ވާހަކަ

އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދިހަވަނަ ބައި)

ނައުފާ ، ދެން އޮންލައިން
އިތުރަށް ހަމަ ލޯބި ވެވެނީ
▾ މި ވާހަކައިގެ ޢަދަދުތައް
އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ޓްރެއިލަރ) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފުރަތަމަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދެވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިންވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތަރުވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނުވަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދިހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެގާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސާދަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަނަރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސޯޅަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސަތާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ވިހިވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެކާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައުވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަންސަވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައްބީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެއްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބައްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަހުބައި)

"ސޯ ސްވީޓް.. ރީއާން ސަރ ވަރަށް ލޯބިވޭ ދޯ ޒައިވާ މޭމްދެކެ.. އަހަރެން އަޑުއެހިން އެދެމީހުން ވަރަށް އަވަހަށް ކައިވެނިކުރަން އުޅޭ ވާހަކަ.." އެމަންޒަރުބަލަން އެތަނުގައިހުރި ކުއްޖަކު ބުންޏެވެ. އިވުނު ވާހަކަތަކުން އަނޫކްއަށް ހީވީ ވަށައިގެންވި މާހައުލު އެނބުރިގަތްހެނެވެ. ހިނދުކޮޅަކަށް ހިތުގެ ހިނގުން މަޑުޖެހިލި ފަދައެވެ. ގަބޫލުކުރަން ދަތިވެފައިހުރެ ދެފަރާތަށް ބޯހޫރައިލަމުން އޭނާއަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. ދެއަތް މުށްކަވައިލަމުން އަނޫކްއަށް އިސްޖަހައިލެވުނީ ހިތަށް އިހުސާސުކުރެވުނު ތޫނު ތަދަށް ކެތްނުވެގެން ކަހަލައެވެ.

Ads by STELCO

އެންމެންގެ ތެރެއިން ރާޔާ ގޮވައިގެން ޖީލާން ވެސް އެތަނުން ނުކުތެވެ. އެމީހުންގެ ފަހަތުން ބަސްމަދުވެފައި ހުރި އަނޫކް އައެވެ. ކޮންމެ މީހަކުވެސް ހުރީ އަމިއްލަ ޚިޔާލުތަކަށް ގެއްލިފައި ކަހަލައެވެ. އިސްވެ އަނގައިން ބުނާކަށް އެކަކުވެސް ނޫޅެއެވެ. އިވުނު ވާހަކަތަކުގެ އިތުރުން ފެނުނު މަންޒަރުން ރާޔާގެ ހިތަށް އިންތިހާއަށް ތަދުވެއްޖެއެވެ. ޒައިވާ އާއި ރީއާންގެ ގާތްކަން ދެކުމަކީ އޭނާއަށް ކެތްކުރުން ދަތި ކަމަކަށް ވެއްޖެއެވެ. ރީއާން އެނބުރި އައީ ކީއްވެހެއްޔެވެ؟ އެ ދެމީހުން އަލުން ބައްދަލުވީ ކީއްވެބާއެވެ؟ އެތައް ދުވަހަކަށްފަހު ލިބުނު ހިތާމަތަކުން އަރައިގަތުމަށް އަޅައިލި ފުރަތަމަ ފިޔަވަޅާއެކު ތަޤުދީރު މިކުރީ ކޮންފަދަ ހިތި ސަމާސައެއް ހެއްޔެވެ؟ އެ ލޯތްބަކާއި ހަނދާންތަކާ ދުރަށް ދިއުމަށް އޭނާ އެންމެ ހިތްވަރުކުރި ލޯބި ދެވަނަ ފަހަރަށް އޭނާގެ ކުރިމައްޗަށް ގެނުވީއެވެ. އެފަދަ ކަމަކަށް އޭނާ އުއްމީދުވެސް ނުކޮށްހުއްޓައެވެ. ވީއިރު ރީއާންއާ އޭނާ ކުރިމަތިލާނީ ކިހިނަކުން ހެއްޔެވެ؟ އޭނާގެ މަޖުބޫރީ ހާލަތު ރީއާންއަށް ވިސްނޭނެ ނަމައެވެ. ސިއްރުކުރިއެއްކަމަކު އޭނާގެ ހިތުގެ ހާލު އެ ދެލޮލުން ރީއާން ދެނެގަންނާނެ ނަމައެވެ. ރީއާންގެ ބަދަލުވެފައިވި މިޒާޖުންނާއި ބަހައްޓާ ދުރުކަމުން ރާޔާއަށް އުނދަގޫވަނީއެވެ. ކުރީގެ ހަނދާންތަކުގައިވި އޯގާތެރި ހިތުގެ ވެރިޔާ ދެކެވުމަށް އެދެވެނީއެވެ.

