ވާހަކަ މުނިފޫހިފިލުވުން

ފޯވީތީ މިހިތް ކަރުނުން (ދެވަނަ ބައި)

އަޒްކީ ، ދެން އޮންލައިން

އަވައްޓެރި ފަޔާޒު ހުރީ ވަރުބަލިވެގެން މައިނޭވާ އަޅައަޅައެވެ. ހީވަނީ އެތަނަށް އޭނާ އެއައީ ދުވެފައި ހެންނެވެ.

Ads by STELCO

" ކިހިނެއްވީތަ ފަޔާޒު..." ސިލްމާ ހައިރާންވެފައި އިނދެ އަހައިލިއެވެ. ވާހަކަ ދައްކަން އުނދަގޫވެ ހުރެ ފަޔާޒަށް ބަލައިލެވުނީ ބަދިގޭ ކައިރީގައި ހުރި ސަނަމްއަށެވެ. އެބެލުމުން ސަނަމްގެ ހިތްނުތަނަވަސް ކުރުވިއެވެ.

" ކިހިނެއްވީ ފަޔާޒްބޭ..." ސަނަމްއަށް އަހައިލެވުނެވެ.

" ސަނަމް.. ދަރިފުޅާ... އައިދް...." ކަރު އެލުވައިލަމުން ފަޔާޒް ބުންޏެވެ.

" އައިދް.. އައިދް ކޮބާ.. އައިދްއަށް ކަމެއްވީތަ..." އަވަސް އަވަހަށް ސަނަމްއަށް އަހައިލެވުނެވެ. ފަޔާޒް ވާހަކަ ދައްކަން އުނދަގޫވެގެން އުޅޭ ކަހަލަ ގޮތަކަށް އެއްފަހަރު ސިލްމާއަށް އަނެއްފަހަރު ސަނަމްއަށް ބަލައިލައެވެ.

" ކިހިނެއްވީތަ ފަޔާޒް.. ތިކިޔަން އުޅޭ އެއްޗެއް އަވަހަށް ބުނެބަލަ.." ހަބީބާ މުރަނގަފަތް ދޮލަނގު ގޮނޑިމަތީގައި ބެހެއްޓުމަށްފަހު ތެދުވަމުން އަހައިލިއެވެ. ފަޔާޒް ހުރިގޮތުން އޭނާގެ ހިތްއަވަސްވެފައިވިއެވެ. ފަޔާޒްއަށް ވަމުންދިޔަ ގޮތް ފެނި ސަނަމްގެ ހިތަށް ބިރުވެރިކަން އިހުސާސްވިއެވެ. ނޭވާ އަވަސްވީ ހިނދު ދެލޯ ފެންކަޅިވިއެވެ. ސިލްމާއަށްވެސް ހިތާ ދިމާލުން މޭގައި އަތްއަޅައިލެވުނީ ލިބުނު ނުތަނަވަސް ކަމުގައެވެ.

" ފަޔާޒްބޭ ބުނެބަލަ.. އައިދް ކޮބާ.. އަހަރެނގެ އައިދް ރަނގަޅުތަ..؟" ތުރުތުރު އަޅަމުން ދިޔަ އަޑުން ކެތްތެރިކަން ކުޑަވެފައިވާ ގޮތަކަށް ސަނަމް އަހައިލިއެވެ.

" ސަނަމް ދަރިފުޅާ... ކޮންމެ އެއްޗަކީވެސް ފަނާވެދާނެ އެއްޗެއްކަން ޤަބޫލުކުރަމެއްނު.. އައިދް.. އައިދް މިދުނިޔެއާ ވަކިވެއްޖެ.. " ފަޔާޒްގެ ފަހު ޖުމްލަ ސަނަމްއަށް އިވުނީ ހޮނު ގުގުރިއެއް ފަދައިންނެވެ.

" ނޫން..... " ކަންފަތްމަތީގައި އަތް އަޅަމުން ސަނަމް ހަޅޭއްލަވައިގަތީ ކުއްލިއަކަށެވެ. އެބަސް ތަކުރާރު ކުރަމުން ސަނަމް ތިރިވަމުން ދިޔައީ ގައިން ވަރުދޫވެގެން ކަހަލަ ގޮތަކަށެވެ. ސަނަމް ގައިގައި ހިފެހެއްޓީ ކައިރީގައި ހުރި މާއިފާއެވެ. ލިބުނު ސިހުމުގައި ސިލްމާ ދެލޯ ބޮޑުކޮށްލަމުން އަނގަމަތީގައި އަތްއަޅައިލިއެވެ.

" އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިއޫން..." މިހެން ބުނެ ހަބީބާއަށްވެސް ޖެހިލެވުނީ ސަނަމް ގާތަށެވެ.

" އައިދްއާއި ފިރުޝާން ޑިންގީގައި އެނބުރި އަންނަނިކޮށް ފަޅަށް ވަންނަން އައި ލޯންޗެއްގައި ޖެހި އެކްސިޑެންޓްވީ.. ހޮސްޕިޓަލަށް ގެންދިޔައިރުވެސް އައިދް އަހަރުމެންނާ ވަކިވެއްޖެ... ފިރުޝާންގެ ހާލުވެސް އެހާ ރަނގަޅެއް ނޫން... " ފަޔާޒް ކިޔައިދިނެވެ.

" ނޫން.. ނޫން.. އެހެނެއް ނުވާނެ..." ސަނަމް ކިޔަމުން ދިޔައެވެ. ދެން ފެނުނީ ކުއްލިއަކަށް ސަނަމް ގެއިން ބޭރަށް ދުއްވައިގަތް ތަނެވެ. ސަނަމްއަށް ގޮވަމުން މާއިފާވެސް ފަހަތުން ދުއްވައިގަތެވެ.

" ސިލްމާ ހިނގާ އަވަހަށް.." ސިލްމާ އިން ގޮނޑީގެ އަތް ގަނޑުގައި ހިފަމުން ހަބީބާ ބުންޏެވެ.

އެއްވެފައިވާ މީހުންގަނޑު ތެރެއިން ލާފައި ސަނަމް ގޮސް ހޮސްޕިޓަލަށް ވަނެވެ. އަޑު ނެތް ތަނަކަށް ސަނަމް އައިދްއަށް ގޮވައިލިއެވެ. އެހިނދު ތަނުގައި ތިބި އެންމެންގެ ލޯތައް ސަނަމްއަށް އަމާޒުވެލިއެވެ. ހިތަށް ކުރަމުން ދިޔަ ފުންއަސަރުގެ ކުރިމަތީގައި ދުވަމުން އައުމުގެ ސަބަބުން ވެފައި ހުރި ވަރުބަލި އެއްވެސް އެއްޗަކަށް ނުވިއެވެ. އައިދްއަށް ގޮވަމުން ސަނަމް އެމަރޖެންސީ  ރޫމާ ދިމާލަށް ދިޔައެވެ. އެވަގުތު ފުލުހަކު ސަނަމް ހިފަހެއްޓިއެވެ.

" ދޫކުރޭ.. ކޮބާ.. ކޮބާ އަހަރެންގެ އައިދް.." ރޮމުން ސަނަމް ސުވާލު ކުރިއެވެ.

" އެފަކީރު އަތުން ދޫކޮށްލާ.. އެއީ އައިދްގެ އަނބިމީހާ..." އެތަނުން މީހަކު ބުނެލިއެވެ. މައާފަށް އެދެމުން އެފުލުސްމީހާ ސަނަމްގެ އަތުން ދޫކޮށްލިއެވެ. އެމަޖެންސީ ރޫމުގެ ދޮރުވެސް ސަނަމްއަށް ހުޅުވައިދިނީ އެމީހާއެވެ. އެތަނަށް ވަންނަމުން އަނެއްކާވެސް ސަނަމް އައިދްއަށް ގޮވައިލިއެވެ. އެންމެ ކައިރިން ހުރި އެނދަށް ސަނަމްގެ ނަޒަރު ދަތުރުކޮށްލި ހިނދު ހުއްޓުން އެރިއެވެ. ހުދު ފޮތިގަނޑަކުން ފޮރުވައިލެވިފައިވާ ގަބުރު ކައިރީގައި ނަރުހަކާ ފުލުހަކު ހުއްޓެވެ. އެމީހުންވެސް ސަނަމްއަށް ބަލަން ތިބީ ޙަމްދަރުދީވެފައެވެ. މަޑުމަޑުން އެއެނދާ ދިމާލަށް ސަނަމް ދިޔައިރު ދެފައިގާ ތުރުތުރެއް ހުއްޓެވެ. ގަބުރު ކައިރިއަށް ހުއްޓެމުން މަޑުމަޑުން ސަނަމްގެ ދެއަތް އުފުލައިލިއެވެ. އެއަށްފަހު ތުރުތުރު އަޅާ ދެއަތުން މޫނުމަތީގައިވާ ފޮތިގަނޑު ތިރިކޮށްލިއެވެ. އައިދްގެ ހިމޭންވެފައިވާ މޫނާއި މެރިފައިވާ ދެލޯ ފެނުމާއެކު ސަނަމްއަށް ރޮއެގަނެވުނެވެ. އެވޭނީ ރުއިމުގެ އަޑުއިވި އެތަނުގައި ހުރި ކޮންމެ މީހެއްގެ ހިތަށް އިންތިހާއަށް އަސަރު ކުރާނެކަން ޔަގީނެވެ. ގައިން ވަރުދޫވެ ވެއްޓެން ދިޔަ ސަނަމް ގައިގައި ހިފެހެއްޓީ އެތަނުގައި ހުރި ނަރުހެކެވެ. ސަނަމް ގައިގައި ލައްކޮށްލައިގެން ހުރެ އެތަނުން ނިކުންނަން އެނަރުސް ކުއްޖާ ދިއުމުން އެހެން ނަރުހެއް ގޮސް އަލުން އައިދްގެ މޫނުގައި ފޮތިގަނޑު އަޅައިލިއެވެ.

