ހައްޤަކަށް ތީމަގޭވުން ..(ސާޅިސްވަނަ ބައި)
▾ މި ވާހަކައިގެ ޢަދަދުތައް
ވަކި ޖަވާބެއް ނުދީ ޝަހާ ގޮސް ކޮފީއެއް ތައްޔާރު ކުރަން ފެށިއެވެ. އެވަގުތު ގޭގައި ބެލް އަޅައިލި އަޑުއިވުނެވެ. ޝަހާ ގޮސް ގޮނޑިމަތީގައި އަޅުވާލާފައިވާ އޮތް ބުރުގާ ބޮލަށް މަހައިލުމަށްފަހު ގޮސް ދޮރު ހުޅުވައިލިއެވެ. ކުރިމަތީގައި ހުރި މީހަކު ފެނި ޝަހާއަށް ދެބުމަ ގޮށްޖަހައިލެވުނެވެ.
" ކީއްކުރަން މިގެއަށް ތިއައީ.." ނުރުހުންވެފައި ޝަހާ ބުނެލިއެވެ.
" ޝަހާ!! އަަހަރެން މިއައީ ވަރަށް މުހިންމު ވާހަކައެއް ދައްކަން ވެގެން.. " ދޮރުމަތީގައި ހުރި ހުސެން ބުނެލިއެވެ.
" އަހަރެންނާ އަދީމާ މެދު މައްސަލައެއް އުޅޭކަން އެނގިގެން ފުރުސަތުގެ ބޭނުން ހިފާނަމޭ ހިތާ ދޯ ތިއައީ.. ބުނަން ވާހަކައެއް.. އަހަރެން އަދީމް ކައިރިން ވަރިވިޔަސް ކަލެއަކަށް އަހަރެންގެ ދިރިއުޅުމުން ޖާގައެއް ނެތް.." މިހެން ބުނެ ދޮރު ލައްޕަން ޝަހާ އުޅުނެވެ. ނަމަވެސް އޭގެ ކުރިން ހުސެން ދޮރުގައި ހިފެހެއްޓިއެވެ.
" ކާކުތަ ޝަހާ..." ބަދިގޭގައި ހުރި އަސްމާ ބޯދިއްކޮށްލަމުން އަހައިލިއެވެ. އެވަގުތު ފެނުނު މަންޒަރުން ހުސެން ގަދަކަމުން ގެއަށް ވަންނަން އުޅެނީއޭ ހީވެ އަސްމާ ހަޅޭއްލަވައިގަތެވެ.
" ދާން އުޅޭ އެހެންނޫނީ ފުލުހުންނަށް ގުޅާނީ.. " އަސްމާ އިންޒާރު ދިނެވެ.
" ޝަހާ!!! އަދީމްގެ ކުށެއް ނެތް.. އަދީމްގެ އެއްވެސް ކުށެއް ނެތް.. ހުރިހާ ކަމަކީވެސް ޝެރީންގެ މޮޅު ރޭވުން...." ހުސެން ބުނެލިއެވެ. އެހިނދު ޝަހާ ދޮރު ލެއްޕުމަށް ކުރަމުން ދިޔަ މަސައްކަތް ހުއްޓައިލިއެވެ.
" ތިއައީ އަދީމް ބުނެގެން ދޯ.. އައި ކާންޓް ބިލީވް ދިސް.. މަކަރު ހެދުމާއި އޮޅުވައިލުމުގަ އަދީމް އެދެރަޖައަށްވެސް ވެއްޓުނީތަ؟" ޝަހާ ބުނެލިއެވެ.
