ވާހަކަ

އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާރަވަނަ ބައި)

ނައުފާ ، ދެން އޮންލައިން
އިތުރަށް ހަމަ ލޯބި ވެވެނީ
▾ މި ވާހަކައިގެ ޢަދަދުތައް
އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ޓްރެއިލަރ) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފުރަތަމަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދެވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިންވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތަރުވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނުވަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދިހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެގާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސާދަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަނަރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސޯޅަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސަތާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ވިހިވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެކާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައުވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަންސަވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައްބީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެއްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބައްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަހުބައި)

ކުޑަކޮށް ދުވެލައިފައި އައިސް ގަރާޖުގައި އޮތް އޭނާގެ ކާރަށް އަރައި މޫނުގައި ހަރުލައިފައިހުރި ވާރޭގެ ކުދި ތިކިތައް ޓިޝޫއަކުން ފުހެލިއެވެ. އަދި ކާރު ސްޓާރޓް ކޮށްލުމާއެކު ކުރިއަށް ދުއްވައިލަމުން ހަށިފުރާ ނޭވާއެއް ދޫކޮށްލިއެވެ. ކުރެވެން މިއުޅޭ ކަންތަކާމެދު ވިސްނައިލެވުމާއެކު ހިސާބަކަށް އޭނާ ހާސްވާގޮތްވިއެވެ. އެހެނަސް އެންމެ ފިޔަވަޅެއްވެސް ފަހަތަށް އަޅާކަށް އޭނާގެ ޟަމީރު އެއްބަހެއް ނުވިއެވެ. ރާޔާގެ ހާލު ބަލައިނުލާ އެންމެ ހިނދުކޮޅަކުވެސް އޭނާއަށް ކެތްނުވާނެކަން ޔަގީނެވެ. ވީއިރު، އެ ސޫރަ ދެކިލުމަށް އިންތިހާއަށް އެދެވެނީއެވެ.

Ads by MWSC

ވެހެމުންދިޔަ ވާރޭގެ އެތައްހާސް ތިކިތަކަށް ނަޒަރު ހުއްޓައިލައިގެން ބެލްކަނީގައި ރާޔާ ހުއްޓެވެ. ޖެހިލާ ތެތްފިނި ރޯޅިތަކާއެކު އޭނާގެ ދިގު އިސްތަށިގަނޑު ވިހުރިގެންދާއިރު އެކަމަށް އޭނާގެ ކުޑަވެސް ސަމާލުކަމެއް ނެތެވެ. އެ ސިކުނޑީގައި ބުރުޖަހަމުންދިޔައީ މީގެ އެއްދުވަސްކުރިން ރީއާންއާ ދެމެދު ހިނގައިދިޔަ ހާދިސާއެވެ. ރީއާންގެ ދުލުން ބޭރުކޮށްލި ވިހަގަދަ ބަސްތަކެވެ. ލަސްލަހުން އުޑާދިމާއަށް ދެލޯ އަމާޒުވެލުމާއެކު ހަނދާންކުރަން ބޭނުންނުވާ އެތައްކަމެއް ދެލޯ ކުރިމަތީގައި ސިފަވެލިއެވެ. ހިތްވަރުކޮށްފައި އޭނާ މަސައްކަތްކުރީ ރީއާންގެ ކުރިމަތީގައި އެ ހަނދާންތަކުން ކުޑަނަމަވެސް މިންވަރެއް ހާމަކޮށްދެވޭތޯއެވެ. ދެމީހުން ވަކިވާން ޖެހުނު ހަގީގީ ސަބަބު ބަޔާންކޮށްދެވޭތޯއެވެ. ނަމަވެސް އޭނާގެ ވާހަކަތައް އަޑުއަހާވަރަށްވުރެ ރީއާންގެ ހިތުގައި އޭނާގެ މައްޗަށްވީ ގިލަންވެރިކަން ބޮޑެވެ. ދެން އިތުރަށް ރީއާންއާ ކުރިމަތިލާނެހައި ހިތްވަރެއް އޭނާގެ ނެތެވެ. ދެލޯ މަރައިބާރުކޮށްލުމާއެކު މުޅިދުވަހު އޭނާ ވިސްނިކަންތަކަށް ގޮތެއް ރާޔާ ނިންމިއެވެ. ރީއާންގެ ސޫރަ ފެންނަ ހިސާބެއްގައިވެސް ހުންނާކަށް އޭނާއަށް ދެން އިތުރަށް ކެތެއްނުވާނެއެވެ. އެންމެ ރަނގަޅުވާނީ ކުރިއެކޭ އެއްގޮތަށް ދެވަނަ ފަހަރަށްވެސް އޭނާ ރީއާންއާ ދުރަށް ދިއުމެވެ. ތަޤުދީރުގައި އެލޯބި އޭނާއަށް ލިބެން ނެތީކަން ގައިމެވެ. އެހެންނޫންނަމަ ލިބިފައި ދެވަނަފަހަރަށްވެސް އޭނާގެ އަތުން ރީއާން ބީވެގެން ނުދިޔައީހެވެ. ނަމަވެސް ރާޔާއަށް ނުވިސްނުނީ އަހަރެމެން ހެއްދެވި ފަރާތުގެ ރޭއްވެވުންތަކުގެ މޮޅުކަމެވެ. އެކަލާނގެއީ ކޮންމެ ކަމެއްގެ މައްޗަށްމެ ކުޅަދުންވަންތަ ރަސްކަލާނގެއެވެ. ފައުޅުނުކުރިއަސް ހިތްތަކުގައި ވީހައި ސިއްރެއް އެކަލާނގެ ދެނެވޮޑިގެންވެއެވެ. ބަސްމޮށުންތެރިކަމެއް ނުވާހާލު ކުރެވޭ ދުޢާވެސް އެކަލާނގެ އިޖާބަކުރެއްވުމަށް ކުޅަދުންވަންތައެވެ. އިންސާނާއަށް ނުވާނޭ ހީވާ ކިތަށް ކަންތައް ފުރިހަމަވޭހެއްޔެވެ؟ ނާދިރުހެން ހީވާ ކިތައް ކަންތައް ހާސިލްވޭ ހެއްޔެވެ؟ ދުޢާއަކީ މުއުމިނާގެ އެންމެ ބާރުގަދަ ހަތިޔާރަށް ވެދަނީ އެހެންވެއެވެ.

