ވާހަކަ

އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަންސަވީސްވަނަ ބައި)

ނައުފާ ، ދެން އޮންލައިން
އިތުރަށް ހަމަ ލޯބި ވެވެނީ
▾ މި ވާހަކައިގެ ޢަދަދުތައް
އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ޓްރެއިލަރ) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފުރަތަމަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދެވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިންވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތަރުވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނުވަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދިހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެގާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސާދަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަނަރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސޯޅަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސަތާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ވިހިވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެކާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައުވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަންސަވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައްބީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެއްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބައްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަހުބައި)

ފަނޑުއަލިކަމުގެ ތެރެއިންވެސް ޔުނާލް ލައިގެންހުރި ކުޑަ ޓީޝާޓުކޮޅާ ސޯޓުބުރި ދައިސްގެ ލޮލުގައި އަޅައިގަތެވެ. ލަސްލަހުން އެއަންހެންކުއްޖާގެ ހަށިގަނޑަށް ދައިސް ބަލައިލިއެވެ. އަނދިރިކަމުން އެތަނުގައި މީހެއް ހުރިކަން ޔުނާލް އަށް ނޭނގޭކަން އެނގުމުން ދައިސްގެ ތުންފަތަށް ވެރިވީ މައުނަވީ ހިނިތުންވުމެކެވެ. ކޮޓަރިއަށްވަދެ ޔުނާލް ދޮރު ލައްޕައިލި އިރުވެސް އެހުރި ތަނުގައި ދައިސް ހުއްޓެވެ. އެކޮޓަރިއާ ދިމާއަށް އޭނާ ހިނގައިގަތީ އޭގެ އިރުކޮޅެއް ފަހުންނެވެ.

Ads by MWSC

* * * * *

ފުންނޭވައެއް ދޫކޮށްލަމުން ޖީލާން ބަލައިލީ އަނޫކްގެ މޫނަށެވެ. ހަރަކާތެއްވެސް ކޮށްނުލައި އިސްޖަހައިލައިގެން އަނޫކް އިނެވެ. ޖީލާން ބަލަން އިން ގޮތް ފެނި ޒައިވާ ވެސް އަނޫކްއަށް ބަލައިލީ ކަންބޮޑުވެފައެވެ. ހިމޭންކަން ރަސްކަން ކުރަމުންދިޔަ ސިޓިންގްރޫމްގައި އަނޫކްގެ މަޑު ގިސްލުމުގެ އަޑު ހިފައިލީ ކުއްލިއަކަށެވެ. ޔުނާލްގެ ހަނދާންތައް އޭނާ އާވާގޮތް ވީއެވެ. އެކޮއްކޮ މަތިން މާ ބޮޑަށް ހަނދާންވީއެވެ. އެކަކު ކުރިމަތީގައި ނުދެއްކި ނަމަވެސް އޭނާ ވެސް އަދި އެ ހިތާމަތަކުން މިންޖު ނުވާކަން ޔަގީނެވެ. ދުނިޔެ ކުރިމަތީ ހިތްވަރުގަދަ ކަމަށް ހެދުނަސް އެކަނި ވާވަގުތުތަކު އެ ކޮއްކޮ މަތިން ހަނދުމަކޮށް އޭނާގެ ދެލޮލުން ކަރުނަ ހިލެއެވެ. ޔުނާލްގެ ވަކިވުމުން އޭނާއަށް ނުހަނު އަސަރުކޮށްފައިވިއެވެ. އެހެނަސް އަމިއްލަ އިހުސާސުތައް ފަރުދާކޮށްލީ އަނެކުންނަށްޓަކައެވެ.

