ޚަބަރު ރައްޔިތުންގެ މަޖިލިސް

އެންޓެނާ ޓަވަރެއް ނަގައިގެން އެހެންތަނަކަށް ގެންދިއުމަކީ ގޮންޖެހުން ބޮޑުކަމެއް: ޝައުނާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މުވާސަލާތީ ބޮޑެތި އެންޓެނާ ޓަވަރުތަކުގެ ތެރެއިން އެންމެ އެންޓެނާ ޓަވަރެއް ގުޑުވައިލުމަކީ ވެސް މުޅި ރާއްޖޭގެ މުވާސަލާތީ ހިދުމަތްތަކަށް އެކަމުން ވަރަށް ބޮޑު އަސަރުކުރާނެ ކަމެއް ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

Ads by MWSC

މިނިސްޓަރު ޝައުނާ މިހެން ވިދާޅުވި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން، ލިޔުމުން ޖަވާބު ހޯއްދެވުމަށް މިނިސްޓަރަށް ފޮނުއްވި ސުވާލުގެ ޖަވާބުގައެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި މުވާސަލާތީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ޓަކައި ގާއިމްކުރެވިފައިވާ ބޮޑެތި ޓަވަރުތަކަކީ އެ ޓަވަރެއް ގާއިމްކުރެވިފައިވާ ރަށުގެ އިތުރުން، މުޅި ރާއްޖެއަށް މުވާސަލާތީ ހިދުމަތްތައް ދިނުމުގައި ބޭނުންކުރެވޭ އެންޓެނާތަކެއް ކަމަށެވެ. އަދި މި އެންޓެނާތައް ގާއިމްކުރިއިރު، އެ މަސައްކަތްކޮށްފައި ވަނީ ކަމާ ބެހޭ އިދާރާތަކުގެ މަޝްވަރާއާ އެކު، އެކަމަށް ޓަކައި ރަށު އޮފީސް ނުވަތަ ކައުންސިލުން ދޫކޮށްފައިވާ ބިންތަކުގައި ކަމަށެވެ.

"އެހްނެކަމުން އެންޓެނާ ޓަވަރެއް ނަގައިގެން އެހެން ތަނަކަށް ގެންދިއުމަކީ ގޮންޖެހުން ބޮޑުކަމެއް. އަދި އެއީ އެކަމަށް ބޮޑު ހަރަދެއް ވެސް ހިނގާނެ ކަމެއް. މި ދެންނެވި ސަބަބުތަކާ ހުރެ، ހުރިހާ އެންޓެނާ ޓަވަރުތައް މީހުން އުޅޭ ސަރަހައްދުތަކާއި ދުރަށް ޖެއްސުމަކީ މި ވަގުތަށް ކުރެވޭނެ ކަމެއްކަމަށް ނުފެނޭ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވެފައި ވަނީ އެންޓެނާ ޓަވަރެއް މިހާރު މީހުން ދިރިއުޅޭ ސަރަހައްދާއި ދުރަށް ޖެއްސި ނަމަވެސް، ރާއްޖޭގެ ރަށްތައް ތަރައްގީވަމުންދާގޮތަށް ބަލާއިރު، އެ ސަރަހައްދު ވެސް ކައިރި މުސްތަގުބަލެއްގައި އާބާދުވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ. އެންޓެނާ ޓަވަރުތައް އެންމެ ފުރަތަމަ ޖަހައިފައި ވަނީ ވެސް މީހުން ދިރިއުޅޭ ސަރަހައްދުތަކާ ނިސްބަތުން ދުރުވާގޮތަށް ބަލައިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް ރަށްތަކުގެ އުމްރާނީ ތަރައްގީއާ އެކު ބައެއް ޓަވަރުތައް މީހުން ދިރިއުޅޭ ސަރަހައްދުތަކާ ކައިރިވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެންޓެނާ ޓަވަރުތައް ގާއިމްކުރެވިފައި ވަނީ މި ކަންކަމުގެ މައްޗަށް ވަރަށް ބޮޑަށް ރިއާޔަތް ކުރެވިގެން ކަމުގައި ވީ ނަމަވެސް، އެންޓެނާ ޓަވަރަކުން ރައްޔިތުންނަށް އެއްވެސް ގެއްލުމެއް ލިބިދާނެ ކަމަށް ފާހަގަވެއްޖެ ނަމަ، އެ ޓަވަރެއް ވަގުތުން ދުރަށް ޖެއްސުމަށް މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!