" ތެދު ތެދަށް ބުނަންޏާ މިއަދު އަހަރެންނަށްވުރެ ބޮޑަށް އަދީމަށް ނަފްރަތުކުރާ މީހަކު ނުހުންނާނެ.. އަހަރެން މިއައީ އަދީމަށްޓަަކައި އަދި ޝަހާއަށްޓަކައިވެސް ނޫން.. އަހަރެން މިއައީ އަހަރެންގެ ހިތުގައި ޝެރީއަށްޓަކައި އޮތް ލޯތްބެއްގެ ސަބަބުން... މިފަހަރުވެސް އަދީމަށް ކާމިޔާބު ލިބެން ނޭދޭތީ.. މިވަގުތު އަހަރެންނަށްވުރެ ބޮޑަށް ހަޤީޤަތް އެނގުން ޝަހާއަށް މުހިންމު ކަންނޭނގެ..." ހުސެން ބުނެލިއެވެެ. ޝަހާ ހިމޭންވިއެވެ. އޭނާގެ ހިތް ބުނަމުން ދިޔައީ ހުސެން ދައްކާ ވާހަކަ އަޑުއެހުމަށެވެ.
" ޝަހާ!! ފުލުހުންނަށް ގުޅަންވީތަ؟ " ޝަހާގެ ކޮނޑުގައި އަތް އަޅައިލަމުން އަސްމާ އަހައިލިއެވެ. ޝަހާ ދެފަރާތަކަށް ބޯހޫރައިލިއެވެ. ބޮޑަށް ދޮރު ހުޅުވުމަށްފަހު ހުސެން ވަންނަން ތަން ދެއްކިއެވެ. ހުސެން އެތެރެއަށް ވަނުމުން ޝަހާ އަތުގެ އިޝާރާތުން އިށީނުމަށް ތަންދެއްކިއެވެ. އަސްމާ ކަންފަތްދޮށުގައި ސިއްރުން އެއްޗެއް ބުނުމަށްފަހު ގޮސް ހުސެން ކުރިމަތީގައި ހުއްޓި ދެއަތް އުރައިލިއެވެ.
" ދެން ކިޔާބަލަ ތި ކިޔާ އެއްޗެއް... " ހުސެން އިށީނުމުން ޝަހާ ބުނެލިއެވެ.
" ޝަހާ ކައިރީގައި ޝެރީ ދެއްކި ވާހަކައެއް ފަހުން އެއީ ހުސް ދޮގު.. އޭރު ޝަހާގެ ފޯނަށް ފޮޓޯތަކަކީ ޝެރީގެ އެދުމުގެ މަތިން އަހަރެން ނެގި ފޮޓޯތަކެއް.. އެފޮޓޯތައް ޝަހާއަށް ފޮނުވީވެސް އަހަރެން.. އެރޭ ރިސޯޓުގައިވެސް ޝެރީ އެކަމެއް ކުރީ ކުއްލިއަަކަށް އަދީމް ނުވެސް ވިސްނާ ހުއްޓައި.. އަދީމް ޝަހާ ދެކެ ލޯބިވާވަރު އެނގުނު އެރޭ ޝެރީ ދުރަށް ކޮއްޕައިލި ގޮތުންވެސް.. އެކަމާ ދެރަވެގެން އަދީމް އެރޭ ރިސޯޓު ދޫކޮށް އައީވެސް.. އެދުވަހުގެ ޝެރީ ވަރަށް މަސައްކަތް ކުރި އަދީމާ ވާހަކަ ދައްކަން.. އެކަމަކު އަދީމް އޭނާއަށް ފުރުސަތެއް ނުދިން.. ކަމީލާގެ ކައިވެނީގެ ދުވަހު ޝަހާއަށް ތިފެނުނު މަންޒަރަކި އެދުވަހު ޝެރީ ޝަހާއަށް ދައްކަން ބޭނުންވި މަންޒަރެއް.. ޝަހާ އަދީމްމެން ގެއަށް ވަން ވަގުތު ބަލާފައި ޝެރީން މިގެއަށް ވަނީ.. ޝެރީ މައާފަށް އެދުމަށްފަހު އަދީމަށް ދިން ކޮފީއަށް ހުރީ ބޭހެއް އަޅާފައި.. އެއީ ހޮސްޕިޓަލުން އަހަރެން ލައްވާ ޝެރީ ވަގަށް ނެގުވި ބޭހެއް.. އެދުވަހު އަދީމާއި ޝެރީއާ ދެމެދު އެއްވެސް ކަމެއް ނުވޭ.. ގަދަ ނިދީގައި އޮތް އަދީމަށް ޝެރީ ކުރި އެއްވެސް ކަމެއް ނޭނގޭ.. " ހުސެން ހުރިހާ ވާހަކައެއް ކިޔައިދީ ނިމުނުއިރު ޝަހާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އާދެއެވެ.
