މިރޭ ވެސް ޝައިޚް ފަޟްލޫން ފުލުހަށް ހާޒިރުކުރަނީ

އަނެއްކާ ވެސް އައްޝައިޚް ފަޟްލޫން މުޙައްމަދު ފުލުހަށް ހާޒިރުކުރަން ނިންމައިފިއެވެ.
ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރަން މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށްދިޔަ ވަގުތު ބަޔަކު އެ ތަނަށް ވަދެ ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރުމަށްފަހު ޝައިޚް ފަޟްލޫން ދޫކޮށްލީ ބުރާސްފަތި ދުވަހުއެވެ.
އިއްޔެ ވަނީ އެ މައްސަލައިގެ ތަޙްޤީޤަށް ޝައިޚް ފަޟްލޫން ފުލުހަށް ހާޒިރުކޮށްފައެވެ. އޭގެ އިތުރުން މިރޭ ވެސް ފުލުހަށް ހާޒިރުވާން ޝައިޚަށް އޮތީ އަންގާފައެވެ. އެއީ ތަޙްޤީޤުގައި އިތުރަށް ކުރަންޖެހޭ ސުވާލުތައް ކުރުމަށާއި ބަޔާނުގައި ސޮއިކުރުމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ޝައިޚް ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށްފަހުއެވެ. އެއީ މާލެއިން އަދި ރާއްޖެއިން ބޭރަށްދާނަމަ ކޯޓަށް އެންގުމަށާއި, އެޑްރެސް ބަދަލުވެއްޖެނަމަ އެކަން ވެސް އެންގުމަށާއި, ފުުލުހުންގެ ތަޙްޤީޤަށް އެއްބާރުލުން ދިނުމެވެ.