ވީޑިއޯތަކުން ފާހަގަވީ 38 މީހުން, ވަޒީރެއްގެ ވީޑިއޯއެއް ނެތް: ސީޕީ
ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރިއާ އެއްކޮށް އެއް ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މީހުންގެ ގޮތުގައި މިހާތަނަށް ފާހަގަކުރެވުނީ 38 މީހުން ކަމަށާއި, އެއްވެސް ވަޒީރެއް ވީޑިއޯއެއް ނުވަތަ ފޮޓޯނެތްކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.
ސީޕީ ޙަމީދާ ހަވާލާދީ އަވަސްއިން ރިޕޯޓުކޮށްފައިވާ ގޮތުން އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގި މީހުންގެ ޢަދަދު 250 އަށްވުރެ ގިނަކަމަށް ބުނާ ވާހަކައަކީ ޙަޤީޤަތެއް ނޫނެވެ. އަދި އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގިކަމަށް ބުނެ ސޯޝަލް މީޑިއާގައި ޢާންމުކޮށްފައިވާ ބައެއް މީހުންގެ މަޢުލޫމާތަކީ ތެދު މަޢުލޫމާތެއް ވެސް ނޫންކަމަށް ސީޕީ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ މިހާތަނަށް ފާހަގަކުރެވުނީ 38 މީހުން ކަމަށާއި, އެއްވެސް ވަޒީރެއް ވީޑިއޯއެއް ނުވަތަ ފޮޓޯނެތްކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ. އަދި ފާހަގަކުރެވުނު މީހުން ދެނެގަނެ އެ މީހުންނަށް ފިޔަވަޅު އެޅުމުގެ ކަންކަން އެކި މަރުހަލާތަކުގައި ހިނގަމުންދާ ކަމަށާއި, ތަޙްޤީޤު ސީދާ ނިމޭނެ ދުވަހެއް ބުނަން ދަތި ނަމަވެސް, މައްސަލަތައް ނިމޭ މިންވަރަކުން ޕީޖީއަށް ފޮނުވާނެކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.
އަލަމްގިރިއާ އެއްކޮށް އެއް ޖިންސުން ގުޅުން ހިންގިކަމަށް މިހާތަނަށް ހައްޔަރުކުރީ ކެނެރީގޭ ނާޒިމް ޢަބްދުއްސައްތާރާއި, ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދާއި ފުލުހެކެވެ.