މޫނަށް އެޅުނު އަލިން އުނދަގޫވެފައި ރާޔާއަށް ދެލޯ ހުޅުވައިލަމުން މަގުމައްޗަށް އަމާޒުކޮށްލެވުނެވެ. އެމަގަށް އައިސް މަޑުކޮށްލި ކާރުފެނި އޭނާއަށް ލިބުނީ ހައިރާންކަމެވެ. މިއޮއްފަދަ ވިއްސާރައިގައި އަރާމު ތަންމަތި ދޫކޮށް ބޭރަށް ނުކުމެ އުޅޭނީ ކާކު ހެއްޔެވެ؟ އަމިއްލަ ހިތާ ކޮށްލެވުނު ސުވާލާއެކު ރާޔާއަށް ތަންކޮޅެއް ބޮޑަށް ގުދުވެލަމުން އެދިމާއަށް ބަލައިލެވުނެވެ. އެވަގުތު ކާރުގެ ކުރީ ދޮރު ހުޅުވައިލަމުން ބޭރަށް ނުކުތް ޒުވާނާފެނި ރާޔާއަށް ސިހިފައި ފަހަތަށް ޖެހިލެވުނީއެވެ. ސީދާ އޭނާ އާއި ދިމާއަށް ބަލަން ހުރި ރީއާންފެނި ރާޔާއަށް ވެރިވީ ފާޑެއްގެ ހަރުކަށިކަމެކެވެ. އެފަދަ ވަގުތެއްގައި ރީއާން އެތަނަށް އައުމުގެ އޮތީ ކޮންބޭނުމެއް ހެއްޔެވެ. އަދިވެސް އެހިތަށް ދެވުނު ޒަޚަމް ކުޑައީހެއްޔެވެ؟ ނޫނީ ރީއާންގެ ހިތް ނުފުރެނީބާއެވެ. އޭނާގެ ހިތަށް އިތުރަށް ތަދުކުރަން ބޭނުންވަނީބާއެވެ. ކުރެވެމުންދިޔަ ޚިޔާލުތަކާއެކު ރާޔާއަށް ތުންފިއްތައިލެވުނެވެ.