ކުރެވެމުންދިޔަ ކޫސަނި ޚިޔާލުތަކާ ދުރުވެލުމުގެ ގޮތުން ރާޔާ ދެފަރާތަށް ބޯހޫރައިލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. އެގޮތުގައި އޭނާއަށް ކެތްވާނީ ކިހައިދުވަހެށް ވަންދެންބާއޭ އަމިއްލަ ނަފުސާ ސުވާލުކޮށްލެވުނެވެ.

ރީއާންގެ ކެބިންގައިހުރި ސޯފާގައި ޒައިވާ ބައިނދަމުން އޭނާގެ ފަޔަށްވެފައި ހުރިގޮތެއް ރަނގަޅަށް ބަލައިލިއެވެ. ދެތަނަކުން ހަލާކުވެފައި ހުރިކަންވެސް އެނގުނީ ދެނެވެ. އަވަސް ހަރަކާތަކާއެކު ފަސްޓް އެއިޑް ބޮކްސް ހިފައިގެން އައިސް ޒައިވާއާ ކުރިމަތިވާނޭހެން ކުޑަކަކޫ މައްޗަށް ތިރިވެލިއެވެ. އަދި ޒައިވާ ލައިގެން ހުރި ޖިންސު ކުޑަކޮށް މައްޗަށް ހިއްލައިލަމުން ފައިގައި ހުރި ޒަޚަމްގައި ބޭސް އުނގުޅަންފެށީ ނުހަނު ފަރުވާތެރިކަމާ އެކުއެވެ. ފުންނަޒަރަކުން ރީއާންއަށް ބަލަން ބަހެއްވެސް ނުބުނެ ޒައިވާ އިނެވެ. މިހާރު އޭނާގެ ކުރިމަތިން އެ ފެންނަނީ އަހަރުތަކެއް ކުރީގެ ރީއާންއޭ ހީވިއެވެ. އެއީ އަބަދުވެސް ހިތްތިރި ޒުވާނެކެވެ. މުއްސަނދި ބައްޕައެއްގެ ހުރި ހަމައެކަނި ފިރިހެންދަރިއެއް ކަމަކު ބޮޑާކަމުގެ ޒައްރެއްގެ މިންވަރުވެސް ރީއާންގެ ނުވެއެވެ. ފަންތީގެ ގޮތުން އެއްވެސް މީހަކާމެދު ތަފާތު ކުރުމެއް ނުގެންގުޅެއެވެ. އޯގާތެރިކަމުގެ އަތް ދިއްކޮށްލަނީ އެގޮތް ބަލައިފައެއް ނޫނެވެ. ރީއާންދެކެ އޭނާއަށް ލޯބި ވެވުނީ އެހެންވެކަން ޔަގީނެވެ. އަމިއްލަ ޟަމީރާ ވާހަކަދައްކަން އިން އިރު ޒައިވާގެ ތުންފަތުގައިވީ ފަނޑު ހިނިތުންވުމެކެވެ.

