ވާހަކަ

ލިބޭތޯ ޔާރު ޖަންނަތުން (ފުރަތަމަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
(ޓްރެއިލަރ) ލިބޭތޯ ޔާރު ޖަންނަތުން ލިބޭތޯ ޔާރު ޖަންނަތުން (ފުރަތަމަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދެވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިންވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން( ހަތަރުވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނުވަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދިހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެގާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ތޭރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސާދަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަނަރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސޯޅަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސަތާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ވިހިވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެކާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައުވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ފަންސަވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައްބީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެއްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބައްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތެއްތިރީސްވަނަ ބައި)

"އިޓްސް ޔޫ.. އިޓްސް އޯލްވެސް ޔޫ.. އިފް އައިމް އެވަރ ގޮނަ ފޯލް އިން ލަވް.. އައި ނޯ އިޓްސް ގޮނަ ބީ ޔޫ....".. ކޮޓަރީގައި އަޑުގަދަކޮށް ޖަހާފައިހުރި ލަވައާ އެއްވަރަށް ފުރޮޅުލީ ގޮނޑީގައި އިން އަންހެން ކުއްޖާ ދެ ފަރާތަށް ގޮނޑި އަނބުރަމުން ދިޔައެވެ. އެ ކުއްޖާގެ މުށި ކުލައިގެ ބުޅި އިސްތަށިގަނޑުގައި ހުޅިއެއް ޖަހާފައި ހުރި އިރު އެ ހުޅީގެ ތެރެއަށް ފަންސުރެއް ޖަހާފައި އިނެވެ. ނިތްކުރިން ކުރު އިސްތަށިތައް މޫނު މައްޗަށް އެޅިފައި ހުރުމުން އެ ސޫރައަށް އިތުރު ފުރިހަމަކަމެއް ގެނުވަދޭ ކަހަލައެވެ.  ކުރިމަތީގައި ހުރި ސްޓަޑީ ޓޭބަލް މައްޗަށް ފައި ނަގައިގެން އޭނާ އިންއިރު, ފައިގެ އިނގިލިތައް ވެސް ލަވައިގެ ބީޓާ އެއްވަރަށް ދިޔައީ ހަރަކާތް ކުރަމުންނެވެ. އުނގުމަތީގައި ފޮތެއް އޮތް ނަމަވެސް އެ ދެ ލޯ ވަނީ މެރިފައެވެ. ގޮނޑީގައި އޮށޯއްވެލައިގެން ކަހަލަ ގޮތަކަށް, ބޯ މައްޗަށް ޖަހައިގެން އޮތް އިރު އެ މަޑު ފިޔާތޮށި ކުލައިގެ ތުންފަތަށް ވެރިވެފައިވަނީ ލުއި ހިނިތުންވުމެކެވެ.

Ads by STELCO

" ލިޒް.. ދަރިފުޅާ.. ބަލަ ތި ލަވައިގެ އަޑު މަޑުކޮށްބަލަ...".. ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އަސްރާ ބުނެލީ ތަންކޮޅެއް ބާރަށެވެ. އަސްރާ ދެތިން ފަހަރަކު ގޮވާލުމުން ސިހިފައި ޔެލިޒް އޭނާގެ ފައި ތިރި ކޮށްލިއެވެ. އަދި އަވަސް އަވަހަށް މޭޒުމަތީގައި ހުޅުވާފައި ހުރި ލެޕްޓޮޕް ލައްޕާލިއެވެ. ދެން ވަށައިގެން ގޮނޑި އަނބުރާލަމުން އޭނާ އަސްރާއާ ކުރިމަތިލިއެވެ.

" އަޅެ މަންމަ ދޭބަލަ.. އަޅުގަނޑު ފިލާވަޅު ދަސްކުރޭތޯ ބަލަންދޯ ތިއައީ.." ޔެލިޒް އުނގުމަތީ އޮތް ފޮތަށް އިޝާރާތް ކުރަމުން ބުނެލިއެވެ.

" ފިލާވަޅު ދަސްކުރަނީއޭ ކިޔާފަ ދަރިފުޅު ތި އިންނަނީ ލަވަ ޖަހައިގެން.. ކިހިނެތް ތި ގޮތަށް ފިލާވަޅު ދަސްކުރާނީ.. ތި ލަވައިގެ އަޑާ ހުރެ ސިޓިންގްރޫމުގަ ނީނދެވިގެން މަންމަ މިއައީ.. މިހާރު މި ކޮޓަރިއަށް އާދެވުނީތީ ބޮލުގަ ރިއްސަން ފަށައިފި.. ކިތައް ފަހަރު މަންމަ ބުނަނީ ކޮޓަރި ސާފު ކޮށް ބާއްވާށޭ.. ބަލާބަލަ މި ތަން މި އޮތް ގޮތް. ކުނި ގޮނޑެއްވެސް މިއަށް ވުރެ ސާފުވާނެ ކަންނޭނގެ..".. އަސްރާ ދެފަރާތަށް ބޯ ހޫރާލަމުން ސޯފާ މަތީގައި ގުޅައަކަށް ޖަހާފައި ހުރި ޔެލިޒްގެ ހެދުންތައް ފަށްޖަހަން ފަށައިފިއެވެ.

" މަންމަ ތި ހެދުންތައް ބަހައްޓާ.. އަޅުގަނޑު ފަހުންވެސް ތިކަން ކޮށްލަފާނަން.. ".. ޔެލިޒް ބެލީ އަވަހަށް އަސްރާ އެތަނުން ފޮނުވާލެވޭތޯއެވެ.

" އެންމެ ރަނގަޅު.. އެކަމަކު މަންމައަށް އެނގޭ ތިހެން ބުންޏަސް ދެން އަންނަ އިރު ވެސް ކޮޓަރި އޮންނާނީ މިހެންކަން.. ކޮޓަރި ސާފު ނުކުރިޔަސް އަވަހަށް ފިލާވަޅު ދަސްކޮށް ނިންމާލާ.. ނޫނީ ޓެސްޓަށް ދާއިރު ހަނދާން ނުހުންނާނެ.. މިއީ މުހިންމު އިމްތިހާނެއްކަން ދަރިފުޅު ހަނދާން ނައްތާނުލައްޗޭ..".. ލޯބިން ޔެލިޒްގެ ބޮލުގައި ފިރުމާލުމަށްފަހު އަސްރާ ކޮޓަރިން ނުކުތެވެ.

