ވާހަކަ

އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެކާވިސްވަނަ ބައި)

ނައުފާ ، ދެން އޮންލައިން
އިތުރަށް ހަމަ ލޯބި ވެވެނީ
▾ މި ވާހަކައިގެ ޢަދަދުތައް
އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ޓްރެއިލަރ) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފުރަތަމަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދެވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިންވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތަރުވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނުވަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދިހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެގާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސާދަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަނަރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސޯޅަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސަތާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ވިހިވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެކާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައުވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަންސަވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައްބީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެއްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބައްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަހުބައި)

ގެ ހުންނަ ހިމަގޯޅިއަށް އެޅިތަނާހެން އައިނައި ތަނެއް ނޭނގި ފަހަތުން މީހަކު އޭނާގެ އަތުގައި ހިފައި އަނބުރައިލުމާއެކު އެހިސާބުގައި ހަދަން ފަށައިފައިހުރި ގެއެއްގެ ތެރަށް ދަމައިގަތެވެ. ހަޅޭއްލަވައިގަންނަން އަނގަހުޅުވައިލި ވަގުތު އެމީހަކު ރާޔާގެ އަނގަމަތީގައި އަތް އަޅަމުން އަޑު ބޭރުނުވާނޭހެން ހިފަހައްޓައިލިއެވެ. އެމީހެއްގެ އަތުން ރާޔާއަށް ދުވީ ދަންނަ ވަހެކެވެ. ދުވަހަކުވެސް އޭނާގެ ހަނދާނުން އެވަސް ފިލައިގެން ނުދާނެއެވެ. ދެލޯބޮޑުކޮށްލެވުމާއެކު ހާސްވެފައި އޭނާއަށް ތެޅިގަނެވުނީ އެހެންއެވެ. މުޅި ނަފުސު ހިސާރުކުރި ބިރުވެރިކަމެއްގެ ސަބަބުންނެވެ. އޭރު ބޮޑުވެފައިހުރި ދެލޮލަށް ބޭއިޚުތިޔާރުގައި ކަރުނަތައް ޖަމާވެގަނެފިއެވެ.

Ads by STELCO

"ރައްޔު.. މަގޭ ލޯބިވާ ރައްޔު.." ރާޔާގެ ކަންފަތާ ގާތްވެލަމުން އެމީހަކު ގޮވައިލިއެވެ. އަދި ރާޔާގެ އަނގަމަތީގައި އަޅައިގެން ހުރި އަތް ނޫން އަނެއް އަތުން ރާޔާގެ ކޮނޑުންފެށިގެން ތިރިއަށް އަތްހިންގައިލިއެވެ. ކަންފަތުގައި ދައިސްގެ އަޑު ޖެހުމާއެކު ރާޔާ ވަކިން ބޮޑަށް ތެޅިގަތެވެ. ލެވުނުހައި ބާރެއް ލައިގެންވިއަސް ދައިސްގެ އަތްދަށުން ސަލާމަތްވުމަށެވެ. އޭރު އޭނާގެ ހިތް ރޯމަހެއް ތެޅޭހެން ތެޅެމުންދިޔައެވެ. ރާޔާއަށް ވަމުންދިޔަގޮތް ފެނި ދައިސްގެ ތުންފަތުގައި ދުވެލީ ނުލަފާ ހިނިތުންވުމެކެވެ. މާކުރިންވެސް އޭނާ ފެނިއްޖެނަމަ ރާޔާގެ އަމަލުތައް ހުންނާނީ އެފަދައިންކަން އޭނާއަށް އެނގެއެވެ.

