ވާހަކަ

އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަހުބައި)

ނައުފާ ، ދެން އޮންލައިން
އިތުރަށް ހަމަ ލޯބި ވެވެނީ
▾ މި ވާހަކައިގެ ޢަދަދުތައް
އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ޓްރެއިލަރ) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފުރަތަމަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދެވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިންވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތަރުވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނުވަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދިހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެގާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސާދަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަނަރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސޯޅަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސަތާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ވިހިވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެކާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައުވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަންސަވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައްބީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެއްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބައްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަހުބައި)

އަނޫކްގެ މޫނަށް އަރައިފޭބި ކުލަވަރު ފެނިފައި ދެވަނަ ސުކުންތުގައި އޭނާގެ މޫނުން ނަޒަރު ވަކިކޮށްލަމުން އެތަނުން ދިއުމަށް ޒައިވާ ދުއްވައިގަތެވެ. ގަސްދަކާނުލައި ދުލުން ބޭރުވި ބަސްތަކާމެދު އޭނާއަށް ވިސްނައިލެވުނީ އަނޫކް ބަލައިލުމުންނެވެ. ލަދުންގޮސް އެތަނުގައި އިތުރަށް ހުންނަން އޭނާއަށް ނުކެރުނީއެވެ.

Ads by STELCO

ކުއްލިއަކަށް އެއްލިއަތުން އަނޫކް ހިފީ ޒައިވާގެ އަތުގައެވެ. ހުރިފިޔަވަޅު މަތީގައި ހުއްޓެން އޭނާ އަށް މަޖުބޫރުވީ އެހެންވެއެވެ. ނަމަވެސް ފަސްއެނބުރި އަނޫކަށް ބަލާލާނެހައި ހިތްވަރެއް ޒައިވާގެ ނެތެވެ. ދުލުން ބޭރުވި ބަސްތަކާމެދު އޭނާއަށް ވިސްނެމުން ދިޔައީ އިންތިހާއަށެވެ. މަޑުމަޑުން ޒައިވާގެ އަތަށް އަނޫކް ބާރުކޮށްލިއެވެ. "ދެވަނަ ފަހަރަށް ޒައި ގެއްލޭކަށް ނޭދެން. މިއަތުގަ ހިފަން އަހަރެން އެދެނީ މުޅި އުމުރަށް.. އެކަމަކު އެއީ ޒައި ބޭނުންނަމަ.." ހިތްވަރުކޮށްފައި އަނޫކް ބުނެލިއެވެ. ލަސްލަހުން ޒައިވާއާ ގާތްވެލަމުން އެނާގެ ކޮނޑުގައި ހިފައި އަނޫކްއާ ދިމާއަށް އަނބުރައިލިއެވެ. އިސްޖަހައިލައިގެން ޒައިވާ ހުރީ އަނޫކްއަށް ނުބަލަން ފަދައެވެ. ފަނޑު ހިނިތުންވުމަކާއެކު ޒައިވާގެ ދަތްދޮޅިދަށަށް އަތް ލައްވައިލަމުން އަނޫކް އުފުލައިލިއެވެ. ހަތަރުކަޅި ބައްދަލުވީ ހިނދު ދެހިތުގެ ހިނގުންވެސް އަވަސްވެލިއެވެ.

"ޓެލް މީ ޒައި.. ވިލް ޔޫ ބީ މައިން ފޯއެވާރ.." އެދެލޮލުގެ ޖާދުލުގައި ޖެހިފައިހުރެ އަނޫކް ބުނެލީ ސިއްރެއް ފަދައިންނެވެ. ޒައިވާގެ ދެލޯ ފެންކަޅިވަމުން އައީ އަމިއްލަ އިޚުތިޔާރުން ބޭރުއެވެ. "ނޫކް.. އަހަރެންދެކެ.. ލޯބިވޭތަ.." އަނޫކްގެ ދުލުން އެސުވާލުގެ ޖަވާބު އަހަން ޒައިވާ ބޭނުންވަނީއެވެ. ސުވާލުކުރީ އެހެންވެއެވެ. "އާން.. އަހަރެން ދެކެ އިންތިހާއަށް ލޯބިވަން.. އައި ލަވް ޔޫ މޯރ ދެން ޔޫ ކެން އެވާރ އިމޭޖިން.. އެކަމަކު.. އޭރު އެވާހަކަތައް ބުނާނެހައި ހިތްވަރު އަހަރެންގެ ނެތީ.. ޒައިގެ ލޯތްބަށް އެޅޭ ހުރަހަކަށްވާން ބޭނުންނުވީ.." ހިތި ހިނިތުންވުމަކާއެކު އަނޫކް ހާމަކޮށްލީ އެހިތުގެ ހާލެވެ. އަނޫކްގެ ވާހަތަކުން ޒައިވާއަށް ކުރުވީ ފޮނި މީރު އިހުސާސެކެވެ. ކޮންއިރަކު ކިހިނެއްކަން ނުވިސްނުނަސް އޭނާއަށް ވެސް އަނޫކް ދެކެ ލޯބިވެވިއްޖެކަން ގައިމެވެ. އެލޯބި އަތުން ބީވާކަށް ޚުދު ޒައިވާ ވެސް ނޭދެއެވެ. އަނޫކްއާ ގާތްވެލަމުން އެތަނަވަސް މޭމަތީގައި ޒައިވާ ބޯއަޅައިލިއެވެ. "އަހަރެން މިހުރީ މުޅި އުމުރު ވެސް ނޫކްއާ އެކުގަ ހޭދަކުރަން ތައްޔާރަށް.. ތިފަދަ ދަރަޖައަކަށް އަހަރެންދެކެ ލޯބިވާނެ އިތުރު މީހެއް ދެން ދުވަހަކުވެސް ނުލިބޭނެ.." ދެލޯމަރައިލަމުން ޒައިވާ ބުނެލީ ހިތްހަމަޖެހުމުގެ ރާގެއްގައެވެ. އެވާހަކަތަކުން އަނޫކްއަށް ލިބުނީ ބަޔާންކުރަން ދަތި އުފަލެކެވެ. ޒައިވާގެ ހިމަ ހަށިގަނޑުގައި ދެއަތް ވަށައިލި ހިނދު އޭނާގެ ތުންފަތުގައި ރަސްކަންކުރަމުންދިޔަ ހިނިތުންވުން އިތުރަށް ފުންވެލިއެވެ.

* * * * *

ވެއިޓަރު ގެނެސް މޭޒުމަތީގައި ބެހެއްޓި ކޮފީ ޖޯޑުން އެތިފޮދެއް އުސައިދް ބޯލިއެވެ. މަޑުމަޑުން ކުރިމަތީގައި އިން ހުޒައިމްއަށް އޭނާގެ ނަޒަރު ތަދުރުކޮށްލިއެވެ. ހަށިފުރާ ނޭވާއެއްލަމުން އޭނާ ހުޒައިމްއަށް ގޮވައިލިއެވެ.