އިރުއިރުކޮޅާ ޔެލިޒްގެ ކޮޓަރިއަށް އަސްރާއަށް ވަދެވެނީ އެ ދަރިފުޅަށް އިތުބާރު ނުކުރެވޭތީއެއް ނޫނެވެ. އެހެން ފަހަރުތަކެކޭ ވެސް އެއްގޮތަށް މިފަހަރު ވެސް ޔެލިޒް އޭނާއާއި ސަލްމާން ފަހުރުވެރިވާނެ ފަދަ ނަތީޖާއެއް ގެންނާނޭ ކަމާމެދު އަސްރާގެ ހިތުގައި ޝައްކެތް ނެތެވެ. އޯލެވެލްގެ 8 މާއްދާއިން ޔެލިޒް އޭ ސްޓަރ ހޯދިއެވެ. ނަމަވެސް އޭ ލެވެލް ކިޔެވުމުގެ ޝައުޤުވެރިކަމެއް އޭނާގެ ނެތެވެ. އެހެންކަމުން އެކަމުގައި ދަރިފުޅަށް މަޖުބޫރު ކުރުމެއް ނެތި އަސްރާ, ޔެލިޒްއަށް އިތުބާރުކޮށް އޭނާ ދާން ބޭނުންވާ ދާއިރާ އަކުން ކިޔެވުމުގެ ފުރުސަތު ދިނެވެ. އަސްރާ ގަބޫލު ކުރާ ގޮތުގައި ދަރިން ކިޔަވަން ބޭނުން އެއްޗެއް ކިޔެވުމުގެ ހައްގު އެ ކުދިންނަށް އޮންނަން ޖެހޭނެއެވެ.

ޔެލިޒް މަތީ ތައުލީމު ހާސިލުކުރަން ބޭނުންވީ އެކައުންޓިން އަދި ފައިނޭންސްގެ ދާއިރާއިންނެވެ. ހަފްތާއެއް ފަހުން އޭނާގެ ޑިގްރީގެ ފަހު އިމްތިހާނު ފެށޭއިރު އެ އިމްތިހާނުން އެންމެ މަތިން ފާސްވުމަކީ ޔެލިޒްގެ އެންމެ ބޮޑު އުއްމީދެވެ.

********************************

ފޯނު އެލާމްވާން ފެށި އަޑާއެކު ސިހިފައި ނަވަލްއަށް ލޯ ހުޅުވާލެވުނެވެ. ގައި މަތީ އޮތް ރަޖާގަނޑު ދުރަށް ލުމަށްފަހު އޭނާ އަވަސް އަވަހަށް އެނދުން ފޭބިއެވެ. އަދި ލައިގެން ހުރި ކުރު ސޯޓުކޮޅާއި ޓީޝާޓު ބޭލުމަށްފަހު އަލަމާރިން ނެގި ބޮޑު ކަޅު ހެދުން ގަޔަށް ހެޔޮވަރު ކޮށްލިއެވެ. އެއަށްފަހު ސޯޓާއި ޓީޝާޓް އަލަމާރީގައި ހުރި ކުޑަ ޑްރޯވަރ ދަމާލުމަށްފަހު އޭގެ ތެރެއަށްލައި ތަޅުލިއެވެ. ތަޅުދަނޑި ހިފައިގެން ގޮސް ނަވަލް ފޮރުވީ ފޮތެއްގެ ތެރޭގައެވެ.

ގިނަ އިރުތަކެއްނުވެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހަން ފެށި އަޑު އިވުމާއެކު ނަވަލް އޭނާގެ ހަރަކާތްތައް އަވަސްކޮށްލިއެވެ. ކާޕެޓު މަތީ މުސައްލަ ފަތުރާލުމަށްފަހު ދޮޅިން އިސްތަށިގަނޑު ފޮރުވާލިއެވެ. އަދި މުސައްލަ މަތީގައި އޮތް އިސްޓާކީނަށް އެރުމަށްފަހު, ދުވެފައި ކަހަލަ ގޮތަކަށް ގޮސް ދޮރު ހުޅުވާލިއެވެ.

" މަންމާ..".. ނަވަލް ހުރީ ނުހަނު ހަމަޖެހިފައެވެ.

" ދަރިފުޅު ނަމާދު ކުރީދޯ.. އާދޭ ކާން.. ބައްޕަވެސް އެބަ އިންނެވި ދަރިފުޅު އަންނަންދެން.. ".. ކުލްސޫމް ބުނެލުމާއެކު ނަވަލް ބޯ ޖަހާލިއެވެ. އެ މޫނުން ފެންނަން ހުރި އަސަރުތަކުން ކުޑަކޮށް ނަމަވެސް ޖެހިލުންވެފައި ހުރިހެން ހިއެއް ނުވެއެވެ.

" ކިހިނެއްވީ؟.. ދަރިފުޅު އެއްޗެކޭ ބުނަން ބޭނުންވެފަތަ؟.".. ނަވަލް ބަލަން ހުރި ގޮތުން ކުލްސޫމްއަށް ހީވިއެވެ.

" އަޅުގަނޑު ހަވީރު ބޭރަށް ދިޔަޔަސް އެންމެ ރަނގަޅުތަ؟..".. ނަވަލް އަހާލީ ފާޑަކަށް ހުރެއެވެ. އެއާއެކު ވަގުތުން ކުލްސޫމްގެ ތުންފަތުގައިވީ ހިނިތުންވުން ފަނޑުވެއްޖެއެވެ.

" ނަވަލް.. ތަކުރާރުކޮށް މަންމައަށް ބުނެވިއްޖެ ދަރިފުޅު ބޭރަށް ދާނެ ކަމެއްނެތޭ.. ރައްޓެހިންނާއެކު ތިހެން ތަންތަނަށް ގޮސް އުޅެން ވެއްޖެނަމަ މަންމައަށް ނަވަލް ގެއްލިދާނެ.. ދަރިފުޅު ބޭރަށް ދާން ބޭނުންވަންޏާ މަންމަ ގޮސްފާނަން.." ކުލްސޫމް ވާހަކަ ދެއްކީ ނަވަލްއަށް ވިސްނައިދޭ ކަހަލަ ގޮތަކަށެވެ.