ޖީލާންގެ ވާހަކަތައް އަހާފައި އޭނާއަށް އިތުރަށް ކެތްނުވީއެވެ. ނުބުންޏަސް ދެން ކަންތައްވާނީ ކިހިނަކުންކަން އޭނާއަށް ވިސްނުނީއެވެ. ދޮންތަ އާއި ކޮއްކޮ އޭނާގެ އެހީތެރިކަމާއި ރައްކާތެރިކަމަށް އެންމެ ބޭނުންވި ވަގުތު އޭނާއަށް ނުހުރެވުނީއޭ ހީވެ ކުށްވެރިކަމުގެ އިހުސާސުން އޭނާގެ ހިތް އައީ ފިސްފިސްވަމުންނެވެ. އޭނާ އެތަނުގައި ހުރިނަމަ އެއިން އެއްވެސް ހިތާމައެއް އެކަކަށްވެސް އުފުލާކަށް ނުޖެހުނީހެވެ. ނަމަވެސް މިއަދު ކުރާނެކަމެއް ނެތެވެ. ކިތަންމެ ބޭނުންވިއަސް މާޒީވެ ގޮސްފައިވި ކަންކަމަކީ އަހަރެމެންނަށް ބަދަލުކުރެވޭނެ ކަންކަމެއް ނޫނެވެ. އަހަރެމެންނަށް އޮތީ އެ މާޒީއާ އެކުގައި ދިރިއުޅެން ދަސްކުރުމެވެ.

އަނޫކްގެ ދެލޮލުން ފައިބަމުންދިޔަ ކަރުނުން ޒައިވާގެ ހިތަށް އަސަރުކުރީ އިންތިހާއަށެވެ. ކީއްވެކަން ނޭނގުނަސް އަނޫކް ރޯމަންޒަރު ފެނި އޭނާއަށް ކުރުވީ ބަޔާންކުރަން ދަތި އިހުސާސެކެވެ. އޭނާގެ ދެލޯވެސް ފެންކަޅިވެގެން އައީ ކުޑަ ހިނދުކޮޅެއްގެ ތެރޭއެވެ. އަނޫކްގެ އަތުގައި ހިފައި އޭނާއަށް ބާރުކޮށްލެވުނީ ބޭއިޚުތިޔާރުގައެވެ. ޒައިވާގެ އެކުޑަ ބީހުމުން އިސްއުފުލައި އަނޫކް އޭނާއަށް ބަލައިލިއެވެ. ލަސްލަހުން ޒައިވާ ދެފަރާތަށް ބޯހޫރައިލީ ނުރޯށޭ ބުނުމުގެ ގޮތުންނެވެ. އެހެނަސް ކަރުނަތައް ހިފެހެއްޓުން އަނޫކްއަށް ދަތިވެފައިވިއެވެ. އެތަން ދެކެން ކެތްނުވެގެން އަތް އުފުލައިލަމުން އަނޫކްގެ ކޯތާފަތުގައި ޒައިވާ ލުއިކޮށް ފިރުމައިލިއެވެ. އަދި އެދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލިއެވެ. ކުރެވުނު ކަންތައް އޭނާއަށް އިހުސާސުވީ އެސްފިޔަ ޖަހައިނުލައި އޭނާއަށް ބަލަން އަނޫކް ފެށުމުންނެވެ. އިސްޖަހައިލެވުނީ އެބުލުމުން ހިތް އަވަސްކުރުވާގޮތް ވުމުންނެވެ. ރަކިވީވަރުން އިތުރަށް އަނޫކްއަށް ބަލައިލާކަށް ޒައިވާއަކަށް ނުކެރުނެވެ. ނަމަވެސް އަނޫކްގެ އަތުން ދޫކޮށްލުމުގެ ގަސްދެއް އޭނާގެ ނެތެވެ.

"ލެޓްސް ކޮންޓިނިއު ޓްމޯރޯ ނައިޓް.." ޒައިވާ އާއި އަނޫކްގެ ހަރަކާތްތަކަށް ފަރުވާތެރިވެ ބަލަން އިނދެފައި ކަރުކެހިލަމުން ސަމަދު ބުންޏެވެ. އެންމެ ރަނގަޅޭބުނެ ޖީލާން ބޯޖަހައިލީ އެގޮތާ ރުހުނުކަން އަންގައިލަމުންނެވެ. ޒައިވާ ވެސް ކުޑަކޮށް ބޯޖަހައިލަމުން އަނޫކްގެ ކޮނޑުގައި މަޑުމަޑުން ފިރުމައިލިއެވެ. "ހިނގާލަން ދާނަންތަ.. މައިންޑް ފްރެޝް ވެދާނެ އޭރުން.." ކުޑަކޮށް ހިނިތުންވެލަމުން ޒައިވާ ބުނެލީ އޯގާތެރި ގޮތަކަށެވެ. އަތުން މޫނުމަތި ފުހެލަމުން އަނޫކް ބޯޖަހައިލީ އުނދަގޫ ގޮތަކަށެވެ. ހާމަތަނެއްގައި ހުރެ އެހުރިހާ ކަމަކާމެދު ވިސްނައިލަން ޚުދު އޭނާ ވެސް އިނީ ބޭނުންވެފައެވެ. ޒައިވާގެ އެދުމާ އެއްބަސްވީ އެހެންވެއެވެ. ކޮނޑުގައި އަޅުވައިފައިއޮތް އަތް ދަބަހުން ޓިޝޫ ޕެކެޓެއް ނަގައި އޭގެން ދެތިން ޓިޝޫ ޒައިވާ ނެގިއެވެ. އަދި އިތުރުކަމަކާ ވިސްނައިލުމެއްނެތި އަނޫކްގެ މޫނުގައި ހިފައި އޭނާއާ ދިމާއަށް އަނބުރައިލަމުން އެމޫނުމަތި ސާފުކޮށްލައި ދިނެވެ. ހައިރާންވެފައި ޒައިވާއަށް ބަލަން އަނޫކްއަށް އިނދެވުނީއެވެ. އޭނާއާ މެދު އެހައި ގާތްކޮށް ޒައިވާ ކަންތައްކުރަން ފެށުމުން ގަބޫލުކުރަން ދަތިވެފައެވެ. މިއީ އޭނާއަށް ފެންނަމުންދިޔަ ހުވަފެނެއްބާއޭ ހިތަށް އެރިއެވެ. އެފަދަ އޯގާތެރި ބީހުމަކަށް ޒައިވާގެ ފުށުން އޭނާ އެދޭތާ ކޮން ދުވަހެއް ހެއްޔެވެ. އެހަރަކާތްތައް މާނަ ކުރަންވީ ގޮތެއް ނުވިސްނުނަސް އެކަމުން އަނޫކްގެ ހިތަށް ލިބުނީ ހަމަޖެހުމެވެ. ކޮންމެވެސް ސިފައެއްގައި ޒައިވާއަށް އޭނާ މުހިންމުކަން ވިސްނުމުން ހިނިތުންވެވުނީ ބޭއިޚުތިޔާރުގައެވެ.

"އަހަރެން ލޯބިވާ ވަރު ޒައިއަށް އެނގޭނެނަމަ.. ތި ހިތަކީ އެހެން މީހެއްގެ މިލްކެއްކަން އެނގޭއިރުވެސް ކީއްވެތަ އަހަންނަށް ޒައިއާ ދުރަށް ނުދެވެނީ.. ކިތަންމެ މަސައްކަތެއް ކުރިއަސް ޒައިދެކެ ލޯބިވުން ނުހުއްޓެނީ ކީއްވެތަ.. ދުވަހަކަށްވުރެ ދުވަހެއް މިހިތުގަވީ އިހުސާސުތައް ފުންވެ ވަރުގަދަވަނީ.. ދުރަށްދާން މަސައްކަތްކުރާ ވަރަކަށް އަހަންނަށް.. ޒައިދެކެ އިތުރަށް ލޯބި ވެވެނީ.." ޒައިވާގެ މޫނަށް ނަޒަރު ހުއްޓައިލައިގެން އިން އަނޫކްގެ ހިތުގައި ވިއެވެ. ދުލުން އެންމެ ލަފުޒެއްވެސް ބޭރުކޮށްލަން ނުކެރުނަސް، އޭނާގެ ދެލޯ ދިޔައީ އެހިތުގެ ހާލު އެއްވެސް ފޮރުވުމެއްނެތި ފައުޅުކުރަމުންނެވެ. ނަމަވެސް ޒައިވާއަށް އެތަން ފެންނާނެ ނަމައެވެ. އެދެލޮލުން ފޮނުވަމުންދިޔަ މެސެޖުތައް ވިސްނޭނެ ނަމައެވެ. އޭރުން އެހިތުގެ ހާލު އެނގުނީސްކަން ގައިމެވެ. އިރުކޮޅަކު ޒައިވާއަށް ބަލަން އިނދެފައި އަނޫކް އެސްފިޔަތައް ތިރިކޮށްލީ ޒައިވާ ކުރިމަތީގައި ބޭޒާރުވާން ނޭދުނު ފަދައަކުންނެވެ.

