ވާހަކަ

އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާރަވަނަ ބައި)

ނައުފާ ، ދެން އޮންލައިން
އިތުރަށް ހަމަ ލޯބި ވެވެނީ
▾ މި ވާހަކައިގެ ޢަދަދުތައް
އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ޓްރެއިލަރ) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފުރަތަމަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދެވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިންވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތަރުވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނުވަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދިހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެގާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސާދަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަނަރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސޯޅަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސަތާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ވިހިވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެކާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައުވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަންސަވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައްބީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެއްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބައްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަހުބައި)

ދެވަނަ ފަހަރަށް ރާޔާގެ ފޯނަށް ރީއާން ގުޅަންފެށީ އެވަގުތުއެވެ. ކަރުނުން ފުސްވެފައިވި ދެލޮލުން ދިއްލެމުންދިޔަ ސްކްރީނަށް އަރައިފައިވި ރީއާންގެ ނަމަށް ރާޔާ ބަލައިލިއެވެ. އެބެލުމުގައިވީ ހިތްތަދިކަމެވެ. ވޭނެވެ. ޝަކުވާއެވެ. ނޭފަތް އެތެރަށް ދަމައިލުމާއެކު ތުރުތުރުއަޅަމުންދިޔަ އަތުން ރީއާންގެ ކޯލު ރާޔާ ބިޒީކޮށްލީއެވެ. އޭނާއާ ކުރިމަތިލާނެ ހިތްވަރެއް ރާޔާގެ ނެތެވެ. ބުނާނެ އެއްޗެއް ނުވަތަ ދައްކާނެ ވާހަކައެއްވެސް އެސިކުނޑިއަކަށް ނުވިސްނުނެވެ. މުށުތެރޭގައިވި ފޯނަށް ބާރުކޮށްލެވުމާއެކު ހުރިދިމާލަށް އޭނާއަށް ތިރިވެވުނީ އިތުރަށް ކެތްނުވެގެން ކަހަލައެވެ. ދުނިޔެ އޭނާއާ މި ކުރިމަތި ކުރުވީ ކޮންފަދަ ވޭންދެނެވި އިމްތިޙާނެއް ހެއްޔެވެ؟

Ads by Hajj Corporation

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. އެނދުގައި އެއްއަރިއަކަށް އޮށޯވެލައިގެން އޮތް ރާޔާއަށް އަދިވެސް ހަމަ ރޮވެނީއެވެ. ހަދާނެގޮތެއް ނުވިސްނި އޭނާގެ ސިކުނޑިވީ ހާސްކަމެއްގެ ތެރޭގައެވެ. ޚާލިދަށް އާނބަސް ދިނެއްކަމަކު އެފަދައިން އަމަލު ކުރާކަށް އޭނާގެ ހިތެއް ނޭދެއެވެ. އެހެނަސް ލޯބިވާ ކޮއްކޮމެންގެ ހައްގުގައި މިއަދު އޭނާއަށް އެކަން ކުރުމަށް މަޖުބޫރެވެ. އޭނާގެ ސަބަބުން އެއިން މީހަކަށް ކުޑަވެސް ގެއްލުމެއް ނުވަތަ ދެރައެއް ލިބޭކަށް ރާޔާ ނޭދެއެވެ. އެހެނަސް އެހިތަށް އިންތިހާއަށް ތަދުވަނީއެވެ. ހަޔާތުގައި ވެވުނު ފުރަތަމަ ލޯތްބާ ދުރަށް ދާން ޖެހޭތީއެވެ. ދެވަނަ ފަހަރަށް އެފަދަ އިހުސާސުތަކެއް އެހެން މީހަކަށްޓަކައި އެހިތުގައި ނުއުފެދޭނެކަން ޔަގީނެވެ. އެދަރަޖައަށް އޭނާގެ ހިތްވަނީ ރީއާން ބަލައިގަނެފައެވެ. ނަމަވެސް ތަޤުދީރުގައި އެމީހުނަށްޓަކައިވީ މުޅިން އެހެން ގޮތެވެ. އެގޮތާ ރުހުންނޫން ގޮތެއް މިއަދު ނެތެވެ. ތުރުތުރުއަޅައިލި ތުންފަތުގައި މަޑުމަޑުން ރާޔާ އަށް ދަތްއަޅައިލެވުނެވެ. ރޯން ބޭނުން ނުވިއަސް ކަރުނަތައް ހުއްޓުވުންވީ ދަތިކަމަކަށެވެ.