ބޭސް އުނގުޅައި ނިންމައިލުމަށްފަހު ރީއާން ހިންދެމިލުމާއެކު ޒައިވާ މަޑުމަޑުން ރީއާންގެ އަތުގައި ހިފައިލިއެވެ. ސުވާލުގެ ނަޒަރަކުން ޒައިވާގެ މޫނަށް ރީއާން ބަލައިލީ ކަންބޮޑުވެފައި ހުރެއެވެ. ޒައިވާގެ ފައިގައި މާބޮޑަށް ރިއްސަނީކަމުގައި އޭނާއަށް ހީވީއެވެ. ރީއާން ބަލަން ފެށުމުން ލޮލުގެ އިޝާރާތުން ޒައިވާ ބުނެލީ އޭނާއާ ޖެހިގެން އިނށީނުމަށެވެ. ޒައިވާގެ އެދުން ވިސްނި ދެބުމަ ގޮށްޖަހައިލަމުން އެހުރިގޮތަށް ރީއާން ހުރީއެވެ.

"ޕްލީޒް.." އާދޭހުގެ ރާގަކަށް ޒައިވާ ބުނެލިއެވެ. އެއްޗެއް ވިސްނަންހުރި މީހަކުފަދައިން ރީއާން އެތަނުގައި އިނށީންނަމުން އިސްޖަހައިލިއެވެ. "އަހަންނަކަށް ނޭނގެ މިވީ މަދު ދުވަސްކޮޅު އަހަރެމެންގެ ދެމެދު ބަދަލުވީ ކޮންކަމެއް ކަމެއް.. އެކަމަކު ފަހަކަށް އައިސް ރީއާންގެ އަމަލުތަކުން.. އަހަރެން ނަގަންވީ މާނައެއް ނުވިސްނުނު.. އަހަރެން ބޭނުންވާގޮތް ރީއާންއަށް ވަރަށް ސާފުކޮށް އަންގައިދިނިން.. ބައެއްފަހަރު ރީއާންގެ އަމަލުތައް ހުންނަގޮތުން ރީއާން ވެސް އަހަންނާ ގަޔާވާހެން ހީވޭ.. އަޅެ ބުނެބަލަ.. ރީއާން ހަގީގަތުގަވެސް އަހަންނާ ގުޅެން ބޭނުންތަ؟ އެހެންވެތަ ކުއްލިއަކަށް އަހަންނާމެދު ކަންތައްކުރާ ގޮތް ތަފާތުވީ.." ހިތްވަރުކޮށްފައި ސިކުނޑީގައި ބުރުޖަހަމުންދިޔަ ޚިޔާލުތައް ޒައިވާ ދުލުން ބޭރުކޮށްލިއެވެ. އިވުނު ވާހަކަތަކާއެކު ރީއާންއަށް ދެލޯމަރައި ފިއްތައިލެވުނެވެ. މާކުރިންވެސް ޒައިވާގެ ސުވާލުތަކާ އޭނާއަށް ކުރިމަތިލާން ޖެހޭނެކަން އެނގެއެވެ. އެހެނަސް ރާޔާގެ ކުރިމަތީގައި އެފަދައިން ޒައިވާއާ މެދުގައި އޭނާއަށް އަމަލުތައް ބެހެއްޓެނީ އަމިއްލަ އިޚުތިޔާރުން ބޭރުއެވެ. އޭނާގެ ހިތަށް ރާޔާ ދިން ވޭނާއި ތަދު، ރާޔާގެ ހިތަށްވެސް ލިބުމަށް އެދެވެނީ ގަސްދަކާ ނުލައެވެ. ޒައިވާ ގާތު އިނެއްކަމަކު ރީއާންގެ ސިކުނޑީގައިވީ ރާޔާގެ ޚިޔާލުތަކެވެ. އެ އަންހެންކުއްޖާގެ ހާލާމެދު އަމިއްލަ ހިތާ ސުވާލުކުރެވެމުން ދިޔައީ ކެތްނުވާ ވަރަށެވެ. ރާޔާ ގާތަށް ދިއުމަށް އެދެވެނީއެވެ. އެ ސޫރަ ދެކިލުމަށް ބޭނުންވަނީއެވެ. ހަމަލޮލުން ރާޔާގެ ހާލު ދެކިލުމަށްއެދި ހިތް ބޭގަރާރުވަނީއެވެ. ރާޔާ ގާތަށް ނުގޮސް ޒައިވާއާ އޭނާ ކުރިމަތިލީ އަމިއްލަ ނަފުސަށް މަޖުބޫރުކޮށްގެންކަން ދަންނާނެ މީހަކު ނެތެވެ. އެކަމުން އޭނާއަށް ކުރުވި ބަޔާންކުރަން ދަތި އިހުސާސުތައް ވިސްނޭނެ މީހަކު ނެތެވެ. ބޭނުންވިއަސް ހިތުގެ މަލިކާއާ ދުރުގައި ހުރުން މިއަދު އޭނާއަށް މަޖުބޫރުވެފައި ވިއެވެ.