"އަހަންނަށް މަޢާފުކުރޭ.. ތިޔަ އެކުވެރިޔާގެ އެދުމުގަ ކޮޅުފައިން ޖެހުމަކީ އަހަރެންވެސް ކުރަން ބޭނުންވާ ކަމެއްނޫން.. އެކަމަކު އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅުގެ އުފަލަށް ހުރަސްއަޅަން ބޭނުންނުވީ.. އަހަންނަކީ މަޖުބޫރުން ކަންތައްކުރުވާނެ މީހެއްނޫން.." ޒައިވާ އާއި ރީއާންގެ ކައިވެނި ކެންސަލް ކުރަން ވުމުން އުސައިދަށް ވެސް ލިބިފައިވީ ނުތަނަވަސްކަމެވެ. ފަހަރެއްގައިވެސް އެކުވެރިޔާގެ ހިތުގައި އޭނާގެ މައްޗަށް ކިލަނބުކަމެއް އޮންނާކަށް އުސައިދް ނޭދެއެވެ. ހުޒައިމްއާ ބައްދަލުކުރަން އޭނާ އެދުނީ އެހެންވެއެވެ. ހާމަ މާޙައުލެއްގައި ހުރެ އެ ވާހަކަތައް ދައްކާލަން ބޭނުންވުމުންނެވެ. ރީއާންގެ ފޯންކޯލާއެކު އޭނާއާ ކައިވެނިކުރަން ރާޔާ އެއްބަސްވެއްޖެކަމުގައި އޭނާ ވަނީ އުސައިދު ގާތުގައި ބުނެފައެވެ. އެޚަބަރުން އުފައުވި ނަމަވެސް ޒައިވާއާ މެދުގައި ވިސްނައިލެވުމުން ހުޒައިމްއަށް އެކަމުން އަސަރުކުރާނެ ވަރު ވިސްނި އުސައިދްގެ ހިތް ނުތަނަވަސްވީއެވެ.

"އަހަރެންގެ ކިބައިން މަޢާފަށް އެދޭންޖެހޭވަރުގެ ކަމެއް ތިޔަ ދެބައިންކުރެ އެކަކުވެސް ނުކުރޭ.. އަހަރެންގެ ހިތް ހެޔޮ.. ކައިވެނި ކުރަން ބޭނުންނުވާކަމަށް އަހަރެން ގާތުގަ ބުނީ ޚުދު ޒައި އަމިއްލައަށް.. އަހަންނަށް ހުރިހާ ކަމެއްވެސް ޒައި އޮޅުންފިލުވަދިން.. އުސައިދް.. ޒަވާގެ އެހުންނަ ހިތްހެޔޮކަން ޒައިގެ ކިބައިން އަހަރެން ދުށިން.. އެއީ ޒަވާ ފަދަ އެހެންމީހުންގެ އިހުސާސުތައް ދަންނަ އަދި އެ އިހުސާސުތަކަށް ޤަދަރުކުރާ ދަރިއަކަށްވީތީ މިއަދ އަހަރެން އުފާވޭ.. ދަރިފުޅުގެ ކޮންމެ ވާހަކައަކުން އަހަރެންނަށް ހަނދާންކޮށްދިނީ ޒަވާ މަތިން.. އަހަރެންގެ ލޯބިވާ އަނބިމީހާ.. ދުނިޔެ ދޫކޮށް އެދިޔައީ އޭނާގެ ދެދަރިންނަށްވެސް އަގުހުރި ނަސޭހަތާ ރަނގަޅު ތަރުބިއްޔަތެއް ދީފަކަން ޔަގީން.. ޒަވާ ދުނިޔޭގަ ހުރިނަމަ ޒައިއާ މެދުގަ ފަޚުރުވެރިވާނެކަމާމެދު ޝައްކެތް ނުކުރަން.. އޭނާ އެދޭނީ ޒައިއެކޭ އެއްފަދައިން އަހަރެންވެސް ކަންތައްކުރުމަށް.. ވީއިރު ހިތްބުރަކޮށްގެން ހުންނާކަށް އަހަރެންވެސް ނޭދެން.. ކޮންމެ ކަމެއްވެސް ވަނީ އެންމެ ރަނގަޅަކަށްނު.. އިރާދަކުރެއްވިއްޔާ އަހަރެންގެ ދަރިފުޅަށް ހެޔޮލަފާ ޞާލިހް ބައިވެރިއެއް ލިބޭނެ.. މިހާރު އެންމެ ދެކެން ބޭނުންވަނީ އެދުވަސް.. އުސައިދް.. ކަންބޮޑުނުވޭ.. އަހަރެންގެ ދަރިފުޅެކޭ އެއްފަދައިން އަހަރެންގެ ހިތްވެސް ތިއާއިލާއަށްޓަކައި ސާފު.. ވީކަމެއްގެ ސަބަބުން މިއެކުވެރިކަމަށް އެއްވެސް ބަދަލެއް ނާންނާނެކަމުގެ ޔަގީންކަން އަހަރެން ދެން.. އިރާދަކުރެއްވިއްޔާ ރީއާންގެ ކައިވެނީގަ އަހަންނަށް ވެވެން އޮތް އެންމެ ފުރިހަމައަކަށް ބައިވެރިވާނަން.." ހިތްހެޔޮ ހިނިތުންވުމަކާއެކު ހުޒައިމް ބުނެލިއެވެ. އެވާހަކަތަކުން އުސައިދްގެ ހިތަށް ލިބުނު ފިނިކަމުގައި އޭނާ ވެސް ހިނިތުންވެލިއެވެ.

* * * * *

4 މަސް ފަސް

* * * * *

ލަންޑަނުގައި ހުރި އުސައިދުގެ ގޭތެރަށް ވަނީހަލަބޮލިކަން ވެރިވެފައެވެ. އެކިކޮޅުކޮޅަށް ނޯކަރުންތައް ދުވަމުންދިޔައިރު އެމީހުނަށް އިރުޝާދުތައް ދިނުމުގައި ޔާސްމީން އުޅެއެވެ. އެވަގުތު އެކުއެކީގައި ގޭތެރަށް ވަދެގެން އައި އުސައިދާއި ހުޒައިމްއަށް އޭނާގެ ނަޒަރު ދަތުރުކޮށްލިއެވެ. "ކޮބާ.. ހޮޓެލްގެ ހުރިހާ ތައްޔާރީތަކެއް ނިމިއްޖެތަ؟" ހާސްވެފައި ހުރެ ޔާސްމީން އަހައިލިއެވެ. "މަސައްކަތްތައް ކުރިއަށް ދަނީ.. ޑެކަރޭޝަންގެ ކަންތައް ބަލަހައްޓަން އެބައުޅޭ ރީއާން އާއި ސަމަދުގެ އިތުރުން އަނޫކް ވެސް.. ޔާސް ކޮންކަމަކާތަ ތިހާ ހާސްވަނީ.. ހުރިހާ ކަމެއްވެސް ވަގުތައް ނިމޭނޭ.. ކޮބާތަ އެކުދިންކޮޅު.. ސެލޫންއަށް ގޮސްފަ އައިސްފިތަ؟" އުސައިދު އެ އިޝާރާތްކުރަނީ ރާޔާ އާއި ޒައިވާގެ އިތުރުން ޖީލާނަށްކަން ވިސްނި އަވަސް އަވަހަށް ޔާސްމީން ބޯޖަހައިލިއެވެ. އަދި މައްޗަށް އިޝާރާތްކޮށްލަމުން އެމީހުންވީ ކޮޓަރީގައި ކަމަށް ބުންޏެވެ.