ކޮޓަރިއަށް ވެރިވެފައިއޮތް ހަމަހިމޭންކަން ނައްތައިލީ ފޯނުގެ ރިންގްގުގެ އަޑުންނެވެ. ލަސްލަހުން ކުރިމަތީގައިއޮތް ފޯނަށް ރާޔާ ބަލައިލިއެވެ. ގުޅަނީ ރީއާންކަން އެނގުމުން އިތުރަށް އޭނާ ހިތުޖެހޭގޮތް ވިއެވެ. ރީއާނަށް އެހުރިހައި ވާހަކަތަކެއް ކިޔައިދޭނެ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ. އޭނާއާ ކުރިމަތިލާން ނުކެރިގެން ރާޔާ އެއުޅެނީ އެހެންވެއެވެ. އެކަމަކު ކޮންމެވެސް ޖަވާބެއް ރީއާނަށްވެސް ދޭން އެބަޖެހެއެވެ. ހަގީގަތް ހާމަކުރާކަށް އޭނާ އަކަށް ނުކެރޭނެއެވެ. ރީއާން އެދެމެދަށް ވަދެއްޖެނަމަ ޚާލިދު އޭނާއަށް ކޮންމެފަދަ ކަމެއް ކުރާކަށްވެސް ފަހެއް ނުޖެހޭނެކަން މިއަދު އޭނާއަށް ޔަގީންވެއްޖެއެވެ. އެންމެ ރަނގަޅުވާނީ އޭނާގެ ދިރިއުޅުމުން ރީއާން ދުރަށް ދިއުމެވެ. ރީއާނަށްޓަކައި ވެސް އެންމެ ރައްކާތެރިވާނީ އެގޮތެވެ. ހިންދުރުވައިލުމާއެކު ރާޔާ ހަށިފުރާ ނޭވާއެއް ދޫކޮށްލިއެވެ. ކޮންމެވެސް ގޮތަކަށް މިކަން ނިންމަން އެބަޖެހެއެވެ. ލަސްކުރަންވެއްޖެނަމަ އެހިތްވަރުވެސް އޭނާއަށް ނުލިބިދާނެއެވެ.

މަޑު ތުރުތުރެއް އުފެދިފައިވި އަތްތިލަ ހިއްލައިލަމުން ރާޔާ ފޯނު ނެގިއެވެ. ރިންގް ކެނޑުމާއެކު އިރުކޮޅަކު ވިސްނަން އޮވެފައި ރީއާނަށް އޭނާ ކޮށްލީ މެސެޖެކެވެ. ވީ އެންމެ އަވަހަކަށް ބައްދަލުކުރަން ބޭނުންވާކަން ހާމަކޮށްފައެވެ. މާދަމާގެ ކޮންމެވެސް ވަގުތެއް ރީއާން ހަމަޖެއްސުމަށް އޭނާ އެދުނެވެ. ބައްދަލުކުރަން ބޭނުންވަނީ ވަރަށް ހަމަހިމޭން މާހައުލެއްގައިކަން ރާޔާ ބުންޏެވެ. ދެމެދުގައި ދެކެވޭ ވާހަކަތައް އިތުރުބައަކަށް އެނގޭކަށް އޭނާ ނޭދެއެވެ. ހަމަޖެހިގެންހުރެ ރީއާންއާ ވާހަކަދެއްކޭނީ އޭރުންނެވެ. ރާޔާގެ މެސެޖާއެކު ފުލުފުލުން ރީއާންގެ މެސެޖްތައް ލިބެން ފެށިއެވެ. ރާޔާއަށް ވެގެން އުޅޭގޮތެއް ނޭނގި އޭނާ ނުހަނު ކަންބޮޑުވެފައިވާކަން ބުނެދިއެވެ. ވީކީއްތޯ ތަކުރާރުކޮށް އަހައިފައި ހުއްޓެވެ. އެއިން އެއްވެސް މެސެޖަކަށް ރިޕްލައިކުރުމުގެ ގަސްދެއް ރާޔާގެ ނެތެވެ. މުހިންމުކަމެއް ކަމުގައި އެވަގުތު އޭނާ ނުވެސް ދެކުނީއެވެ. ބުނާނެ އެއްޗެއްވެސް ނުވިސްނުނީމައެވެ.