" ތިފަދަ ވިޔާނުދާ ކަމެއް ކަލޭމެން ކުރިއިރު ހަމަ އެކައްޗެކޭވެސް ހިތަށް ނާރާތަ.. ކަލޭމެންގެ އޮތް އަމިއްލަ އެދުމެއްގެ ސަބަބުން ބަޔަކު މީހުންގެ ދިރިއުޅުން ބަރުބާދު ތިކޮށްލީ އެކަމުން ކަލޭމެންނަށް ކޮންފައިދާ އެއް ވާނެތީ.. " ޝަހާގެ އަޑު ކުރެހިގެން ދިޔައެވެ.
" އެއްވެސް ކަމެއް ސިއްރުކުރާކަށް އަހަރެން ބޭނުމެއް ނޫން.. އަހަރެން އަދީމާމެދު ހަސަދަވެރިވީ.. އަދި ޝެރީ ދެކެ ވާ ލޯތްބެއްގެ ސަބަބުން އޭނާ ބުނިހާ ކަމެއް ކޮށްދިނީ.. ޝެރީ އަދީމްދެކެ ހަޤީޤީ ލޯބިވާނަމަ އެގޮތަށް ކަންތަކެއް ނުކުރާނެ.. އަދީމް ޙާސިލްކުރަން ޝެރީ އަތު ކުރި އޮޅާލާފައި ހުއްޓަސް ކޮންމެ ރެއަކުވެސް އަހަރެންގެ ތަންމަތި ފަޅުވިލުވަނީ އޭނާ.. އަހަރެން ޝަހާއަށް ހުރިހާ ވާޙަކައެެއް ކިޔައިދިނުގެ އެންމެ ބޮޑު ބޭނުމަކީ ޝެރީ އަހަރެންނަށް ގެއްލެން ނޭދޭތީ.. " އިންތަނުން ތެދުވަމުން ހުސެން ބުންޏެވެ.
" ހުސެން ހީނުކުރާތި ތިގޮތަށް ކަންތައް ކުރުމަށްފަހު ސަލާމަތްވެވޭނެއޭ.. ހުސެން ތިދެެއްކި ހުރިހާ ވާހަކައެއް އަހަރެން ރެކޯޑު ކޮށްފިން.. މީގެ ފަހުން ހުސެންވެސް އަދި ޝެރީންވެސް އަހަރެންނާ އަދީމްގެ ދިރިއުޅުމަށް ވަންނަން މަސައްކަތް ކޮށްފިއްޔާ އަހަރެންނަށްވުރެ ނުބައި މީހަކު ނެތްކަން އަންގާލަދޭނަން.. " ޝަހާ ބުނެލިއެވެ. ރަތްވެފައިވާ އެބޮޑު ދެލޯ ފެނި ހިސާބެއްގެ ޖެހިލުންވުމެއް ހުސެންއަށް އިހުސާސްވިއެވެ. އެތަނުގައި އިތުރަށް ހުންނަން ނުކެރި އެތަނުން ނިކުތެވެ.
ޝަހާ ރޯންފެށިއެވެ. އެވަގުތު އަސްމާ ގޮސް ޝަހާގެ ދެކޮނޑުގައި ހިފަހައްޓައިލުމަށްފަހު ގޮނޑީގައި ބޭންދިއެވެ.
" އަހަރެން ކިހާ ގޯސް ބޮޑުއްތާ.. އަދީމަށް އޭނާގެ ކުށެއް ނެތްކަން ބުނެދޭން ކުޑަވެސް ފުރުސަތެއް އަހަރެން ނުދިނިން.. ލޮލަށް ފެންނަ ކޮންމެ މަންޒަރަކީ ހަޤީޤަތަކަށް ނުވެދާނެކަން އަހަރެންނަށް ނުވިސްނުނީ ކީއްވެ.؟ ބޮޑުއްތާ!! އަހަރެން ދެން އަދީމްއާ ކުރިމަތިލާނީ ކޮން މޫނަކައިގެން.. އަދީމްގެ މަންމަވެސް އެހާ ބޮޑަށް ަލި އެވީ އަހަރެންގެ ސަބަބުން... " ޝަހާ ރޮމުން ބުންޏެވެ.