* * * * *

އެނދުމަތީގައި އޮތް ދައިސް އޮތީ ފުން ވިސްނުމެއްގައެވެ. ނިތުގައި އަތްބާއްވައިލައިގެން އޮތްއިރު އޭނާގެ ދެލޯވީ ސީލިންގްއަށް ހުއްޓިފައެވެ. އިރުކޮޅަކު އެހެން އޮވެފައި އޭނާ ހިނިތުންވެލީ ކުރެވެމުންދިޔަ ޚިޔާލުތަކުން ކަހަލައެވެ. ނިތުގައި ބާއްވައިލައިގެން އޮތް އަތްތިލަ މަޑުމަޑުން ތިރިކޮށްލަމުން މޭގައި އޭނާ ފިރުމައިލިއެވެ. ބޭގަރާރުކަން އޭނާގެ ދެލޮލުން އެހިނދު ފައުޅުވެލިއެވެ. ހިކިފައިވި ތުންފަތް ހަރަކާތްކޮށްލުމާއެކު އޭނާގެ އަނގައިން ނުކުތީ ރާޔާގެ ނަމެވެ. އަދިވެސް އެއަންހެންކުއްޖާގެ ފުރިހަމަކަމަށް އެއްވެސް ބަދަލެއް ނާދެއެވެ. ވަރުގަދަ ބޭނުންވުމަކުން އޭނާ ވަނީ ރާޔާއަށް ބޭނުންވެފައެވެ. ދެންވެސް ރާޔާއަށް ބޭނުންގޮތެއް ހަދާލެވޭނޭ ހިތަށް އެރުމުން ދައިސްގެ ތުންފަތުގައި ކުޅެލީ ނުލަފާ ހިނިތުންވުމެކެވެ. އަދިވެސް އޭނާގެ ބާރު އެއަންހެންކުއްޖާގެ މައްޗަށް ހިނގާނެކަމާމެދު ދައިސް ޝައްކެތް ނުކުރެއެވެ. ރާޔާގެ ބަލިފަޔަކީ ޔުމްނުއެވެ. އޭނާ ޖެހޭނީ އެކަމުގެ ބޭނުން ހިފާށެވެ.

އަމިއްލަ ދަރިއަކަސް ޔުމްނުއާ މެދު އޭނާގެ އެއްވެސް ފަރުވާލެއް ނެތެވެ. ޔުމްނުއޭ ކިޔައި އޭނާ ރާޔާއަށް ބިރުދެއްކީ އޭނާގެ ބާރުދަށަށް ރާޔާ ގެނައުމުގެ ބޭނުމުއެވެ. ތުނިތުނިކޮށް ފަޅާފައިހުރި ތުނބުޅީގައި ދައިސް އަތްކާތައިލިއެވެ. އޭނާ ވިސްނަމުންދިޔައީ ރާޔާއާ ކުރިމަތިލާނެ ގޮތަކާމެދުއެވެ. އަނޫކް އެނބުރި އައިސްފިކަން އެނގުމުން އޭނާގެ މަސައްކަތަށް އެކަމުން ކޮންމެވެސް ވަރެއްގެ ބުރުލެއް އަރާނެކަން ދައިސް އަށް ވިސްނެއެވެ. ހުރިހައި ގޮތަކުންވެސް ވަރަށް ތައްޔާރުވެގެން ނޫނީ އޭނާއަށް ރާޔާއާ ކުރިމަތިލުން ވާނީ ދަތިކަމަކަށެވެ.