"ރީއާން.. ކޮންމެވެސް އެއްޗެކޭ ބުނެބަލަ.." އިސްޖަހައިލި ގޮތަށް ރީއާން އިންނަން ފެށުމުން އޭނާގެ އަތުގައި ހިފައި ކުޑަކޮށް ތަޅުވައިލަމުން ޒައިވާ އެދުނެވެ. "މިވަގުތު އެހަށް ސަމަދާއެކު ގެއަށް ގޮސްލަންވީނު.. ޔޫ ނީޑް ޓް ރެސްޓް.. ބައްޕަ ގާތު ބުނެގެން ޑޮކްޓަރ އުމައިރް ގެއަށް ފޮނުވާނަން ފަޔަށް އިތުރު ޒަޚަމްއެއް ލިބިފަ ހުރިތޯ ބަލައިލާން.." ރީއާން ދެއްކީ މުޅިން އެހެން ވާހަކައެކެވެ. ތުންފިއްތައިލަމުން ޒައިވާ މޫނަށް ވައްތަރެއް ޖައްސައިލީ ގަޔާނުވެފައި އިނދެއެވެ.

"ޒައި ރަނގަޅުވީމަ.. ތި ވާހަކަ.. ދައްކާނަން.." ޒައިވާއަށް ބަލަން އިނދެ އުނދަގުލުން ރީއާން ބުނެލިއެވެ. ވަގުތުން ޒައިވާގެ ތުންފަތް ދެފަރާތަށް ދެމިލީ ރަކި ހިނިތުންވުމަކުންނެވެ. އަވަސް އަވަހަށް ބޯޖަހައިލިއެވެ. އިންތަނުން ތެދުވަމުން ސަމަދަށް ގުޅައިލުމަށްފަހު އޭނާގެ އިންތިޒާރުގައި ހުރެ ރީއާން އައިސް މަޑުކޮށްލީ ކުޑަދޮރު ކައިރީގައެވެ.

ސަމަދާއެކު ޒައިވާ ގެއަށް ފޮނުވައިލުމަށްފަހު ރީއާން ގޮނޑީގައި އިނށީދެ ހަމަޖެހިލިއެވެ. އިރުކޮޅަކު ވިސްނަން އިނުމަށްފަހު އަނގައިން ނުރުހުމުގެ އަޑެއް ލައްވައިލަމުން އިންތަނުން އޭނާ ތެދުވިއެވެ. އަދި ފަސްޓް އެއިޑް ބޮކްސްގެ ތެރެއިން ޒައިވާގެ ފައިގައި އޭނާ އުނގުޅި ބޭސްފުޅި ނަގަމުން ކެބިންއިން ނުކުންނަން ހިނގައިގަތެވެ.