ނަރުސް ކުއްޖާ އަތުލަފިކޮށްގެން ނެރުނު ސަނަމް ފެނި މާއިފާ ގޮސް ސަނަމް ގައިގައި ހިފަހައްޓައިލިއެވެ. އޭރުވެސް ހުއްޓުމެއްނެތި ސަނަމް ރޮމުން ދިޔައެވެ. އަލުން ގޮސް ނަރުސް ކުއްޖާ އެތެރެއަށް ވަނުމުން ހަބީބާ އަނެއްފަރާތުން ގޮސް ސަނަމްގެ އަތުގައި ހިފައިލިއެވެ. ސަނަމްގެ ހާލަތު ފެނި ގޮނޑީގައި އިން ސިލްމާގެ ހިތުގައި އިންތިހާއަށް ރިއްސައިލިއެވެ. އެދަރިފުޅު ގެނެސް އޭނާގެ އަތުތެރެއަށް ލާ ބޮނޑިކޮށްލަން ބޭނުންވިއެވެ. އެހެންނަމަވެސް އޭނާގެ ނުކުޅެދުންތެރިކަން އެކަމަށް ހުރަސް އެޅީއެވެ. ސަނަމް ގޮވައިގެން މާއިފާއާއި ހަބީބާ ގޮސް އެއްފަރާތެއްގެ ހުއްޓުނެވެ. އެވަގުތު ތެޅެމުން ފޮޅެމުން އެތަނަށް ވަދެގެން އަންނަ ތަލްޔާއާއި ތީން ފެނުނެވެ.

އެތެރެއަށް ވަން ތަލްޔާއަށް އޭނާގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅުގެ މަރުވެފައިވާ ހަށިގަނޑު ފެނުމާއެކު ބޮލަށް އެނބުރުން އަރައިގެން ވެއްޓުނެވެ. ދެތިން ނަރުސް ކުއްޖަކު ވެގެން ތަލްޔާ ނަގައި އެތަނުން އެހެން އެނދެއްގައި ބާއްވައިލިއެވެ. ތީންވެސް ރޯންފެށި ގޮތަށް ހުއްޓައެއް ނުލެވުނެވެ. އެހެންކަމުން ނަރުހުން އެދުނީ ބޭރުގައި މަޑުކޮށްލުމަށެވެ. އެތަނުން ރޮމުން ނިކުތް ތީންގެ ނަޒަރުގައި ތަންކޮޅެއް ދުރުގައި ރޯން ހުރި ސަނަމް އަޅައިގަތެވެ. އިސާހިތަކު ހިތާމައިގެ މައްޗަށް ރުޅިވެރިކަން ގަދަވެގަތެވެ. ސަނަމްއޭ ކިޔާ ތީން ގޮވައިލިގޮތުން ތަނުގައި ތިބި ގާތްތިމާގެ އެންމެންގެ ނަޒަރު ތީންއަށް ހުއްޓުނެވެ.

