ޚަބަރު އިޖުތިމާޢީ

ރަމަޟާން މަހު ޓްރެފިކް ބޮޑުވޭ، ސްޕީޑު ދަށްކުރަން ފުލުހުން އިލްތިމާސްކޮށްފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ރަމަޟާން މަހުގެ ބައެއް ވަގުތުތަކުގައި މާލޭގައި ޓްރެފިކް ބޮޑުވާ ކަމަށާއި އެހެންކަމުން އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ސްޕީޑު ދަށް ކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފިއެވެ.

Ads by Sosun Fihaara

ރަމަޟާން މަސް ފެށުމާ އެކު މާލޭގެ ޓްރެފިކް ފްލޯއަށް ކޮންމެ ވެސް ވަރެއްގެ ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން މާލޭގެ ވަށައިގެން އޮންނަ ރިންގު ރޯޑުގެ ވަކި ހިސާބަކުން ލޯކަލް މާރުކޭޓާ ވީ ފަޅި ހަވީރުގެ ވަގުތުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ބަންދުކުރިއެވެ. އެހެން ނަމަވެސް އެތެރޭގެ މަގުތަކަށް ބާރު ބޮޑުވުމުގެ ސަބަބުން ފުރަތަމަ ތިން ދުވަހަށް ފަހު ރިންގު ރޯޑު ބަންދު ނުކުރަން ފުލުހުން ވަނީ ނިންމައިފައެވެ.

ގަލޮޅު ޕޮލިސް ސްޓޭޝަންގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ފިރުޝާން އަލީ ވިދާޅުވީ ސިނަމާލެ ބްރިޖާއި ހައިވޭގެ ޓްރެފިކް އެންމެ ބޮޑުވާ ވަގުތަކީ އިރުއޮއްސޭ ވަގުތުކަމަށެވެ. ރޯދަ ވީއްލަން މާލެއަށް ނުވަތަ ހުޅުމާލެއަށް ގޮސް އަންނަ މީހުންގެ އަދަދު ގިނަވުމާ އެކު ހަވީރުން ފެށިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާކަމަށް ފިރުޝާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޮޑަށް ބާރު ބޮޑުވާ ގަޑިތަކުގައި ޓްރެފިކް ލައިޓް މިނިމަމް ކޮށްގެން އެސަރަހައްދުގައި ރައްޔިތުންނަށް ވީހައި ވެސް ލުއިފަސޭހަ ގޮތަކަށް އަވަހަށް ބްރިޖުގެ ހައިވޭ ބޭނުންކުރުމަށް ފަސޭހަވާގޮތަށް އެކަން ކުރުމަށް ޓަކައި އަޅުގަނޑުމެން ހަމަ ރާވައިލައިގެން މަސައްކަތްތައް ކުރިއަށް ގެންދަނީ"

- ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ފިރުޝާން އަލީ

މާފަންނު ޕޮލިސް ސްޓޭޝަންގެ ފަރާތުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ ނިމިދިޔަ 2021ވަނަ އަހަރާ އަޅާ ބަލާއިރު މާލޭގެ ޓްރެފިކަށް ވަރަށް ބޮޑަށް ބަދަލު އައިސްފައިވާ ކަމަށެވެ. އެއީ ވޭތުވެދިޔަ ދެ އަހަރު ވެސް ކޮވިޑުގެ ހާލަތާ ގުޅިގެން މަގުތަކުގައި މީހުން މަދުވުމާއި މި އަހަރު ކޮވިޑު ފިޔަވަޅުތައް މުޅިން އުވައިލައިފައިވުމުން އައި ބަދަލުތަކެއްކަމަށް ވިދާޅުވިއެވެ.

ނަމާދު ވަގުތުތަކުގައި މިސްކިތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ފުލުހުން ބޮޑު އިސްކަމެއް ދޭކަން ފާހަގަކުރައްވާ އަބްދުﷲ ރަޝީދު ވިދާޅުވީ ރޭގަނޑުގެ ވަގުތުތަކުގައި މާލޭގެ ބައެއް ސަރަހައްދުތަކުގައި ޓްރެފިކް ކޮންޓްރޯލްކުރަން ފުލުހުން ހަރަކާތްތެރިވާނެ ކަމަށެވެ. މީގެ އިތުރުން މާލޭގެ ޓްރެފިކް ފްލޯއަށް އިތުރު ބަދަލެއް ގެންނާނީ ޓްރެފިކްގައި ކަމެއް ފާހަގަވެ، ރައްޔިތުންނާ މަޝްވަރާ ވެސް ކުރުމަށް ފަހުކަމަށް އޭނާ ވިދާޅުވިއެވެ.

ހަވީރު ހަތަރުގަޑި ތިރީހުން ފެށިގެން މާލޭގެ ބޮޑެތި މަގުތަކުގައި އެއްގަމު އުޅަނދުފަހަރު ރަމަޟާން މަހު އިތުރުވެއެވެ. އެއީ ހަވީރު ތުއްތު ކުދިން ގޮވައިގެން ދުއްވަން ނިކުތުމާއި ރޯދަ ވީއްލުމަށް އެއްތަނުން އަނެއްތަނަށް މީހުން ދަތުރުކޮށް އުޅޭތީއެވެ. މި ސަބަބަށް ޓަކައި ފުލުހުން އިލްތިމާސްކުރަނީ ދުއްވާއިރު ހަލުވި ދުވެލީގައި ނުދުއްވުމަށެވެ.

"މަގުމަތި މިބޭނުންކުރަނީ އަބަދުވެސް ގަޑިޖެހިގެން ދާން. އެހެން ދާން އުޅެން ހަދައިގެން ތަންކޮޅެއް ތޮއްޖެހޭތަން ވެސް އެބަ އާދޭ. ދެން ހަމަ އަޅުގަނޑުމެންނަށް ވަރަށް ފާހަގަކުރެވޭކަމެއް މީ ތުއްތު ކުދިން ހަމަ މިހެން ހިފައިލައިގެން އެބަ ދޭ ބެލްޓު ނާޅުވާ." މަގުމަތީގެ ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރައްވަމުން އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބާރު ސްޕީޑުގައި ދުއްވާފައި ދާނަމަ ހިނގާ އެކްސިޑެންޓުގައި ލިބޭ އަނިޔާ ބޮޑުކަން ފާހަގަކުރެވޭކަމަށެވެ. އެކްސިޑެންޓު ހިނގި ނަމަވެސް ނުރައްކާތެރި އެކްސިޑެންޓުން ރައްކާތެރިވުމަށް ސްޕީޑު ދަށްކުރަން ރަޝީދު ތަކުރާރުކޮށް އެދިލެއްވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!