ވާރެއާ ތެމިފޯވަމުންދިޔައިރުވެސް، ކަޅިޖަހައިނުލާ ރީއާން ހުރީ ރާޔާއަށް ބަލަހައްޓައިގެންނެވެ. އެ ސޫރަ ފެނުމުން ހިތަށް ލިބުނީ ބަޔާންކުރަން ދަތި ހަމަޖެހުމެކެވެ. އަދިވެސް ރީއާންގެ ހިތުގައިވީ ހަމައެކަނި މަލިކާއަކީ އެއީކަން ޔަގީނެވެ. ކިތަންމެ ދުވަހެއް ހަޔާތުން ވޭތުވިއަސް އޭނާއަށް އިތުރު މީހަކަށް އެހިތުން ޖާގައެއް ނުދެވޭނެކަން ގައިމެވެ. ދެމެދަށް ވެރިވެފައިވި ހިމޭންކަމުގައި އެތައް ވާހަކަތަކެއް ދެކެވެމުންދިޔަ ކަހަލައެވެ. ބައްދަލުވެފައިވި ދެލޮލުން އެކަކު އަނެކަކު ގާތުގައި އެތައް ޝަކުވާތަކެއް ކުރެވެމުންދިޔައެވެ. އަހަރުތަކެއް ކުރިން ހިތުގައި ފަސްއަޅައި ފޮރުވައިލި ލޯބި އޮބިނޯވެގެން ހިތުގެ މައްޗަށް ގަދަވެގަތުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން ދިޔަފަދައެވެ. ބުއްދީގެ މައްޗަށް ހިތުގެ އެދުން އިސްވާންފެށީ ރީއާންގެ ހުއްދައަކާ ނުލައެވެ. ރާޔާއާ ގާތްވެލަން ބޭނުންވެފައި ހުރިވަރުން އޭނާއަށް ކުރިއަށް ފިޔަވަޅެއް އަޅައިލެވުނެވެ. އެލޯތްބާ ދެކޮޅަށް ހަނގުރާމަ ކޮށްކޮށް އޭނާ ވަރުބަލިވާގޮތް ވެއްޖެއެވެ. އެންމެ ހިނދުކޮޅަކަށް ނަމަވެސް މާޒީގައި ކުރެވުނު ފޮނިމީރުކަން އިހުސާސުކޮށްލަން އެދެވެނީއެވެ. އެފަދަ ހިތްގައިމު ހަނދާންތަކެއް ބިނާކުރުމަށް ބޭނުންވަނީއެވެ. ރާޔާގެ ފައިން ފެށިގެން ބޮލާ ހަމައަށް އޭނާއަށް ނަޒަރު ހިންގައިލެވުނީ ގަސްދަކާނުލައެވެ. އެއާއެކު ފިރިހެންވަންތަ ހިތްގައިމު ހިނިތުންވުމެއް ތުންފަތުގައި ކުޅެލިއެވެ. ވާރޭގެ ކުދި ތިކިތައް ހުއްޓުމެއްނެތި ބޮސްދެމުންދިޔަ ތުންފަތް ހަރަކާތްކޮށްލި ގޮތުން އޭނާ ރާޔާގެ ނަން ކިޔައިލީކަން އަންގައިދެއެވެ. ރީއާންއަށް ބަލަންހުރި ރާޔާގެ ލޮލުންވެސް ފައުޅުވަމުން ދިޔައީ ބޭޤަރާރުކަމެވެ. އަމިއްލަ އިޚުތިޔާރުން ބޭރުގައި އޭނާއަށްވެސް ކުރިއަށް ފިޔަވަޅެއް އަޅައިލެވުނީ ރީއާން ގާތަށް ދާންބޭނުންވެފައި ހުރިފަދައިންނެވެ. ކުއްލިއަކަށް ޖަހައިލި ބާރު ގުގުރީގެ އަޑުން ރާޔާއަށް ސިހުން ގެނުވިއެވެ. ކުޑަކުއްޖެއްގެ ބާރު ރުއިމުގެ އަޑާއެކު، ދުވެފައި ބެލްކަންޏަށް ނުކުތްތަން ފެނުނީ ޔުމްނުއެވެ. ބެލްކަންޏަށް ނުކުންނަން ހުރި ދޮރު ހުޅުވައިފައި ހުރުމުން ރާޔާ ހުރީ އެތަނުގައިކަން އޭނާ ދެނެގަތީއެވެ. ދުވެފައި އައިސް ރާޔާގެ ފައިގައި ޔުމްނު އޮޅުލައިގަތީ ބިރުގެންފައި ހުރިވަރުންނެވެ. ހާސްކަން ރާޔާގެ ހިތަށް ވެރިވުމާއެކު ގުދުވެލަމުން އަވަސް އަވަހަށް ޔުމްނު އުރައިލިއެވެ. އަދި އެކުޑަ ހަށިގަނޑުގައި ބައްދައިލަމުން އޭނާ ހަމަޖައްސައިލުމުގެ ގޮތުން ދެތިން އެއްޗެއް ބުނެލިއެވެ. އޭރުވެސް ކަޅިޖަހައިނުލާ އެދެމައިންގެ ހަރަކާތްތަކަށްބަލަން އެތަނުގައި ރީއާން ހުއްޓެވެ.