" ނޫން.. މިއަދު ދެން ނުދާނީ..".. ކުލްސޫމް ކުރިމަތީ އެއްޗެއް ބޭނުން ނުވުމުން ނަވަލް ބުނެލިއެވެ. ނަމަވެސް އެ ހިތުގައި އުފެދިފައިވާ ޝަކުވާތައް އިތުރުވިއެވެ. މަންމަ އޭނާއަށް އެއްވެސް ވަރަކަށް އިތުބާރު ނުކުރާކަން ނަވަލްއަށް އެނގެއެވެ. އެއްވެސް ކަމެއްގައި އަމިއްލައަށް ގޮތް ނިންމުމުގެ ހައްޤެއް ނަވަލްއަކަށް ނެތެވެ. އެ ދިރިއުޅުމުގެ އާރުކާޓީ އަކީ މަންމައެވެ. ނަވަލް ހިނގަން ޖެހޭނީ މަންމަ ދެއްކި މަގަކުންނެވެ. ކުލްސޫމް ކަމެއް ގޮތަކަށް ނިންމައިފިނަމަ, އެކަމެއް އެގޮތަކަށް އެ ނިމުނީއެވެ. އިތުރަށް އެކަމުގައި ބަސް ބުނުން ނަވަލްއަށް މަނަލެވެ. ކުލްސޫމްގެ ޖަވާބު އަޑުއިވިފައި ނަވަލް ދެރަވި ނަމަވެސް އެކަމުގެ އަސަރެއް މޫނުން ފާޅެއް ނުކުރެއެވެ.

" އަޅުގަނޑު މި އަންނަނީ ފަސް މިނިޓް ތެރޭ ތިރިއަށް.. މަންމަ ގޮސްލާ.." ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލުމަށްފަހު ނަވަލް ބުނެލިއެވެ. ކުލްސުމް ބޯ ޖަހާލުމާއެކު އޭނާ ކޮޓަރީގެ ދޮރު ލައްޕާލިއެވެ. އެއާއެކު އަޅައިގެން ހުރި ދޮޅި ނަގައި އެނދުމަތީ ބޭއްވިއެވެ. ލައިގެން ހުރި ބޮޑު ހެދުން ދެފަރާތުން ގެނެސް ހަށިގަނޑުގައި ޖައްސާލަމުން ނަވަލް އޭނާގެ ސޫރަ ލޯގަނޑުން ބަލާލިއެވެ. ބައްޓަން ރީތި ވެފައި ހަށިގަނޑު ފުރިހަމައެވެ. ނަމަވެސް ކުލްސޫމްގެ ހަރުކަށި ނިންމުންތަކުގެ ސަބަބުން ނަވަލްއަށް އެ ރީތިކަން ދެއްކޭނެ ފުރުސަތެއް ނެތެވެ. އުމުރަށް ވެސް އޭނާ އުޅެން ޖެހޭނީ އެ ކަޅު ހެދުންގަނޑު ތެރޭގައޭ ހިތަށް އެރުމާއެކު ނަވަލްގެ މޫނަށް ވެރިވީ ފޫހިކަމެވެ. ހަށިގަނޑު ފޮރުވުމުން ލިބޭ ފައިދާ ތަކަށްވުރެ ބޮޑަށް ނަވަލްއަށް ވިސްނުނީ އޭނާގެ ހިތް އެދޭ ގޮތާއި މެދުގައެވެ.

ހެދުން ރަނގަޅު ކޮށްލުމަށްފަހު ނަވަލް ރީތިވާ މޭޒު ކައިރިއަށް ޖެހިލިއެވެ. އަދި އިސްތަށިގަނޑު ހައްޔަރުކުރަން ޖަހާފައި ހުރި ބޮޑު ދަތި ނައްޓާލިއެވެ. އެއާއެކު ކަކުލާއި ހަމައަށް އަރާ އެ ކަޅުކަން ގަދަ, ރާޅުބާނި އިސްތަށިގަނޑު ތިރިއަށް ނިއުޅިގެން ފޭބިއެވެ. އެކަމުން ނަވަލްއަށް އުނދަގޫވި ފަދައަކުން މޫނަށް ގޮތެއް ހަދާލިއެވެ. ނަމަވެސް ކުޑަ އިރުކޮޅެއްގެ ތެރޭގައި އިސްތަށިގަނޑުގައި ފުނާ އެޅުމަށްފަހު ރީތިކޮށް ހުޅިއެއް ޖަހާލިއެވެ. އެކަމަކު ދެވަނަ ފަހަރަށް އިސްތަށިގަނޑު ނިއުޅުމަށްފަހު ކުރިން ޖެހި ވަރަށްވުރެ ތިރިއަށް ހުޅި ޖެހީ ކުލްސުމް ހިތްހަމަ ނުޖެހިގެން އެއްޗެއް ބުނެފާނެހެން ހީވުމުންނެވެ. ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ނަޒަރެއް ދެމުން އޭނާ, ތިނެސްކަން ހަމަވާ ކަޅު ކުލައިގެ ބުރުގާ ބޮލަށް ހެޔޮވަރު ކޮށްލިއެވެ. އަދި ބުރުގާގެ ކަނުގައި ގޮށެއް ޖަހާލުމަށްފަހު ކޮޓަރިން ނުކުންނަން ދަމުން ލައިޓް ނިއްވާލިއެވެ.

*********************************

" ވަޢަލައިކުމުއްސަލާމް," ލައިގެން ހުރި ހެދުމުގެ ފަސްބައިން އަތް ފޮހެމުން ނުކުތް މަހީން ސަލާމް ބަލައިގަތެވެ. ދޮރު މަތީގައި ހުރި ޔެލިޒް ފެނުމުން ނިކަން ފުޅާ ހިނިތުންވުމެއް ހަދިޔާކޮށްލަމުން މަހީން އަތުގެ އިޝާރާތުން ކޮޓަރި ދައްކާލިއެވެ.