" އަދި އެބަ ރޮއެއެއްނު.. މިހުރިހާ ކަމެއްވީ ކަލޭގެ ސަބަބުން.. އަހަރެންގެ ދޮންބެގެ މުޅި ދިރިއުޅުން ހަލާކުކޮށްލި ހަމަކަލޭ.. މިއަދު ދޮންބެ އެދަތުރު ކުރަންޖެހުނީވެސް ކަލެއާ ހެދި.. ބޯވަ ކެވިއްޖެއެއްނު.. އަހަރެންގެ ދޮންބެގެ މަރުވީ ކަލެއާ ހެދި.. އެމަރުގެ ޒިންމާ ނަގަންޖެހޭނީ ކަލޭ... ކަލެއަކީ ޤާތިލެއް.. ކަލެއާ ހެދި އަހަރެންނާ އަހަރެންގެ މަންމަ ދުނިޔެއަށް އެކަނިވީ.. ކަލޭގެ ސަބަބުން މަރުވެގެން އެދިޔައީ އާއިލާއެއްގަ ހުރި އެންމެ ފިރިހެން ކުއްޖެއް.. މަންމައެއްގެ ހުރި އެންމެ ފިރިހެން ދަރިއެއް.. އަހަރެންގެ ހުރި ހަމައެކަނި ބޭބެ.. އަހަރެން ކަލެއަށް ދުވަހަކުވެސް މާފެއް ނުކުރާނަން.. ދުވަހަކުވެސް ކަލެއަށް އުފާވެރި ހަޔާތެއް ނުލިބޭތޯ އަހަރެން ދުއާވެސް ކުރާނަން... ކަލެއާ ހެދި އަހަރެންގެ ދޮންބެ މަރުވީ.. ކަލެއާ ހެދި.." ތީންގެ ވިހަގަދަ ބަސްތަކުން ސަނަމްގެ ރުއިން އިތުރުވުން ނޫންކަމެއް ނުވިއެވެ.

" ހެޔޮނުވާނެ ތީން ތިހެން ނުބުނޭ.. " ސިލްމާއަށް ރޮއެގަންނަމުން ބުނެވުނެވެ. އެތަނުން އެހެންމީހަކު ގަދަކަމުން ތީން ގޮވައިގެން ދުރަށް ޖެހުނެވެ. އޭނާ ނަސޭހަތްތެރިވަމުން ދިޔަ މިފަދަ ދަނޑިވަޅެއްގައި އެފަދަ ވާހަކަ ނުދެއްކުމަށެވެ.

************

ހުދު ކަފުނުގެ ތެރެއިން ފެންނަމުން ދިޔަ ހިމޭންވެފައިވާ އައިދްގެ މޫނަށް ބަލަހައްޓައިގެން ސަނަމް ހުއްޓެވެ. ސަނަމްގެ ލޮލުން ކަރުނަ ހިކޭ އެންމެ ހިނދުކޮޅެއް ނުދެއެވެ. އެންމެ ހިނދުކޮޅަކަށްވެސް އެވޭނީ ގިސްލުމުގެ އަޑު ކަނޑައިގެންނުދެއެވެ. އެއްފަރާތެއްގައި ހުރި ތަލްޔާވެސް ރޮނީއެވެ. ދަރިފުޅުގެ މަރަކީ ކެތްކުރަން ދަތިކަމެއް ކަމުގައި ވިއެވެ. އޭނާ ކައިރީގައި ހުރި ތީންވެސް ހުއްޓާނުލައެވެ. އައިދްއަށް ބަލަހައްޓައިގެން އިން ސިލްމާގެ ލޯވެސް ވަނީ ކަރުނުން ފުރިފައެވެ. ބަނޑުން ބޭރުނުވިއެއްކަމަކު އައިދް އަކީ އޭނާގެ އުފަންދަރިއެއް ފަދަ ކުއްޖެކެވެ. ސަނަމްގެ ހާލަތު ހުރި ގޮތް ފެނިވެސް އޭނާގެ މައި ލަގޮނޑިއަށް ކެތްވަނީއެއް ނޫނެވެ.