"މީ އެވަރު ކަމެއް ނޫނޭ.. އެހައި ތަދެއް ނުވޭ.." ރާޔާގެ ފަޔަށް ކަމެއްވެފައި ހުރިތޯ ޖީލާން ބަލަން އުޅުމުން އަވަސް އަވަހަށް ބުނެލިއެވެ. މާބޮޑުކަމެއް ނުވާކަމަށްބުނެ އަނޫކްވެސް އެތަނުން ރާޔާ ފޮނުވައިލީ އެކަނިވެލަން ބޭނުންވެފައި ހުރިވަރުންނެވެ. ކޮންމެ އެއްޗެކޭ ކިޔަސް ޖީލާން ގަބޫލުނުކުރާނެކަން ވިސްނި އެންމެފަހުން ރާޔާއަށް މަޖުބޫރުވީ ހަތިޔާރު ބެހެއްޓުމަށެވެ.

"ކަމެއްނުވާކަމެއް ނޭނގެ.. މިހުރީ މަށައިގެން ގޮސްފައެއްނު.. ރައްޔުއަށް ކަމެއްވީކަމަށްވީހީ ފައި ބިންދައިގެންދިޔަނަމަ ދޯ.." ހިތްހަމަނުޖެހިފައި ޖީލާން ބުންޏެވެ. ނޫނެކޭބުނެ ރާޔާ ހިންދިރުވައިލީ އެދިމާއަށް އަންނަ ރީއާން ފެނިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެފައި ހުރިއިރު، ރީއާންގެ ބެލުމުގައިވި ތޫނުކަމުން ރާޔާގެ ހިތުގެ ހިނގުން އަވަސްކުރުވިއެވެ. ނޭވާ އަވަސްވެލުމާއެކު މަޑު ތުރުތުރެއް ހަށީގައި އުފެދުނެވެ. އިސްޖަހައިލަންވެސް ހަނދާންނުވެފައި، ރީއާންގެ ކަނޑު ނޫކުލައިގެ ދެލޮލުގެ ޖާދޫގައި ޖެހިފައި އޭނާއަށް އިނދެވުނީއެވެ. ޖީލާން ދައްކަމުންދިޔަ އެއްވެސް ވާހަކައެއް އޭނާއަށް ނީވޭ ކަހަލައެވެ. ރާޔާގެ ފަރާތުން އިޝާރާތެއް ނުވުމުން އެންމެފަހުން އޭނާއަށް ޖީލާން ބަލައިލިއެވެ. ހުއްޓުންއަރައިފައި ވަކި ދިމާއަކަށް ރާޔާ ބަލަން އިނުމުން ޖީލާންވެސް އެދިމާއަށް މޫނު އަނބުރައިލިއެވެ. އެމީހުނާ ދާދި ގާތުގައި ހުރި ރީއާން ފެނުމާއެކު އޭނާއަށް ފުންމައިގެން ތެދުވެވުނު ގޮތްވެސް ނޭނގުނެވެ.

އަތުގައި އޮތް ބޭސްފުޅި ރާޔާގެ މޭޒުމަތީގައި ރީއާން ބާއްވައިލިއެވެ. އެއާއެކު ރާޔާގެ ނަޒަރު އޭގެއަށް ހުއްޓުނެވެ. ބަހެއްވެސް ނުބުނެ އިރުކޮޅަކު އެމޫނަށް ބަލަން ހުރުމަށްފަހު އެތަނުން ދިއުމަށް ރީއާން މިސްރާބުޖެހިއެވެ. ރާޔާގެ ތުންފަތް ހަރަކާތްކޮށްލީ ކޮންމެވެސް އެއްޗެއް ބުނަން ކަހަލައެވެ. އެހެނަސް ރީއާން ފުރަގަސްދިނުމާއެކު ކުރި ހިތްވަރު އެލޭގޮތްވެ އޭނާއަށް އަވަސް އަވަހަށް އިސްއޮބައިލެވުނެވެ. "ރާޔާ ގެއަށް ގޮސްލިއަސް އެންމެ ރަނގަޅު.. ރެސްޓް ކޮށްލާފަ މާދަން އާދޭ.." އެހެން ބުނެލަމުން އެނބުރި ބަލައިލުމެއްނެތި ރީއާން ކުރިއަށް ހިނގައިގަތެވެ.