ރާޔާ ކައިވެންޏަށް އެއްބަސްވުމުން ރީއާން އެނބުރި ލަންޑަނަށް އަންނަން ބޭނުންވީ ރާޔާ ވެސް ގޮވައިގެނެވެ. ގޭގައި އިތުރު މީހަކު ނުހުންނާނެތީ އަނޫކް ވެސް ބޭނުންވީ ރާޔާއާ އެކުގައި ލަންޑަނަށް ދިރިއުޅުން ބަދަލުކުރާށެވެ. ވަކިން ޚާއްސަކޮށް ޒައިވާ އާއި އޭނާގެ ކައިވެނިވެސް ހަމަޖެހުމުންނެވެ. އެދެމީހުނާ އެކުގައި ސަމަދުވެސް ނިންމީ އޭނާގެ ކައިވެނި ޖީލާނާ ކުރާށެވެ. އިތުރަށް ލަސްކޮށް ވަގުތުތަކެއް ދިރިއުޅުމުން ނަގައިލާން އޭނާ ވެސް ބޭނުންނުވީއެވެ. ކައިވެންޏަށް ރުއްސަން އެންމެ އުނދަގޫވީ އޭނާގެ މަންމަ އަދުނާއެވެ. ނަމަވެސް ސަމަދުގެ އެތައް އާދޭހަކަށްފަހު އޭނާ ޖީލާނާ ބައްދަލުކުރަން ނިންމީއެވެ. ސަމަދުގެ އެދުމަށް ޖީލާން ވެސް ރީއާނާ އެކުގައި ރާޔާ ލަންޑަނަށް ބަދަލުވިއިރު އައީއެވެ. ޖީލާނާ ބައްދަލުކުރުމަށްފަހު އެގުޅުމަށް އަދުނާ އާނބަސް ދިނުންވީ ތިން ކައިވެނި އެކުގައި ކުރުމަށް ނިންމުނު ސަބަބަށެވެ. ކައިވެންޏާ ދިމާކޮށް ޖީލާންގެ އާއިލާ ވެސް ލަންޑަނަށް އައީއެވެ.

ޒައިވާގެ ހޮވުމާމެދު ހުޒައިމް ހުރީ ރުހިގެނެވެ. ވަކިން ޚާއްސަކޮށް އޭނާގެ ލޯބިވާ ދަރިފުޅާ މެދުގައި އަނޫކްގެ އަމަލުތައް ހުރި ގޮތުން އެހިތުގައި ޒައިވާއަށްޓަކާވީ ތެދުވެރި ލޯބި އޭނާ އަށް އިހުސާސުވުމުންނެވެ. އޭނާ ހިތްއެދޭފަދަ ބައިވެރިއަކަށް ޒައިވާއަށްޓަކައި އަނޫކް ވާނެކަން ޔަގީނެވެ. ވީއިރު އެގުޅުމާ ނުރުހެންވީ އެއްވެސް ސަބަބެއް ނެތެވެ.

ކައިވެނި ކުރެވޭ ތިން އަންހެން ކުދިންނަށް އެހީވުމުގައި އައިލީ އުޅުނެވެ. އޭނާގެ މޫނުމަތީގައި ވެސްވީ ނުފިލާ ހިނިތުންވުމެކެވެ. ދޮންތައަށްޓަކައި އޭނާ ހުރީ އުފަލުންކަން އެހިނިތުންވުން އަންގައިދެއެވެ. ކައިވެނިކުރަން ހަމަޖެހިފައިވީ ރޭގަނޑުއެވެ. އެ ހަފުލާއަށް ޚާއްސަކޮށް އުސައިދާއި ހުޒައިމް ވަނީ ހޮޓެލް އެއްގެ ބޮޑު ހޯލެއް ކުއްޔަށް ނަގައިފައެވެ. އަދި މުޅި ތަން ޑެކަރޭޓް ކުރުމަށްޓަކައި އެކަމަށް ޚާއްސަ ބައެއް ސަމަދުގެ އާއިލާއިން ވަނީ ހަމަޖައްސާފައެވެ. ކޮންމެ މީހަކުވެސް އަވަދިނެތި އުޅެމުންދިޔައީ ރެއަށްވާއިރަށް ހުރިހާ ތައްޔާރީތަކެއްވެ ނިންމައިލުމުގެ ނިޔަތުގައެވެ. އަސުރު ފަހުން ތިން ކުދިން އެކުގައި ހޮޓެލްއަށް ދިއުމަށް ހަމަޖެހިފައިވާއިރު، ކައިވެންޏަށްޓަކައި އެކުދިން ތައްޔާރުވުން ވެސް ވަނީ ހޮޓެލްގެ ބޮޑު ސޫޓެއްގައެވެ. އެކަމަށް ޚާއްސަކޮށް ވަކި ބަޔަކު ހަމަޖެއްސީ ޚުދު ޔާސްމީނެވެ. ލޯބިވާ ފިރިހެންދަރިފުޅުގެ ކައިވެނި ކުރެވެން އުޅޭ އިރު އެންމެ ހިނދުކޮޅަކަށްވެސް އެމޫނުމަތިން ހިނިތުންވުން ފިލާ ނުދެއެވެ. ސިކުނޑި ހާސްވެފައިވީ ނަމަވެސް އިރުއިރުކޮޅާ އޭނާއަށް ހިނިތުންވެވެނީ ޚިޔާލަކަށް ގެއްލިފައިވީ މީހަކު ފަދައިންނެވެ.

ތައްޔާރުވާން ހަމަޖެހިފައިވި ހޮޓެލްގެ ސޫޓަށް ވަންނަމުން ވަށައިގެން ތިންކުދިން ނަޒަރު ހިންގައިލިއެވެ. އެއާއެކު ކޮންމެ ކުއްޖެއްގެ މޫނުމަތިން ހިނިތުންވުން ފައުޅުވެލިއެވެ. ފާއިތުވެދިޔަ ދުވަސްތަކާއެކު ތިންކުދިންގެ މެދުގައިވީ ގުޅުން އިތުރަށް ވަރުގަދަވެފައި ވިއެވެ. ރާޔާގެ ހިތުގައި ޚާއްސަކޮށް ޒައިވާ އަށް ދެވިފައިވި މަގާމު ފުނެވެ. އޭނާ އާއި ރީއާނަށްޓަކައި ޒައިވާ ވެދިން ގުރުބާނީ ދުވަހަކުވެސް އެހިތުން ފިލައިގެން ނުދާނެއެވެ. ޚިޔާލުތަކުގެ ކަނޑުގައި ފީނަމުންދިޔަ ރާޔާއަށް ޒައިވާގެ މޫނަށް ބަލައިލެވުނީ ޝުކުރުވެރި ނަޒަރަކުންނެވެ. ޒައިވާ ނެތްނަމަ މި ދުވަސް އޭނާގެ ޙަޔާތުގައި ނައީހޭ ހިތަށް އެރިއެވެ. ކުރެވެމުންދިޔަ ޚިޔާލުތައް ހާވިޔާވީ އެތެރަށް ވަދެގެން އައި އަންހެންކުދިންގެ ގްރޫޕް ފެނިފައެވެ. ކައިވެންޏަށްޓަކައި ތައްޔާރު ވާންވީ ވަގުތު ޖެހުނީކަން ވިސްނި އޭނާގެ ހިތް އަވަސްވާ ގޮތް ވިއެވެ. މަދު ވަގުތުކޮޅަކަށްފަހު އިރާދަކުރެއްވިއްޔާ އޭނާ ވާނީ އުމުރަށްވެސް ހަމައެކަނި ރީއާންގެ ހައްގަކަށެވެ. އެޚިޔާލުން ރާޔާގެ ތުންފަތުގައިވި ލަދުރަކި ހިނިތުންވުން އިހުނަށްވުރެ ފުންވެލިއެވެ.

އައިލީ އައީ ޔުމްނު ގޮވައިގެނެވެ. ކުޑަކުޑަ ޔުމްނުގެ ހަރަކާތްތަކުން އޭނާއަށް ލިބިފައިވީ އުފައުވެރިކަމެވެ. ރާޔާ ދައްކައިލަމުން ޔުމްނުގެ ކަންފަތް ދޮށުގައި އައިލީ ކޮންމެވެސް އެއްޗެއް ބުނެލިއެވެ. އެހިނދު އެ ތުއްތު ހުނުމުގެ އަޑު ކޮޓަރީތެރަށް ފެތުރިގެން ދިޔައެވެ.