" ޔާޒް..". ދޮރުގައި ދެތިން ފަހަރު ޓަކި ޖަހާލަމުން ޔެލިޒް ގޮވާލިއެވެ. އޭގެ ކުޑަ އިރުކޮޅެއްފަހުން ދޮރު ހުޅުވުމާއެކު އެތެރެއިން ކުއްޖަކު ބޯ ދިގު ކޮށްލިއެވެ. އެ ކުއްޖާގެ އިސްތަށިގަނޑުން ބައެއް ކޮނޑުމަތިން ތިރިއަށް ވެއްޓިފައި އޮތް އިރު މޫނުގައި ފެންތިކި ވިދަމުން ދިޔައެވެ.

" އެހާވަރުން ގަޑިއަށް ރެޑީވާން ބުނީމަ ޔާޒް ކޮންމެ ދުވަހަކު ލަސް ވާނެ..".. ޔެލިޒް ޝަކުވާކޮށްލީ ކޮޓަރިއަށް ވަންނަމުންނެވެ.

" އެކަން އެނގޭ އިރުވެސް ކޮންމެ ދުވަހަކު ލިޒް ގަޑިއަށް އާދޭ.. ތި ވާހަކައެއް ނޫނޭ.. ކޮބާ ނަވަލް؟.. މިއަދުވެސް ނުދެވޭނެއޭތަ ބުނީ؟.." .. ހަރުގަނޑުން ނެގި ތުވާލިން މޫނު ފޮހެމުން ޔާޒް ބުނެލިއެވެ. އޭރު އޭނާގެ ނަޒަރު އަމާޒުވެފައި ހުރީ ލޯގަނޑުން ފެންނަން ހުރި ޔެލިޒްގެ މޫނަށެވެ.

" ނޫނޭ.. ބުނި މިއަދު ދާނަމޭ.. އެކަމަކު ކުލްސޫމައްތަ އަށް ނޭނގި ކަންނޭނގެ އަންނަން އުޅެނީ..".. ޔެލިޒް ދެފަރާތަށް ބޯ ހޫރުވާލަމުން ބުނެލި ގޮތުން އެކަމާއި އޭނާ ހިތްހަމަނުޖެހިފައި އިންކަން އެނގެއެވެ.

" އަޅެ ނަވަލްގެ އެ ސިއްރު އުޅުން އިސްލާހު ވާނީ ކޮން ދުވަހަކުން ބާއޭ އަހަރެންގެ ހިތަށް އަރާ.. ކުލްސޫމައްތަ އަށް އެނގޭ ދުވަހަކުން ނޭނގެ ނަވަލް ދުނިޔޭގަ ބަހައްޓާނެ ކަމެއްވެސް.. " ޔާޒް ވެސް ހުރީ ނަވަލްގެ އުޅުމާއި މެދު ކަންބޮޑުވެފައެވެ.

ނަވަލްއަކީ ކުލްސޫމްއާއި ދާވޫދްއަށް ލިބުނު ދެ ދަރިންގެ ތެރެއިން އެންމެ ހަގު ކުއްޖާއެވެ. ދެވެން އޮތް އެންމެ ފުރިހަމަ ތަރުބިއްޔަތުގެ ދަށުން ކުލްސޫމް، ނަވަލް ގެންގުޅެން ބޭނުންވީ އެއީ ހުރި ހަމައެކަނި އަންހެން ދަރިފުޅު ކަމުގައި ވުމުންނެވެ. ނަމަވެސް ލޯތްބަށްވުރެ ގިނަ ފަހަރަށް ކުލްސޫމްއަށް އަށް އިސްކުރެވުނީ ހަރުކަށިކަމެވެ. ދީނުގެ މަގު ނަވަލްއަށް ދަސްކޮށްދިނުމުގައި ކުލްސޫމްއަށް އެ ދަރިފުޅު މާބޮޑަށް ހިފެހެއްޓެނީއެވެ. އެއްވެސް ހާލެއްގައި ނަވަލްއަށް އިތުބާރު ނުކުރުމުގެ ސަބަބަކަށްވީ އޭނާގެ ވިސްނުން ބަދަލުވުމެވެ. ހެވާއި ނުބައި ދަސްކޮށްދިނުމުގައި ބުނެވޭ ގޮތުން ނަވަލްއަށް އިހްސާސް ކުރެވުނީ އޭނާއަށް އެއްވެސް މިނިވަންކަމެއް ނެތް ކަމުގައެވެ. ދީނަކީ ހަރުކަށި އެއްޗެއްގެ ގޮތުގައި ނަވަލްއަށް ވިސްނިފައި އޮތީ އެހެންވެއެވެ. އޭނާ ހިތްއެދޭ ކަންކަން ސިއްރުން ނަމަވެސް ކުރަން ބޭނުންވީ އެ ސަބަބާ ހުރެއެވެ.

ތައްޔާރުވެ ނިމުމާއެކު ޔާޒް އޭނާ ލައިގެން ހުރި ފެހި ކުލައިގެ ކުރު ޓޮޕް ކޮޅަށް ދަމާލިއެވެ. ހަށިގަނޑުގެ ބައްޓަމާއި އެއްގޮތަށް ފަހާފައިވާ އެ ހެދުމުގައި އުނގަނޑުން ފެށިގެން ފޫކޮޅު ކިރިޔާ ފޮރުވޭ ވަރަށް ފަސްބައެއް ލާފައި ހުއްޓެވެ. ހެދުމުގެ މޭ މަތިން ބޮޑުބައެއް ފަޅާފައި ހުރިއިރު ޔާޒް ހެދުމުގެ އެތެރެއިން ލާފައި ހުރި ހުދުކުލައިގެ ބޮޑީ ޝޫޓް ހާމައަށް ފެންނަން ހުއްޓެވެ. ހެދުމާއި ގުޅުވައިގެން އޭނާ ލައިގެން ހުރި ހުދު ކުލައިގެ ފުޅާ ޖީންސް ހުރީ ތަނބިކައްޓާއި ހިސާބަށެވެ. ޝޯލްއަށް މާ ބޮޑު ގޮތެއް ހެދުމުގެ ބަދަލުގައި ދެކޮނޑުމަތިން ފަހަތަށް  ދޫކޮށްފައި އޮތް އިރު އެތެރެއިން އަޅާފައި ހުރި އަންޑަރ ކެޕް ވެސް ފެންނާން ހުއްޓެވެ.

