ދީން ޔޫރަޕް

88 އަހަރަށް ފަހު އާޔާ ސޯފިއާގައި ތަރާވީޙްކޮށްފި، މުސްލިމް އުއްމަތަށް ތާރީޚީ ދުވަހެއް!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ތުރުކީގެ ތާރީޚީ މިސްކިތެއްކަމަށްވާ އާޔާ ސޯފިއާގައި 88 އަހަރަށް ފަހު ތަރާވީޙް ނަމާދުކޮށްފިއެވެ.

Ads by Sosun Fihaara

ރާއްޖެއެކޭ އެއްފަދައިން މިއަދު ރޯދަ މަސް ފެށި ތުރުކީގެ އާޔާ ސޯފިއާގައި ތަރާވީޙް ފެށީ ރޭގައެވެ. މި ތަރާވީޙްގައި އެތައް ހާސް ބަޔަކު ބައިވެރިވިއެވެ.

ތުރުކީގެ މީޑިއާތައް ބުނެފައިވާ ގޮތުގައި 86 އަހަރަށް ފަހު މިސްކިތަކަށް ބަދަލުކުރި އާޔާ ސޯފިއާގައި ދީނީ ގިނަ ހަރަކާތްތަކެއް މި ރޯދަ މަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ގޮތުން ދަރުސްގެ ހަފްލާތަކާއި ދީނީީ އެހެނިހެން އިހްތިފާލްތައް އާޔާ ސޯފިއާގައި ބޭއްވުމަށް ތާވަލް ކުރެވިފައި ވެއެވެ.

1934އިން ފެށިގެން ދާރުލްއާސާރެއްގައި ބޭނުން ކުރަމުން ދިޔަ އާޔާ ސޯފިއާ މިސްކިތަކަށް ބަދަލު ކުރެއްވީ 2020ވަނަ އަހަރުގެ ޖުލައި މަހުގައެވެ. އެ ތަން ދާރުލްއާސާރަކަށް ބަދަލުކުރީ ގާނޫނާ ޚިލާފަށް ކަމަށް ތުރުކީގެ ސްޕްރީމް ކޯޓުން ނިންމުމާ އެކު ރައީސް ތައްޔިބު އުރުދުޣާން ވަނީ އެ ނިންމުން ތަންފީޒު ކުރައްވައި އާޔާ ސޯފިއާ އަނބުރާ މިސްކިތަކަށް ބަދަލުކޮށްފައެވެ. 86 އަހަރަށް ފަހު 2020ގައި ރައީސް އުރުދުޣާން އެ މިސްކިތް ހުޅުވައި ދެއްވީ ޤުރުއާންގެ ބަރަކާތުންނެވެ. ޤުރުއާން ކިޔަވާ ވިދާޅުވީ ވެސް ރައީސް އުރުދުޣާނެވެ. އޭގެ ފަހުން ވޭތުވެދިޔަ ދެ އަހަރު އެ މިސްކިތް ބޭނުން ކުރެވިފައި ނުވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގިނަ އަދަދެއްގެ މީހުން އެއްތަނަކަށް އެއްވުން މަނާކުރުމާ ގުޅިގެންނެވެ.

މީލާދީ ގޮތުން 534ވަނަ އަހަރު އިމާރާތްކުރި އާޔާ ސޯފިއާއަކީ ދުނިޔޭގެ ތާރީޚީ ތަންތަނުގެ ލިސްޓްގައި ޔުނެސްކޯއިން ލިސްޓްކޮށްފައިވާ ތަނެކެވެ. މި ތަނަކީ ތާރީޚީ އެތައް ހާދިސާއަކާ ގުޅޭ ތަނެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!