ފާޚާނައިގެ ދޮރު ލެއްޕުނު އަޑަށް ދައިސްގެ މޫނުމަތީގައިވި ކުލަވަރު ވަގުތުން ބަދަލުކޮށްލިއެވެ. ކުރު ނައިޓީއެއްގައި ހުރި އަންހެންކުއްޖަކު އައިސް ދައިސް އޮތް ދިމާލުގައި މަޑުކޮށްލިއެވެ. އެކުއްޖާއަށް ބަލައިލަމުން ދައިސް މަސައްކަތްކުރީ ރާޔާގެ އަންހެންވަންތަ ސޫރަ ސިފަކުރުމަށެވެ. ފާޑަކަށް ހިނިތުންވެލަމުން އެކުއްޖާގެ އަތުގައި ހިފައި އޭނާ ދަމައިލިއެވެ.

* * * * *

ދެކޮޅަށް ފުރޮޅި ފުރޮޅިވެސް ރާޔާ އަށް ނިދޭގޮތެއް ނުވިއެވެ. ހިތްނުތަނަވަސް ވާވަރުން އެންމެ ހިނދުކޮޅަކުވެސް ޔުމްނުގެ ކުޑަކުޑަ އަތްތިލައިން އޭނާ ދޫކޮށްނުލައެވެ. ނިދިފައިއޮތް އިރު އެތުއްތު މޫނުކޮޅަށް ނަޒަރު ހުއްޓައިލައިގެން ރާޔާ އޮތެވެ. މައުސޫމުކަމުން ފުރިފައިވި އެދަރިފުޅު ގަޔާ ގާތްކޮށްލަމުން މަޑުމަޑުން ނިތުގައި ރާޔާ ބޮސްދިނެވެ. ލޮލުން ހޯސްލައިފައި ހޫނު ކަރުނަތިކިތައް އޮހެންފެށީ އެހިނދުއެވެ. ދައިސްގެ ނަން ހިތަށް އެރުމާއެކު ރާޔާއަށް ހިންދިރުވައިލެވުނެވެ. ކަންތައްވާނެ ގޮތް ނޭނގި އޭނާގެ ހިތްބިރުގަންނަގޮތް ވަނީއެވެ. ދައިސް ދެން ދިމާކުރާނީ ކިހިނެއްކަން ނޭނގޭތީ ހާސްކަމެއްގައި އޭނާ ބަނދެވިފައިވީ ފަދައެވެ.

"އޭރު ދައިސް ބުނި މި ދަރިފުޅު ދުވަހަކުވެސް ބޭނުމެއް ނޫނޭ.. އޭނާއަށް މުހިންމު ކުއްޖެއްނޫނޭ މީ.. ދެން މިއަދު.. މިއަދު ކީއްވެ ޔުމްކޮ ބޭނުންވެގެން އަންނަންވީ.. އެހެންނޫނަސް.. އުމުރަށް ޖަލަށްލާފަ ހުއްޓަ އޭނަ ސަލާމަތްވީ ކިހިނެއްބާ.. ހީކުރީ އެ އުނދަގުލުން ސަލާމަތްވީ ކަމަށް.. ދެން ދުވަހަކުވެސް ބައްދަލުނުވާނެކަމަށް.. އަހަރެން.. ކިހިނެއް ހަދާނީ.. މި ދަރިފުޅުމީ އަހަންނާ ހަވާލުކުރެވުނު އަމާނާތެއް.. ޔާ ﷲ.. ޔުމްކޮއަށް ކަމެއްވެއްޖެއްޔާ އަހަރެން މޮޔަވެދާނެ.. މިބަނޑުން އުފަން ނުވިއަސް ތީ މި މަންމަގެ ދަރިއެއް.. ހަމައެކަނި މި މަންމަގެ ކުއްޖެއް.." ޔުމްނުގެ ގައިގައި ލޯބިން ފިރުމަމުން އަމިއްލަ ނަފުސާ އެތައް ވާހަކަތަކެއް ދައްކަމުން ރާޔާ ދިޔައެވެ. އޭރު ގިސްލެވިފައި އޭނާއަށް ރޮވެމުންދިޔައެވެ. ހަދާނެ ގޮތަކާމެދު ވިސްނެމުން ދިޔަ ވަރަކަށް ރާޔާއަށް ލިބިފައިވި ނުތަނަވަސްކަންވީ އިތުރެވެ. އެހައި ފަސޭހައިން ދައިސްގެ އަތްދަށުން ސަލާމަތްނުވާކެން އޭނާއަށް ޔަގީންވަނީއެވެ. އިންތިހާއަށް ހިތްބިރުގެންފައިވީ އެހެންވެއެވެ.