" ސްލޭއިން މައި ކުއީން..".. ޔާޒްއަށް ބަލަން އިނުމަށްފަހު ޔެލިޒް ބުނެލިއެވެ. އެއާއެކު ޔާޒް ހިނިގަނޑެއް ޖަހާލިއެވެ. އަދި ޑްރެސިން ޓޭބަލް މަތީ އޮތް ފޯނު ނަގައިގެން ނަވަލްއަށް މެސެޖެއް ކޮށްލުމަށްފަހު އޭނާ ހުރީ ކިހާ ހިސާބެއްގައިތޯ އަހާލިއެވެ.

" ވަރެއްގެ މީހެއް.. މެސެޖް ކުރީމަ ރިޕްލައި ކުރަނީ އެއް ނޫން.. ނުވި ތާކަށް ގުޅުމުގެ ހުއްދައެއް ނޯވޭ..".. ޔާޒް ގޮސް ސޯފާގައި އިށީނެވެ. އިރުކޮޅަކުން ކޮޓަރީގެ ދޮރުގައި ޓަކި ޖަހަންފެށި އަޑު އިވުމާއެކު ޔެލިޒް އެނދުން ފުންމާލިއެވެ. އަދި ކުޑަކޮށް ދުވެލާފައި ގޮސް ދޮރުހުޅުވިއެވެ. ދެއަތް ދެއަތާ މޮޑެލަ މޮޑެލާ ދޮރުމަތީގައި ހުރީ ނަވަލްއެވެ.

" މިއަދު ކިހިނެއް ތިއައީ؟.. ކޮބާ ކުލްސޫމައްތަ؟..".. އުނަގަނޑުގައި އަތް އަޅުވާލަމުން ޔެލިޒް އަހާލިއެވެ. އެ ސުވާލަށް ޖަވާބެއް ދިނުމެއްނެތި ނަވަލް ލޯގަނޑު ކުރިމަތީ ހުއްޓި ހުރެ އަޅައިގެން ހުރި ޝޯލް ރަނގަޅު ކުރަން ފެށިއެވެ. ދެވަނަ ފަހަރަށް ޔެލިޒްގެ ސުވާލު ތަކުރާރު ކޮށްލުމާއެކު ނަވަލް ފަސްއެނބުރި ބަލާލިއެވެ.

" މަންމަ ކްލާސް ގަޑި އެންނު މިއީ.. ހައެއް ޖެހުމުގެ ކުރިން ދާން ޖެހޭނެ.. އެހާ އިރަށް ކްލާސް ނިމޭނެ.. ބައްޕަ ނުބަލާނެ އަހަރެން ކޮޓަރީގަ އުޅޭތޯއެއް.. މަންމަ ކައިރީ ބުނިން ކުޑަކޮށް ބޮލުގަ ރިއްސާތީ އޮށޯވެލަން އުޅޭ ވާހަކަ..".. ނަވަލްގެ މޫނުން އޭނާ އެކަމާ ކުޑަކޮށް ވެސް ޖެހިލުންވެފައި ހުރިހެެނެއް ހިޔެއް ނުވެއެވެ. ކުލްސޫމްއަށް ދޮގު ހަދާފައި އަންނަން ޖެހުނު ނަމަވެސް އެކަމުން ނަވަލްއަށް ނުތަވަސްކަމެއް ނުލިބުނީ އެއީ އާދައަކަށް ވެފައި ވުމުންނެވެ. އެއްވެސް ހާލެއްގައި އެއީ ކުރެވޭ ގޯސް ކަމެއް ކަމުގައި ނަވަލްއަށް ވިސްނާނުލެވެނީ އެފަދަ ވަގުތު ތަކުގައި ލިބޭ ހިތްހަމަޖެހުމުން އިހްސާސް ކުރެވޭތީއެވެ.

ކުލްސޫމްއަކީ އޮންލައިންކޮށް ޤުރުއާން ކްލާސްތައް ނަގައިދޭ މުދައްރިސެކެވެ. ބޮޑެތި މީހުންނާއި ކުޑަ ކުދިންގެ ކްލާސްތައް ހަވީރާއި ރޭގަނޑަށް ބަހާލައިގެން އޭނާ ކޮންމެ ދުވަހަކުވެސް ކުރިއަށް ގެންދެއެވެ. މިހާރު ދާވޫދްއާއި ކުލްސޫމްގެ އެންމެ ބޮޑު އުންމީދަކީ އަމިއްލަ ޤުރުއާން ކްލާހެއް ހުޅުވުމެވެ. "މޯލްޑިވްސް އިންސިޓިޓިއުޝަން އޮފް ހޮލީ ޤުރުއާން އެންޑް ސުންނާ"ގެ ނަމުގައި އެ ކްލާސް ހުޅުވުމުގެ މަސައްކަތް އެ ދެމަފިރިން ކުރަމުންދާ އިރު ކުލްސޫމްގެ އެދުމަކީ ނަވަލް ވެސް ޤުރުއާން މުދައްރިސަކަށް ވުމެވެ. އަދި އެ މަސައްކަތުގައި ނަވަލްގެ ހިއްސާ ވެސް އޮތުމެވެ.

" ހޫން.. ސިންދްރެލަރ ދޯ މި އުޅެނީ.. އެކަމަކު ތިގޮތަށް ނަވަލް ބޭރަށް ދާކަން އެނގިއްޖެނަމަ ކުލްސޫމައްތަ ދެން އަހަރެމެންނަށް އިތުބާރެއް ވެސް ނުކުރާނެ.." ޔާޒް ބުނެލިއެވެ. މިހާރުވެސް އެކުދިންނާ ނަވަލްއާ އޮންނަ ގުޅުމަކީ ކުލްސޫމް މާ ހިތްހަމަޖެހޭ ގުޅުމެއް ނޫނެވެ. އެހެންނަމަވެސް އެކަމަށް އެއްޗެއް ނުބުނެ ހުންނަނީ ނަވަލްގެ އިތުރު ރައްޓެހިން ނުތިބޭކަން ކުލްސޫމްއަށް އެނގޭތީއެވެ.