* * * * *

ރޭގަނޑުގެ ހިތްގައިމު ވަގުތެވެ. މާޙައުލުގައިވީ ތެތްފިނިކަމެވެ. ޖެހިލާ މަޑު ރޯޅީގައިވެސްވީ ހިތްތަކަށް ހަމަޖެހުން ގެނުވައިދޭފަދަ އަސަރެކެވެ. ހޮޓެލްގެ ބޮޑު ހޯލްތެރަށް ވަދެގެން އައި އުސައިދް އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ. ގާތުގައި ޑަސްޓީ ބްލޫ ކުލައިގެ އަބާޔާއެއްގައި ހުރި ޔާސްމީނަށް ބަލައިލަމުން ރާޔާމެން ބަލައި ދާށޭ އޭނާ ބުނެލިއެވެ. އުސައިދް ވަތްތާ އިރުކޮޅެއްފަހުން ހުޒައިމް އާއި ސަމަދުގެ އާއިލާ ވަދެގެން އައެވެ. ފަހަތުން ހިނި އައިސްފައިތިބެ ޖީލާންގެ އާއިލާ ވެސް އައެވެ. ކޮންމެ މީހަކުވެސްވީ ކައިވެނި ހަފްލާގެ ތީމްއާ އެއްގޮތްކުރުމުގެ ގޮތުން ޑަސްޓީ ބްލޫ ކުލައިން ފަރުމާކޮށްފައިވި ހެދުން އަޅައިގެންނެވެ.

ކަރުގައި އޮތް ޓައީ ރަނގަޅުކޮށްލަމުން ފަހަތުގައި ތިބި ސަމަދާއި އަނޫކް އަށް ރީއާން ބަލައިލިއެވެ. ފައުޅުނުކުރިއެއްކަމަކު އޭނާ ވެސްވީ ހިސާބެއްގެ ހާސްކަމެއްގެ ތެރޭއެވެ. "ރެޑީ.." ދެމީހުނަށް ވަކިވަކިން ބަލައިލަމުން ރީއާން އަހައިލިއެވެ. އަވަސް އަވަހަށް ސަމަދު ބޯޖަހައިލިތަންފެނި ދެފަރާތަކަށް ބޯހޫރައިލަމުން ރީއާން ހިނިތުންވެލިއެވެ. "ނުބުންޏަސް ސަމަދު ރެޑީ ވާނެކަން އެނގޭ.. މިހާރުވެސް ތިހުރީ ކެތްމަދުވެފަވިއްޔަ.." ލާނެތް ގޮތަކަށް ރީއާން ބުނެލީ ސަމަދާ ދިމާކޮށްލުމުގެ ގޮތުންނެވެ. ބޮލުގެ ފުށްކިބައިގައި އަތް ހިންގައިލަމުން ސަމަދު އިސްޖަހައިލީ ރަކި ހުނުމަކާއެކުއެވެ. ޖީލާން ދެކިލާހިތުން އޭނާއަށް ކެތްވަނީއެއް ނޫނެވެ. އޭނާއަށް ވެގެން ވާނަމަ އިތުރަށް އެންމެ ސުކުންތެއްވެސް ލަސްނުކުރީހެވެ.

ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލަމުން އުސައިދް ގޮވައިލިއެވެ. ދާންވީ ކަމުގައި ބުނަމުން ތިންމީހުން އެކީގައި ހިނގައިގަތެވެ. ކޮޓަރިން ނުކުތް ތިން ޒުވާނުންނަށް އުސައިދް ބަލައިލީ ހިތްހަމަޖެހިފައި ހުރި ފަދައަކުންނެވެ. ކަޅުކުލައިގެ ޓަކްސިޑޯގައި ތިން ޒުވާނުންވެސް ތިބިއިރު، އެތެރެއިން ވަނީ ހުދުކުލައިގެ ގަމީހެއް ލައިފައެވެ. އަދި ތީމް އާއި ގުޅޭނެފަދައިން ޑަސްޓީ ބްލޫ ޝޭޑެއްގެ ޓައީއެއް ކަރުގައި އަޅައިފައި އޮތެވެ. މޭމަތީގެ އެއްފަރާތުގައި ހުދާއި ޑަސްޓީ ބްލޫ ހިމޭނެނެފަދައިން ކުޑަ މާކޮޅެއް ހަރުކޮށްފައި ހުއްޓެވެ. ރީއާންގެ ކޮނޑުގައި ޖަހައިލަމުން ތިރިއަށް އައުމަށް އުސައިދް ބުނެލީ ނުހަނު ލޯބިންނެވެ. ބޯޖަހައިލަމުން ހިނގައިގަތް ރީއާންގެ ފަސްފަހަތުން ސަމަދާއި އަނޫކް ވެސް ހިނގައިގަތެވެ.