"އަހަންނަށް އޭރުވެސް އެނގޭ ރައްޔުއަށް ވީގޮތެއް ނުބަލާ އޭނާއަށް ކެތްނުވާނެކަން.. ހީ ސްޓިލް ލަވްސް ޔޫ ރައްޔު.. ޕްލީޒް ދެން ތި ގޮތްދޫކޮށްފަ އޭނާއާ ކުރިމަތިލާން ވެއްޖެއްނު.. އެފަދަ ކިތައް އިޝާރާތް ރީއާންގެ ފަރާތުން ލިބުނީމަތަ ރައްޔު ގޮތް ދޫކުރާނީ.. ނޫނީ ތެޔޮ ނާށި ކާޅު ޖަހައިގަންނަންދެންތަ ތިހުންނަނީ.." ރާޔާގެ ދެއަތުގައި ހިފައި ތަޅުވައިގަންނަމުން ޖީލާން ބުނެލީ އޭނާއަށް ވިސްނައިދޭފަދަ ގޮތަކަށެވެ. ބަހެއްވެސް ނުބުނެ ހިމޭންކަން ޚިޔާރުކޮށްގެން ރާޔާ އިނުމުން ހިތްހަމަނުޖެހިފައި ޖީލާންއަށް ބޯހޫރައިލެވުނެވެ.

"އެންމެ ފުރަތަމަ ދުވަހުވެސް ތިހިމޭންކަން ފޫއަޅުވައިލާ ރީއާންއަށް ހުރިހާ ހަގީގަތެއް ކިޔާދިންނަމަ، ދައިސްއާ ކައިވެނި ކުރާކަށްވެސް ނުޖެހުނީސް.. އަދި ރީއާންގެ ލޯބިވެސް ރައްޔު އަތުން ބީވެގެން ނުދިޔައީސް.. މިއަދުވެސް ރައްޔު ތިކަންތައް ކުރަނީ ހަމަ އެހެން.. ދެވަނަ ފަހަރަށްވެސް އެ ލޯބި އަތުން ބީވެގެން ދަންދެން މަޑުމަޑުން ބަލަން ތި ހުންނަނީ.." ހިތްހަމަނުޖެހުނު ވަރުން ވިސްނައިނުލާ ޖީލާންއަށް ބުނެވުނެވެ. އިވުނު ބަސްތައް ގަބޫލުކުރަން ދަތިވެފައި ރާޔާ އިނީ ދެލޮބޮޑުކޮށްލައިގެން ޖީލާންގެ މޫނަށް ބަލާށެވެ. ހަގީގަތުގައިވެސް އެހެން އެ ބުނީ ޖީލާންތޯ އަމިއްލަ ނަފުސާ ތަކުރާރުކޮށް ސުވާލުކޮށްލެވުނެވެ.

"ހުރިހާކަމެއް އެނގިހުރެ ޖިލީތަ ތިހެން ތިބުނަނީ.. އަހަންނަށް މަޖުބޫރުވީވަރު އެންމެ ގާތުން ދެކުނު މީހަކީ ތީ.. ކާކުތަ ބޭނުންވާނީ ބަފާ އުމުރުގެ މީހަކާ ކައިވެނިކުރަން.. އަދި އަމުދުން ކުޑަކޮށްވެސް ލޯބިނުވާއިރު.. އަހަރެން.. އަހަރެން ރީއާންދެކެ ލޯބިވީވަރު އެންމެ ރަނގަޅަން އެނގޭނީ ޖިލީއަށް.. އަހަންނަށް އިތުރުގޮތެއް އޮތްނަމަ އެ ދުވަހު ރީއާންގެ ލޯތްބަށް ފުރަގަސް ނުދިނީސް.." ދެލޯ ފެންކަޅިވުމާއެކު ރާޔާއަށް ތުންފަތުގައި ދަތްއަޅައި ބާރުކޮށްލެވުނެވެ.