ރޭގަނޑުގެ ގިނަ ވަގުތު ރާޔާ ހޭދަކުރީ ވިސްނާ ފިކުރު ކުރުމުގައެވެ. އަނޫކްއަށްވެސް ތަކުރާރުކޮށް އެތައް މެސެޖެއްކޮށް އޭނާގެ ހާލު ބެލިއެވެ. ޚާލިދުގެ ވާހަކަތަކުން ރާޔާގެ މުޅި ނަފުސުވީ ބިރުވެރިކަމެއްގައި ބަނދެވިފައެވެ. ކިރިޔާ ވަގުތުކޮޅަކަށް ދެލޯމެރުނަސް ޒާތްޒާތުގެ ބިރުވެރި ހުވަފެން ފެންނަނީއެވެ. އަނޫކްއަށް ނުވަތަ ޔުނާލްއަށް ނުވަތަ ރީއާނަށް ކޮންމެވެސް ގެއްލުމެއް ލިބެނިކޮށެވެ. ހަމަނިދި ނުދިނިފައި އެންމެފަހުން އޭނާއަށް އޮންނަންޖެހުނީ ވަރުބަލިކަމެއްގެ ތެރޭގައެވެ. ހެނދުނު ތެދުވިއިރުވެސް އެ މޫނުމަތީގައި އެހެންނާ ހުންނަ ތާޒާކަމާއި އުފައުވެރިކަމެއް ނެތެވެ. ރާޔާ ހުރިގޮތް ފެނުމުން އެންމެ އަސަރުކުރީ ޔުނާލްގެ ހިތަށެވެ. އެކަމުގައި އޭނާއަށް ކޮށްދެވޭނެ ކަމެއް އޮއްތޯ އެކި ގޮތްގޮތަށް ވިސްނިއެވެ. ކިޔެވުން ދޫކޮށްލުމަށްފަހު ޚާލިދު ބުނިފަދައިން އެކައިވެނި ޔުނާލް ކުރަންވީބާއޭ އެތައް ފަހަރު ހިތަށް އެރިއެވެ. ހިތްދަތިވެ ރާޔާ ކުރިމަތީގައިވެސް އެ ވާހަކަތައް ޔުނާލްއަށް ހިއްސާކުރެވުނީ ދޮންތަގެ ހާލުފެނި އިތުރަށް ކެތްނުވުމުންނެވެ. ނަމަވެސް ވަގުތުން އެކަމާ ރާޔާ ދެކޮޅުހެދިއެވެ. އެވަރުގެ ބޮޑު ދެރައެއް އަމިއްލަ އުފަލަށްޓަކައި ކޮއްކޮއަށް ދޭކަށް ހިލާ އޭނާގެ ހިތެއް އެއްބަހެއް ނުވިއެވެ. ދައިސްގެ ގޮތް މާރަނގަޅަށް ނޭނގުނަސް އޭނާގެ ނިޔަތް ރަނގަޅު ނޫންކަން ރާޔާއަށް ޔަގީނެވެ. ކައިވެންޏަށްފަހު ކަންތައްވާނީ ކިހިނަކުންބާއޭ އެވަގުތު އޭނާގެ ހިތަށް އެރިއެވެ. އެދުވަހު އޭނާއަށް ބުނެވުނު ކޮންމެ ބަހެއްގެ ބަދަލު ދައިސް ހިފައިފާނެބާއެވެ. އެމޫނުމަތީގައިވި ނުރައްކާތެރި އަސަރު އޭނާ ދުއްޓެވެ. އެއްގޮތަކަށްވެސް ޔުނާލް އެފަދަ މޮޔަކަމެއް ކުރިއަކަ އޭނާ ނުދޭނެއެވެ. އަމިއްލަ ނަފުސު ޤުރުބާންކުރަން ޖެހުނަސްވެހެވެ.