ތިން ޒުވާނުން ހޯލްގެ މެދުގައި މަޑުކޮށްލަމުން ވަށައިގެން ނަޒަރު ހިންގައިލިއެވެ. މަތިން ހޯލްތެރަށް ފޭބޭނޭހެއް ފުޅާ ސިޑިއެއް ހުރިއިރު، ސިޑީގެ ހަރުފަތްތަކުގައިވީ ރަތްކުލައިގެ ދޫލައެއް އަޅައިފައެވެ. ދެފަރާތުން ހުދާއި ނޫކުލައިގެ މައުބޮނޑިތައް ބަހައްޓައިފައި ހުއްޓެވެ. މުޅި ހޯލް ތެރެވެސްވީ ހަމަ އެދެކުލައިގެ މައުތަކުން ޖަރީކޮށްފައެވެ. ތަނބުތަކުގައި ވެސް ރީތި ޑިޒައިނަކަށް މައު ހަރުކޮށްފައި ހުރިއިރު، ތަނުގެ ހިތްގައިމުކަން އިތުރުކޮށް ހުވަފެނީ ކުލަ ޖައްސައިފައިވީ ބޭނުންކޮށްފައިވި ކުދި ފެއާރީ ލައިޓްސް ތަކާއި އެކި ޑިޒައިންސް ތަކުގެ ލެންޓާރންސް ބޭނުންކޮށްގެނެވެ. ތަނުގެ ފުރިހަމަކަމާ މެދުގައި ތިން ޒުވާނުންވެސް ތިބީ ހިތްހަމަޖެހިފައެވެ. ސިޑީގެ ހަރުފަތްތަކާ ކުރިމަތިވާނޭހެން ތިންމީހުން ހުއްޓިލިއެވެ. އެވަގުތު ޔާސްމީނާއި އައިލީގެ އިތުރުން ޔުމްނު ވެސް ސިޑިން ފައިބައިގެން އައެވެ. ވަގުތު ކުޑަތަންވަމުން ދިޔަ ވަރަކަށް ކޮންމެ މީހެއްގެ ލޮލުންވެސް ފައުޅުވަމުން ދިޔައީ ބޭޤަރާރުކަމެވެ. ކުޑައިރުކޮޅެއްފަހުން ސިޑީގެ ހަރުފަތްތަކާ ހަމައަށް އައިސް ހުއްޓިލި ތިން އަންހެންކުދިންފެނި އެއިން ކޮންމެ މީހެއްގެ ނޭވާވެސް ހިނދުކޮޅަކަށް މަޑުޖެހިލިފަދައެވެ. މެދުގައި ރާޔާ ހުރިއިރު އޭނާގެ ކަނައަތްފަރާތުގައި ހުރީ ޖީލާންއެވެ. ޒައިވާ ހުރީ ރާޔާގެ ވައަތަށް ވާހެނެވެ. ފުންނޭވައެއް ދޫކޮށްލުމާއެކު އިސްއުފުލައި ރާޔާ ކުރިމައްޗަށް ބަލައިލިއެވެ. ތިރީގައި ހުއްޓި އޭނާއަށް ބަލަންހުރި ރީއާނާ ހަތަރުކަޅި ހަމަމީވަގުތު އަތުގައިއޮތް މާބޮނޑިއަށް ރާޔާއަށް ބާރުކޮށްލެވުނީ،އެނޫކަނޑެއްފަދަ ދެލޮލުގައިވީ ޖަޒުބާތުންނެވެ. ހުއްޓުން އަރައިފައި ރާޔާއަށް ބަލަން ރީއާނަށް ހުރެވުނީ، އެއަންހެންކުއްޖާގެ ފުރިހަމަކަމާ މެދުގައި ހިތާހިތުން ތަޢުރީފު ކޮށްލަ ކޮށްލައެވެ. ފަހުގެ ޑިޒައިނަކަށް ފަރުމާކޮށްފައިވި ކައިވެނީގެ ހެދުމުގައި ރާޔާ ހީވަނީ ޝާހީ ރަސްދަރިކަނބަލެއް ހެންނެވެ. ކުދި ހުދުކުލައިގެ މައުތަކެއް ޖަހައިފައިވި ލޭސް ފޮތިން މުޅި ހެދުމުގެ ފަޅުފިލުވައިލައިފައި ހުރިއިރު، މޭމަތިން ފެށިގެން އުނަގަނޑާ ހަމައަށް ހެދުން ހުރީ ގަޔަށް ހިފައިލައިފައެވެ. އަދި އުނަގަނޑުން ތިރިއަށް ފުޅާ ތިރިއެއްހެން ހުރިއިރު، ހެދުމުގެ އަތްވެސްވީ އުޅަބޮއްޓާ ހަމައަށް ލޭސްފޮތިން ޖަރީކޮށްފައެވެ. ކަޅު ރޭގަނޑެއްފަދަ އިސްތަށިގަނޑު މައްޗައްނަގައި ރީތި ގޮތަކަށް ހަރުކޮށްލައިފައިހުރިއިރު، ބޮލުގެ މެދުން ކުޑަ ޓިއަރާއެއް އަޅައިފައި ހުއްޓެވެ.
.
ރާޔާ އެކޭ އިތުރުން ޒައިވާ އާއި ޖީލާންގެ ފުރިހަމަކަންވެސް ވަކި ކުޑައެއް ނޫނެވެ. ރެއަށް ޚާއްސަކޮށް ދެކުދިން ލައިފައިތިބީ ހުދުކުލައިގެ މާމެއިޑް ޑެރެސްއެކެވެ. ގަޔަށް ހެދުން ހިފައިލައިފައި ހުރިއިރު ކޮށްފައިވި ލުއި މޭކަޕުން އިތުރު ފުރިހަމަކަމެއް ގެނުވައިދެއެވެ.

ކުދި ފިޔަވަޅުތަކެއްގައި ތިންކުދިން މަޑުމަޑުން ސިޑިން ފައިބާންފެށިއެވެ. އެއާއެކު ރީއާނަށް ކުރިއަށް ޖެހިލެވުނީ ބޭއިޚުތިޔާރުގައެވެ. އަތްކުރިއަށް ނެރިލުމާއެކު ރާޔާއަށް އިޝާރާތްކުރީ އެއަތުގައި ހިފުމަށެވެ. ފަނޑު ހިނިތުންވުމެއް ހަދިޔާކޮށްލަމުން ރީއާން އެދުނު ފަދައިން ރާޔާ ކަންތައްކުރިއެވެ. އެއާއެކު ކައިވެނިކުރަން ހަމަޖެހިފައިވި މޭޒާ ދިމާއަށް ރީއާން މިސްރާބުޖެހިއެވެ. އެމަންޒަރުބަލަން ދުރުގައި ހުރި ޔާސްމީނަށް ހިނިތުންވެލަމުން އުސައިދްގެ ކޮނޑުގައި މަޑުމަޑުން ބޯއަޅައިލެވުނެވެ. އަނބިމީހާގެ އެއަމަލުން އުސައިދުގެ ހިތަށް ލިބުނީ ފިނިކަމެވެ.

"އިރާދަކުރެއްވިއްޔާ ދެން އޮންނާނީ ކާފަގެ ޕްރިންސެސްގެ ވެޑިންގް ދޯ.." އާޝޯޚުވެފައި ރާޔާއަށް ބަލަން އޭނާގެ އުރުގައި އިން ޔުމްނުގެ ކޮލަށް ބޮސްދެމުން އުސައިދް ބުނެލީ ލޯބިން ފުރިގެންވީފަދަ ގޮތަކަށެވެ. އުސައިދްގެ ވާހަކައަށް ބޯޖަހައިލަމުން ޔާސްމީންވެސް ކުޑަކުޑަ ޔުމްނުއާ ދިމާކޮށްލިއެވެ. އެތުއްތު ފުރާނަ އެމީހުންގެ ޙަޔާތަށް އައީއްސުރެ ދެމަފިރިންގެ ހިތުގައި ޔުމްނުއަށްޓަކައިވީ ޚާއްސަކަމެއް އުފެދިފައެވެ. އަމިއްލަ ދަރިއެއް ފަދައިން ޔުމްނުދެކެ ދެމީހުންވެސް އިންތިހާއަށް ލޯބިވެއެވެ. ރާޔާ އާއި އެކުގައި އެމީހުން ޔުމްނު ވެސް ބަލައިގަތީ ހިތުން ރުހުމުންނެވެ. އެމީހުންގެ ކިބައިން ލިބެމުންދިޔަ ނިމުމެއްނެތް ލޯތްބާއި އޯގާތެރިކަމުގެ ސަބަބުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާޔާ އާއި އަނޫކްއަށްފަހު ޔުމްނުގެ ހަޔާތުގައިވީ އެންމެ ޚާއްސަ ބައަކަށް އެދެމަފިރިންވަނީ ވެފައެވެ. ކާފާއޭ ކިޔައި ޔުމްނު ގޮވައިލާ ކޮންމެ ވަގުތަކު އުސައިދުގެ ހިތް ފުރިގެން އާދެއެވެ. އަންހެން ދަރިއެއްގެ ފަޅުކަން ޔުމްނުގެ ސަބަބުން ޔާސްމީންގެ ހަޔާތުންވެސްވަނީ ފިލައިގޮސްފައެވެ. ޔުމްނުއާ ހެދި އޭނާއަށް ވެސް އެހައިވަރުން އުޅެވެނީ އެހެންވެއެވެ.