* * * * *

ރީއާންގެ ކޯލާއެކު އޭނާގެ ކެބިންއާ ދިމާއަށް ރާޔާ މިސްރާބުޖެހީ ޖެހިލުންވެފައި ހުރެއެވެ. ކުދި ފިޔަވަޅުތަކެއްގައި އައިސް ކެބިންގެ ދޮރުގައި ޓަކި ޖަހައިލަމުން އޭނާ ހުޅުވައިލިއެވެ. ތަންކޮޅެއް ދުރުގައި ބަހައްޓައިފައިހުރި ސޯފާތަކުން ސޯފާއެއްގައި ފައިލެއް ހިފައިގެން ރީއާން އިނެވެ. ރާޔާއަށް ބަލައިލުމެއްނެތި އަންނާށޭ އޭނާ ބުނެލުމުން ފުންނޭވާއެއް ދޫކޮށްލުމަށްފަހު އެދިމާއަށް އޭނާ ހިނގައިގަތެވެ. ރާޔާ އައިސް ކުރިމަތީގައި ހުއްޓިލިކަން އެނގި ފައިލް ލައްޕައިލަމުން އިސްއުފުލައި ރީއާން ބަލައިލިއެވެ. ނޫކުލައިގެ އެކަޅި މޫނަށް އަމާޒުވުމާއެކު ރާޔާއަށް ހިންދިރުވައިލެވުނީ އެދެލޮލުގައިވި ދަމާބާރުން ހިތް އަވަސްކުރުވުމުންނެވެ.

އެއްފަރާތުގައި ހުރި ގޮނޑިއަށް އިޝާރާތްކޮށްލަމުން އިނށީނުމަށް ރީއާން އެދުނެވެ. ދެއަތް ދެއަތާ މޮޑެމުންކަހަލަ ގޮތަކަށް އެތަނުގައި އިނށީދެ ރާޔާ ހަމަޖެހިލިއެވެ. އިސްޖަހައިލައިގެން އޭނާ އިނީ ރީއާނަށް ނުބަލަން ކަހަލައެވެ. އިރުކޮޅަކު އެހެން އިނދެފައި ރީއާން މަޑުމަޑުން ކަރުކެހިލީ ރާޔާގެ ސަމާލުކަން ހޯދުމުގެ ގޮތުންނެވެ.

"މިހާރު ކިހިނެއް.." ރާޔާއަށް ބަލަން އިނދެ އޭނާ އަހައިލިއެވެ. ހައިރާންކަން ރާޔާގެ މޫނުން ފައުޅުވެލިއެވެ. މަސައްކަތުގެ ވާހަކަތައް ބާއްވާފައި ރީއާން އެދައްކަނީ ކޮންވާހަކައެއްބާއޭ އޭނާގެ ހިތަށް އެރިއެވެ. ޖަވާބެއްދޭން ނޭނގިފައި ރާޔާ އިންނަން ފެށުމުން ރީއާން ކުޑަކޮށް ބުމައަރުވައިލީ ކިހިނެއްވީހޭ އަހައިލުމުގެ ގޮތުންނެވެ. ދެފަރާތަށް ބޯހޫރައިލަމުން ރާޔާ އަވަސް އަވަހަށް ދުރަށް ބަލައިލިއެވެ.