ޔުމްނުގެ ސޫރަ ފެނުމުން، ރީއާނަށް ހަމަބިމަށް އާދުވުނު ކަހަލައެވެ. ހިނދުކޮޅެއްކުރިން ހިތުގައި ބުރުޖަހަމުންދިޔަ ލޯބިވެތި ޚިޔާލުތައް ވިއްސިވިހާލިވެގެން ދިޔައެވެ. ދެކެމުންއައި ހުވަފެންތައް މަދު ސުކުންތުކޮޅެއްގެ ތެރޭގައި ބިލާހަކަށްވެ ދިޔައީއެވެ. ރާޔާ އަކީ މީހެއްގެ ހައްގެއްކަން އޭނާ ހަނދާންނެތުނީ ކިހިނަކުން ހެއްޔެވެ؟ އުރުގައި އެހުރި ކުޑަކުއްޖަކީ އޭނާގެ ބޭވަފާތެރިކަން ރަމްޒުކޮށްދޭ ނިޝާނެއްކަން ހަނދާނުން ކައްސައިލީ ކީއްވެހެއްޔެވެ؟ ދުރުގައި ހުރުމަށް ރާޔާއަށްވީ ވަޢުދު އުވާލައި އެހިސާބަށް އޭނާއަށް އާދެވުނީ ކޮންކަމެއް ހާސިލްވާނެކަމަށް ބާއެވެ. މީހެއްގެ އަނތްބެއް އޭނާގެ ހައްގަކަށް ވާނެ ގޮތަކީ ނެތްގޮތެކެވެ. އިސްޖަހައިލެވުނީ އިތުރަށް އެ ސޫރަ ދެކެން ކެތްނުވުމުންނެވެ. ހަގީގަތް އޮޅުނީ ރީއާން އަށެވެ. ފުރިހަމަވުމެއްނެތް ބޭކާރު އުއްމީދުތަކެއް ކުރެވުނީ އޭނާގެ މޮޔަ ހިތަށެވެ. ދެމީހުންގެ މަންޒިލް ތަފާތުކަން ނުވިސްނުނީ އޭނާއަށެވެ.

ދެލޮލަށް ކަރުނަތައް ބޮނޑިވެގަތީ އަންގައިލުމެއް ނެތިއެވެ. އަހަރުތަކެއްކުރިން ދެލޮލުގައި ގައިދުކުރަމުންއައި ކަރުނަތަކަށްވެސް މިއަދު ކެތްނުވީ ކަހަލައެވެ. ހޯސްލައިފައި ކޯތާފަތްމައްޗަށް އޮއްސައިގަތީ އެހިތަށް ކޮށްފައިވި ފުން އަސަރު އަންގައިދެމުންނެވެ. ވާރޭގެ ތިކިތަކާއެކުވެ، ދެލޮލުން ފައިބަމުންދިޔަ ކަރުނަތަށް އޭނާގެ ކޯތާފަތުގައި ބޮސްދިނުމަށްފަހު ދަތްދޮޅިން ތިރިއަށް ފައިބަމުން ދިޔައިރު، އެތަންދެކޭނެ އެކަކުވެސް ނެތެވެ. ރީއާން ގާތަށް ދާން ބޭނުންވިއަސް އެވަގުތު ރާޔާއަށް މަޖުބޫރުވީ ރޮވެމުންދިޔަ ޔުމްނު މަސަލަސްކުރުމަށެވެ. ޔުމްނު ގޮވައިގެން ކޮޓަރިއަށް އޭނާ ވަނީ ވަންނަން ބޭނުންވެގެނެއް ނޫނެވެ. އިތުރު ގޮތެއް ނެތުމުންނެވެ. އެމަންޒަރު ބަލަންހުރި ރީއާނަށް ދަތްކުނޑި ވިކައިލެވުނީ ހިތަށްކުރެވުނު ތޫނު ތަދުންނެވެ. ކުއްލިއަކަށް ނަފުސުގެ މައްޗަށް ގަދަވެގަތް ރުޅީގައި މީހާ ކޮންޓްރޯލުން ނެއްޓިކަހަލައެވެ. ފަހަތަށް އެނބުރުމާއެކު ކާރުގައި މުށްކެވިފައިވި އަތުން ދެތިން ފަހަރަށް ޖަހައިލިއެވެ. ލިބުނު ހިތްދަތިކަމާއި ރުޅިއެކުވެގެން އައީ އިޚްތިޔާރުން ބޭރުއެވެ.

"ކީއްވެތަ.. ކީއްވެހޭ.. އަހަރެން ވީލޯބީގަ ކޮން އުނިކަމެއްތަ ހުރީ.. ކޮންކަމެއްތަ އަހަރެން ރާޔާއަށް ނުކޮށްދެނީ.. އަހަރެންދެކެ ލޯބިނުވާއިރު އަހަރެންގެ އިހުސާސުތަކާ ކުޅުނީ ކީއްވެ.. މިއަދު އަހަރެން މިކުރާ ހިތާމަ އެކަކަށްވެސް އިހުސާސުވެސް ނުވާނެ.. އަހަންނަށް މިހާބޮޑު ދެރައެއް ދިނުމުގެ ހައްގެއް ރާޔާއަކަށް ލިބިގެނެއްނުވޭ.. ކީއްވެތަ އަހަންނަށް ނުވިސްނެނީ.. މުޅި އުމުރު އިންތިޒާރު ކުރިއަސް ތީ އަހަންނަށް ދުވަހަކުވެސް ލިބެންނެތް ލޯތްބެއްކަން.. އަދިވެސް ރާޔާ ފަހަތުން އެލޯތްބަށް އެދިގެން ދެވެނީ ކީއްވެ.. ފުރިހަމަނުވާނެކަން އެނގޭއިރުވެސް އެފަދަ ހުވަފެންތަކެއް މިހިތް ދެކެނީ ކީއްވެ.. ކީއްވެތަ އަހަންނަށް މިހެންވާންވީ.. ކޮންކުށެއްތަ އަހަންނަށް ކުރެވުނީ.." އިސްތަށިގަނޑުގައި ހިފަހައްޓައިލުމާއެކު ކާރުގެ ދޮރުފަތުގައި ބޯޖައްސައިލި ރީއާންގެ ތުންފަތް ފޫއަޅުވައިލުމަށްފަހު މަޑު އާހެއް ބޭރުވިއެވެ. ބޭނުންވިއަސް މިއަދު އެކަރުނަތައް ހިފަހައްޓާނެ ވަރުވެސް އޭނާގެ ނެތްކަހަލައެވެ. ކިތަންމެ އިންތިޒާރެއް ކުރިއަސް އެލޯބި އަނބުރައި ނާންނާނެކަން އޭނާގެ މޮޔަހިތަށް ވިސްނޭނެނަމައެވެ.