" ދެން ވީ ކަމެއް ވީ ޝަހާ.. ޝެރީންއަކީ ކިހާ ނުލަފާ އަންހެނެއްކަން ކުރިންވެސް ބޮޑުއްތަ ކިޔައިދިނީމެއްނު.. އަދި ލަހެއް ނުވޭ... އަދީމް ޝަހާ ދެކެ ވަރަށް ލޯބިވާކަން ބޮޑުއްތައަށްވެސް އިހުސާސްވެއްޖެ.. ދޭ އަވަހަށް އަދީމް ކައިރިއަށް.. ގޮސް މައާފަށް އެދީ..." ޝަހާގެ ކަރުނަތައް ފޮހެދޭން މަސައްކަތް ކުރަމުން އަސްމާ ބުންޏެވެ. ޝަހާ ބޯ ޖަހައިލަމުން ތެދުވިއެވެ. ދެލޯ ފޮހެލުމަށްފަހު ކޮޓަރިއަށް ވަދެ ތަޅުދަނޑި ހިފައިގެން ނިކުތެވެ.
***************
ބަލިމީހުން ބެލުމަށްފަހު ބްރޭކްއަށް ލިބުނު ވަގުތެވެ. އަދީމް އިނީ އެއްވެސް އެއްޗެއް ކާހިތް ނުވެފައެވެ. ޝަހާގެ ދުލުން އިވުނު ވަރީގެ ވާހަކައަށްފަހު އޭނާގެ ހިތް މަރުވެފައިވާ ކަހަލައެވެ. ގޮނޑިއަށް ހަށިގަނޑު ދޫކޮށްލައިގެން ސީލިންގާ ދިމާލަށް ބަލަހައްޓައިގެން އިން އަދީމްގެ މޫނުމަތީގައި އެއްވެސް ކަހަލަ ދިރުމެއް ނެތެވެ. ހިންދިރުވައިލަމުން މަޑުމަޑުން ދެލޯ މަރައިލި ހިނދު ލޮލުގެ ކަނަކު ކަރުނައިގެ ރޮނގެއް ފޭބިއެވެ. ކޮޓަރީގެ ދޮރު ހުލުވާލާފައި މީހަކު ވަންކަން އަދީމްއަށް އެނގުނެވެ. އެހެންނަމަވެސް އެދިމާލަށް ބަލައެއް ނުލިއެވެ. އެކަހަލަ ވަގުތެއްގައި ވަންނާނީ މަސައްކަތު މީހެއްކަން އެނގޭތީއެވެ.
" އަދީމް...." ކުރެހިފައިވާ އަޑަކުން ޝަހާއަށް ގޮވައިލެވުނެވެ. އެހިނދު ސިހިފައި އަދީމް ބަލައިލިއެވެ. ދޮރުކައިރީގައި އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހުރި ޝަހާ ރޮނީއެވެ. އެފަދަ ވަގުތެއްގައި ޝަހާ އެތަނަށް އައިސްދާނެ ކަމަކަށް އަދީމަށް ޤަބޫލެއް ނުކުރެވުނެވެ. އެހެންކަމުން ދެލޯ ފޮހެލާފައި އަދި އެއްފަހަރު ބަލައިލިއެވެ. އެހެނަސް ،މަންޒަރު ބަދަލެއް ނުވިއެވެ. ރޮވިފައި އޭނާއާ ދިމާލަށް ބަލަހައްޓައިގެން އެހުރީ ޝަހާ ކަމުގައި ޔަގީން ކުރެވުނެވެ.