" މަންމާ.. ދަނީ އެނގޭ..".. ގެއިން ނުކުންނަމުން މަހީންއަށް ގޮވާލުމަށްފަހު އޭނާ ދާ ވަހަކަ ޔާޒް ބުނެލިއެވެ.

ޔާޒްއާއި ޔެލިޒްގެ މެދުގައި ހުރެ ނަވަލް ހިނގަމުން ދިޔައިރު, މޫނު ފޮރުވުމުގެ ގޮތުން އޭނާ ހުރީ މާސްކެއް އަޅައިގެންނެވެ. އަބަދުވެސް ކަޅު ހެދުމުގައި ހުންނަ ނަވަލް މިއަދު ހުރީ ގަޔަށް ދޫކޮށް ހުރި މަޑު ނޫކުލައިގެ އަބާޔާއެއް ލައިގެންނެވެ. އެއާއެކު އޭނާ އަޅައިގެން ހުރި ހުދު ކުލައިގެ ޝޯލް އޮތީ ކޮނޑުގެ ދެ ފަރާތުން ފަހަތަށް ދޫކޮށްލާފައެވެ. އޭނާގެ ހެދުން އެޅުމުގެ ވައްޓަފާޅިއާ މެދު ނަވަލްއަށް ހުރެވުނީ ފަހުރުވެރިވެފައެވެ.

ކުލްސޫމް އޭނާގެ ދަރިފުޅަށް ބުނެދޭން ބޭނުންވީ ހަށިގަނޑުގެ ވަނާތައް ފޮރުވަން ޖެހޭކަމެވެ. ރީތިކަން ލިބިފައި ހުއްޓަސް އެ ޒީނަތްތެރިކަން ފޮރުވަންޖެހޭ ކަމެވެ. ނަމަވެސް ނަވަލްއަށް އެ ކަންކަން ޤަބޫލުކުރަން އުނދަގޫވިއެވެ. އޭނާގެ ނަޒަރުގައި އިސްތަށިގަނޑު ފޮރުވުމުން ނިމުނީއެވެ. ހުޅަނގުގެ ފެޝަންތަށް މާ ރީތިވެފައި " މޮޑެސްޓް " ކަމުގައި ނަވަލްއަށް ޤަބޫލު ކުރަން ފަސޭހަވީ އިންސްޓަގްރާމްއާ އެހެނިހެން ސޯޝަލް މީޑިޔާގެ މަންސަތަކުގައި ދައުރުވާ ފޮޓޯ ތަކުގެ ސަބަބުންނެވެ.

ޔާޒްމެން އުޅޭ ގެއިން ނުކުތުމަށްފަހު ތިން ކުދިންގެ މިސްރާބަކަށް އާޓިފިޝަލް ބީޗް ވިއރު އެތަނަށް ވަނުމުގެ ކުރިން މަޖީދީމަގުގައި ހުރި ފާސްޓް ފުޑް އައުޓްލެޓް ކައިރިއަށް މަޑުކޮށްލިއެވެ. ހަވީރުގެ ވަގުތުކަމުން އެ ހިސާބު ވަނީ މީހުންނާއިގެން ފުރިފައިވި ނަމަވެސް މީހުންގަނޑު ތެރެއިން ގޮސް އެ ތިން ކުދިން ސަފުގެ ކުރިއަށް އެރިއެވެ.

މަތީގައި ހަރުކޮށްފައިވާ މެނޫ ބޯޑަށް ބަލަން ހުރުމަށްފަހު ޔެލިޒް ބްލޫބެރީ ޖޫގޯ އަކަށް އޯޑަރު ކުރި ނަވަލްއާއި ޔާޒް ނެގީ ޗޮކްލެޓް މިލްކް ޝޭކެކެވެ. އޯޑަރު ކުރި ތަކެތި ލިބުމުން އެއަށް ރުފިޔާ ދެއްކީ ޔެލިޒްއެވެ. ފައިސާ ދެއްކުމަށްފަހު, ޔެލިޒް އޭނާގެ އަތުގައި އޮތް ވޮލެޓް ދަބަހަށް ލަމުން އަނެއް އަތުން ކައުންޓަރު މަތީގައިހުރިޖޫގޯ ނެގިއެވެ.

" އެގްޒާމް އަށް ރެޑީތަ؟.. ".. ޕޭވްމެންޓް މަތިން ކުރިއަށް ހިނގައިގަންނަމުން ޔެލިޒް އަހާލިއެވެ.

" އެއްކަލަ ލިޒް.. ބޭރަށް ނުކުމެފަ ވެސް އެގްޒާމްގެ ވާހަކަ.. ގޭގަ ނޯވެ ބޭރަށް މި ނުކުތީވެސް އެގްޒާމް ސްޓްރެސް ފިލުވަން.. އެނގެއެންނު އަހަރެމެން އަބަދުވެސް ރެޑީ ވާނެކަން.. ނަވަލް ހަމަގައިމުވެސް ރެޑީވާނެ.. ކުލްސޫމައްތަ އިންނާނެ ވިއްޔާ ކައިރީ ގޮނޑިއަޅައިގެން..".. ޔާޒްގެ ރާގު ހުރިގޮތުން އޭނާ ނަވަލްއާ ދިމާ ކުރަނީކަން އެނގުމުން ނަވަލް ތުންކޮޅު އަނބުރާލިއެވެ.

