ސްޕެޝަލިސްޓް ޑޮކްޓަރުން އަންނަ މަހު ރާއްޖެ އަންނާނެ: ނަސީމް
ރާއްޖޭގެ ސިއްޙީ ދާއިރާގައި ޚިދުމަތްކުރާ ޑޮކްޓަރުންގެ ދަތިކަމަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މެއި މަހުގެ ތެރޭގައި ކިއުބާއިން 26 ޑޮކްޓަރަކު އަންނާނެކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ ކިއުބާއިން މޭމަހުގެ ތެރޭގައި 26 ސްޕެޝަލިސްޓް ޑޮކްޓަރުން އައުމަށް ހަމަޖެހިފައިވާ ކަމަށާއި، އެއާ އެކު ވެސް ކޮންމެ ވެސް ވަރެއްގެ ހައްލެއް ޑޮކްޓަރުންގެ ދަތިކަމަށް ލިބިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށެވެ.
“އަޅުގަނޑުމެންނަށް ރެކްރޫޓް ކުރެއްވުމަށް ވުރެ ފުރައިގެން ދިޔަމީހުންގެ އަދަދު މާ ގިނަ. އެހެންވީމަ އެގެޕް އަދިވެސް ފިލް ނުވެގެން މިއުޅެނީ. މިހާރު ވެސް ސަރަހައްދުން ޑޮކްޓަރުން ގެނައުމަށް ވަރަށް ބޮޑަށް ދަތިވެގެން މިއުޅެނީ. ކިއުބާއިން އަންނަ ޑޮކްޓަރުން މޭމަހު އަންނާނެ. އެއީ 26 ސްޕެޝަލިސްޓް ޑޮކްޓަރުން." މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި ހުރި މުވައްޒިފުންގެ ދަތިތަކަށް ވެސް މިއަހަރުގެ ތެރޭގައި ހައްލު ގެނެވޭނެކަމަށެވެ. އަދި ބަޖެޓް ކުރެވިފައިވާ ރަށްރަށުގެ ޞިއްޙީ މަރުކަރުކަޒުތަކާއި، އާބާތުރަ ފިލުވުމަށް ބަޖެޓް ކުރައްވައިފައިވާ ހޮސްޕިޓަލުތަކާއި، މަރުކަޒުތަކުގެ މަސައްކަތް ވެސް މިއަހަރު ތެރޭގައި ފެށިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެެވެ.