ޚަބަރު ސިޔާސީ

ފަތުވާ މަޖިލީހުގެ ބާރު ކަނޑުވާފައި އޮތް އޮތުން ނިމުމަކަށް އަންނަންޖެހޭ: ނާޒިމް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މުޙައްމަދު ނާޒިމް. ފޮޓޯ: އެމްއެންޕީ

ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ބާރު ކަނޑުވާފައި އޮތްއޮތުން ނިމުމަކަށް އަންނަން ޖެހޭކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް (ކާނަލް ނާޒިމް) މިއަދު ވިދާޅުވެއްޖެެއެވެ.

Ads by STELCO

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނުގެ ދަށުން އުފެއްދި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަކީ ރާއްޖޭގައި ދީނީ ގޮތުން ޚިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި، ފިޤްހީ އައު މައްސަލަތަކުގެ ދިރާސާތައްކޮށް، އެކަންކަމާ ގުޅޭ ދީނީ ލަފާ ފޯރުކޮށްދިނުމަށްޓަކައި އުފެއްދި މަޖިލީހެކެެވެ. އެ މަޖިލީސް އެކުލެވިގެންވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަށް އައްޔަންކުރައްވާ 05 މެންބަރުންގެ މައްޗަށެވެ.

ފަތުވާ މަޖިލީހުގައި މި ވަގުތު ހުންނެވީ އެ މަޖިލީހުގެ ރައީސް ޝައިޚް ޑރ.މުޙައްމަދު ރަޝީދު އިބްރާހިމް އެކަންޏެވެ. ދެން ތިއްބެވި މެންބަރުންގެ ދައުރު ވަނީ ހަމަވެފައެވެ.

ދީނީ ކަންކަމުގައި ޚިޔާލު ތަފާތުވެފައިވާ މި ދަނޑިވަޅުގައި ނާޒިމް ވިދާޅުވީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ބާރު ކަނޑުވާފައި އޮތްއޮތުން ނިމުމަކަށް އަންނަން ޖެހޭކަމަށެވެ. އަދި ސިޔާސީ ލީޑަރުން ދީނީ ފަތުވާ ނެރުމުގެ ބަދަލުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް ބާރުވެރިކޮށް އެ ތަނުން ރައްޔިތުންނަށް ދީނީ ކަންކަން ސާފުކޮށްދޭން ޖެހޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނާޒިމް މިހެން ވިދާޅުވެފައި މިވަނީ ހިންދޫންގެ އަޅުކަމެއްކަމަށްވާ ޔޯގާއަކީ ޝިރުކެއްކަން ދަންނަ ބޭކަލުންގެ އިޖުމާޢުއެއް ނެތް ކަމަށާއި, ވަކި ބައެއްގެ ފަލްސަފާއަކީ އިސްލާމްދީނުގެ ޙުކުމެއްކަމަށް ބަލައިގަންނަން ދަތިކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައިވަނިކޮށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!