"އަދިވެސް ހީކުރީ އަހަރެންވީ ޖަލުގަ ކަމަށް ދޯ.. އެހެންވެ ދޯ މާ މިނިވަންކޮށް ތިއުޅެނީ.. އަހަރެން ނުބުނަންތަ ދިރިހުރިހައި ހިނދަކު އަހަރެންގެ އަތްދަށުން ކަލޭ ސަލާމަތެއް ނުވާނޭ.. ހާދަ އަވަހަށޭ ދޯ އަހަރެން ދައްކާ ވާހަކަތައް ހަނދާންނައްތާލަނީ.." ރާޔާގެ އަތުގައި ހިފައި ލުއްކެތް ޖަހަމުން އޭނާއާވީ ދިމާއަށް ދައިސް އަނބުރައިލިއެވެ.

"ހަމަ މިހާރު އަހަރެންގެ ގައިން ދޫކޮށްލާ.. އަހަރެންމީ މިހާރު ކަލޭގެ އަނބިމީހާއެއް ނޫނޭ ހިތަށް އެރިހާގޮތެއް ހަދާކަށް.." އަނގަމަތިން ދައިސް އަތް ނެގުމުން ދަތްކުނޑި ވިކައިލައިފައި ރާޔާ ބުންޏެވެ. އެއާއެކު ދައިސް ލާނެއް ގޮތަކަށް ހިނިތުންވެލިއެވެ. "އަހަރެންގެ އަނތްބަކަށް ނުވިއަސް، ދެންވެސް ހަދާނީ ހަމަ އަހަރެން ބޭނުންގޮތެއް.. ކަލޭ ޖެހޭނީ ކެތްކޮށްގެން ހުންނަން.." ރާޔާއާ އިތުރަށް ގާތްވެލަމުން ދައިސް ބުނެލީ އިންޒާރެއް ފަދައިންނެވެ.

"ކޮބާ އަހަރެންގެ ދަރިފުޅު.. އަހަރެން އެކުއްޖާ ބޭނުން.." އެއްޗެއް ނުބުނެ ރާޔާ ހިމޭންވުމުން ދައިސް އަހައިލިއެވެ. އެއަޑު އިވިފައި ރާޔާއަށް ލިބުނީ ސިހުމެކެވެ. ދުވަހަކުވެސް ދައިސްގެ ދުލުން އެހެން ބުނެފާނެކަމަށް އޭނާ ހިއެއްނުކުރެއެވެ. ހިތަށް ބިރުވެރިކަންވަނީ ޔުމްނު ބޭނުންވާ ވާހަކަ އޭނާ ބުނުމުންނެވެ. ދައިސް ބޭނުންވެއްޖެ ކޮންމެ ކަމެއް ކޮންމެ ގޮތެއް ހަދައިފައިވިއަސް އޭނާ ކުރާނެއެވެ. ޖެހިލުންވީވަރުން ރާޔާއަށް ހިންދިރުވައިލެވުނެވެ. އެހެނަސް ދައިސްގެ ކުރިމަތީ އޭނާގެ ހިތުގައިވީ ބިރުވެރިކަން ފައުޅުކޮށް ބަލިކަށިވާކަށް އޭނާ ނޭދެއެވެ. އެހެންވެއްޖެނަމަ އެކަމުގެ ނާޖާއިޒް ފައިދާ ދައިސް ނަގާނެކަން ކަށަވަރެވެ.

