާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާއި މަޝްރޫޢުތަކުގެ މަޢުލޫމާތު ވެސް ރައްޔިތުންނާ ހިއްސާކުރެއްވިއެވެ. އޭގެ ތެރޭގައި އިސްލާމިކް ބޭންކްގެ އޭޓީއެމްގެ ޚިދުމަތް ދިނުމާއި މިސްކިތްތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރުމާއި މާރުކޭޓް ޤާއިމް ކުރުން ހިމެނެއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ ކައުންސިލުގެ އަމާޒަކީ ވީހައި ވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރުން ކަމަށެވެ. އަދި ކުރިއަށް އޮތް ރަމަޟާން މަހަށް ފަހު ރަސްމީ ޖަލްސާ ނޫން ގޮތަށް ވަށް މޭޒުތައް ބަހައްޓައިގެން ރައްޔިތުންގެ ބައްދަލުވުންތައް ކުރިއަށް ގެންދާނެ ކަމުގައި ވެސް މޭޔަރު ވިދާޅުވިއެވެ. މި ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މަހަކު އެއްފަހަރުއެވެ.