" ހެޔޮ ނުވާނެ.. އަބަދު އަހަންނާ ދިމާ ނުކޮށްބަލަ... މިހާރު ވެސް މޫޑު ހަރާބުވެއްޖެ.. ދެން މަންމަ ވެސް މާ ކަންތައް ބޮޑުކޮށްލައިގެން އުޅެނީ.. ނަސީބެއް ބައްޕަ މި ކޯސް ކިޔަވަން ހުއްދަ ދިންކަން ވެސް.. އެހެން ނޫން ނަމަ މިހާރު އަހަރެން ޖެހޭނީ މަންމަ ބުނި ގޮތަށް ޤުރުއާން ޓީޗިންގް ހަދަން.. އެހާ ވަރުން ނޫޅުނަސް އަހަރެން ބަސްއަހާނަން.. އެކަމަކު މަންމައަށް އަނޑަސްޓޭންޑެއް ނުވޭ މި އުމުރުގަ އަހަރެންވެސް ބޭނުންވާނެ ކަންތައްތައް ހުންނާނެކަން.. ހުސް ކަޅު ހެދުން ނުލިޔަސް ވެސް ދޫކޮށް ލެވެންޏާ ކުލަ ހެދުމެއްވެސް އޯކޭ އެންނު.. އެކަމަކު ކަޅު ނޫން ކުލައެއް ލައިފިއްޔާ އެ ނިމުނީ ޒަމާން.. މި ހެދުންވެސް އޯޑަރު ކޮށްގެން ގެނައީ މަންމަ ކައިރީ ނުބުނެ... ކިރިޔާ ފޫޅަށްވުރެ މައްޗަށް ބުރުގާ ހުއްޓަސް ބުނާނެ އަލުން އަޅާށޭ.. ދިގު ކުރާށޭ.. ހަށިގަނޑުގެ ވަނާތައް ފޮރުވާށޭ.. އަހަރެން ހަމަ އަޖައިބުވޭ.. މި ބޮޑު ދޫ ހެދުން ލައިގެން ހުންނަ އިރު ދެން ފޮރުވޭ ވަރަކަށް ފޮރުވިފައެންނު އޮންނާނީ.. އިތުރަށް ކީއްކުރަން އެހާ ބޮޑުކޮށް ބުރުގާ އަޅަނީ.. ބޮޑުކޮށް އެޅިޔަސް ފިރިހެނުންނަށް އެނގޭނެދޯ އަންހެނުންގެ ގުނަވަންތައް.. ".. ނަވަލް ހިތުގައި އުފެދިފައިވާ ޝަކުވާތަކުން މަދު މިންވަރެއް އެކުވެރިންގެ ގާތުގައި ހާމަކޮށްލިއެވެ. އޭނާގެ ފަހު ޖުމްލަ އަޑު އިވުމާއެކު ޔާޒްއާއި ޔެލިޒް ހޭންފެށިއެވެ.

" ތި ވާހަކަތައް އަޑު އިވުނަސް ބޮލުގަ ރިއްސާ.. ނަސީބަކުން މަންމަ ވަރަށް ކޫލް.. ކިޔަވައިގެން ރަނގަޅު ރިޒަލްޓްއެއް ހޯދީމަ ނިމުނީ.. އެހެން ނޫނަސް ދެން މި ޒަމާނުގަ ތިހެން ނުވެސް އުޅެވޭނެ.. ޓޫ އޯލްޑް..".. ޔެލިޒް ޖޫގޯއިން އެތިފޮދެއް ރަހަ ބަލާލަމުން ބުނެލިއެވެ. އޭނާއަށް ނަވަލްގެ ވިސްނުން ކަމުދިޔައީ އެފަދަ ކަންކަމަށް މާ ބޮޑު ސަމާލުކަމެއް ނުދެވޭތީއެވެ. އެކުދިންގެ ނަޒަރުގައި " ކޫލް " ވުމަކީ އެއީ އެވެ. މި ޒަމާނުގައި ޒަމާނަށް އަހުލުވެރި ނުވެވިއްޖެނަމަ ލިބޭނޭ ކުރިއެރުމެއް ނެތްކަމުގައި އެ ތިން ކުދިންނަށް ވެސް ހީވެފައި އޮތެވެ.

ކުޑައިރު އަސްރާ އޭނާ ލައްވާ ނަމާދުކޮށް ޤުރުއާން ކިޔެވުމަށް ބާރުއެޅުވި ނަމަވެސް ފަހުން އެފަދަ ކަންކަން ކުރުމަށް ނުބުނެއެވެ. އެއަށްވުރެ އަސްރާއަށް މުހިންމުވެފައި އޮތީ ޔެލިޒް ކިޔަވައިގެން މޮޅު ކުއްޖަކަށް ވުމެވެ. އިމްތިހާނުތަކުން ރަނގަޅު ނަތީޖާ ގެނައުމަށެވެ. އަސްރާގެ ނަޒަރުގައި ފުރިހަމަ މަންމައަކަށް ވެވޭނީ އޭރުންނެވެ. ނަމަވެސް އަސްރާއަށް ނުވިސްނިފައި އޮތީ ހަގީގީ އިމްތިހާނަށް އޭނާގެ ދަރިފުޅު ތައްޔާރު ކުރުވުމަކީ ކިހާ މުހިއްމު ކަމެއްކަމެވެ. ލިބޭ ސެޓްފިކެޓްތަކާއި ރީތި ނަމާއި ހައިބަތަކީ ހަމައެކަނި ވަގުތީ ދަޅައެއް ކަމެވެ.

ފުރާވަރަށް އެޅުނު އިރު ނަމާދުތަކަށް ފަރުވާކުޑަކުރެވި ނުކޮށް ދޫކޮށްލެވޭކަން, ޔެލިޒްއަށް އިހްސާސް ވިޔަސް އޭނާއަށް އެކަމަށް މާ ބޮޑު ފަރުވާލެއް ނުބެހެއްޓުނީ އެކަމުގައި ބާރުއަޅާނޭ ފަރާތެއް ނެތުމުންނެވެ.

އެ ވާހަކައާ ގުޅުވައިގެން އެއްޗެއް ނުބުނެ ހުރީ ޔާޒްއެވެ. އޭނާގެ މޫނުން ހަމަޖެހިފައި ހުރިހެން ހީވިޔަސް އެ ނަފްސަށް ވެރިވެފައިވަނީ ހަލަބޮލި ކަމެވެ. މީގެ އަހަރުތަކެއް ކުރީގެ ހަނދާނެއް ސިކުނޑިއަށް ވެރިވުމާއެކު ޔާޒްގެ އުފާވެރި ތަބީއަތަށް ބަދަލުތަކެއް އައިއްސިއެވެ. އެހެނަސް އެ އަސަރުތައް އޭނާ ފޮރުވާލީ ނުހަނު އަވަހަށެވެ.