"އެއީ ކަލޭގެ ދަރިއެއްނޫން.. އެނގިއްޖެ.. އެއީ ކަލޭގެ ދަރިއެއް ނޫނޭ.. ދުވަހަކުވެސް ކަލޭގެ ދަރިއަކަށް ނުވާނެ.. އެއްގޮތަކުންވެސް ނުވާނެ.." އަޑަށް ބާރުލަމުން ރާޔާ ބުނެލިއެވެ. އެދެލޮލުގައިވި ވިދުވަރުފެނިފައި ދައިސްއަށްވެސް ލިބުނީ ހައިރާންކަމެވެ. އޭނާގެ މަގުސަދަކަށްވީ ރާޔާ ބިރުގެންނެވުމެވެ. އެހެނަސް އެފަދަ އެއްވެސް އަސަރެއް މިހާރު އެއަންހެންކުއްޖާގެ ފުށުން ފައުޅުވާން ނެތުމުން ހިނދުކޮޅަކަށް ބުނާނެ އެއްޗެއްވެސް ދައިސްއަކަށް ނުވިސްނުނެވެ. "ތިވައްތަރަށް ދެވަނަ ފަހަރަށް އަހަންނާ ވާހަކަ ނުދައްކައްޗޭ.. އަދިވެސް އަހަރެންގެ އަތުން ބޮވުނު ބޮނޑި ކުޑަކަމުންތަ ތިއުޅެނީ.. ނޫނީ އިތުރު އަނިޔާތަކެއް ލިބެން ބޭނުންވަނީތަ.. ކަލެއަށް ވިސްނޭނީ އެދަރީގެ ފުރާނަވެސް އަހަރެން ޖަހާގަތީމަ ދޯ.." ރާޔާގެ ކޮލުގައިހިފައި ފިތައިލަމުން ދައިސް ވެސް ހަލޭއްލަވައިގަތެވެ. އިހުސާސު ކުރެވުނު ތަދާއެކު ރާޔާއަށް ރޮއެގަނެވުނެވެ. ދައިސްގެ އަތްދަށުން ސަލާމަތްވުމަކީ އޭނާ ހީކުރާހައި ފަސޭހަކަމެއް ނޫނެވެ. އެހެނަސް މިއަދު ދައިސްއަށް އެންމެ ތަންފުކެއްވެސް ދޫކުރާކަށް ރާޔާ ބޭނުމެއްނުވެއެވެ. ލައްކަ ދުވަހު އެއަނިޔާވެރިޔާގެ އަނިޔާތަކަށް އޭނާ ކެތްކޮށްފިއެވެ. ދެން އެންމެ ހިނދުކޮޅަކުވެސް ކެތްކުރުމަކީ އޭނާއަށް ވާނެކަމެއް ނޫނެވެ. ދައިސްގެ މޭގައި ދެއަތް ވިއްދައިލުމަށްފަހު ގައިހުރި ބާރެއް ލައިފައި ފަހަތަށް ރާޔާ ކޮށްޕައިލިއެވެ. ނުވިސްނައިހުރި ދައިސް މަޑުމަޑުން ފަހަތަށް ޖެހިލުމާއެކު އޭނާގެ އަތްދަށުން ރާޔާ ދެމިގަތެވެ. އެހުރި ފިޔަވަޅުމަތީގައިހުރެ ދައިސް ޖަހައިލީ ހިނިގަނޑެކެވެ.