"ރަ..ރަނގަޅު.." ވާހަކަ ދެއްކުން އޭނާއަށްވީ ދަތިކަމަކަށެވެ. ކުއްލިއަކަށް އެފަދަ ސުވާލެއް ރީއާން ކޮށްފާނެކަމަށް ހީކުރެވިފައި ނެތީމައެވެ. އެއަޑުގައި އެއްވެސް ނުރުހުންތެރިކަމެއް ނެތްކަން އިހުސާސުވީވެސް އެހިނދުއެވެ. "އެއްޗެއް ކައިފިންތަ.." ދެންވެސް ދެމެދަށް ވެރިވި ހިމޭންކަން ނައްތައިލީ ރީއާންއެވެ. މަޑުމަޑުން ދެފަރާތަށް ރާޔާ ބޯހޫރައިލިއެވެ. "އަހަރެންގެ ކެއުން ހިފައިގެން އެބަ އާދޭ.. މެންދުރު ކެއުމުގަ އަހަންނާއެކު ބައިވެރިވެލަންވީނު.." ސޯފާގައި ކުޑަކޮށް ހަމަޖެހިލަމުން ރީއާން ބުނެލިގޮތުން ރާޔާއަށް ދެލޯ ބޮޑުކޮށްލަމުން އޭނާއާ ދިމާއަށް ބަލައިލެވުނެވެ. މިއަދު ރީއާނަށް ކިހިނެއްވެފައި ހުރި ދުވަހެއްބާއޭ އޭނާގެ ނަފުސާކޮށްލެވުނެވެ. މިއީ އެހެންނާ ދުވަހަކުވެސް އޭނާ އުޅުނު ގޮތެއް ނޫން ވިއްޔާއެވެ.

"ކިހިނެއްވީ.. އަހަންނަށް މިއެދެވުނީ އެދިގެންނުވާވަރު ކަމަކަށްތަ.." އެއްބުމަ ހިއްލައިލަމުން ރީއާން އަހައިލިއެވެ. ލަސްލަހުން ދެފަރާތަށް ބޯހޫރައިލަމުން ނޫނެކޭ ރާޔާ ބުނެލިއެވެ. އަދިވެސް އޭނާއަށް ލިބިފައިވި ހައިރާންކަން ފިލާގޮތެއް ނުވެއެވެ.

"ރާޔާ މިގެނައީ ކުޑަ ކަމަކުއޭ.." ފާޑަކަށް ހިނިތުންވެލަމުން ރީއާން ބުނެލިއެވެ. ބަހެއްވެސް ނުބުނެ ރާޔާ އިނުމުން އޭނާގެ ހިނިތުންވުން އިތުރަށް ފުޅާވެލިއެވެ. އެއްފަރާތުގައި އޮތް އައިޕެޑް ނަގައި އޮންކޮށްލަމުން އޭގެން ރީއާން އެއްޗެއް ހޯދައިލިއެވެ. އަދި ރާޔާގެ އަތަށް އައިޕެޑް ދިއްކޮށްލިއެވެ. ސުވާލުއުފެދިފައި އިނދެ އޭގައި ހިފަމުން ރާޔާ ބަލައިލިއެވެ. އެއާއެކު ފާޑެއްގެ ހަރުކަށިކަމެއް ރާޔާއަށް ވެރިވިތަން ރީއާން ދުއްޓެވެ. ކުޑަކޮށް ރާޔާއާ ދިމާއަށް ގުދުވެލަމުން އެމޫނަށް ފަރުވާތެރިކަމާއެކު ރީއާން ބަލައިލިއެވެ.

"ކިހިނެއްވީ.. ކަމުނުދަނީތަ.." މަޑުމަޑުން ރާޔާގެ ކަންފަތް ދޮށުގައި ރީއާން އަހައިލިއެވެ.

(ނުނިމޭ)

Ads by Allied Insurance
  1. ހައިމް

    އައްޅޭ.. ނޯވް ޕަލީޒް.. އަނެއްބައި އަވަސް…
    އިތުރަށް ހަމަލޯތްބޭ ވެވެނީ..

  2. އަނޫ

    ދައިސްއަށް ޔުނާލް ބަލިވެ އިނދެ ލިބުނު ކުއްޖެއްދޯ ޔުމްނުއަކީ. ރިއާން ހަގީގަތް ހޯދަން މަސައްކަތް އެފެށީ. ވާހަކަ ނިމޭނީ ރީއާންއަށް ރާޔާ ލިބިގެންތާ.