* * * * *

އެތައް ގޮތަކަށް ވިސްނުމަށްފަހު އެންމެފަހުން ޒައިވާ ގޮތެއް ނިންމިއެވެ. އިތުރަށް ކުރިއަށް އެންމެ ފިޔަވަޅެއްވެސް އޭނާއަށް އެޅޭނީ ރީއާންގެ މާޒީގައި ހިނގައިފައިއޮތް ކަންތައް އެނގިގެނެވެ. އަމިއްލަ ހިތުގައި އަތްއަޅައި ބާރުކޮށްލުމަށްފު އެކަމާ ކުރިމަތިލާން އޭނާ ނިންމިއެވެ. އޮފީހަށް އައީއްސުރެ އެދެލޯ ހޯދަމުންދިޔައީ ޖީލާންއެވެ. އޭނާއަށް ކިރިޔާކަމެއް އޮޅުންފިލިޔަސް ފިލާނެގޮތަކީ އެއީއެވެ. އެހަގީގަތް އެނގުމަށްފަހު ނޫނީ އިތުރުގޮތެއް ނިންމުމަށް އޭނާ ނުކުޅެދިފައިވީ ފަދައެވެ. ސަމަދާ ސުވާލުކުރިއަސް ވާނީ ބޭކާރުކަމަކަށްކަން ޔަގީނެވެ. އެއްވެސް ކަމެއް ބަޔާންކުރާކަށް އޭނާ ބޭނުމެއްނުވެއެވެ. ފުންނޭވާއެއް ދޫކޮށްލި ޒައިވާގެ ލޮލުގައި އެދިމާއަށް އައި އަނޫކް އަޅައިގަތެވެ. މޫނުމަތީގައިވި ކަންބޮޑުވުމުގެ އަސަރުތައް ފޮރުވައިލަމުން އޭނާ ހިނިތުންވެލިއެވެ. ޒައިވާ ކުރިމަތީގައި ހުއްޓިލަމުން ފުންނަޒަރަކުން އޭނާއަށް އަނޫކް ބަލައިލިއެވެ.

"މަރުހަބާ.." ލައިގެންހުރި ފަޓުލޫނުގެ ޖީބަށް އެއްއަތް ޖަހައިލަމުން އަނޫކް ބުނެލިއެވެ. ޒައިވާގެ ނިތަށް ރޫތައް ޖަމާވިގޮތުން އެބުނި އެއްޗެއްގެ މާނަ އޭނާއަށް ނުވިސްނުނީކަން އަންގައިދެއެވެ. އޭނާ ނިތްއަރުވައިލީ ކޮންކަމަކަށްތޯ އަހައިލާފަދަ ގޮތަކަށެވެ.

"މީހަކާ އިންނަން އުޅޭ ވާހަކަ އަޑުއެހިން.." ހިންދިރުވައިލަމުން ގަދަކަމުން ހިނިތުންވެލުމަށްފަހު އަނޫކް ބުންޏެވެ. އެބަސްތައް ދުލުން ބޭރުކުރަންވުމުން އޭނާއަށް އުނދަގޫވީވަރު މޫނުމަތިން ހާމަކޮށްދެއެވެ.

"ކާކު ދެއްކި ވާހަކައެއް.." ހިނިގަނޑެއް ޖަހައިލަމުން ޒައިވާ ބުނެލިގޮތުން ހީވީ އެވާހަކަ އޮއްބާލަން ބޭނުންވީހެނެވެ. "އޮފީސްކުއްޖަކު އެހެން ބުނި އަޑު އެހިން.. އަހަރެން ހާދަ ބޮޑަކަށޭ ދޯ ޒައި ތިދުރުކޮށްލީ.. އަހަރެން ހީކުރީ މީހަކާ އިންނައިރު އެންމެ ފުރަތަމަވެސް ބުނާނީ އަހަރެން ގާތުކަމަށް.. ދުވަހަކުވެސް މީހެއްދެކެ ލޯބިވާ ވާހަކަވެސް ޒައި ނުބުނަމެއްނު.." ހިތިގޮތަކަށް ހިނިތުންވެލަމުން އަނޫކް ބުންޏެވެ. އެމޫނުމަތީގެ އަސަރުތައް ދެނެގަންނަން މަސައްކަތްކުރާފަދަ ގޮތަކަށް ބަލަހައްޓައިގެން ޒައިވާ ހުއްޓެވެ.