މޫނުއަޅަން ކައިރިވުމާއެކު ސަނަމް އައިދްގެ މޫނާ ދިމާލަށް ގުދުވެލަމުން ވަރަށް ރަނގަޅަށް އެމޫނަށް ބަލައިލިއެވެ. ދެން ދުވަހަކުވެސް އެމޫނު ނުފެންނާނޭ ހިތަށް އެރުމާއެކު ހިތްދަތިވެ މުޅި ހަށިގަނޑަށްވެސް އޭގެ އަސަރު ފޯރައިގެން ދިޔައެވެ. ތުރުތުރު އަޅަމުން ދިޔަ ތުންފަތް އައިދްގެ ނިތުގައި ޖައްސައިލުމަށްފަހު ﷲ އިރާދަކުރެއްވިއްޔާ ޖަންނަތުން ބައްދަލުކުރާނަން ކަމުގައި ބުނެލިއެވެ. ސަނަމް އަދި އާއިލާގެ ޙާލަތާމެދު ހިތާމަ ނުކުރާ އެކަކުވެސް އެތަނުގައި ނުވެއެވެ. އެންމެންގެ ލޯތައްވެސް ވަނީ ކަރުނުން ފުރިފައެވެ.

މޫނުއެޅި ވަގުތު ދެވަނަ ފަހަރަށް ތަލްޔާ އަނބުރައިގަނެގެން ވެއްޓުނެވެ. ކަށުނަމާދުގައިވެސް ބައިވެރިނުވެ ތީން ޖެހުނީ ތަލްޔާ ގޮވައިގެން ހޮސްޕިޓަލަށް ދާށެވެ. މެޔަށް އިހުސާސް ކުރެވުނު ތޫނު ތަދާއެކު ސަނަމްއަށްވެސް ބާރަށް ރޮއެގަނެވުނެވެ. ސަނަމް ގައިގާ ހިފަހައްޓައިގެން ހުރި މާއިފާއާއި ހަބީބާއަށްވެސް ސަނަމްގެ އެވޭނީ ރުއިމުގެ އަޑުއިވިފައި ރޮވުނެވެ.

ކަށުނަމާދުކޮށް ނިމުމާއެކު ދުވަމުން ކަހަލަ ގޮތަކަށް ސަނަމް ނިކުތެވެ. ފަހުފަހަރަށް ފިރިމީހާ ގެންދާތަން ބަލައިލާން ބޭނުންވީއެވެ. ސަނަމްއަށް އަތްހިއްލައިލެވުނީ ބޭއިޙްތިޔާރުގައެވެ. ދެތުންފަތް ފޫއަޅުވާލާފައި ނިކުތީ އައިދްގެ ނަމެވެ. ދެންދުވަހަކުވެސް އައިދް ނުފެންނާނޭ ހިތަށް އެރި ހިނދު ހިއްލާލެވިފައިވާ އަތްތިލަ މުށްކަވާލުމަށްފަހު އެއަތްގެނެސް މޭގައި ޖައްސައިލިއެވެ.

******************

ސޯފާގައި އިން ސިލްމާގެ އުނގުގައި ބޯއަޅާލައިގެން ސަނަމް އޮތެވެ. އޭރުވެސް ކޮންމެވެސް ވަރަކަށް ސަނަމްގެ ގިސްލުމުގެ އަޑު އިވިއިވި ހުއްޓެވެ. ސަނަމްގެ ބޮލުގައި ފިރުމަމުން ދިޔަ ސިލްމާ އެކި ގޮތްގޮތުން އޭނާއަށް ނަސޭހަތްތެރިވަމުން ދިޔައެވެ.

" ދަރިފުޅާ ދެން ހުއްޓާލާ. މިއީ އެކަލާނގެ ދުނިޔެ މައްޗަށް ފޮނުއްވި ކޮންމެ މަޚްލޫޤަކަށްވެސް އަންނާނެ ދުވަހެއް. ހިތްވަރުކުރަންވާނެ. ދުނިޔޭގައި މުސީބާތް ކުރިމަތިވާނީ އެކަލާނގެ ލޯބިވާ އަޅުތަކުންނަށް. އެކަންކަމަށް އަހަރެމެން ޖެހޭނީ ކެތްތެރިވާން. އެނގޭ އެސޮރަކީ ރަނެއް ކަހަލަ ފިރިހެނެއްކަން. އެކަމަކު ތިގޮތަށް ކަރުނައަޅާ ރުއިމުން ވާނެ އެއްވެސް ފައިދާއެއް ނޯންނާނެ. އޭގެ ބަދަލުގައި އެސޮރުގެ ފާފަތައް ފުއްސެވުމަށް އެދި ދުއާކުރޭ. މައްޔިތާއަށް ފައިދާ ކުރާނީ އޭރުން. ދެން ހުއްޓާލާ. މާދަމާވެސް ހާލަތު ބަދަލުވެދާނެ. މީހުން ބުނޭ އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނޭ. އެހެންވީމަ މިއަދު ދަރިފުޅު ވެއްޓިފައިތިވާ އަޑިގަނޑުން އަރައިގަންނަން މަސައްކަތްކުރޭ. " ހަބީބާވެސް ބުނެލިއެވެ.