" ޝަހާ...." އިންތަނުން ތެދުވަމުން އަދީމް ގޮވައިލިއެވެ. އިތުރަށް ބަލާކަށް ޝަހާއަށް ނުހުރެވުނެވެ. ދުވެފައި ގޮސް އަދީމް ގައިގައި އޮޅުލައިގަނެވުނެވެ. އަދީމްގެ މޭގައި މުނު ފޮރުވައިލުމަށްފަހު ރޯންފެށިއެވެ. އެހިނދު އަދީމްއަށް ލިބުނީ ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެކެވެ. އޭނާގެ އަތުތެރޭގައި ޝަހާ ފިއްތައިލެވުނު ހިނދު އޭނާގެ ލޮލުންވެސް ކަރުނަ ފައިބަންް ފެށިއެވެ.
" އަހަރެންނަށް މައާފު ކުރޭ އަދީމް.. އައި ޝުޑް ހޭވް ޓްރަސްޓެޑް ޔޫ.. ހުރިހާ ހަޤީޤަތެއް އަހަރެންނަށް އެނގިއްޖެ.. އަދީމްގެ އެއްވެސް ކުށެއް ނެތް... އެދުވަހު އަދީމްއާއި ޝެރީއާ މެދު އެއްވެސް ކަމެއް ނުވޭ... ހުރިހާ ކަމެއްވެސް ކުރީ އެޝެރީން.. އައި އެމް ސޯ ސޮރީ ލަވް..." ޝަހާ ރޮމުން ކިޔަމުން ދިޔައެވެ.
" ކިހިނެއް ޝަހާއަށް އެނގެނީ އެދުވަހު ކަމެއް ނުވާކަން.. މިހެން މިބުނީ އަހަރެންނަށްވެސް އެކަން ޔަގީން ނުވާތީ..." އަދީމް ބުނެލިއެވެ. ޝަހާ އަދީމްއާ ދުރުވެލިއެވެ. ދެފަރާތުން އަދީމްގެ މޫނުގައި ހިފަހައްޓައިލުމަށްފަހު އަދީމްގެ ދެލޯ ޝަހާ ފޮހެލައިދިނެވެ.
" ހުރިހާ ވާހަކައެއް އަހަރެންނަށް ހުސެން ކިޔައިދީފި.. އެދުވަހު ޝެރީން އަދީމަށް ދިން ކޮފީއަށް ހުރީ ބޭހެއް އަޅާފައި.. ޝެރީންއާއި އަދީމްއާ މެދު އެފަދަ އެއްވެސް ގުޅުމެއް ނުހިނގާ.. އެއީ އެ ޝެރީން އަހަރެންނަށް ދައްކަންވެގެން ކުރި ކަމެއް...." ޝަހާ ކިޔައިދިނެވެ.
" އެކަމަކު ޝަހާއަށް ކިހިނެއް އެނގުނީ.. ހުސެން..؟ ހުސެންއަށް ކިހިނެއް އެނގެނީ..." އަދީމް އަހައިލިއެވެ. ޝަހާ އަދީމަށް ހުސެން ކިޔައިދިން ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ. އެންމެ ކައިރީގައި އުޅެމުން ހުސެން އޭނާއަށް އެފަދަ ލަނޑެއް ދީފާނެ ކަމަކަށް އޭނާއަށް ޤަބޫލެއް ނުކުރެވުނެވެ.
" އަހަރެން ހުސެންއަށް ދުވަހަކުވެސް މައާފެއް ނުކުރާނަން.. އެމީހުން ކުރި ކުށުގެ އަދަބު އެމީހުންނަށް ލިބޭތޯ އަހަރެން ކުރެވުނުހާ މަސައްކަތެއް ކުރާނަން.. ހޮސްޕިޓަލުން ބޭސް ވަގަށް ނަގައިގެން ގޮސް އެގޮތަށް މީހުންނަށް ދިނުމަކީ ބޮޑު ކުށެއް.. އަހަރެން މިހާރު މިވަގުތު މިދަނީ ފުލުހުންނަށް ،މައްސަލަ ހުށައަޅަން.. " އަދީމް ބުންޏެވެ.