ކައިވެންޏަކަށްފަހު ކައިވެންޏެއް ކުރެވެމުންދިޔައިރު، މުޅި ހޯލްތެރެ ގުގުމައިލައިފައިވީ ދެމަފިރިންނަށް ވަމުންދިޔަ ޖޯޑުތަކަށް އޮހެމުންދިޔަ މަރުޙަބާއާއި މުބާރިކްބާދީންނެވެ. ރީއާންގެ ދުލުން އަނބި ގަބޫލުކޮށްފީމޭ ބުނިހިނދު ރާޔާއަށް ހިނިތުންވެވުނީ ހިތަށް ލިބުނު އުފަލަކުންނެވެ. ﷲ ގެ އިރާދަފުޅާއެކު އެތައް ވޭނަކާއި ހިތްދަތިކަމަކަށްފަހު، އެހިތުގެ ލޯބި އޭނާއަށް ކާމިޔާބުވެއްޖެއެވެ. ކެތްތެރިވީތީ އެކަމުގެ އަޖުރު މާތް ރަސްކަލާނގެ ދެއްވީ އޭނާ އުއްމީދުވެސް ނުކުރާފަދަ ފުރިހަމަ ގޮތަކަށެވެ. ލޯބިވާ ފިރިއެއްގެ އިތުރުން އާއިލާއެއްވެސް މިއަދު އޭނާއަށް މިންވަރުކޮށްދެއްވައިފިއެވެ. ﷲ އަށް ޙަމްދުކޮށްލެވުމާއެކު ރާޔާއަށް ދެލޯމަރައިލެވުނެވެ. އެވަގުތު ކަންފަތްދޮށަށް އެޅުނު ހޫނު ނޭވައާއެކު ރީއާން ނުހަނު ލޯބިން އޭނާއަށް ގޮވައިލިއަޑު އިވުނެވެ. ދިގު އެސްފިޔަތައް އުފުލައިލަމުން ރީއާންގެ ފިރިހެންވަންތަ މޫނަށް ރާޔާ ބަލައިލިއެވެ. ހިނިތުންވެހުރެ ރާޔާގެ އަތުގައި ހިފަމުން ރީއާން ހިނގައިގަތީ އެމީހުނަށް ޚާއްސަކުރެވިފައިވި ތަނަށްދިއުމަށެވެ. ދެމީހުން އައިސް ހުއްޓުމާއެކު އުސައިދުގެ އުރުން ފައިބަފައިގެން ދުވަމުންކަހަލަ ގޮތަކަށް އައިސް މަންމީއޭ ކިޔައި ރާޔާގެ ދެފައިގައި ޔުމްނު ބައްދައިލިއެވެ. ކުޑަކޮށް ގުދުވެލުމާއެކު ލުއިލުއިކޮށް ޔުމްނުގެ ކޯތާފަތުގައި ރާޔާ ބޮސްދިނެވެ. އަދި ނުހަނު ލޯބިން އެކުޑަ މޫނުކޮޅުގައި ފިރުމައިލިއެވެ. އެހިނދު ބޭއިޚުތިޔާރުގައި ޔުނާލްގެ ނަން އޭނާގެ ދުލުން ބޭރުވިއެވެ. ނަމަވެސް އެހަނދާންތަކުން އެހެންނާ ދެލޮލުގައި ބޮނޑިވެގަންނަ ކަރުނައިގެ ބަދަލުގައި އޭނާގެ ތުންފަތަށްވެރިވީ ފަނޑު ހިނިތުންވުމެކެވެ. ހިތި ހަނދާންތަކެއް ނަމަވެސް، މާޒީގެ އެ ސޮފުހާތަކާއެކު ދިރިއުޅެން އޭނާ ދަސްކުރީއެވެ. ތަޤުދީރުގެ ނިޔާއާއި މާތް ﷲ ގެ މިންވަރުފުޅާމެދުގައި އޭނާ ރުހުނީއެވެ. އެހެނީ އަހަރެމެން އިންސާނުންނަށް ކޮންމެ ކަމެއްވެސް ދިމާވަނީ އަހަރެމެންނަށްޓަކައި އެންމެ ރަނގަޅަށް ކަމުގައި ވާތީއެވެ. އެއްވެސް ސަބަބެއްނެތި ﷲ އެއްވެސް ކަމެއް މިންވަރެއް ނުކުރައްވައެވެ. ދިމާވާކޮންމެ ކަމެއްގެ ފަހަތުގައިވެސްވީ އެކަލާނގެ ރަހުމަތްވަންތަކަމެވެ. ﷲ ގެ ޤަދަރުފުޅާމެދު ރުހި ކެތްތެރިވީ އަޅުންނަށްޓަކައިވީ ނިމުމެއްނުވާ މަތިވެރި ނިޢުމަތްތަކެވެ. ހީވެސްނުކުރާފަދަ ގޮތްގޮތަށް ކަންކަން ހިންމަވައިދެއްވުމުގައި އެކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެންވެއެވެ.

ކައިވެނީގެ ވަލީމާ ނިމުނުއިރު ކޮންމެ މީހެއްގެ މޫނުމަތީގައިވެސްވީ ވަރުބަލިކަމެވެ. ކައިވެނި ކުރެވުނު ޖޯޑުތައް އެރޭ މަޑުކުރުމަށް ހަމަޖެހިފައިވީ ހޮޓެލް ގައެވެ. ރޭގަނޑުގެ ވަދާޢު އެކަކު އަނެކަކަށް ކިއުމަށްފަހު ރީއާންވެސް އަވަސްވެލީ ރާޔާ ގޮވައިގެން އެމީހުނަށް ޚާއްސަކުރެވިފައި ސޫޓަށް ދިއުމަށެވެ. އެދެމީހުނަށް ބަލަން ހުރުމަށްފަހު އޭނާގެ އަތުތެރޭގައި އަރާމު ނިންޖަކުން ނިދިފައިއޮތް ޔުމްނުއަށް ޔާސްމީން ބަލައިލިއެވެ. ލުއި ހިނިތުންވުމެއް އޭނާގެ ތުންފަތުގައި ދުވެލީ ޔުމްނުގެ މައުސޫމުކުޑަ މޫނުކޮޅުގައިވީ ފަނޑު ހިނިތުންވުން ފެނިފައެވެ. މަޑުމަޑުން މެޔާލައި އެކުޑަ ފުރާނަ ބޮނޑިކޮށްލަމުން އުސައިދާއި ހުޒައިމް އަދި އައިލީގެ ފަހަތުން އޭނާ ވެސް ހިނގައިގަތީ ގެއަށް ދިއުމުގެ ގޮތުންނެވެ.

ކޮޓަރިއަށް ވަދެވުމާއެކު ޒައިވާ ގެނެސް މެޔާލައި އަނޫކް ފިއްތައިލިއެވެ. އެތައް އިރެއްވަންދެން ހިތުގައި ފުނިޖެހިފައިވި ތަޢުރީފުގެ ބަސްތައް އޭނާގެ ދުލުން އޮހެންފެށީ އިޚުތިޔާރުން ބޭރުއެވެ. އަނޫކް ބުނެލާ ބަސްތަކުން ލަދުގަތްވަރުން ޒައިވާއަށް އިސްޖަހައިލެވުނީ ދެއަތުން މޫނު ފޮރުވަމުންނެވެ. އެތަންފެނި އަނޫކް އިތުރަށް ލާނެތްވެލިއެވެ.

ތަނަށް ވެރިވެފައި އަލިކަން ފަނޑުކޮށްލަމުން އިސްޖެހިފައި ހުރި ޖީލާން އަތްދަނޑިމައްޗަށް ސަމަދު އުފުލައިލިއެވެ. އެދެލޮލަށް ބަލައިލަމުން ޖީލާން އިތުރަށް ސަމަދާ ގާތްވެލަމުން އޭނާގެ މޭގައި މޫނު ފޮރުވައިލިއެވެ. ކުޑަކޮށް ގުދުވެލުމާއެކު ލުއިލުއިކޮށް ޖީލާންގެ ކޮލުގައި ސަމަދު ބޮސްދެމުން ލާނެތްކަން އެކުލެވިގެންވީ ސަމާސާއެއް އަނބިމީހާއާ ކޮށްލިއެވެ. އިތުރަށް ސަމަދުގެ މޭގައި ޖީލާން ބޮނޑިވެގަތީ އެފަދަ ލޯބިވެތި ސަމާސާތަކަށް ކެތްނުވެގެން ކަހަލައެވެ. އެއާއެކު ކޮޓަރީގައި ސަމަދުގެ ލުއި ހުނުމުގެ އަޑު ހިފައިލިއެވެ.