"ރައްޔުއަށް ދިމާވި މަޖުބޫރީ ހާލަތު އަހަންނަށް ވިސްނޭ.. އެކަމަކު އޭރުވެސް އިޚުތިޔާރު އޮތް.. ނޫންތަ.. އަހަރެން ކިހާ ވަރަކަށް ބުނިން ވެގެން އުޅޭގޮތް ރީއާންއަށް ކިޔައިދިނުމަށް.. އޭނާ ކޮންމެވެސް ގޮތަކުން އެ ދަންތުރައިން ރައްޔު ސަލާމަތްކުރީސްކަން ޔަގީން.. އެކަމަކު ރައްޔު އަހަރެންގެ ދުލުގަވެސް ހިފެހެއްޓީ.. ރައްޔުއަށްޓަކާ ހިމޭންކަން ޚިޔާރުކުރަން މަޖުބޫރުކުރުވީ.." ޖީލާންގެ މޫނުމަތިން އޭނާ ހުރީ އަދިވެސް ހިތްހަމަނުޖެހިފައިކަން އަންގައިދެއެވެ.

"ޖިލީ ދޭ މިތަނުން.." ބަހެއްވެސް ނުބުނެ އިރުކޮޅަކު އިނުމަށްފަހު ރާޔާ ބުނެލީ އެއްވެސް އަސަރެއްނެތް ގޮތަކަށެވެ. ޖީލާންގެ ވާހަކަތަކުން އޭނާގެ ހިތަށް ނުހަނު އަސަރުކޮށްފިކަން ކަރުނުން ބަރާވެފައި ދެލޯ ހެކިދެއެވެ. ދުލުން ބޭރުކޮށްލެވުނު ބަސްތަކާމެދު ޖީލާން އަށް ވިސްނައިލެވުނީ ދެނެއެވެ. ބަހެއްބުނަން އަނގަ ހުޅުވައިލި ވަގުތު އިންތަނުން ތެދުވަމުން ކުޑަކޮށް ކޮރުޖަހަމުން ރާޔާ ހިނގައިގަތީ ޖީލާންއަށް ފުރަގަސްދެމުންނެވެ. ހުރިހައި ކަމަކާ ދުރަށް ދާން ބޭނުންވެފައި ހުރެއެވެ.

އެވާހަކަތައް އަޑުއަހަން އެތަނުގައި އެހެން މީހެއް ހުރިކަަމެއް ރާޔާ އާއި ޖީލާން ނުދެނަހުއްޓެވެ. އިވުނު ވާހަކަތަކުން ދެލޯބޮޑުވެ ހުއްޓުން އަރައިފައި ޒައިވާ އަށް އިނދެވުނީ ގަބޫލުކުރަން ދަތިވީވަރުންނެވެ.

(ނުނިމޭ)

Ads by Allied Insurance
  1. ވަރަށް ރީތި. އެހާ ލަސް ނުކުރައްޗޭ ދެން އެކަމަކު. ޕްލީސް

  2. އައިންތު ހަމީ

    ވަރަށް ވަރަށް ރީތި. ކޮންމެ ދުވަހަކުވެސް އާ ބައެއް ގެނެސް ދީބަލަ. ވަރަށް ކިޔާ ހިތްވޭ. އަވަހަށް ގެނެސް ދޭނެކަމަށް އުއްމީދު ކުރަން.

  3. މާ ކުރު

  4. ނަން

    ޕްލީޒް އަވަސް.. އެންމެ ރީތި ވާހަކަ މީ

  5. އަމްނާ

    ވަރަށް ރީތި. ކޮންމެ ދުވަހަކުވެސް ބައެއް ގެނެސްދީބަލަ.ވަރަށް ކިޔާހިތްވޭ

  6. ޑޗސސފ

  7. ވާހަކަ ކިޔާ ކުއްޖާ

    މީ އަންގާރަ ދުވަހުގެ ބައި.. މިއަދުގެ ބައި އަޕް ކޮށްދީ ދެން