"ނޫކް ނުވެސް އަހަމެއްނު އަހަރެން މީހަކުދެކެ ލޯބިވޭތޯއެއްވެސް.. އެހެންނޫނަސް ލޯތްބަކީ އެންމެނަށް ލިބޭ އެއްޗެއް ނޫނެއްނު.." ކުއްލިއަކަށް ޒައިވާ ހިމޭންވެލިއެވެ. "ތިބުނި އެއްޗެއް ނުވިސްނުނު.. ޒައި ލޯބިވާ މީހަކާ ނޫންތަ ކައިވެނި ކުރަން ތިއުޅެނީ.."

"އަހަރެން.. ވަރަށް ލޯބިވޭ.. ވަރަށް ބޮޑަށް ލޯބިވޭ.." އިސްޖަހައިލި ޒައިވާގެ އަޑުގައިވެސްވީ މަޑުމައިތިރިކަމެވެ.

"ރީ.. ރީއާން ސަރ ދެކެތަ.." އުނދަގޫ ގޮތަކަށް އަނޫކް އަހައިލިއެވެ. ލަސްލަހުން ޒައިވާ ބޯޖަހައިލިގޮތުން އަނޫކްގެ ހިތަށް ލިބުނީ އިތުރު ޒަޚަމެކެވެ. މިއޮއް ހުރިހައި ދުވަހަކު އޭނާއަށް ކުރެވުނީ އެއްވެސް މާނައެއްނެތް އުއްމީދުތަކެއްކަން މިއަދު ވިސްނިއްޖެއެވެ. ޒައިވާގެ ހިތުގައިވީ އެހެން މީހެކެވެ. ވީއިރު، އެހިތުން އޭނާއަށް ޖާގައެއް ލިބުމަކީ ނާދިރުކަމެއްކަން ޔަގީނެވެ. އެވަގުތު ފައިލް ތަކެއް ހިފައިގެން އެދިމާލުން ލައިފައިދިޔަ ޖީލާން ޒައިވާގެ ލޮލުގައި އަޅައިގަތުމާއެކު އަވަސްހަރަކާތަކާއެކު ޖީލާންގެ ފަހަތުން ދިއުމަށް އޭނާ އުޅުނެވެ. "ސޮރީ ނޫކް.. މިވަގުތު ވާހަކަދައްކަން ހުރެވޭކަށްނެތް.. ވަރަށް މުހިންމު ކަމަކު މިދަނީ.. އައި ނީޑް ޓް ޓޯކް ހަރ.." އަތުގެ އިޝާރާތުން ޖީލާން ދައްކައިލަމުން އަވަސްއަރުވައިލައިފައި ޒައިވާ ބުނެލިއެވެ. ޒައިވާގެ ހަރަކާތްތައް ހުރިގޮތުން ސުވާލުއުފެދިފައި އަނޫކް ހުރީއެވެ. މަޑުމަޑުން ބޯޖައިލަމުން ޒައިވާ ދިއުމުގެ ފުރުސަތު އޭނާ ދިނެވެ.

* * * * *

ފޯނު ކަންފަތުގައި ޖަހައިގެން އިން ރީއާންގެ މޫނުގައިވީ ސީރިއަސްކަމެވެ. އެކޮޅުން ރިންގްވަމުންދިޔަ ފޯނު ނެގުމާއެކު ހެލޯއޭ ބުނެލިއަޑު އިވުނެވެ. ބައްޕާއޭ ކިޔައި ރީއާން ގޮވައިލިގޮތުން އުސައިދުގެ ހުރިހައި ސަމާލުކަމެއް ވަގުތުން ދަރިފުޅަށް ހުއްޓައިލިއެވެ.

"އަޅުގަނޑު ވަރަށް މުހިންމު ވާހަކައެއް ދައްކާލަން ބޭނުން.. ބިޒީ ވަގުތެއްތަ.." އަމިއްލަ ނަފުސަށް ލިބިފައިވި ނުތަނަވަސްކަން ހިންދައިލަމުން ރީއާން ވާހަކަދެއްކިއެވެ. ނޫނެކޭ ބުނެ އަވަހަށް ބުނާށޭ އުސައިދް ބުނެލީ ހިސާބަކަށް ކަންބޮޑުވެފައި ހުރެއެވެ.