ސުންނަތް ނަމާދުން އަވަދިވުމާއެކު ރާޔާގެ ނިތުގައި އަތްތިލަ ޖައްސައިލަމުން ރީއާން ދުޢާކުރީ ރާޔާއަށްވެސް އިވޭނެ ފަދައިންނެވެ. ހިތުގައި ރީއާނަށްޓަކައިވި ލޯތި އިތުރަށް ފުންވީފަދަ އިހުސާސެއް ރާޔާއަށް ކުރެވުނެވެ. ފެންކަޅިވަމުންދިޔަ ދެލޮލުން ލޯބިވާ ފިރިމީހާގެ މޫނަށް ބަލަން އޭނާ އިނެވެ. އެހިނދު ދެފަރާތަށް ބޯހޫރައިލަމުން ނުހަނު އޯގާތެރިކަމާއެކު ރާޔާގެ ދެލޯ ރީއާން ފުހެލިއެވެ. އަދި އިންތަނުން ތެދުވަމުން ރާޔާއަށް ވެސް ތެދުވުމަށް އެހީވެދިނެވެ. އަދި އެމަޑު އަތްތިލައިގައި ހިފައިލަމުން އޭނާއާ ގާތަށް ރާޔާ ދަމައިލިއެވެ. ދެން އެންމެ ހިނދުކޮޅަކަށްވެސް އޭނާއާ ދުރަށްދިޔަ ނުދޭނަމޭ ރީއާން ބުނެލީ މަސްތުންފުރިގެންވީފަދަ ގޮތަކަށެވެ. އެއަޑުގައިވި އަސަރުން ރާޔާގެ މޫނުކޮޅު ރަތްވެގެން އައީ ބަސްބުނާހައި ކުޑަ ހިނދުކޮޅެއްގެ ތެރޭއެވެ. ނުވިސްނައި ހުއްޓައި ރީއާން އަތްދަނޑިމައްޗަށް ރާޔާ އުފުލައިލިއެވެ. ދެލޯބޮޑުކޮށްލަމުން ރީއާންގެ ކަރުގައި ރާޔާއަށް ދެއަތްވަށައިލެވުނެވެ. އެއާއެކު އިހުނަށްވުރެ ރާޔާއާ ގާތްވެލަމުން އޭނާގެ މޫނު އެކި ތަންތަންކޮޅުގައި ރީއާން ބޮސްދޭން ފެށިއެވެ. މަޑުމަޑުން ފުންވަމުންދިޔަ ނޭވާއިން އިތުރަށް ކެތްނުވާނެހެން ހީވެ ކުދިފިޔަވަޅުތަކެއްގައި އައިސް އެނދުމަތީގައި ރާޔާ ބާއްވައިލިއެވެ. އޭނާއާ ގާތްވެލަމުން އެދެލޮލަށް ރީއާން ބަލައިލިއެވެ. އަވަސްވެފައިވި ދެހިތުގައިވެސް ޖަހަމުންދިޔައީ އެއްރާގެކެވެ. ކިޔަމުންދިޔައީ އެއްލަވައެވެ. ކެތްތެރިކަން ކޮޅުންލުމުން ހިތަށް ލިބިފައިވި ބޭޤަރާރުކަން ފިލުވައިލަން ބޭނުންވެފައިއޮވެ އިތުރަށް ރާޔާއާ ރީއާން ގާތްވެލީ އެދެމެދަށް ވައިރޯޅިއަކަށްވެސް ނުވަދެވޭނެ ފަދައިންނެވެ.

* * * * *

ތިންއަހަރު ފަސް

* * * * *

ގޭތެރޭގައި ދެކޮޅަށް ދުވަމުންދިޔަ ކުދިވެރިންނަށް ބަލަން ޔާސްމީނާއި އުސައިދު އިނީ ހިނިއައިސްފައެވެ. ހުކުރު ދުވަހުގެ ހަވީރުގެ ވަގުތުކަމުން ސަމަދުގެ ދެމަފިރިންގެ އިތުރުން އަނޫކް އާއި ޒައިވާ ވެސް އެގެއަށް އައިސް އުޅުނެވެ. އެއްއަހަރުގެ އަކްޔަލް ކުދި ފިޔަވަޅުތަކެއް އަޅަމުން މަންމީއޭ ކިޔައި ޒައިވާއާ ދިމާއަށް ދުއްވައިގަތީ ހީގަންނަމުން އޭނާއާ ދިމާއަށްއައި ޔުމްނު ފެނުމުންނެވެ. އޭރު ޔުމްނުއާ އެކުގައި ދެއަރުގެ ޖިޔާ ވެސް ދުވަމުން އައެވެ. ވަރުބަލިވެފައިވުމުން އިރުކޮޅަކު ސަކަރާތްޖަހަން އުޅުމަށްފަހު ޖިޔާ އައިސްވަނީ ޖީލާންގެ އުނގުތެރަށެވެ. ކުދި ކިޔައިލަމުން ނުހަނު ލޯބިން ޖިޔާގެ ކޮލުގައި ސަމަދު ހިފައިލިއެވެ. އެތަން ބަލަން ހިނިއައިސްފައި އިން ރީއާން ތެޅިގަންނަމުން އިންތަނުން ތެދުވީ އެދިމާއަށް އައި ރާޔާ ފެނިފައެވެ. އަށްމަހުގެ ބޮޑު ބަނޑާއެކު ހެލިފެލިވެ އުޅުން ރާޔާއަށް ވަނީ ދަތިކަމަކަށް ވެފައެވެ. "ރައްޔު ގާތު ކިތައް ފަހަރު ބުނާނީ މިދުވަސްކޮޅު ތިހާ ބުރަކޮށް ނޫޅޭށޭ.." ރާޔާގެ އަތުގައިހުރި ސައި ތަބަށް އަތުލަމުން ރީއާން ބުނެލިއެވެ. އެތަންފެނި ނިތް އަރުވައިލަމުން ސަމަދު ދިމާކޮށްލީ ރާޔާ ކުޑަ ފިޔަވަޅެއް އަޅައިލިއަސް ރީއާން ބިރުން ސިހޭނޭ ބުނަމުންނެވެ. ސަމަދާ ދިމާއަށް ލޯއަޅައިލަމުން ރާޔާގެ އަތުގައިހިފައިގެން ގެނެސް ސޯފާގައި ރީއާން ބޭނދިއެވެ. އަދި އޭނާގެ ހުއްދަނެތި އެއްވެސް ކަމެއް ކޮށްގެންނުވާނޭ ބުނެލިގޮތުން ރާޔާއަށް ވެސް ހެވުނެވެ. އޭނާ ބަލިވެ އިނީއްސުރެ އެހެންނާ ނުފެނަން ސިފަތަކެއް ރީއާންގެ ފުށުން ފައުޅުވަމުންދިޔައެވެ. ދެމުންދިޔަ ލޯތްބާއި އޯގާތެރިކަން އިތުރުވެފައިވިއެވެ. ހިތްހަމަޖެހުމުގެ ނަޒަރެއް ގޭތެރަށް ހިންގައިލަމުން މަޑުމަޑުން ރީއާންގެ ކޮނޑުގައި ރާޔާ ބޯއަޅައިލިއެވެ.