" އަދި މަޑުކުރޭ އަދީމް... އޭގެ ކުރިން ފުރަތަމަ ކުރަން ޖެހޭ ކަމެއް އެބައިން.. ވަގުތު ޖެހުނީމަ އަހަރެން އަދީމް ކައިރީގައި ބުނާނަން..." ޝަހާ ބުނެލިއެވެ.
" ﷲ އަށް ޙަމްދުހުރި.. ޝަހާ އަހަރެންނާ ވަކިވާން އުޅޭތީ އެކަމާ އަހަރެން ކުރި ހިތާމަ ހެއްދެވި ފަރާތް ދެނެވޮޑިގެންވާނެ.. އަހަރެން ދެން ދުވަހަކުވެސް ޝަހާ ހިތުގައި ޖެހޭ ފަދަ ކަމެއް ނުކުރާނަން.. އައި ޕްރޮމިސް.." އަދީމް ބުންޏެވެ. ޝަހާ ބޯޖަހައިލިއެވެ.
" އަހަރެން ދެން ދަނީ.. އަދީމް މަންމަމެން ކައިރިއަށް ގޮސް ހުރިހާ ވާހަކައެއް ކިޔައިދޭން އަހަރެން ބޭނުން.. އަދީމް ޑިއުޓީ ނިންމާފައި އަވަހަށް ގެއަށް އަންނާތި.." އަދީމްގެ ކޮލުގައި ފިރުމައިލަމުން ޝަހާ ބުންޏެވެ.
ޝަހާ އަދީމްގެ ކޮޓަރިން ނިކުތްވަގުތު ކުރިމައްޗަށް އެރި ޝެރީން ފެނި ދެބުމަ ގޮށްޖެހުނެވެ.
" ކަލޭ ހީކުރީތަ ލޯބިވާ ދެމީހުން ދުރުކުރުވުން އެއީ ވަރަށް ފަސޭހަ ކަމެކޭ.. ހަނދާން ކުރާތި!! މީގެ ފަހުން އަހަރެންގެ ފިރިމީހާއާ ދިމާލަށް އެފަދަ ގޮތަކަށް ބަލައިލިޔަސް ތިދެލޯ ދަމައިގަންނާނަން.. އަހަރެން ދިރިހުރިހާ ދުވަހަކު ކަލެއަށް އަދީމް ހާސިލްކުރަން ލާހިކެއް ނޫން.. އަދި އަހަރެން ދުނިޔޭގައި ނެތް ދުވަހެއް އަޔަސް ހިޔެއްނުވޭ އަދީމް ކަލޭ ކަހަލަ ގޮތްކުޑަ އަންހެނެއް ބޭނުންވާނެ ހެން.. " ޝަހާ ބުނެލިއެވެ. ޝެރީންގެ ދެބުމަ ގޮށްޖެހުނެވެ. ދަތްކުޑިވިކައިލަމުން އެއްޗެކޭ ބުނަން އުޅުނެވެ. ނަމަވެސް އޭގެ ކުރިން ޝަހާ އޭނާގެ ކޮނޑުން ޝެރީންގެ ގައިގައި ޖެހިގަތުމަށްފަހު އެތަނުން ނިކުމެގެން ދިޔައެވެ. ރުޅިއައިސްގެން ތުރުތުރުއަޅާ ހާލު ޝަހާއާ ދިމާލަށް ބަލަހައްޓައިގެން ހުރުން ނޫން ކަމެއް ޝެރީންއަކަށް ނުކުރެވުނެވެ.
*************
އެންމެ ފުރަތަމަވެސް ޝަހާ ދިޔައީ ކައުސަރު ކައިރިއަށެވެ. ހުރިހާ އެންމެންގެ ހާޒިރުގައި ޝަހާ ހުރިހާ ވާހަކައެއް އެންމެންނަށް ކިޔައިދިނެވެ. އަދީމްގެ ކުށެއް ނެތް އެނގުމުން އެންމެންވެސް ތިބީ އުފަލުންނެވެ. ޙާއްސަކޮށް ކައުސަރަށް އެތައް ފަހަރަކު ހެއްދެވި ފަރާތަށް ޙަމްދު ކުރެވުނެވެ.