"އޮފީހުގެ ހުރިހައިކަމެއް ރަނގަޅުތަ.. ދަރިފުޅު އަނބުރައި އަންނަން ބޭނުންވަނީތަ" އެއްޗެކޭ ނުބުނެ ހިމޭންވެފައި ރީއާން އިނުމުން އުސައިދް އަހައިލީ އޯގާތެރި ރާގަކަށެވެ. ފުންނޭވައެއް ދޫކޮށްލަމުން ގޮނޑީގައި ރީއާން ހަމަޖެހިލިއެވެ. "ވިޔަފާރީގެ ކަމެއްނޫން.." ސީދާ މައުޟޫއަށް ދިއުން ރީއާންއަށްވީ ދަތިކަމަކަށެވެ. "އަޅުގަނޑު އަމިއްލަ ދިރިއުޅުމާބެހޭ ކަމެއް.." މަޑުމަޑުން އޭނާ ބުނެލިއެވެ. އެއްވެސް އެއްޗެކޭ ނުބުނެ ރީއާންގެ ވާހަކަތައް އަޑުއަހަން އުސައިދު ހުއްޓެވެ.

"އަޅުގަނޑު.. ޒައި.. ޒައިވާއާ ކައިވެނިކުރަން ނިންމައިފިން.." ހިތްވަރުކޮށްފައި އޭނާ ގުޅި މަގުސަދު ރީއާން ހާމަކޮށްލިއެވެ. ރީއާންގެ ޖުމުލައާއެކު އުސައިދަށް ލިބުނީ ހައިރާންކަމެވެ. އެފަދަ ގޮތަކަށް ރީއާން ނިންމީ ކީއްވެތޯ އަހައިލާން ހިތަށް އެރިއެވެ. ނަމަވެސް ދެވަނަ ސުކުންތުގައި އެއްވެސް ވިސްނުމެއްނެތި އޭނާގެ ދަރިފުޅު އެފަދަ ވާހަކައެއް ނުދައްކާނެކަން އެނގި އެސުވާލުތައް އޭނާ އޮއްބައިލީއެވެ. ފަނޑު ހިނިތުންވުމެއް ތުންފަތަށް ވެރިވެގެން ދިޔައިރު އޭނާއަށް ހެއްދެވިފަރާތަށް ޙަމްދުކޮށްލެވުނެވެ. އޭނާގެ ދުޢާ އިޖާބަކުރެއްވީތީއެވެ. އުމުރު ދުވަހު ހުސްކޮށް ރީއާން ހުރުމަކީ ޚުދު އޭނާވެސް ބޭނުންވާގޮތެއް ނޫނެވެ.

"ދަރިފުޅަށް ޔަޤީންތަ.." ހިތްހަމަޖެހިފައި ހުރެ އުސައިދް އަހައިލިއެވެ. "އަޅުގަނޑަށްވެސް އަބަދު މިހެން ނުހުރެވޭނު.. ކޮންމެވެސް ދުވަހަކުން ދިރިއުޅުމެއްވެސް ފަށަން ޖެހޭނެތާ.. މިއީ ބައްޕައާއި ހުޒައިމްބެވެސް ނުހަނު ބޭނުންވާ ކަމެއްނު.."

"ދަރިފުޅުގެ ދިރިއުޅުން ބައްޓަންކުރާނީ ދަރިފުޅު އަމިއްލައަށް.. ކުރިންވެސް ބުނިހެން އެއްވެސް ކަމެއްގަ ބައްޕަ ދަރިފުޅަކަށް މަޖުބޫރުކުރާކަށް ނެތިން.."

"މިއީ އަޅުގަނޑު އަމިއްލައަށް ބޭނުންވެގެން ނިންމި ނިންމުމެއް.. އަޅުގަނޑުވެސް މުޅި ހަޔާތް މިގޮތުގަ ހުސްކޮށްލާކަށް ނޭދެން.. ޒައި ކަހަލަ އަޅުގަނޑުދެކެ އިންތިހާއަށް ލޯބިވާ ކުއްޖެއް ލިބުނީމަ ދޫކޮށްލާނީ ބޮޑު މޮޔައެއްކަންނޭނގެ.. އަޅުގަނޑު ބޭނުމެއްނޫން އަޅުގަނޑު އުފުލި ހިތާމަތަށް.. ޒައި އުފުލާކަށް.." ހިންދިރުވައިލި ރީއާންގެ އަޑުގައިވީ ރިހުމެވެ. އެކަން އިހުސާސުވެ އުސައިދުގެ ހިތުގައިވެސް ރިއްސައިލިއެވެ. އެ ދަރިފުޅު އުފަލުގައި ހުންނަތަން ދެކުމަށް އޭނާއަށް އެދެވެނީ އިންތިހާއަށެވެ.

"ދަރިފުޅާ.. ކައިވެންޏަކީ ވަރަށް މަތިވެރި ގުޅުމެއް.. އެއީ ކުޅޭކުޅިވަރެއްނޫން.. ބައްޕައަށް އެނގޭ ނުބުންޏަސް ދަރިފުޅަށްވެސް މިހުރިހާ ކަމެއް ވިސްނޭނެކަން.. އެކަމަކު ބައްޕަ އަހައިލާން ބޭނުންވަނީ، ޒައިވާދެކެ ލޯބިނުވާއިރު، ކައިވެނިކޮށްގެން އެ ޒިންމާ އެންމެ ފުރިހަމަ ގޮތުގަ ދަރިފުޅަށް އުފުލޭނެތޯ.. ލޯބިނުވާ މީހަކާއެކު ޒަވާޖީ ހަޔާތެއް ވޭތުކުރުމަކީ ފަސޭހަކަމެއްނޫން.. އެއީ ވަރަށް ބޮޑު އިމްތިހާނެއް.." ރީއާންއަށް ވިސްނައިދޭފަދަ ގޮތަކަށް އުސައިދް ބުންޏެވެ.