"ކޮންތާކަށް ދާންވީ.." އޮފީހުން ނުކުމެގެން އައިސް ކާރަށް ރާޔާ އެރުމާއެކު މަޑުމައިތިރި ގޮތަކަށް ރީއާން އަހައިލިއެވެ. "ހަމަޖެހިގެން ވާހަކަ ދައްކާލެވޭނެ ތަނަކަށް.." ދުރަށް ނަޒަރު ހުއްޓައިލައިގެން އިނދެ ރާޔާ ބުނެލިއެވެ. "ރައްޔު.. ކަމެއްވީތަ.. ހާދަ ފާޑަކަށޭ ތިއިންނަނީ.." ރާޔާގެ މޫނުގައި ހިފައި މަޑުމަޑުން އޭނާއާ ދިމާއަށް ރީއާން އަނބުރައިލިއެވެ. ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލަމުން ހަމަޖެހޭގޮތް މޫނުމަތިން ރާޔާ ފައުޅުކޮށްލިއެވެ. އަދި އަވަސް އަވަހަށް ނޫނެކޭބުނެ ދެފަރާތަށް ބޯހޫރައިލިއެވެ. އެއްޗެކޭ ބުނަން އުޅެފައިވެސް ރީއާން ހިމޭންވީއެވެ. ރާޔާ ކޮންމެވެސް ކަމަކާ ވިސްނާހެން އޭނާއަށް ހީވަނީއެވެ. އިރުކޮޅަކު ރާޔާގެ މޫނަށް ބަލަން އިނުމަށްފަހު އޭނާ ކާރު ދުއްވައިލިއެވެ. އޭނާ އައިސް މަޑުކޮށްލީ ތަންކޮޅެއް ކުރިން ރެއަކުވެސް ރާޔާ ގޮވައިގެން އައި ގެ ކުރިމައްޗަށެވެ. ހައިރާންކަމާއެކު ރީއާންއާ ދިމާއަށް ރާޔާ ބަލައިލިއެވެ. "ސޮރީ.. އެރޭގަ ނުބުނެވޭ ދޯ.. މީ އަހަރެން އުޅޭ ގެ.." ފަނޑު ހިނިތުންވުމަކާއެކު ރީއާން ބުނެލިއެވެ. "މީ.. ރީއާންގެ.. ގެތަ.." ސުވާލުއުފެދިފައި އިން ގޮތަކަށް ރާޔާ އަހައިލިއެވެ. އެއާއެކު އޭނާ ލަސްލަހުން ދެފަރާތަށް ބޯހޫރައިލިއެވެ. "ދެން.. ކުއްޔައްތަ މިގޭގަ އުޅެނީ.." އެރޭ ހިތުގައި އުފެދުނު ސުވާލުތައްމަތިން ހަނދާންވެ ރާޔާ އެއްސެވެ. ދެންވެސް ރީއާން ބަދަލުކޮށްލީ ލުއި ހިނިތުންވުމެކެވެ. އެކަމުން ރާޔާއަށް ނެގުނީ މުޅިން ތަފާތު މާނައެކެވެ. އޭނާއަށް ހީވިހީވުމަކީ ރަނގަޅުގޮތް ކަމުގައި ނިންމުނެވެ. އިތުރަށް ސުވާލެއް ނުކުރީ އެހެންވެއެވެ. ރީއާންގެ ފަހަތުންގޮސް ގޭތެރަށް އޭނާ ވަނެވެ. "ހިނގާ ޓެރަހަށް.. މިގަޑީ އެތަން ވަރަށް ހިތްގައިމު ވާނެ.." ރާޔާގެ އަތުގައި ހިފައިލަމުން ރީއާން ބުނެލިއެވެ. ރީއާންގެ އަތުތެރޭން އަތް މިނިވަންކުރަން ބޭނުންވިއަސް އެކަން ކުރާކަށް ރާޔާއަކަށް ނުކެރުނެވެ. އެއްވެސް އެއްޗެއް ބުނުމެއްނެތި ރީއާންގެ ފަސްފަހަތުން އޭނާ ވެސް ކުރިއަށް ހިނގައިގަތެވެ.