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ޔުމްނު ނިންދަވަންދިޔަ ރީއާންގެ ޚަބަރެއްނުވެ ގިނައިރުވުމުން ކުދި ކުދި ފިޔަވަޅުތަކެއްގައި ރާޔާ ކޮޓަރިން ނުކުތެވެ. ލަސްހިނގުމެއްގައި އޭނާ އައިސް ޔުމްނުގެ ކޮޓަރީ ދޮރު ހުޅުވައިލިއެވެ. އެނދުގައި ނިދިފައިއޮތް ޔުމްނުއާ ޖެހިގެންކަހަލަ ގޮތަކަށް އޮތް ރީއާންނަށް ވެސް އޮތީ ނިދިފައެވެ. ޔުމްނުއަށް ކިޔައިދޭން ގެންގުޅުނު ރަސޫލުބޭކަލުންގެ ވާހަކަފޮތް ރީއާންގެ ބަނޑުމަތީގައި އޮތެވެ. ދޮރުމަތީގައި އެތަން ބަލަން ހުރިއިރު، ރާޔާއަށް ލިބެމުންދިޔައީ އިންތިހާ އުފައުވެރިކަމެވެ. އަމިއްލަ ދަރިއަކަށް ނުވިއެއްކަމަކު ޔުމްނުއަށް ރީއާނަށްވުރެ ރަނގަޅު ބައްޕައެއް ނުލިބޭނެކަން ރާޔާއަށް ޔަގީންވެއެވެ. އަންހެން ދަރިފުޅާމެދުގައި ރީއާން ކަންތައްކޮށްދެނީ އެހައިވެސް ފުރިހަމައަށެވެ. އެއްވެސް އުނދަގުލެއްނެތި ރީއާނަށް ބައްޕައެއްގެ ލަޤަބު ޔުމްނުއަށް ދެވުނީ އެހެންވެކަން ގައިމެވެ.

މޫނަށް އެޅުނު ހޫނު ނޭވާގެ އިހުސާސުކުރެވި އެސްފިޔަތައް ތަޅުވައިލަމުން ރީއާން ދެލޯހުޅުވައިލިއެވެ. އޭނާއާ ދާދި ގާތުގައި ހުރި ރާޔާ ފެނި ރީއާންގެ ދެލޮލާ ނިދި ވަކިވެ ދިޔަކަހަލައެވެ. އޮތްތަނުން ތެދުވަމުން ރާޔާގެ އަތުގައިހިފައި ގާތަށް ދަމައިލިއެވެ. ނިދީގައި ހަރަކާތްކޮށްލި ޔުމްނުއަށް ދެމަފިރިންގެ ނަޒަރު ދަތުރުކޮށްލުމާއެކު ލުއި ގޮތަކަށް ހީނލީ ނިދީގައި ޔުމްނު ހިނިތުންވެލިތަން ފެނިފައެވެ. ޔުމްނުއަށް ބަލަހައްޓައިގެން ހުރި ރާޔާގެ ފަހަތުން ރީއާން ބައްދައިލީ ނުހަނު ލޯބިންނެވެ. ބޮޑުވެފައިވި ބަނޑުގައި މަޑުމަޑުން ދެއަތް ވަށައިލަމުން ރާޔާގެ ކޮނޑުގައި އޭނާ ދަތްދޮޅި ޖައްސައިލިއެވެ. ކަނދުރާއަށް އިހުސާސުކުރެވުނު ހީލިކެރުވުމުން ތެޅިގަނެފައި ރީއާނާ ދުރަށްޖެހިލަން ރާޔާ އުޅުނެވެ. އެވަގުތު އިހުނަށްވުރެ ރާޔާ ގާތްކޮށްލަމުން ރީއާން ބައްދައިލީއެވެ.

"ބުނީމެއްނު.. ދެން އެންމެ ހިނދުކޮޅަކަށްވެސް އަހަންނާ ދުރަށް ރައްޔު ދިޔަކަ ނުދޭނަމޭ.. އެދަރަޖައަށް އަހަރެން ރައްޔުދެކެ ލޯބިވޭ.. ފާއިތުވެދާ ކޮންމެ ދުވަހަކާއެކު އެލޯބި ދަނީ ފުންވެ އަހަރެންގެ ހިތުގަ އިތުރަށް ފޯދެމުން.. ރައްޔުއާ ދުރަކު އަހަންނަކަށް ކެތެއްނުވާނެކަން ޔަގީން.. މުޅި ޙަޔާތުވެސް ރައްޔުއާ ދުރުގަ ހުރުމަށް އަހަރެން މަސައްކަތްކުރީ އެންމެ ފަހަރަކު.. ކެތްނުވިއަސް ހެޔޮކަމަށް.. އެހެނަސް.. ރައްޔުއާ ދުރަށް އަހަރެން އެޅި ކޮންމެ ފިޔަވަޅަކާއެކު އަހަންނަށް ރައްޔުދެކެ އިތުރަށް ހަމަ ލޯބި ވެވުނީ.. އޭރުވެސް، މިހާރުވެސް އަދި އިރާދަކުރެއްވިއްޔާ އަންނަންއޮތް ތަނުގަވެސް އަހަރެން ލޯބިވާނެ ހަމައެކަނި މީހަކީ ތީ.. މިހިތުގެ މަލިކާ.. އަހަރެންގެ ލޯބި ލޯބި ރައްޔު.. އައި ލަވް ޔޫ.." ރާޔާގެ ކަންފަތް ދޮށުގައި ސިއްރެއް ފަދައިން ރީއާން ބުނެލިއެވެ. ކަންފަތަށް އިހުސާސުކުރެވުނު ހީއްޔަށްވުރެ ރީއާންގެ ވާހަކަތަކުން ރާޔާގެ ހިތަށް ލިބުނު ހަމަޖެހުމާއި އުފައުވެރިކަން މާބޮޑެވެ. މަޑުމަޑުން ރީއާންގެ ބޮލުގައި އޭނާ ބޯޖައްސައިލިއެވެ. އަދި ތަކުރާރުކޮށް ރީއާންދެކެ އިންތިހާއަށް ލޯބިވާކަމުގައި ބުނެލިއެވެ. އެއާއެކު ރާޔާގެ ބަނޑުގައި ނުހަނު ލޯބިން ރީއާން ފިރުމައިލިއެވެ. ލިބެންއުޅޭ އަލަތު ދަރިފުޅުގެ ތޮޅިލުމުން އެހިނދު ދެމަފިރިންނަށްވެސް ކުރުވީ ތަފާތު ފޮނި އިހުސާސެކެވެ. ހެއްދެވި ފަރާތަށް ޝުކުރުވެރި ވެވެމުން ދިޔައީ އިންތިހާއަށެވެ. އެދި ތަކުރާރުކޮށް ދުޢާ ކުރެވެމުންދިޔައީ ލިބިފައިވި އުފައުވެރިކަން ތާއަބަދަށް ލެހެއްޓެވުމަށެވެ. ދެހިތުގައިވީ ލޯބި އިތުރަށް ވަރުގަދަކޮށްދެއްވުމަށެވެ. އަދި ޖަންނަތުގައިވެސް އެދެލޯބިވެރިން އެކުގައި ލެއްވުމަށެވެ. ދުވަހަކު ވަަކިވުމެއް ނުވާނެ ފަދައިންނެވެ.

(ނިމުނީ)

Ads by Allied Insurance
  1. ނަމް

    އަޅެ ނިމުނީތަ … ދެވަނަ ބަޔަކަށް އިންތިޒާރުގަ… ވަރަށް ރީތި މިވާހަކަ

  2. ޢައިންތު

    ޥަރަށް ރީތި މިވާހަކަ، އަސްލު އަދިވެސް އިންތިޒާރު ކުރަން އިތުރު ބަޔަކަށް….

  3. ހައްވަ

    އާ ވާހަކައެއް ފަށަނީ ކޮންއިރަކުން. މިވާހަކަ އެހާއެއްނޫން. ތަންކޮޅެއް ތަފާތު ވާހަކައަކައް އިންތިޒާރުކުރަން