ޚަބަރު ރައްޔިތުންގެ މަޖިލިސް

ހަރުކަށި ފިކުރު ހުއްޓުވަން ފައުޖެއް އުފައްދަން ގޮވާލައި ހުށަހެޅި މައްސަލަ ކޮމިޓީއަށް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ހަރުކަށި ފިކުރުގެތެރެއިން ރާއްޖޭގައި ހިންގާޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށް ފައުޖެއް އުފައްދަން ގޮވާލައްވައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި މައްސަލަ މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ފޮނުވައިފިއެވެ.

Ads by MWSC

އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ހުށަހެޅުއްވި މި މައްސަލަ މަޖިލީހަށް ބަލައިގަތީ ޖަލްސާގައި ތިއްބެވި 54 މެންބަރުންގެ ތެރެއިން 48 މެންބަރުންގެ ވޯޓާއެކުގައެވެ.

މި ބިލުގައި ވައްޑެ ވަނީ ދީނުގެ ނަމުގައި ހައްދު ފަހަނައަޅާފައިވާ އަދި މީހުން މަރަން ފަސްނުޖެހޭ 1400 އަށްވުރެ ގިނަ މީހުން ތިބިކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެފައިވާކަން ފާހަގަ ކުރައްވައިފައެވެ.

ރާއްޖޭގައި ހަރުކަށި ފިކުރުގެ ނުރައްކާ އޮތް މިންވަރު ފާހަގަކުރައްވައި ވައްްޑެ އިތުރަށް ވިދާޅުވީ މި މަހުގެ 23 ވަނަ ދުވަހު
އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަލީ ޞާލިޙަށް ހަމަލާދިނީ އެއީ ސަރުކާރުގެ މީހެއްކަމަށާއި މަރައިލަންޖެހޭކަމަށް ބުނުމަށްފަހު ކަމަށެވެ.

އެފަދަ ނުރައްކާތެރި އަމަލުތައް ފެތުރުމުގެ މަސައްކަތް ވަރަށް ފުޅާވެ އިންތިޒާމުވެގެން ހިނގާކަން އެކިއެކި މުއައްސަސާތަކުންނާއި ރިޔާސީ ކޮމިޝަންތަކުން އެއްކޮށްފައިވާ މަޢުލޫމާތުން އެނގޭއިރު ވެސް, އެފަދަ ފަރާތްތަކަށް ފިޔަވަޅު އަޅަން މުއައްސަސާތަކުން ފަހަތު ފަޔަށް ބުރަވެފައިވާ ކަމަށް ވައްޑެ ވިދާޅުވިއެވެ.

އެހެންކަމުން އެފަދަ ކަންކަމުން ސަލާމަތްވުމަށް ފުލުހުންނާއި ސިފައިން އަދި ސަލާމަތީ ކަންކަމާއި ތަންފީޒީ ކަންކަން ހިންގުމުގެ މަސްއޫލިއްޔަތު އޮތް އިދާރާތަކުގެ މައްޗަށް އެކުލެވޭ ކޮމާންޑެއްގެ ދަށުން އެކުލެވޭ ޚާއްސަ ފައުޖެއް އުފައްދައި, ނުރައްކާތަކަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށް ދީނީ ޢިލްމު ދޭ ތަންތަނާއި, މިސްކިތްތައް ބަލަހަންޓަން ފަށަންޖެހޭކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!