" އެ ލޯންޗް ދުއްވަން އިން މީހާ އިނީ ބޮއެގެންނޯ.. އޭނައަށް މާބޮޑު އަނިޔާއެއްނުވޭ.. މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެދަށުގަ... އެމީހާއާ ހެދި ކިހާ ބޮޑު ދެރައެއް މިލިބުނީ.. ސަނަމް ދެރަވާނެ ވަރު އަހަރެންނަށް އިހުސާސް ކުރެވޭ..." ހަބީބާ ކައިރީގައި އިން އިޝާރާ ބުނެލިއެވެ. ހަބީބާ އިޝާރާއަށް ބަލައިލަމުން ބޯހޫރައިލީ އިހަށް އެވާހަކަ ނުދައްކާށޭ ބުނާ ފަދަ ގޮތަކަށެވެ.

" އަހަރެން މިދަނީ ގެއަށް.. މިރޭ އަހަރެން ޖެހޭ ބައްދަލުވުމަކަށް ދާން.. މަންމަ އެސޮރު ބަލައިދޭނަން ދޯ.. " އިޝާރާ ބުނެލިއެވެ.

" މިރޭ މަންމަ މަޑުކުރާނީ މިގޭގަ.. އިޝާރާ ކޮންމެވެސް އެހެން ގޮތެއް ވޭތޯ ބަލަންވީނު.." ހަބީބާގެ ޖަވާބު އައި ގޮތުން އިޝާރާ ހިތްހަމަނުޖެހޭ ގޮތްވިއެވެ. އެހެނަސް ވަގުތުގެ ގޮތުން އެއްޗެއް ބުނާކަށް ނުކެރުނެވެ. ލޯ ހަނިކޮށްލުމަށްފަހު ތެދުވެގެން ގޮސް އެގެއިން ނިކުތެވެ. މަޣްރިބް ނަމާދަށް ބަންގި ގޮވަން ފެށީ އޭގެ އިރުކޮޅެއް ފަހުންނެވެ.

" ހިތްވަރުކުރޭ ދަރިފުޅާ.! ދެން ހުއްޓާލާ..! އެގޮވީ ބަންގި.. ދޭބަލަ ނަމާދުކޮށްލަން.. އައިދްއަށްޓަކާ ދުޢާ ކޮށްލަން.. އެސޮރަށް މިއަދު އަހަރެމެންނަށް ކޮށްދެވޭނެ ކަމަކީ އެއީ..." ސަނަމްގެ ބޮލުގައި ފިރުމައިލަމުން ސިލްމާ ބުންޏެވެ.

" މަންމާ އަހަރެންގެ އައިދް..." އެހެން ބުނެވުމާއެކު އަނެއްކާވެސް ސަނަމްއަށް ރޮވުނެވެ. ސިލްމާ ހަބީބާއަށް ބަލައިލީ ގޮތްހުސްވެފައިވާ މީހަކު ފަދައިންނެވެ. ސަނަމްގެ އެހާލު ބަލަން އޭނާއަށް ކެތްކުރަން ދައްޗެވެ.

" ސަނަމް ދަރިފުޅާ!! ކެތްތެރިވޭ.. ﷲ އަށްޓަކައި.. ހިނގާބަލަ ހަބިއްތައާ އެކު ނަމާދުކޮށްލައިގެން އަންނަން.. އޭރުން ދަރިފުޅުގެ ހިތަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިދާނެ... " ގޮނޑިން ތެދުވެގެން އައިސް ސަނަމްއާ ދިމާލަށް ގުދުވެލައިގެން އޮވެ ހަބީބާ ބުންޏެވެ. ދެލޯ ފޮހެލަމުން ބަސްއަހާ ކުޑަކުއްޖަކު ފަދައިން ސަނަމް ތެދުވިއެވެ. އެއަށްފަހު ހަބީބާއާ އެކު ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އެމަންޒަރު ބަލަން އިން ސިލްމާވެސް އޭނާގެ ދެލޯ ފޮހެލިއެވެ. އޭނާގެ ދަރިފުޅަށް ސާބިތުކަން ދެއްވާތޯ ހިތާހިތުން ދުޢާކޮށްލިއެވެ.