"ޖަލުން މިނިވަންވީއްސުރެ އަހަރެން މިއަންނަނީ ރާޔާއަށް ފާރަލަމުން.. ޔުމްނު.. ހޫމް.. އެކުއްޖާ ވައްތަރީ އަހަންނާ ދޯ.. އަހަރެން މީ އެކުއްޖާގެ ބައްޕަ ވިއްޔަ.. އެކަކު ގަބޫލު ނުކުރިއަސް އެ ހަގީގަތް ބަދަލެއް ނުވާނެ.. އަހަންނަށްވެސް އަހަރެންގެ ދަރިފުޅާއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު އޮންނަންވާނެ.. ނޫންތަ.. އެނީވޭސް.. އަހަރެން މިއަދު މިއައީ ހަމައެކަނި މިވާހަކަތައް ބުނެލަން.. އެކަމަކު ހީނުކުރައްޗެ އަހަރެން މަޑުމަޑުން ދުރުގަ ކުޅިބަލަން ހުންނާނޭ.. ކޮންމެ ކަމެއްގެ ބަދަލު ހިފާނަން.. އަހަރެން ބުނީމެއްނު.. ޖަލުން މިނިވަންވި ދުވަހަކުން އެންމެ ފުރަތަމަވެސް ބައްދަލު ކުރާނީ ރާޔާއާއޭ.. އަހަރެން އެދުވަހު ވީ ވަޢުދު ފުދިއްޖެ.. ދެންވީ ވަޢުދުތައްވެސް ފުއްދާނަން.. ދެންވެސް ބަލިގަބޫލުކޮށް އަހަރެންގެ ކުރިމަތީގަ އަމާންދޭން ޖެހޭނީ ހަމަ ކަލޭ.." ރާޔާއާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ދައިސް ބުނެލިއެވެ. ގުޑިލަންވެސް ހަނދާންނެތިފައި ރާޔާ ހުރީއެވެ. މަލާމާތުގެ ހިނިތުންވުމެއް ރާޔާއަށް ހަދިޔާކޮށްލުމަށްފަހު އެތަނުން ނުކުންނަން ދައިސް މިސްރާބު ޖެހިއެވެ. ރާޔާއަށް ހޭވެރިކަންވީ އޭގެ އިރުކޮޅެއްފަހުންނެވެ. ކަންފަތްބުޑުގައި ހުއްޓުމެއްނެތި ދައިސްގެ ބަސްތައް ގުގުމަމުންދިޔައިރު އެހެން އެއްވެސް އަޑެއް އޭނާއަށް ނީވޭފަދައެވެ. ފަޔަށްލެވުނުހައި ބާރެއް ލައިފައި އެގެއިން ނުކުންނަން ރާޔާ ދުއްވައިގަތެވެ. އޭރު ހުއްޓުމެއްނެތި އޭނާއަށް ރޮވެމުންދިޔައެވެ. މަޑުމަޑުން ޔުމްނުގެ ނަން ތަކުރާރުކޮށް އެދުލުން ބޭރުވަމުން ދިޔައެވެ. ޔުމްނު ގާތަށް އަވަހަށް ދާން ބޭނުންވެފައި ވީވަރުން ރާޔާ މަގުމައްޗަށް ނުކުތީ ދެފަރާތަށް ބަލައިލުމެއްވެސް ނެތިއެވެ. އެވަގުތު އެދިމާލުން އައި ކާރެއްގައި ޖެހިފައި އޭނާ ހުރިދިމާއަށް ވެއްޓުނެވެ.

ކާރުގައި އިން ރީއާނަށް ލިބުނީ ސިހުމެވެ. އަވަސް އަވަހަށް ސީޓް ބެލްޓް ނައްޓައިލުމާއެކު ދޮރުހުޅުވަމުން އޭނާ ނުކުތެވެ. އަވަސް ފިޔަވަޅުތަކެއްގައި އައިސް އެއްވެފައިތިބި މީހުންތައް ކުޑަކޮށް ދުރުކޮށްލަމުން އޭނާ ބަލައިލިއެވެ. އުޅަނބޮށީގައި ހިފަހައްޓައިލައިގެން ކޮޅަށްހުރި ރާޔާ ފެނިފައި އޭނާއަށް އެދިމާލަށް ދެވުނު ގޮތްވެސް ނޭނގުނެވެ. ރާޔާ ގާތުގައި ހުރި މެދު އުމުރުގެ އަންހެންމީހާ ދުރުކޮށްލަމުން އޭނާގެ އަތުގައިހިފައި ރީއާނާ ދިމާއަށް އަނބުރައިލިއެވެ. އޭރުވެސް މޮޔަވެފައިހުރި މީހަކު ފަދައިން ހުއްޓުމެއްނެތި ރާޔާ ދިޔައީ ޔުމްނުގެ ނަން ކިޔަމުންނެވެ.