"އަޅުގަނޑު މަސައްކަތް ކުރާނަން.. ޒައި ދެރަވާނެފަދަ ކަމެއް އަޅުގަނޑު ނުކުރާނަން.. އެ މަސްއޫލިއްޔަތު އަޅުގަނޑަށް ވީއެންމެ ރަނގަޅަކަށް އުފުލާނަން.. ލޯބި.. ލޯތްބަކީ އަޅުގަނޑަށް މުހިންމު އެއްޗެއް ނޫން.. ދެމަސްވާކަށް ދެން މާގިނަ ދުވަހެއް ނެތް.. ޖަލްސާ ނިންމާފަ އޭގެ އަނެއްދުވަހު ފުރަން އަޅުގަނޑު ބޭނުންވަނީ.. އަޅުގަނޑުމެން ދާންވާއިރަށް ހުޒައިމްބެއާ ވާހަކަދައްކައިގެން ކައިވެނީގެ ހުރިހާކަމެއް ބައްޕަ ހަމަޖައްސަދީ.."ރީއާންގެ ވާހަކަތައް ކަނުލައި އަހަންހުރި އުސައިދް ހަށިފުރާ ނޭވާއެއް ދޫކޮށްލަމުން އެންމެ ރަނގަޅުކަމުގައި ބުނެލިއެވެ. ރީއާންގެ އަޑުގައިވި ޔަގީންކަމުން އޭނާއަށް ލިބުނީ ބަޔާންކުރަންދަތި ހިތްހަމަޖެހުމެކެވެ. އެދެކުދިންގެ ކައިވެނި ކުރެވޭތަން ދުށުމަކީ އޭނާވެސް ނުހަނު އެދޭ އެދުމެކެވެ. ކޯލު ކުރުކޮށްލަމުން ފޯނު ބޭއްވިއިރު އުސައިދުގެ ތުންފަތުގައިވީ ފުޅާ ހިނިތުންވުމެކެވެ. އަވަހަށް އެ ޚަބަރު ދިނުމަށް ހުޒައިމްއަށް އޭނާ ގުޅިއެވެ.

އަވަސްއަރުވައިލައިފައި ޖީލާންގެ ފަހަތުން އޭނާއަށް ގޮވަމުންދިޔަ، ޒައިވާގެ އަތުގައިއޮތް ފޯނު ރިންގްވާން ފެށުމުން ހުރިފިޔަވަޅުމަތީގައި އޭނާއަށް މަޑުޖެހިލެވުނެވެ. ހުޒައިމްގެ ކޯލަކަށްވުމުން ނުނަގައި ހުންނާކަށް އޭނާއަކަށް ނުކެރުނެވެ. ފޯނުނަގައި ކަންފަތުގައި ޖަހައިލަމުން އެއްފަރާތަކަށް ޒައިވާ ޖެހިލިއެވެ. ހިނިއައިސްފައިހުރެ ހުޒައިމް ދައްކަމުންދިޔަ ވާހަކަތަކުން ޒައިވާގެ ހިތް ތެޅިގަތީ އެޔެއް މިޔެއް ބަލައިފައެއް ނޫނެވެ. މީހާގެ ހަރަކާތްތަކަށް ހުއްޓުމެއް އައިއިރު، އޭނާގެ ދެލޯ އަމާޒުވެފައިވީ ތަންކޮޅެއް ދުރުގައި ހުރި މޭޒު ކައިރީގައިތިބި ޖީލާން އާއި ރާޔާއަށެވެ. މަޑުމަޑުން ބޮލުގައި އަތްޖައްސައިލެވުމާއެކު އޭނާއަށް އިސްޖަހައިލެވުނީ ލިބުނު ޚަބަރަކުންނެވެ.

(ނުނިމޭ)

  1. ޛނޖޖނޖޖނފނޖނނނޖޖ

    ޏދނފޖފހހހހނހނޔޖ

  2. އަހަރެން

    ދެން ސަކަރާތް. ރީއާން ހާދަ ކަންތައް ބޮޑޭ.
    ރާޔާ އާ ރީއާން ނުގުޅުވައްޗޭ ޕްލީޒް…

  3. އަހަރެން

    ރާޔާ އެއް ނޫން. ޒައިވާ އާ ރީއާން ނުގުޅުވައްޗޭ

  4. އަމް

    ވަރަށް ވަރަށް ރީތި. މާ ލަސްނުކޮށް އަނެެއްބައި ގެނެސްދެއްޗޭ.