ޓެރަހުގެ އެކި ހިސާބުގައި ބަހައްޓައިފައިހުރި ގަސްމުށިތަކުން އެތަނަށް އޮތީ ހިތްގައިމުކަމެއް ވެރިވެފައެވެ. މާހައުލުގައިވީ ތެތްފިނިކަމެވެ. ޖެހިލާ ލުއިލުއި ރޯޅިތަކާއެކު ފަހަތަށް ދޫކޮށްލައިފައިއޮތް ރާޔާގެ ފަން އިސްތަށިގަނޑު ވިހުރިލައެވެ. އެތަންފެނި ރީއާންގެ ހިތަށް ކުރުވީ ބަޔާންކުރަންދަތި އަސަރުތަކެކެވެ. ރީއާންގެ އަތުން އަތްތިލަ މިނިވަންކޮށްލުމާއެކު ރާޔާ އައިސް ހުއްޓިލީ ރެއިލިންގް ކައިރިއަށެވެ. އޭގައި ދެއަތުން ހިފަހައްޓައިލުމާއެކު ދުރަށް އޭނާ ނަޒަރު ހުއްޓައިލިއެވެ. ނުބުންޏެއްކަމަކު ރާޔާގެ ހިމޭންކަމާއި ދުރުކަމުން ރީއާނަށް އުނދަގޫ ކުރުވިއެވެ. މަޑު ހިނގުމެއްގައި އައިސް އޭނާވެސް ރާޔާ ގާތުގައި ހުއްޓިލިއެވެ. އިރުކޮޅެއްގެ ހިމޭންކަމަށްފަހު ރީއާން ވާހަކަދައްކަން ފެއްޓިއެވެ. އޭނާގެ ސުވާލުތައް އަމާޒުވީ ރޭގެ ހާދިސާއާ ގުޅުވާފައެވެ. ރާޔާ އޭނާގެ އެއްވެސް ކޯލަކަށް ޖަވާބުނުދިނީ ކީއްވެތޯ އޭނާ އެއްސެވެ. ބަހެއްވެސް ނުބުނެ ދުރަށް ދެލޯ ހުއްޓައިލިގޮތަށް ގަނޑުވެފައިހުރި މީހަކުހެން ރާޔާ ހުރީއެވެ. އެކަމުން ރީއާނަށް ލިބުނީ ހާސްކަމެވެ. މަޑުމަޑުން ރާޔާގެ ކޮނޑުގައި ހިފައި އޭނާއާ ދިމާއަށް ނުހަނު ލޯބިން އަނބުރައިލިއެވެ. އިސްޖަހައިގެން ހުއްޓެއްކަމަކު ރާޔާގެ މޫނަށް ފުންނަޒަރަކުން ރީއާން ބަލައިލިއެވެ. ކަމެއް ދެނެގަންނަން ބޭނުންވެފައިހުރި މީހަކު ފަދައިންނެވެ. ރާޔާގެ ހިމޭންކަމުން މާނަކުރަންވީ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ. އެކުޑަ ދަތްދޮޅީގައި ހިފައި ރީއާން ގަދަކަމުން ކަހަލަ ގޮތަކަށް ރާޔާގެ އިސްއުފުލައިލިއެވެ. ހަތަރުކަޅި ބައްދަލުވުމާއެކު ރާޔާގެ ހިތަށް ކުރުވީ ބަޔާންކުރަންދަތި އިހުސާސެކެވެ. ހިތުގެ ތެޅުން އިންތިހާއަށް އަވަސްވެލިއެވެ. ހިތުގައި ރިއްސައިލީ ކެތްނުވާވަރަށެވެ. ރޮވިދާނެހެން ހީވުމުން ރާޔާ ނަޒަރު ވަކިކޮށްލީއެވެ. ވަރަށް ހިތްވަރުކޮށްގެން ނޫނީ އޭނާގެ ނިންމުމާ އެއްގޮތަށް އެއްވެސްކަމެއް ކުރިއަށް ނުދާނެއެވެ.

"ރައްޔު.. ކަމެއްވީތަ.. ބުނެބަލަ.. އަހަންނާ ވާހަކަ ދައްކަބަލަ.. ވަޓްސް ރޯންގް.." ރާޔާގެ ކޯތާފަތުގައި ލޯބިން ފުރިގެންވީފަދަ ގޮތަކަށް ފިރުމައިލަމުން ރީއާން އަހައިލީ އޯގާތެރިކަމާއެކުއެވެ. ރާޔާއަށް ކިތަންމެ ކުޑަވިއަސް ގެއްލުމެއް ލިބޭކަށް އޭނާ ނޭދެއެވެ. ލަސްހަރަކާތަކާއެކު ރީއާންގެ އަތްތިލަ އޭނާގެ މޫނާ ދުރުކޮށްލަމުން ރާޔާ ޖެހިލީ ފަހަތަށެވެ. ރާޔާގެ އެއަމަލުން ސުވާލުއުފެދިފައި ރީއާންއަށް ހުރެވުނީއެވެ. ފުންނޭވާއެއް ފަޒާއަށް ދޫކޮށްލުމާއެކު ރީއާނަށް ފުރަގަސްދެމުން ފަހަތަށް ރާޔާ އެނބުރުނެވެ. ދައްކަން ބޭނުންވާ ވާހަކަތައް ރީއާނާ ކުރިމަތިލައިގެންހުރެ ނުދެއްކިދާނެހެން ހީވުމުންނެވެ.

"ރީއާން.. އަހަރެން.. އަހަރެން މިއުޅެނީ ވަރަށް އަވަހަށް.. މީހަކާ އިންނަން.." ހިތްވަރުކޮށްފައި ރާޔާ ބުންޏެވެ. ކުރިއަށް ފިޔަވަޅެއް އަޅައިލި ރީއާނަށް ލިބުނު ސިހުމުގައި ހުރި ފިޔަވަޅުމަތީގައި މަޑުޖެހިލެވުނެވެ. އިވުނު ވާހަކަތައް ގަބޫލުކުރަން ދަތިވެ އޭނާގެ ނިތަށް ރުއަރައިގެން ދިޔައެވެ.

"ވަޓް.." ހަރުކަށި ގޮތަކަށް އޭނާއަށް ބުނެވުނީ ރާޔާގެ އަތުގައި ހިފައި އޭނާއާ ދިމާއަށް އަނބުރައިލަމުންނެވެ.

* * * * *

ވާހަކަ އެހިސާބުން މެދުކަނޑައިލަމުން ޖީލާން ފުންނޭވާއެއް ދޫކޮށްލިއެވެ. ހިނދުކޮޅަކަށް ސިޓިންގްރޫމް ތެރަށް ހިމޭންކަން ވެރިވިއެވެ. ބަހެއްވެސް ނުބުނެ ކޮންމެ މީހަކުވެސް އިނީ އަމިއްލަ ފިކުރަކަށް ގެއްލިފައި ކަހަލައެވެ. ފެންކަޅިވެފައިވި ދެލޮލުން ޖީލާންއަށް ބަލައިލެވުނީ ސަމަދުގެ މޫނަށެވެ. އޭރު އޭނާގެ ތޫނު ނަޒަރުވެސްވީ ޖީލާންއާ އަމާޒުވެފައެވެ. އިވުނު ވާހަކަތައް ގަބޫލުކުރަން އުނދަގޫވެފައި އޭނާ އިނެވެ. ހީވެސްނުކުރާފަދަ ގޮތަކަށް ރާޔާއަށް މަޖުބޫރުވުމުންނެވެ. އެފަދަ ކަމެއް ދިމާވެދާނެކަމަށް ކުޑަކޮށްވެސް އޭނާއާއި ރީއާނަށް ވިސްނައިނުލެވުނީ ކީއްވެހެއްޔެވެ؟ ރީއާންގެ ވާހަކަތައް ގަބޫލުކޮށް އިތުރަށް އެކަން ހިނގައިދިޔަ ގޮތް އޮޅުންފިލުވަން އޭނާއަށް ނޫޅެވުނީ ކީއްވެހެއްޔެވެ؟ އޭރު ޖީލާން އާދޭސްކުރުމުންވެސް އޭނާގެ ވާހަކަތައް އަޑުއަހައިނުލެވުނީ ކީއްވެބާއެވެ. އެހެންނޫންނަމަ އެހުރިހައިކަމެއް ގޯހުން ގޯހަށް ނުދަނީސް ކޮންމެވެސް ގޮތަކުން ހައްލުކުރެވުނީހެވެ.

"އެ ދުވަހު ރީއާން އުޅުނީ ރާޔާއަށް ހުރިހާ ހަގީގަތެއް އަންގައިދޭން.. އޭނާ އަކީ ކާކުކަމާ، ކޮން އާއިލާއަކުން އައިސްފައިހުރި މީހެއްކަން.. އަހަރެން ނުބުންޏަސް މިހާރު ރީއާންއަކީ ކޮންފެންވަރެއްގެ ކާކުކަން ޖީލާނަށް އެނގޭނެ ކަންނޭގެ.. ކުރީގަ ލޯބީގެ ގޮތުން ރީއާން ގުޅޭ ކޮންމެ އަންހެންކުއްޖަކަށް ފެންނަނީ އޭނާގެ މުއްސަނދިކަން އެކަނި.. ގުޅެނީ ހަމައެކަނި އެ ބޭނުމު.. އެހެންވެ އޭރު ރާޔާއާ ދިމާވުމުން އެއިން އެއްވެސް ހަގީގަތެއް އަންގަން ރީއާން ބޭނުންނުވީ.. އޭނާ ބޭނުންވީ ރާޔާ ލޯބިވާނަމަ ހަމައެކަނި އޭނާދެކެ ލޯބިވާން.. އެމުއްސަނދިކަންފެނި ރާޔާ ހެއްލިދާނެތީ ރީއާން ކަންބޮޑުވީ.. އެހެނަސް ފަހުން އޭނާއަށް ގަބޫލުކުރެވުނު އޭނާ ކޮންމެ ސިފައެއްގެ ކޮންމެ ގިންތިއެއްގެ މީހަކަށްވިއަސް ރާޔާ އޭނާދެކެ އިންތިހާއަށް ލޯބިވާނެކަން.. އެހެންކުދިންނާ ރާޔާ ތަފާތުކަން.. އޭނާއަކީ މުއްސަނދިކަމުގެ ދަޅާގަ ޖެހިދާނެ ކުއްޖެއްނޫންކަން.. ހުރިހާކަމެއް ރާޔާއަށް އޮޅުވައިނުލާ ކިޔައިދޭން އޭނާ ނިންމީ އެހެންވެ.. އެދުވަހު.. ރީއާން ދަމުން ބުނި.. އޭނާ ރާޔާގެ ކިބައިން ކައިވެންޏަށް އެދެން ބޭނުންވާކަމަށް.. ރާޔާ އެއްބަސްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް.. އޭނާ އެދެފިކަމަކަށް މައިންބަފައިން ވެސް ހުރަސްނާޅާނެކަމަށް.. ޗުއްޓީ ނިންމާފަ އެނބުރި ދާން ބޭނުންވަނީ ކައިވެންޏަށް ރާޔާގެ ކިބައިން އާނބަސް ހޯދައިގެންކަމަށް.. އަދި އެނބުރިގޮސް އާއިލާއާ އެކުގައި އެނބުރި ރާޔާ ބަލައިއަންނާން.. އެކަމަކު.. އެދުވަހު.. ހަލާކުވެދާނީ އޭނާގެ ހިތްކަން ރީއާނަށް އޭރު ނޭނގުނީ.. ފުނޑުފުނޑުވެ ބިމާ ހަމަވެގެންދާނީ އޭނާ ބިނާކުރަމުންއައި ގަނޑުވަރުކަން ނުވިސްނުނީ.. އެއިން އެއްވެސް ވާހަކައެއް ނުދެއްކެނީސް.. ރާޔާ.. އެހެންމީހަކާ އިންނަން އުޅޭ ވާހަކަ ހާމަކުރީ.." ބަސްހުއްޓިފައި އޭނާއަށް ބަލަން އިން ޒައިވާ އާއި އަނޫކްގެ އިތުރުން ޖީލާނަން ބަލައިލަމުން ސަމަދު ބުނެލިއެވެ. އެއަޑުގައިވި މަޑުމޮޅިކަމުން ޒައިވާގެ ހިތަށްވެސް ތަދުވިއެވެ. ރީއާނަށް އެދުވަހު ކުރެވޭނެ އިހުސާސުތަކާމެދު ފިކުރު ހިންގައިލެވުމުން އޭނާގެ ދެލޯފެންކަޅިވާގޮތް ވިއެވެ. ލިބިފައިވެސް އެލޯބި އަތުން ބީވުމަކީ ހާދަހައި ވޭން ހުރި ކަމެކެވެ. އެކަން އެކަކުވެސް އޭނާއަށް ބުނެދޭކަށް ނުޖެހޭނެއެވެ. ޚުދު އެހިތަށްވެސް މިހާރު ކުރެވެމުންދަނީ އެވޭންދެނިވި އިހުސާސެވެ.

(ނުނިމޭ)

  1. ހައިމް

    އިތުރަށް ހަމަ ލޯތްބޭ ވެވެނީ..

  2. ވަރަށް ރީތި

  3. 74747474

    37373773737377374774447777