"ރައްޔު.. އާރ ޔޫ އޯލްރައިޓް.." ރާޔާގެ ދެކޮނޑުގައި ހިފައި އެދެލޮލަށް ބަލައިލަމުން ރީއާން އަހައިލީ ހާސްވެފައި ހުރެއެވެ. ރީއާންއާ ހަތަރުކަޅި ހަމަވުމާއެކު ރާޔާގެ ދެލޮލުގައި ބޮނޑިވެފައިވި ކަރުނަތައް އޭގެ މަގާމު ދޫކޮށް އޮހިގެންފިއެވެ. އިތުރު އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ދެން ފެނުނީ ރާޔާގެ ހަށިގަނޑުން ވަރުދޫވެ ރީއާންގެ އަތުތެރަށް ވެއްޓުނު ތަނެވެ. ކަންބޮޑުވީވަރުން ރާޔާގެ މޫނުގައި އަތުން މަޑުމަޑުން ޖަހައިލަމުން ރީއާން ގޮވައިލިއެވެ. "އެމަންޖެ ޚަބަރު ހުސްވީހެން ހީވަނީ.. އަވަހަށް ހޮސްޕިޓަލަށް ގެންދަންވީނު.." ރާޔާ ގާތުގައިހުރި އަންހެން މީހާ ބުނެލިއެވެ. ބޯޖަހައިލަމުން އަތްދަނޑިމައްޗަށް ރާޔާ އުފުލައިލުމާއެކު ރީއާން ދުއްވައިގަތެވެ. އެއްވެފައިތިބި މީހުންގެ ތެރެއިން މީހަކު ކާރުގެ ފަހަތު ދޮރުހުޅުވައިދިނުމުން އޭނާއަށް ޝުކުރުއަދާކޮށްފައި ސީޓްތައް މަތީގައި ރާޔާ ބާއްވައިލިއެވެ. އަދި އަވަސް ހިނގުމެއްގައި އައިސް ކާރަށް އަރަމުން އޭނާ ދުއްވައިލީ އެންމެ ކައިރީގައިހުރި ހޮސްޕިޓަލާ ދިމާއަށެވެ.

އެމަރޖެންސީ ރޫމަށް ރާޔާ ވެއްދުމުން އެތާގައިހުރި ގޮނޑިބަރިން ގޮނޑިއެއްގައި ރީއާން އިނށީނެވެ. އަދި ހަށިފުރާ ނޭވާއެއް ދޫކޮށްލަމުން މޫނުގައި އަތްހިންގައިލިއެވެ. "ހަދަން ފަށާފަހުރި ގެއަކުން ދުވެފަ ރައްޔު ނުކުތީ ކީއްވެބާ.. އަނެއްކާ.. ރައްޔުއަށް.. ކަމެއްވީތަ.. ވަޓް ވޯޒް ޝީ ސެއިންގް.. ޔުމްނު.. އާން.. އެއީ ރައްޔުގެ ދަރިފުޅުގެ ނަން.. އެކަމަކު.. ކީއްވެބާ ތަކުރާރުކޮށް އެނަން ކިޔަމުންދިޔައީ.. ސަމްތިންގް އިޒް ނޮޓް ރައިޓް.." ތުނިކޮށް ފަޅައިފައިހުރި ތުނބުޅީގައި އަތްހިންގައިލަމުން ރީއާން ވިސްނައިލިއެވެ. ފިކުރުތަކަށް އިރުކޮޅަކު ގެއްލި އިނދެފައި ލައިގެންހުރި ޖިންސްގެ ޖީބުން ފޯނު ނަގައި ސަމަދަށް ގުޅައިލިއެވެ. ވެގެންއުޅޭގޮތް އޭނާ ކިޔައިދިނުމުން މިދަނީކަމަށްބުނެ ސަމަދު ކޯލު ކުރުކޮށްލީއެވެ. ޖީލާންއަށް ގުޅައި އެޚަބަރު ދިނުމަށްފަހު ސަމަދު އަވަސްވެގަތީ ރީއާން ބުނި ހޮސްޕިޓަލަށް ދިއުމަށެވެ. ސަމަދުގެ ފުށުން ޒައިވާއަށް ވެސް އެކަން އެނގުމާއެކު އޭނާވެސް ދާނަންކަމުގައި ޒައިވާ ބުނެލިއެވެ. އަދި ކާރުގައި ދިޔަ މަގުމަތީ އަނޫކްއަށް ގުޅައި އޭނާއަށް އެޚަބަރު ލިބުނުތޯ ޒައިވާ ބެލިއެވެ.