***********

ރޭގެ ބޮޑުބައެއް ހޭދަވެގެން ދިޔައިރުވެސް ސަނަމްއަކަށް ނުނިދުނެވެ. އައިދްގެ ސޫރަ އެންމެ ހިނދުކޮޅަކަށްވެސް އޭނާގެ ހިތުން ފޮހެވިގެން ނުދެއެވެ. އެކި ދުވަސް މަތިން އައިދްއާ އެކު ހޭދަކުރެވިފައިވާ އުފާވެރި ވަގުތުތައް މަތިން ހަނދާންވަނީއެވެ. އައިދް އޭނާއާ ސަމާސަ ކޮށްލާ ގޮތްތަކެވެ. ބައެއް ފަހަރު ކޮށްލާ ލާނެތް ކަންތައްތަކެވެ. އައިދްގެ ހުނުން ސަނަމްގެ ހިނދުރީގައި މިހާރުވެސް ހަރުލާފައިވާކަހަލައެވެ. ދުނިޔޭގެ ޤާނޫނާ މެދު ވިސްނާ ފިކުރުކުރެވުނެވެ. ރޭގައި އޭނާ ނިދީ އައިދްގެ އަތު ތެރޭގައި އޮވެއެވެ. ނަމަވެސް މިރޭ އައިދްއެއް ނެތެވެ. އެނދުގެ އެބައި އޮތީ ހުސްކޮށެވެ. މަރަކީ އެހާވެސް ގާތް އެއްޗެއްކަން އިހުސާސް ކުރެވިއްޖެއެވެ.

ސަނަމް އޮތްތަނުން ތެދުވިއެވެ. އަތް ހިއްލައިލުމަށްފަހު އެނދާ ދިމާލުން ތަންކޮޅެއް މަތީގައި ހުރި ސްވިޗް ޖައްސައިލިއެވެ. އެއާއެކު ކޮޓަރިތެރެ އަލިވެގެން ދިޔައެވެ. ސަނަމްއަށް މުޅި ކޮޓަރިއަށް ނަޒަރު ހިންގައިލެވުނެވެ. އިހުސާސް ކުރެވުނީ ފަޅުކަމެވެ. އެނދުމަތިން ތެދުވެގެން ގޮސް އަލަމާރި ކައިރިއަށް ހުއްޓުނެވެ. ދޮރު ދެފަރާތަށް ހުޅުވައިލުމަށްފަހު ހެދުންތައް ދަށުގައި އޮތް އަލްބަމެއް ނެގިއެވެ. އެއަށްފަހު އަލަމާރީގެ ދޮރު ލައްޕައިލުމަށްފަހު ދޮރުގައި ލެގިލިއެވެ. މަޑުމަޑުން އިށީންނަމުން ގޮސް ޓައިލްސްތައް މަތީގައި އިށީނެވެ. އަލްބަމް ނެގުމާއެކު އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ކައިވެނީގެ ފުރަތަމަ ރޭ ދެމީހުން ނަގާފައިވާ ފޮޓޮއެކެވެ.

-ނުނިމޭ-

  1. ސަނަމް

    އައިދް. ތިހާ އަވަހަށް ދޫކޮށް ދިޔަޔަސް އަބަދުވެސް ލޯބި ވާނަން.
    ވާހަކަ މިއަށްވުރެ އަވަހަށް ގެނެސްދޭނެ ނަމައޭ ހިތަށް އަރާ. ވަރަށް ރީތި ސްޓޯރީ އެއް. އަޒްކިގެ ވާހަކަތައް އަބަދުވެސް ކަމުދޭ. ކީޕް އިޓް އަޕް.

  2. ސިމާ

    ވ ވ ރީތި.ރަނގަޅަށްވެސް ރޮވިއްޖެ

  3. ފޫޅޫމާ

    ދެން ދޯ ސަނަމްގެ ހަޔާތައް އަސްލު ހީރޯ އަންނާނީ. އެހާ ނިކަމެތިވެގެން ރޮއެރޮއެފަ އުޅޭ ޓިޕިކަލް އަންހެންކުއްޖަކަށް ސަނަމް ނުހަދައްޗޭ. މިވާހަކަ ތިންދުވަހު ގެނެސްދޭން ފެނޭ..