************************

އާރޓިފިޝަލް ބީޗް ކައިރީ ހުންނަ ނޫރު މިސްކިތުން ފޭބި ޒުވާނާގެ މިސްރާބު ހުރީ އަރޓިފިޝަލް ބީޗާއި ދިމާލަށެވެ. އޭނާގެ ތުންފަތުގައިވި ފަނޑު ހިނިތުންވުމުގެ ފަހަތުގައިވި ސިއްރަކީ ނަމާދުހެން ހީވެއެވެ. މިސްކިތުން ފޭއްބީއްސުރެ ވެސް އޭނާ ފެންނަނީ އެފަދައިންނެވެ. އެ ދޮން މޫނުގައިވި ތާޒާ ކަމާއެކު އަލިކަމެއް އެކުލެވިގެންވާ ކަހަލައެވެ. އެ ޒުވާނާގެ ކަޅު ކުލައިގެ އިސްތަށިގަނޑު އޮތީ ރީތިވަރަކަށް ދިގުކޮށްނެވެ. ލައިގެން ހުރި ހުދު ކުލައިގެ އަތް ދިގު ގަމީހާއި ނޫ ކުލައިގެ ޖިންސުގައި އޭނާ ފެންނަލެއް ނުހަނު ފުރިހަމައެވެ. ގަމީހުގެ އަތުކުރި އުޅަބޮށިން ކުޑަ ތަންކޮޅެއް ތިރިއަށް އޮޅާލާފައި ހުރި އިރު ކަނާތު އަތް ޖީބަތް ޖަހާލައިގެން ހިނގާފައި ދިޔަ ގޮތުން އެ ފިރިހެންވަންތަކަން އިތުރުވެފައިވެއެވެ.

ކުއްލިއަކަށް ޖީބުގައި އޮތް ފޯނު ރިންގުވާން ފެށުމާއެކު އޭނާ މަޑުޖެހިލިއެވެ. އަދި ކަންފަތުގައި ފޯނު ޖައްސައިގެން ހުރެ އެއްފަރަތާކަށް ޖެހިލިއިރު ހުރެވުނީ އަރޓިފިޝަލް ބީޗަށް ވަންނަ ދޮރާއި ދިމާލުގައި ކަން ހަނދާން ނެތް ފަދައެވެ. އެހެން ނޫންނަމަ އެ ދިމާލުގައި އޭނާ ނުހުއްޓުނީހެވެ.

ދެތިން މިނެޓަށް ފޯނުން ވާހަކަ ދައްކަން ހުރުމަށްފަހު އެ ޒުވާނާ ފަހަތަށް ފިޔަވަޅެއް އަޅައިލަމުން އެނބުރިލިއެވެ. ހަމަ އެ ވަގުތު ފަހަތުގައި ހުރި އަންހެންކުއްޖެއްގެ ގައިގައި އަޅައިގެންފައި އަތުން ފޯނު ދޫވެއްޖެއެވެ. އެއާއެކު އެ އަންހެންކުއްޖާގެ އަތުގައި އޮތް ޖޫގޯ ވެއްޓި އޭނާގެ ފޯނަށް އެޅުނެވެ.

ލިބުނު ކުއްލި ސިހުމާއެކު ކުރިމަތީ ހުރި ޒުވާނާއަށް ބެލުމެއް ނެތި ޔެލިޒް އުޅުނީ ވެއްޓިފައި އޮތް ފޯނު ނަގައި ދިނުމަށެވެ. އޭރު އެ މޫނުން ކަންބޮޑުވެފައި ހުރިކަން ހާމަވަމުން ދެއެވެ. ނަމަވެސް ނަފްސަށް ވެރިވެފައިވާ ހަލަބޮލި ކަމާއެކު އަރައިގެން ހުރި އުސް ފައިވާން އަރިއަޅާލިއެވެ. އޭނާގެ ފައި ފުރޮޅާލުމާއެކު މަދަދަކަށް އެދި ޔެލިޒްއަށް ހިފާލެވުނީ އެ ޒުވާނާ ލައިގެން ހުރި ގަމީހުގައެވެ.

ޔެލިޒްގެ މޫނު ގޮސް އޭނާގެ މޭގައި ޖެހުނު ހިނދު ދުވި މީރުވަހުން އެތެރެއަށް ނޯށް ދަމާލެވުނީ ބޭއިޚްތިޔާރުގައެވެ. އެ ލުއި ފިރިހެންވައްތަ ވަސް ސިކުނޑިއަށް ލުއިކަމެއް ގެނެސްދިން ކަހަލައެވެ. ހިނދުކޮޅަކަށް ދުނިޔޭގެ އެހެން ހުރިހާ ކަމެއްގެ މަތިން ޔެލިޒް ހަނދާން ނެތުނު ފަދައެވެ.

ކުއްލިއަކަށް އެ ޒުވާނާ އޭނާ ދުރުކޮށްލީ ނަޖިސް އެއްޗެއް ފަދައިންނެވެ. އެހެންނަމަވެސް އެ ހަރަކާތުގައި ވެސް އޯގާތެރިކަމާއި އަޅާލުން އެކުލެވިގެންވިއެވެ. އޭނާ ޔެލިޒް ދުރުކޮށްލީ އަނިޔާއެއް ނުވާނޭ ފަދައިންނެވެ.

ނަމަވެސް އޭރު އެ ގަދަ ބުމަ ވަނީ ކައިރި ކުރެވިފައެވެ. އެ މުށި ކުލައިގެ ކަޅީގެ ތޫނު ބެލުމުން ކުރިމަތީ ހުރި އަންހެން ކުއްޖާއަށް ބަލައިލެވުމާއެކު އެ ޒުވާނާގެ މޫނުގައިވި ހުރިހާ އަސަރެއް ފިލައިފިއެވެ. އެހެނަސް އޭނާގެ މޫނު ފެނުނު ހިނދު ޔެލިޒްގެ އަތް މުށްކެވުނެވެ.

= ނުނިމޭ =

Ads by Allied Insurance
  1. ޝައުގުވެރި. ރީތި ވާހަކައެއް️️️️

  2. ޔެލިޒް

    އައި މެޓް މައި ޓްރޫ ލަވް

  3. ޔޫ ވިލް ނޯ މީ

    ވަރަށް ރީތި ވާހަަކައެެއް. ފެށުން ވެސް ވަރަަށް ރީތި. ކުރިޔަށް އޮތް ތާގައި މި ވާހަކަ އިތުރަށް ރީތިވަމުން ދާނެ ކަމަށް އުންމީދުކުރަން 🙂