ދުވެފައިކަހަލަ ގޮތަކަށް އެދިމާއަށް އައި މީހުނަށް ބަލައިލަމުން ރީއާން ނިތްއަރުވައިލިއެވެ. ސަމަދަށް އެޚަބަރު ދިނަސް އޭނާ ހުރިހާ އެންމެން ގޮވައިގެން އަތުވެދާނެކަމަށް ފަހަރެއްގައިވެސް ރީއާން ހިއެއްނުކުރެއެވެ. ނަމަވެސް އެކަމާ ވިއްދައި އޭނާ އެއްވެސް އެއްޗެއް ނުބުންޏެވެ. އެއީ ރާޔާގެ ގާތްމީހުންކަން އޭނާއަށް އެނގޭތީއެވެ. ކޮންމެވެސް ވަރަކަށް ކަންތައްވީގޮތް ރީއާން އެންމެނަށް އޮޅުންފިލުވައި ދިނެވެ. އެންމެންވެސް ރާޔާގެ ޚަބަރެއްގެ އިންތިޒާރުގައި ގޮނޑިތަކުގައި އިނށީދެލިއެވެ. އޭރު ކޮންމެ މީހެއްގެ މޫނުގައިވެސްވީ ހާސްކަމެވެ.

އެމާރޖެންސީ ރޫމްއިން ޑޮކްޓަރު ނުކުތުމާއެކު އެންމެ ފުރަތަމަވެސް އެދިމާއަށް ދިޔައީ ރީއާނެވެ. ރާޔާގެ ހާލު އޭނާ އޮޅުންފިލުވިއެވެ. ހިނިތުންވެލަމުން އެކްސިޑެންޓްގެ ސަބަބުން ރާޔާއަށް އެއްވެސް އަނިޔާއެއް ނުވާކަމުގައި ޑޮކްޓަރު ބުނެލިއެވެ. އަދި އޭނާ ހޭނެތުނީ މާބޮޑަށް ހާސްވެގެންކަމުގައި އޮޅުންފިލުވައިދިނެވެ. ވަރަށް އަވަހަށް ރާޔާ ވާރޑަށް ބަދަލުކުރެވޭނެކަމާއި ގުޅައިފައިހުރި އައިވީ ހުސްވުމުން ގެއަށް ދޫކޮށްލެވޭނެކަމުގައި ޑޮކްޓަރު ބުނެލީ ރީއާންގެ ކޮނޑުގައި މަޑުމަޑުން ޖަހައިލަމުންނެވެ. ކަންބޮޑުވާންވީ އެއްވެސްކަމެއް ނެތްކަން އެނގުމުން އޭނާގެ ހިތަށް ލިބުނު ހަމަޖެހުމުގައި ﷲ އަށް ޙަމްދުކޮށްލެވުނެވެ.

ރީއާން އުޅުނުގޮތްފެނި ޒައިވާއަށް ތުންފިއްތައިލަމުން އިސްޖަހައިލެވުނެވެ. ނުބުންޏަސް އަދިވެސް އެހިތުގައި ރާޔާއަށްޓަކައި ފުންލޯތްބެއް ވާކަން އޭނާއަށް މިއަދު ޔަގީންވެއްޖެއެވެ. އަމިއްލަ ނަސީބާ މެދުގައި އޭނާއަށް ޝަކުވާކުރެވުނީ ބޭއިޚުތިޔާރުގައެވެ. ރީއާންގެ ދިރިއުޅުމުން ދުރައްދާންވީތޯ އަމިއްލަ ނަފުސާ ތަކުރާރުކޮށް ސުވާލުކޮށްލެވުނެވެ. މަޑުމަޑުން ދެއަތް ޖޯޑުކޮށްލެވުމާއެކު އޭނާއަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ.

