އާރަށުގެ މައްސަލައިގައި ހެކިބަސް ނަގަން ފަށައިފި
ކުރީގެ ރައީސް ، ރައީސް އަބްދުﷲ ޔާމީންއާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ މައްސަލައިގައި ހެކިބަސް ނަގަން ފަށައިފިއެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލައިފައި ވަނީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގ ކުށުގެ ދައުވާއެވެ. މި މައްސަލައިގައި ދެން ދައުވާ ލިބޭ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކުރަނީ ރިޝްވަތު ދިންކަމުގެ ދައުވާއެވެ.
މި މައްސަލައިގެ ހެކިބަސްތައް ނަގަން ފަށައިފައިވާ އިރު މިއަދު ނަގައިފައި ވަނީ މޯބައިލް ފޮރެންސިކް ރިޕޯޓެއް ތައްޔާރުކުރި ފުލުހުންގެ އޮފިސަރެއްގެ ހެކިބަހެވެ. ފޮރެންސިކް ތަހުލީލުކޮށްފައި ވަނީ ޔޫސުފް ނައީމްގެ ނަންބަރާއި މުއާމަލާތްކޮށްފައިވޭތޯ ބެލުމަށް ތިން އައިފޯނަކުން ނަގައިފައިވާ ޑޭޓާތަކެއްކަމަށް ފުލުސް އޮފިސަރު ވިދާޅުވިއެވެ. ނަމަވެސް އެ ތިން ފޯނު ނިސްބަތް ވަނީ ކޮން ފަރާތްތަކަށް ކަން އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައިގައި ދައުވާ ލިބޭ ދެ ފަރާތުން ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.
މީގެ ކުރިން ކުރިއަށް ދިޔަ ޝަރީއަތުގެ އަޑުއެހުމެއްގައި ރައީސް ޔާމީން ވިދާޅުވެފައި ވަނީ، މި ދައުވާއަކީ ޒާތީ ގޮތުން އުފުލައިފައިވާ ދައުވާއެއް ކަމަށެވެ.
މި މައްސަލައިގައި މިހާރު ނިންމައިފައިވާ ގޮތުން ސެޕްޓެމްބަރު މަހުގެ ތެރޭގައި މައްސަލަ އެއްކޮށް ނިންމައި ހުކުމް ކުރެވިގެންދާނެއެވެ. މީގެ ކުރިން ވެސް ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގގެ މައްސަލައެއްގައި 5 އަހަރުގެ ޖަލު ހުކުމެއްކޮށްފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާޠިލްކޮށްފައެވެ.