ހަރުކަށި ފިކުރާ ދެކޮޅަށް ފައުޖެއް އުފައްދަން ގޮވާލައި ޤަރާރެއް ހުށަހަޅައިފި
ހަރުކަށި ފިކުރާ ދެކޮޅަށް ފައުޖެއް އުފައްދައި, ނުރައްކާތަކަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމުގެ މަސައްކަތް ފެށުމަށް ގޮވާލައްވައި ރައްޔިތުންގެ މަޖިލީހަށް މިއަދު ޤަރާރެއް ހުށަހަޅުއްވައިފިއެވެ.
އެ ޤަރާރު ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދެވެ.
އޭނާގެ ޤަރާރުގައި ވަނީ, ދީނުގެ ނަމުގައި ހައްދު ފަހަނައަޅާފައިވާ އަދި މީހުން މަރަން ފަސްނުޖެހޭ 1400 އަށްވުރެ ގިނަ މީހުން ތިބިކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވެފައިވާކަން ފާހަގަ ކުރައްވައިފައެވެ. އަދި ސަރުކާރުގެ މީހެއްކަމަށް ބުނެ އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަލީ ޞާލިޙަށް ހަމަލާދިން މައްސަލަ ވެސް ފާހަގަ ކުރައްވައިފައެވެ.
ވަޙީދުގެ ޤަރާރުގައި ވިދާޅުވެފައިވަނީ އެފަދަ ނުރައްކާތެރި އަމަލުތައް ފެތުރުމުގެ މަސައްކަތް ވަރަށް ފުޅާވެ އިންތިޒާމުވެގެން ހިނގާކަން އެކިއެކި މުއައްސަސާތަކުންނާއި ރިޔާސީ ކޮމިޝަންތަކުން އެއްކޮށްފައިވާ މަޢުލޫމާތުން އެނގޭ ކަމަށެވެ. ނަމަވެސް އެފަދަ ފަރާތްތަކަށް ފިޔަވަޅު އަޅަން މުއައްސަސާތަކުން ފަހަތު ފަޔަށް ބުރަވެފައިވާ ކަމަށެވެ.
އެހެންކަމުން އެފަދަ ކަންކަމުން ސަލާމަތްވުމަށް ފުލުހުންނާއި ސިފައިން އަދި ސަލާމަތީ ކަންކަމާއި ތަންފީޒީ ކަންކަން ހިންގުމުގެ މަސްއޫލިއްޔަތު އޮތް އިދާރާތަކުގެ މައްޗަށް އެކުލެވޭ ކޮމާންޑެއްގެ ދަށުން އެކުލެވޭ ޚާއްސަ ފައުޖެއް އުފައްދައި, ނުރައްކާތަކަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށް ދީނީ ޢިލްމު ދޭ ތަންތަނާއި, މިސްކިތްތައް ބަލަހަންޓަން ފަށަންޖެހޭކަމަށް ޤަރާރުގައި ވެއެވެ.
އޭގެ އިތުރުން ވެސް ޤަރާރުގައި ބައެއް ކަންކަން ފާހަގަކޮށްފައިވެއެވެ. އެ ޤަރާރަށް ބަހުސްކުރަން ފެނޭތޯ މިއަދު ނެގި ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ވަނީ ބަހުސްކުރަން ފެންނަކަމަށް ފާސްކޮށްފައެވެ.
އލސްލާމްދީނާ ޚިލާފް ފިކުރުތަށް ގެންގުޅޭ ފަރާތްތަކާ ފާޅުގާ ފާފަތައް ފަތުރާ މީހުންނާ ދެކޮޅަށްވެސް ލަޝްކަރެއް އުފެއްދުމަށް މަޖިލީހަށް ގަރާރެއް ހުށައަޅާބަލަ!! އޭރުންދޯ ހަމަހަމަ ވާނީ..