ވާރޑަށް ބަދަލުކުރިތާ އިރުކޮޅެއްފަހުން ރާޔާ ހޭއެރިއެވެ. ސިއްސައިގެންގޮސްފައި އޭނާ ތެޅިގަތީ އެނދުން ފޭބުމަށެވެ. އެވަގުތު އެނދާ އެންމެ ކައިރީގައިހުރި ގޮނޑީގައި އިން ރީއާން، ތެދުވަމުން ރާޔާގެ ދެކޮނޑުގައިހިފައި ބާރުކޮށްލިއެވެ. އަދި އޭނާ ގާތްކޮށްލުމާއެކު މަޑުމަޑުން މޭގައި ލައްކޮށްލިއެވެ. އޭނާގެ ބުރަކަށީގައި ފިރުމައިލަމުން ރީއާން މަސައްކަތްކުރަމުން ދިޔައީ ރާޔާ ހަމައަކަށް އެޅުވުމަށެވެ. "ޝްޝްޝް.. އިޓްސް އޯކޭ ރައްޔު.. ޔޫ އާރ ފައިން.. ރިލެކްސް.." ރާޔާއާ އެއްހަމައަކަށް ވާނޭހެން ތިރިވެލަމުން ރީއާން ބުނެލީ ނުހަނު އޯތާތެރިކަމާއެކުއެވެ. ކަންފަތުގައި އެއަޑު ޖެހުމާއެކު ރާޔާގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. ރީއާންގެ މޫނަށް އޭނާއަށް ބަލައިލެވުނީ ގަބޫލުނުކުރެވިފައި އިންފަދަ ގޮތަކަށެވެ. "ކާމް ޑައުން.. ރައްޔުއަށް ނަސީބަކުން އެއްވެސްކަމެއް ނުވޭ.. ޑޮކްޓަރ ބުނީ އައިވީ ފުޅި ހުސްވީމަ ގެއަށް ފޮނުވަދޭނަމޭ.. އޭގެ ކުރިން ހިނގާ އެއްޗެއް ކާލަން ދޯ.. ރައްޔު ވަރަށް ބޮޑަށް ވަރުދެރަވެފަ އޮތް ވާހަކަވެސް ޑޮކްޓަރ ބުނި.. ސީ.. އަހަރެން އެހުރީ ރައްޔުގެ ފޭވްރިޓް ގެނެސްފަ.." އެނދުގެ އެއްއަރިމަތީގައިހުރި ކޮތަޅަށް އިޝާރާތްކޮށްލަމުން ރީއާން ހިނިތުންވެލިއެވެ. ބަހެއްވެސް ނުބުނެ ރާޔާ އިނީއެވެ. ހަގީގަތުގައި ރީއާންގެ އަމަލުތައްފެނި ބުނާނެ އެއްޗެއްވެސް އޭނާއަށް ނުވިސްނުނީއެވެ.

އެދެމީހުންގެ ހަރަކާތްތަކަށް ބަލަންތިބި ކޮންމެ މީހެއްގެ މޫނުގައިވެސްވީ ހައިރާންކަމެވެ. ޚާއްސަކޮށް ރީއާންގެ ހަރަކާތްތައް ހުރިގޮތް ފެނިފައެވެ. ކުއްލިއަކަށް އެހައިބޮޑު ބަދަލެއް އޭނާއަށް އައުމުން ސުވާލުއުފެދިފައެވެ. ސަމަދާ ޖީލާނަށް އަވަސް ނަޒަރެއް ބަދަލުކޮށްލެވުނެވެ. އެދެމެދަށް ހުރަސްއަޅަން އެކަކުވެސް ބޭނުންނުވާ ކަހަލައެވެ.