އެގޭގައި އެތައް އިރަކު ވާހަކަ ދައްކަން އިނުމަށްފަހު ޝަހާ ދެން ދިޔައީ ސްކޫލް ދޮށައް މަލާކް ބަލައެެވެ. މަލާކް ފެނުމާއެކު އެންމެ ފުރަތަމަވެސް ޝަހާ މަލާކް ކައިރިން މައާފަށް އެދުނެވެ. ހުސެން ދެއްކި ހުރިހާ ވާހަކަތަކެއް ޝަހާ މަލާކަށްވެސް ކިޔައިދިނެވެ. އަދީމާ މުހާތަބު ކުރެވުނު ގޮތުން މަލާކް ދެރަވިއެވެެ. އަވަހަށް ފޯނުން މައާފަށް އެދި މެސެޖެއް ލިޔެލުމަށްފަހު އަދީމް ނަމްބަރަށް ފޮނުވައިލިއެވެ.
***********
ގެއަށް ދިޔުމަށްފަހު ޝަހާ ބަދިގޭގައި އަވަދިނެތި އުޅުނެވެ. ބޭނުންވީ އަދީމް އަންނަންވާއިރަށް ޙާއްސަ ސައެއް ތައްޔާރު ކޮށްލުމަށެވެ. އަދީމްއަށް އެންމެ މީރު އެޕަލް ޕައި އެއް ހަދާފައި ފުރިޖަށް ލުމަށްފަހު ޗޮކްލެޓް ކޭކެއް އެޅިއެވެ. އޭގެ މަތީގައި ސޮރީ ލިޔެލުމަށްފަހު ވަރަށް ލޯބިވާކަމުގައި ލިޔެލިއެވެ. ހުރިހާ ކަމެއް ނިންމާލުމަށްފަހު ކޮޓަރިއަށްވަދެ ފެންވަރާ ތާޒާވެލިއެވެ. އަދީމް އަށް އެންމެ ރީތި ހެދުންލުމަށްފަހު ލުއި މޭކަޕެއް ކޮށްލިއެވެ. އެއަށްފަހު އިންތިޒާރުގެ ގަޑިތައް ގުނަން ފެށިއެވެ. ފަހެއް ޖަހަން ގާތްވިއިރުވެސް އަދީމްގެ ޙަބަރެއް ނުވުމުން ޝަހާ އަދީމްގެ ފޯނަށް ގުޅައިލިއެވެ. ފޯނު ނުނެގުމުން ހޮސްޕިޓަލަށް ގުޅާފައި އަދީމް ކޮބައިތޯ ސުވާލު ކުރިއެވެ. އެކޮޅުން ބުނީ އަދީމް ގެއަށް ދާން ނިކުތްތާ ވަރަށް ގިނައިރުވެއްޖެ ކަމަށެވެ.
" ޑޯންޓް ވޮރީ ދޮންތާ.. އެވާނީ ދޮންތައަށް މާބޮނޑިއެއް ގަންނަން ދިޔައީކަމަށް.." ޝަހާ ހާސްވެގެން އުޅެން ފެށުމުން މަލާކް ބުންޏެވެ. އެހެނަަސް ޝަހާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ޝަހާގެ ހިތަށް ފާޑެއްގެ ބިރެއް އިހުސާސްވާން ފެށީ ކުއްލިއަކަށެވެ. އެވަގުތު މޭޒުމަތީގައި އޮތް ޝަހާގެ ފޯނު ރިންގުވާން ފެށިއެވެ. ސްކްރީނަށް އަރާފައި އޮތީ ހޮސްޕިޓަލުގެ ނަމްބަރެވެ، ހިތްއަވަސްވެފައިވާ ހާލު އަވަސް އަވަހަށް ފޯނު ނަގާފައި ކަންފަތުގައި ޖަހައިލިއެވެ. ދެން ފެނުނީ ޝަހާ އަތުން ފޯނު ދޫވެގެން ވެއްޓުނު މަންޒަރެވެ،
-ނުނިމޭ-
ވާވާވާވ
ވަރަށް ރިވެތި