ހުރިހައި ރަށެއްގައި ލެބޯޓްރީގެ ހިދުމަތް ގާއިމް ކުރަނީ

ރާއްޖޭގެ ހުރިހައި ރަށެއްގައި ލެބޯޓްރީގެ ހިދުމަތް ދޭން ފަށަން ތައްޔާރުވަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން ދެއްކި ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ނަސީމް ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމު ތަރައްގީކުުރުމުގެ މަސައްކަތް ސަރުކާރުން ކުރަނީ ވަކި ތަރުތީބަކުން ކަމަށާއި އެގޮތަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ސިއްހީ ނިޒާމަށް ހެޔޮ ބަދަލުތަކެއް ކައިރި މުސްތަގުބަލެއްގައި ގެނެވޭނެ ކަމަށެވެ.
މިނިސްޓަރ ނަސީމް ވިދާޅުވީ، ސިއްހީ ދާއިރާގެ ތަރައްގީއަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ރާއްޖޭގެ ހުރިހާ ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ތަހްލީލްކުރެވޭނެ ހިދުމަތް ދިނުމަށް ޓަކައި ލެބޯޓްރީގެ ހިދުމަތް ގާއިމުކުރުމަށް ކަމަށެވެ.
މީގެ އިތުރުން ހެލްތު މިނިސްޓަރު ވިދާޅުވީ ލެބޯޓްރީގެ ހިދުމަތް ގާއިމުކުރަން ޖެހޭ ތަންތަން ވެސް ސަރުކާރުން މިހާރު ހޯދައި ބަލައިފައިވާ ކަމަށާއި އެ މަސައްކަތް މާލަސްތަކެއް ނުވެ ހިނގަމުންދާނެ ކަމުގައެވެ.
"ލެބޯޓްރީން އަޅުގަނޑުމެން ތަހުލީލްކުރާ އެއްޗެއްގެ މައްޗަށް ބިނާކޮށް އެއިން އަޅުގަނޑުމެންނަށް މި ފަރުވާދެވެނީ ވެސް،" މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.
ހެލްތު މިނިސްތަރުގެ އެ ވާހަކައާ ގުޅޭގޮތުން އެ މިނިސްޓްރީގެ ކޮލިޓީ ކޮމިޝަނާ ތަސްލީމާ އުސްމާން ވިދާޅުވީ ރާއްޖޭގެ ހުރިހައި ރަށެއްގައި ލެބޯޓްރީގެ ހިދުމަތް ގާއިމުކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން މިހާރު އެ ހިދުމަތް ލިބޭ ތަންތަނުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތަކުގެ ލެބޯޓްރީއެއްގައި ފޯރުކޮށްދޭ ހިދުމަތްތައް ދިނުމަށް ޓަކައި ވެސް މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.