ރީއާން އުޅެމުންދިޔަގޮތްފެނި ޒައިވާގެ ހިތުގައި ރިއްސައިލިއެވެ. މިއިން ދުވަހަކުވެސް އެހާ ލޯބިން ރީއާން އޭނާއާ ވާހަކަދައްކާފައެއް ނެތެވެ. ކައިވެނިކުރަން ބޭނުންވެއޭ ބުނިއިރު އެފަދަ ގާތްގޮތަކަށް އޭނާއާ މެދުގައި ކަންތައްކޮށްދީފައެއް ނެތެވެ. ހިތްއެދޭ ހުރިހާ އަމަލުތަކެއް ރީއާންގެ ފުށުން ޒައިވާއަށް ފެންނަމުންދިޔައީ އެހެން އަންހެންކުއްޖަކަށްޓަކައެވެ. އެކަކު އަނެކެއްގެ ދެލޮލަށް ގެއްލިފައިތިބި ރާޔާ އާއި ރީއާނަށް ބަލައިލި ޒައިވާގެ ހިތް ރޯލިއެވެ. ހިތަށް ކުރި ފުންއަސަރު އެއްވެސް ފޮރުވުމެއްނެތި އެމޫނުން ފައުޅުވާން ހުއްޓެވެ. ރީއާންދެކެ އެދަރަޖައަށް އޭނާ ލޯބިވާއިރުވެސް، އޭނާގެ ތަޤުދީރުގައި އެނަން ލިޔެވިފައިނެތީ ކީއްވެހެއްޔެވެ؟

ޒައިވާގެ މޫނަށް އަރައިފޭބި ކުލަވަރު ދެކެން ދުރުގައި އަނޫކްއަކަށް ކެތެއް ނުކުރެވުނެވެ. ޒައިވާ ގާތަށް ޖެހިލުމާއެކު އެނާގެ އަތުގައި އަނޫކް ހިފައި މަޑުމަޑުން ފިތައިލިއެވެ. ރީއާނަށް ހުއްޓިފައިވި ޒައިވާގެ ނަޒަރު ލަސްލަހުން އަނޫކްގެ މޫނަށް އަމާޒުވެލިއެވެ. ގަދަކަމުން އޭނާ ހިނިތުންވެލަން މަސައްކަތްކުރިއެވެ. އެހެނަސް އެދިގު އެސްފިޔަތަކުގެ ފަހަތުގައި ފޮރުވިފައިވި ކަރުނަތައް އަނޫކް އަށް ނުހަނު ސާފުކޮށް ފެނުނެވެ. ލުއި ހިނިތުންވުމަކާއެކު އަނޫކް ދެފަރާތަށް ބޯހޫރުވައިލީ ނުރޯށޭ ބުނުމުގެ ގޮތުންނެވެ. އެދެލޮލުގެ ފުންކަމުގެ ތެރަށް ގެނބިގެންދިޔަ ޒައިވާއަށް އަނޫކްގެ އަތަށް ބާރުކޮށްލެވުމާއެކު ފުންނޭވައެއް ދޫކޮށްލެވުނެވެ. ކަރުނައިގެ ތެރެއިންވެސް އެމަޑު ފިޔާތޮށި ކުލައިގެ ތުންފަތް ދެފަރާތަށް ދެމިލިތަންފެނި އަނޫކްގެ ހިނިތުންވުން އިތުރަށް ފުންވެލިއެވެ. ޒައިވާގެ ކެތްތެރިކަމާއި ހިތްވަރަށް ހިތާހިތުން އޭނާއަށް ތަޢުރީފުކޮށްލެވުނެވެ.

(ނުނިމޭ)

Ads by HDC
  1. ހައިމް

    ވާއު.
    އިތުރަށް ހަމަ ލޯތަބޭ ވެވެނީ..

  2. ޙިރާ

    ވ ރީތި.ކީޕް ދި ގުޑް ވޯކް.

  3. ާައައިންތު ހަމީ

    ވަރަށް ވަރަށް ރީތި.

  4. މަރީ

    ވަރަށް ސަޅި

  5. ނިނީ

    މާޝާ ﷲ ވަރަށް ރީތި